ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޔުޝްމާން ކުރާނާ، އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިން އިންޑިއާގެ ކެރެލާގައި ފަށައިފިއެވެ. ގިނަ ދުވަސްތަކެއް ވަންދެން ކޮމެޑީ ފިލްމުތަކަކުން ފެނިގެންދިޔަ އަޔުޝްމާން މިފަހަރު އެނބުރި އަންނަނީ އޭނާގެ ކާމިޔާބު ފިލްމު “އަންދާދުން” ފަދަ ވަރުގަދަ ތުރިލާއަކުންނެވެ.
މި ފިލްމަކީ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ޔާޝް ރާޖް ފިލްމްސް (ވައި.އާރް.އެފް) އާއި ޕޯޝަމް ޕާ ޕިކްޗާސް ގުޅިގެން އުފައްދާ ފުރަތަމަ ފިލްމެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ނެޓްފްލިކްސްގެ މަޤުބޫލު ސީރީޒް “ކާލާ ޕާނީ” ގެ ޑައިރެކްޓަރު ސަމީރު ސަކްސޭނާއެވެ. މިއީ ސަމީރު ސިނަމާތަކަށް ގެނެސްދޭ ފުރަތަމ ފީޗާ ފިލްމެވެ.
ޚަބަރުތައް ބުނާގޮތުގައި އަޔުޝްމާން ވަނީ އޭޕްރިލް މަހުގެ ފުރަތަމަ ހަފުތާގައި ކެރެލާގައި މި ފިލްމުގެ ޝޫޓިން ފަށާފައެވެ. އަދި މެއި މަހުގެ ނިޔަލަށް އެއްކޮށް ޝޫޓިން ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ. މި ފިލްމުގައި އަޔުޝްމާން ފެނިގެންދާނީ އާދައިގެ ދިރިއުޅުމެއް އުޅެމުންދަނިކޮށް، ކުއްލިއަކަށް ބޮޑު ނުރައްކާތެރިކަމެއްގެ ތެރެއަށް ވެއްޓޭ މީހެއްގެ ރޯލުންނެވެ. މި ފިލްމުގެ ވާހަކަ މިހާތަނަށް އޮތީ ވަރަށް ބޮޑަށް ސިއްރުކޮށްފައެވެ.
މިއީ އަޔުޝްމާން ވައި.އާރް.އެފްއާއެކު މަސައްކަތްކުރާ ތިންވަނަ ފިލްމެވެ. މީގެ ކުރިން އޭނާ ވަނީ އެ ކުންފުނީގެ “ދަމް ލަގާ ކޭ ހައިޝާ” އަދި “މޭރީ ޕިޔާރީ ބިންދޫ” އިން ފެނިގެން ގޮސްފައެވެ.
އަޔުޝްމާންގެ ގިނަ ފިލްމުތަކެއް މި އަހަރަށް ތާވަލުކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި އަންނަ މެއި މަހު 15 ގައި ރިލީޒްކުރާ “ޕަތީ ޕަތުނީ އޯރް ވޯ ދޯ” އާއި ސާރާ ޢަލީ ޚާނާއެކު ފެންނާނެ “އުޅްތާ ތީރް” ގެ އިތުރުން ނޮވެމްބަރު މަހު ރިލީޒްކުރާ ސޫރަޖް ބަރްޖާތިއާގެ “ޔޭ ޕްރޭމް މޯލް ލިޔާ” ހިމެނެއެވެ.
