އޭއެފްސީ އަންޑަރ ޓްވެންޓީ އޭޝިއަން ކަޕް 2027 ކޮލިފައިންގެ ތިންވަނަ މެޗުން ދިވެހިރާއްޖެ ބަލިވެއްޖެ އެވެ. މިއަދު މެންދުރުފަހު ރާއްޖެ ގަޑިން ދެގަޑި ތިރީހުގައި ފެށި މި މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެ އާއި މިޔަންމާ އެވެ. މިއީ ގުރޫޕް ސްޓޭޖްގައި މި ދެ ޓީމުގެ ވެސް ފަހު މެޗެވެ. ކުރިން ކުޅުނު ދެ މެޗު ވެސް ފަސޭހަކަމާއިއެކު މިޔަންމާ ކާމިޔާބުކޮށް ލަނޑުގެ ތަފާތުން އެއްވަނައިގައި އޮތްއިރު ދިވެހިރާއްޖެ ވެސް ވަނީ ކުރިން ކުޅުނު ދެ މެޗުން މޮޅުވެ މިޔަންމާއާ އެއްވަރަށް ޕޮއިންޓް ހޯދާފަ އެވެ. މި މެޗަށް ނުކުތްއިރު މެޗު ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ވެސް އޮތެވެ.
މި މެޗުގެ ކުރީކޮޅު ދިވެހިރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެގޮތުގައި މާގިނައިރު ހިފަހައްޓާލެވޭ ގޮތެއް ނުވި އެވެ. މިޔަންމާއިން ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދި އެވެ. ކުރިން ދެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މިޔަންމާއިން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ 10 ވަނަ މިނިޓްގައި މިޔަންމާއިން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސައި ބޯބޯ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު އަރިމަތިން އޭރިޔާތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ޖައްސާލި ބޯޅަ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ނަތީޖާ ހަމަހަމަކުރުމަށް ރާއްޖެއިން މަސައްކަތްކުރަމުން ދަނިކޮށް މިޔަންމާއިން ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ތުރާ މިން ތަންޓް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިޔާ ބޭރުން ތިރިތިރިން ފޮނުވާލި ބާރު ބޯޅައަކުން ނެވެ.
މި ހާފުގައި ދިވެހިރާއްޖެއިން ފޮނުވާލި ރަނގަޅު ދެ ހަމަލާއެއް މިޔަންމާ ކީޕަރު ދިފާއުކުރި އެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ މިޔަންމާ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު މިޔަންމާއިން ވަނީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. 52 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން ތުރާ މިން ތަންޓް އެވެ. ތިންވަނަ ލަނޑު ޖެހިތާ ފަސްވަރަކަށް މިނިޓް ފަހުން މިޔަންމާއިން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ. މި ލަނޑު އެ ޓީމުން ޖަހާފައިވަނީ ދިވެހިރާއްޖޭގެ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގަ އެވެ. ތިރިތިރިން ގޯލު ކުރިމައްޗަށް ނަގައިދޭން މަސައްކަތްކުރި މި ބޯޅަ ދިވެހިރާއްޖޭގެ ގޯލަށް ވަނީ ދިވެހިރާއްޖޭގެ ކުޅުންތެރިއެއްގަ ފައިގައި ޖެހިފަ އެވެ.
މި ހާފުގައި ރާއްޖެއިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ، ގޯލު ލައިންމަތިން ކަހަލަ ގޮތަކަށް ދިފާއުކުރީ މިޔަންމާގެ ކެޕްޓަން ތެޓު ޕައިން ސޮން އެވެ. މިޔަންމާގެ ފަސްވަނަ ލަނޑު ޖަހައިދިނީ ކައުންގް ކަންޓް އެވެ. ކައުންގް ކަންޓް މި ލަނޑު ޖަހާފައިވަނީ ދިވެހިރާއްޖޭގެ އޭރިޔާ ކައިރިން ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ނެވެ. ދިވެހިރާއްޖެއިން އުފެއްދި ނުރައްކާތެރި ދެވަނަ ހަމަލާ ދިފާއުކުރީ މިޔަންމާ ކީޕަރެވެ. ވަންޓު ވަން ގައި އިލާން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ގޯލަށް އަމާޒުކޮށްލުމުން މިޔަންމާ ކީޕަރު ވަނީ ފައިން ޖައްސައި ކޯނަރަކަށް ބޭރުކޮށްލާފަ އެވެ.
މިޔަންމާގެ ހަވަނަ ލަނޑު 86 ވަނަ މިނިޓްގައި ޖަހައިދިނީ ސްވަން ޒަރް ނީ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިޔާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައެއް، ދިފާއުކުރަން އައި ދިވެހިރާއްޖޭގެ ދެ ޑިފެންޑަރުން ކައިރިން ގޯލުގެ ދުރުކަނަށް ވައްދާލައިގެން ނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު މިޔަންމާއަށް ގުރޫޕްގެ އެއްވަނަ ލިބުނުއިރު، ހަ ޕޮއިންޓް ހޯދި ދިވެހިރާއްޖެއަކީ މި ގުރޫޕްގެ ދެވަނަ ޓީމެވެ. ތިންވަނަ ހޯދި ސްރީލަންކާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
