ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހުރާ އާއި މަނަދޫ ޗެމްޕިއަންކަން ހޯދައިފި
ފޮޓޯ: ހުރާ ކޮމިއުނިޓީ އެފްބީ

ސެންޓްރަލް ރީޖަން ކޮލިފައިން ޒޯން 1 ގެ ޗެމްޕިއަންކަން ކ. ހުރާ އަދި ނޯތު ރީޖަން ލީގު ކޮލިފައިން ޒޯން 2 ގެ ޗެމްޕިއަންކަން ނ. މަނަދޫ ހޯދައިފިއެވެ.

ކ. ހުރާ ކޮމިއުނިޓީ ކުލަބް ސެންޓްރަލް ރީޖަން ކޮލިފައިން ޒޯން 1 ގެ ޗެމްޕިއަންކަން ހޯދީ އދ. މަހިބަދޫ ރެކްރިއޭޝަން ކުލަބްއާ ބައްދަލުކުރި ފައިނަލް މެޗު 3-0 އިން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ހުރާ ކޮމިއުނިޓީ ކުލަބަށް ޖަހައިދިނީ މުޙައްމަދު ފަވާޒް އެވެ. ފަވާޒް މި ލަނޑު ޖެހީ ހުރާ ޓީމުން ނެގި ކޯނަރު ދިފާޢުކުރަން މަސައްކަތްކުރި މަހިބަދޫގެ ކީޕަރު އަތުގައި ޖެހިފައި އޭނާއަށް ލިބުނު ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗްގެ ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ މަހިބަދޫ ޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ އަނެއްކާ ވެސް ހުރާ ޓީމުން ގޯލެއް ޖެހުމެވެ. 41 ވަނަ މިނިޓްގައި ހުރާ ޓީމަށް މި ލަނޑު ޖަހައިދިނީ ފުރަތަމަ ޑިވިޝަންގައި ކުރިން ކުޅުނު މުޙައްމަދު ތަސްމީން (ތައްތި) އެވެ. މަހިބަދޫ ޓީމުގެ އޭރިޔާ ބޭރުން ލިބުނު ފްރީކިކް ތަސްނީމް ފޮނުވާލީ ސީދާ ގޯލަށެވެ. އެ ބޯޅަ ގޯލުގެ ތެރެއަށް ވަނީ ދިފާއުކުރަން މަސައްކަތްކުރި ކީޕަރުގެ އަތުގައި ޖެހިފައެވެ.

ޒުވާން ޓީމަކާއިއެކު ނުކުތް މަހިބަދޫ ޓީމު ކޮޅަށް ހުރާ ޓީމުން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ގޯމޭސް އަލްވަރެސް އެވެ. ހުރާ ކުޅުންތެރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން މަސައްކަތްކުރި މަހިބަދޫ ޓީމުގެ ކުޅުންތެރިންގެ ތެރެއިން ގޯމޭސްއަށް ބޯޅަ ލިބުނުއިރު އޭނާ ހުރީ ހުސްކޮށެވެ. ގޯމޭސް ވަނީ އެއްފަހަރުން އެ ބޯޅަ ގޯލަށް ވައްދާލައިފައެވެ.

ފޮޓޯ: މަނަދޫ ސްޕޯޓްސް ކުލަބް އެފްބީ

ނޯތު ރީޖަން ލީގު ކޮލިފައިން ޒޯން 2 ގެ ޗެމްޕިއަންކަން މަނަދޫއިން ހޯދީ އޭދަފުށްޓާއި ވާދަކޮށް 5-6 އިން ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ.

ފޯރިގަދަ، ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ އޭދަފުށީ ޓީމުންނެވެ. މި ލަނޑު މެޗުގެ 9 ވަނަ މިނިޓްގައި ޖަހައިދިނީ ޢަލީ ނަސީމްއެވެ. ޢަލީ ނަސީމްގެ ގޯލަށްފަހު މަނަދޫ ޓީމަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް މިމްރާހް ޢަބްދުލް އަޒީޒް ވަނީ އޭދަފުށްޓަށް ދެވަނަ ލަނޑު ޖަހައިދީފައެވެ.

ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ މަނަދޫއަށް އުންމީދު އާވީ 16 ވަނަ މިނިޓްގައި އެ ޓީމުގެ ޢަބްދުﷲ އިޝާން ޖަހައިދިން ލަނޑުންނެވެ.

ހުއްޓުމެއްނެތި ކަހަލަ ގޮތަކަށް ފުރުސަތުތައް ފަހިކުރަމުންދިޔަ އޭދަފުށިން އެ ޓީމުގެ 3 ވަނަ ލަނޑު ޖެހީ 36 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ހުސެއިން ޝަރީފްއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހުސެއިން ޝަރީފް ވަނީ އަނެއްކާ ވެސް އޭދަފުށީ ޓީމަށް ލަނޑެއް ޖަހައިދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފަށައިގެން މާގިނައިރެއް ނުވެ މަނަދޫން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޢަބްދުﷲ އިޝާންއެވެ.

މަނަދޫން ދެވަނަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ އޭދަފުށިން ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހީމް ޝަރީފްއެވެ.

އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ މަނަދޫން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 52 ވަނަ މިނިޓްގައެވެ. މި ލަނޑު ޖަހައިދިނީ އަމްދާހް ޢަލީއެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އޭދަފުށީ ކޮޅަށް މަނަދޫން ޖެހި ހަތަރުވަނަ ލަނޑު ޖެހީ އެ ޓީމުގެ ތިންވަނަ ލަނޑު ވެސް ޖެހި އަމްދާހް ޢަލީއެވެ.

ފަހު ހާފުގައި އޭދަފުށްޓަށްވުރެ ރަނގަޅަށް ކުޅެމުންދިޔަ މަނަދޫން ނަތީޖާ ހަމަހަމަކުރީ 88 ވަނަ މިނިޓްގައެވެ. މި ލަނޑަކީ އެ ޓީމުގެ ފަހަތަށް ކުޅެމުންދިޔަ އަޙްމަދު ޢަލީ މެދުރޮނގު ކައިރިން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެން ޖެހި ލަނޑެކެވެ.

ގާތްގާތުގައި ފުރުސަތުތައް ހޯދަމުންދިޔަ މަނަދޫން، ފަހަތުން އަރައި އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދީ މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޚަލަފް އަޙްމަދުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top