މުދައްސަރް އަޒީޒް ޑައިރެކްޓްކުރާ، ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު “ޕަތީ ޕަތުނީ އޯރް ވޯ ދޯ” ގެ އާ ލަވަ “ދިލް ވާލޭ ޗޯރް” އާންމުންނަށް ދޫކޮށްލައިފިއެވެ.
މި ލަވައިން ފެނިގެންދަނީ ފިލްމުގެ މައި ދެ ތަރިން ކަމަށްވާ އަޔުޝްމާން ކުރާނާ އާއި ސާރާ ޢަލީ ޚާންގެ ރޮމޭންޓިކް ހަރަކާތްތަކެކެވެ. މި ލަވައިގައި އެ ދެ ތަރިންގެ މެދުގައި އޮތް ފުރިހަމަ ކެމިސްޓްރީއާއި ލަވަޔާއި ގުޅޭގޮތަށް ފައިހަމަކޮށްލާފައިވާލެއް ވަރަށް ހިތްގައިމެވެ. މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު ރޯޗަކް ކޯލީ ތައްޔާރުކޮށްފައިވާ މި ލަވައަކީ މި ޒަމާނުގެ ލޯބީގެ ގުޅުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ލަވައެކެވެ.
“ދިލް ވާލޭ ޗޯރް” ކިޔާފައިވަނީ އަދިތުޔާ ރިކާރީ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝާލްއެވެ. ކުމާރުގެ ފުރިހަމަ ޅެންވެރިކަމެއް ފެނިގެންދާ މި ލަވައިގެ ކޮރިއޯގްރަފީ ތައްޔާރުކޮށްދިނީ ޕިޔޫޝް-ޝާޒިއާ އެވެ.
މި ލަވައަށް މީސްމީޑިއާގައި ބޮޑު ތަރުޙީބެއް ލިބެމުންދާއިރު، ލަވަ ރިލީޒްކުރިތާ 8 ގަޑިއިރުގެ ތެރޭ ޔޫޓިއުބުން އެކަނިވެސް ވަނީ 2.6 މިލިއަން ވިއުސް ލިބިފައެވެ. ބައެއް ފޭނުން ރޯޗަކް ކޯލީގެ މިއުޒިކަށް ތަޢުރީފުކޮށްފައިވާއިރު، އަޔުޝްމާން އާއި ސާރާގެ ޖޯޑު ވަރަށް ގުޅޭ ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
“ޕަތީ ޕަތުނީ އޯރް ވޯ ދޯ” ގައި އަޔުޝްމާން ފެނިގެންދާނީ ޕްރަޖާޕަތީ ޕާންޑޭގެ ރޯލުންނެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކައިވެނިކޮށްގެން އުޅޭ މީހަކު، ތިން އަންހެނެއްގެ ލޯބީގެ ދަލެއްގައި ތާށިވެގެން އުޅޭ ގޮތުގެ މައްޗަށެވެ. ސާރާ ޢަލީ ޚާންގެ އިތުރުން މި ފިލްމުގައި ދެން މުހިންމު ރޯލުތަކުން ފެނިގެންދާނީ ވަމީޤާ ގައްބީ އާއި ރަކުލް ޕްރީތު ސިންގްއެވެ.
މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.
