ބޮލީވުޑް ސުޕަސްޓާ އަކްޝޭ ކުމާރްގެ “އަތުރަންގީ ރޭ” ޑިޖިޓަލްކޮށް ޕްރިމިއާކުރަން ނިންމައި ޓްރެއިލާ އާންމުކޮށްފިއެވެ.
އަކްޝޭގެ އިތުރުން ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ ޢަލީ ޚާން އާއި ދަނޫޝްވެސް ލީޑުން ފެނިގެންދާ މި މިއުޒިކަލް ރޮމޭންޓިކް ޑްރާމާއަކީ “ތަންނޫ ވެޑްސް މަންނޫ” އާއި “ރާންޖަނާ” ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އެންމެ ފަހުން “ޒީރޯ” ގެ ނަމުގައި ޝާހް ރުކް ޚާން އާއެކު ގެނެސްދިން ޑްވާފް ފިލްމަށްފަހު ގެނެސްދޭ “އަތުރަންގީ” އަކީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއްކަމަށް ވެއެވެ.
އަކްޝޭ އާއި ސާރާ އަދި ދަނޫޝް ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ މި ފިލްމު ޑިޖިޓަލްކޮށް ޕްރިމިއާކުރަން ނިންމިއިރު، މިއީ ޑިޖިޓަލްކޮށް ރިލީޒްކުރާ އަކްޝޭ އަދި ސާރާގެ ވެސް ދެވަނަ ފިލްމެވެ.
ޑިޖިޓަލްކޮށް ޕްރިމިއާކުރި އަކްޝޭގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ޑިސްނީ ޕްލަސް ހޮޓްސްޓާއިން ޕްރިމިއާކުރި ހޮރޯ ކޮމެޑީ “ލަކްޝްމީ” އެވެ. އޭގެ އިތުރުން ސާރާގެ ފުރަތަމަ ޑިޖިޓަލް ފިލްމަކީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން “ކޫލީ ނަމްބަރު 1” އެވެ.
ކޮވިޑްގެ ސަބަބުން ވަކި މުއްދަތެއް ނެތްގޮތަށް ރިލީޒްކުރުން ފަސްކުރި “އަތުރަންގީ ރޭ” ރިލީޒްކުރަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ޑިސްނީ ޕްލަސް ހޮޓްސްޓާ ގައެވެ.
