ނ. ކެނދިކުޅުދޫގައި މިހާރު ކުރިޔަށްދާ “ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެންޕިއަންޝިފް” ފުޓްބޯޅަ މުބާރާތުގައި އަލިފުށީ ރެކްރިއޭޝަން އާއި މާޒިޔާ ޖޫނިއާރ ބައްދަލުކުރި މެޗް އެއްވަރު ވެގެން ނިމިއްޖެއެވެ.
މިއަދު ހަވީރު އަލިފުށްޓާއި މާޒިޔާ ބައްދަލުކުރި މެޗް ވެގެން ދިޔައީ ބަލާހިތްވާ ކަހަލަ ފޯރިގަދަ މެޗަކަށެވެ. މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން ވަރުގަދަ ޓީމުތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މިދެޓީމުގެ ކުރިމަތިލުން ވަކި އަތަކަށް ބުރަވުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށް ކުރިން ވެސް ވަނީ ބެލެވިފައެވެ.
މެޗުގެ ފެށުން ފެނުނީ އަލިފުށްޓަށް ވުރެ މާޒިޔާގެ ރަނގަޅު ކޮށެވެ. އަލިފުށްޓަށް މެޗް ތެރެއަށް ރަނގަޅަށް ނުވަދެވެނީސް މާޒިޔާއިން ވަނީ މެޗްގެ ފުރަތަމަ ލަނޑު ޖަހާފައެވެ. ފަސްވަނަ މިނިޓްގައި މާޒިޔާއަށް މިލަނޑު ޖަހައިދިނީ ނައްސާހް އިބްރާހީމް އެވެ. ހަސަން ނަޒީމް ގޯލް ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ނައްސާހް ގޯލްގެ ތެރެއަށް ފޮނުވާލީ ހުސްކޮށް ހުރެއެވެ.
މެޗްގެ ނަތީޖާ ހަމަހަމަކުރެވޭތޯ އަލިފުށިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުކުރެވިގެން އުޅެނިކޮށް މާޒިޔާއިން ވަނީ އެޓީމްގެ ދެވަނަ ލަނޑު ޖަހައިފައެވެ. މިލަނޑު މާޒިޔާއަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ނައްސާހް އިބްރާހީމް އެވެ. ހަސަން ނަޒީމް ގޯލް ކުރިމައްޗަށް ނަގައިދިން ހުރަސް ނައްސާހް ގޯލްގެތެރެއަށް ފޮނުވާލީ ބޮލުންނެވެ.
ލަނޑެއް ޖެހޭތޯ އަލިފުށިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އަލިފުށީގެ އާދަމް އިމްރާން ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ، ކުރިޔަށް ދާން މަސައްކަތްކުރި ވަގުތު މާޒިޔާ ކުޅުންތެރިއަކު ކުރި ފައުލާއި ގުޅިގެން އަލިފުށްޓަށް ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލީ އަހްމަދު ހުޝާމްއެވެ.
ދެވަނަ ހާފުގެ ކުޅުން ފަށައިގެން މާ ގިނައިރެއްނުވެ އަލިފުށީން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އާދަމް އިމްރާން އެވެ. ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް އިމްރާން ބޯޅަ ފޮނުވާލީ ބޯޅަ ދިފާއުކުރަން ނުކުތް ކީޕަރުގެ ކައިރިންނެވެ.
ކުރިން ކުޅުނު މެޗުން އަލިފުށި މޮޅުވެފައިވާއިރު، މާޒިޔާ ކުޅުނު މެޗް ނިމުނީ އެއްވަރު ވެގެންނެވެ.
ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ފޯރިގަދަ މިމެޗްގެ 53 ވަނަ މިނިޓްގައި އަލިފުށިން ވަނީ ފަހަތުން އަރައި އެޓީމުގެ ކޮޅަށް ނަތީޖާ އަނބުރާލައިފައެވެ. މިލަނޑު އަލިފުށްޓަށް ޖަހައިދިނީ އަބްދުﷲ ޔާމީން އެވެ. އަހްމަދު ހުސާމް މުޅިން ހުސްކޮށް އޭރިޔާ ތެރެއަށް ވަދެ ތިރިތިރިން ގޯލްގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޔާމީން ގޯލްގެ ތެރެއަށް ފޮނުވާލީ މާޒިޔާގެ ޑިފެންޑަރުންނަށް އެއްވެސް ފުރުސަތެއް ނުދީއެވެ.
މާޒިޔާއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ، އެޓީމު ކުޅުނު ފުރަތަމަ މެޗް ވެސް އެއްވަރުކޮށްދިން ސަމޫހް އަލީ އެވެ. ސަމޫހް އަލީ މި ލަނޑު ޖެހީ ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.
3-3 އިން އެއްވަރުވި މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އަލިފުށީ ރެކްރިއޭޝަންގެ އަހްމަދު ހުސާމްއެވެ.
މިމުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މިމެޗްގައި ބައްދަލުކުރާނީ ޖިބިއްލީ ސްޕޯރޓްސް އާއި ކެނދިކުޅުދޫ ސްޕޯރޓްސް އެވެ.
ކިޔުންތެރިންގެ ޚިޔާލު
