ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަލިފުށްޓާއި ޖިބިއްލީ މެޗް އެއްވަރުވެ މާޒިޔާއާއެކު ޖިބިއްލީ ސެމީފައިނަލަށް

ނ. ކެނދިކުޅުދޫގައި މިހާރު ކުރިޔަށްދާ ” ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެންޕިއަންޝިފް ” މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ކުޅުނު ފަހުމެޗު އެއްވަރުވެ، ގުރޫޕް އޭ އިން މާޒިޔާ ޖޫނިއާރ އާއި ޖިބިއްލީ ސްޕޯރޓްސް ކުލަބު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގުރޫޕް ސްޓޭޖް މެޗްތައް ނިމުނުއިރު، މާޒިޔާ އާއި ޖިބިއްލީ އަދި އަލިފުށްޓަށް ވެސް ލިބިފައިވަނީ 5 ޕޮއިންޓެވެ. ފައިދާ 13 ގޯލާއިއެކު މާޒިޔާއަށް ގުރޫޕްގެ އެއްވަނަ ލިބުނުއިރު ދެވަނަ ލިބުނު ޖިބިއްލީގެ ފައިދާ ގޯލަކީ 9 އެވެ. އަދި ތިން ވަނަ ހޯދި އަލިފުށީގެ ފައިދާ ގޯލަކީ 3 އެވެ.

އދ. މަހިބަދޫ ޖިބިއްލީ ސްޕޯރޓްސް ކުލަބާއި ރ. އަލިފުށީ، އަލީފުށީ ރެކްރިއޭޝަން ކުލަބް ރޭ ބައްދަލުކުރި މެޗް ވެގެން ދިޔައީ މިމުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ އެންމެ ވާދަވެރި އެއްމެޗަށެވެ. ސެމީފައިނަލުން ޖާގަ ހޯދުމަށްޓަކައި މޮޅުވުން ނޫން ގޮތެއް ނެތް އަލިފުށިން އެޓޭކަށް ހާއްސަ އިސްކަމެއް ދީގެން ކުޅެމުން ދިޔައިރު، ޖިބިއްލީން ކުޅެމުން ދިޔައީ ކައުންޓާރ އެޓޭކަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެޓީމަށް ވެސް ލިބުނު މިމެޗްގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ޖިބިއްލީއަށްވުރެ ރަނގަޅަށް ކުޅުނީ އަލިފުށިންނެވެ. ލަނޑު ޖަހާނެ އެތައް ފުރުސަތެއް ލިބި އެޓީމަށް ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުގެ ނަތީޖާއަކަށް ވީ، ޖިބިއްލީއަށް ލިބުނު ފުރުސަތުގެ ބޭނުން އެޓީމުން ހިފުމެވެ. 73 ވަނަ މިނިޓްގައި ޖިބިއްލީއަށް މިލަނޑު ޖަހައިދިނީ މިމުބާރާތުގައި ޖިބިއްލީ ކުޅުނު ކޮންމެ މެޗެއްގައި ލަނޑު ޖަހައިދިން އަލީ ފާސިރު (ސެންޓޭ) އެވެ.

އަލިފުށިން މެޗްގެ ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވިހި މިނިޓްތެރެއިން 16 ވަނަ މިނިޓްގައެވެ. ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ކީޕަރ މުޙައްމަދު ޝަފީއު އަތުގައި ޖެހިފަ ލިބުނީ އަލިފުށީގެ އޮގުންގުބޭ ގާނިއު އަޓަންޑާ އަށެވެ. ޖިބިއްލީ ކުޅުންތެރިން ތެރެއިން ފުންމައިގެން އަރައި އަޓަންޑާ ބޮލުން ފޮނުވާލި ބޯޅަ ވަނީ ހުސްކޮށް އޮތް ގޯލްގެ ތެރެއަށެވެ.

މި ލަނޑަށް ފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެޓީމަށް ލިބުނެވެ. އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފި މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މިމުބާރާތުގެ ސެމީފައިނަލް ދެމެޗް އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެދުވަހު ހަވީރުކުޅޭ މެޗްގައި ބައްދަލު ކުރާނީ މާޒިޔާ ޖޫނިއާރ އާއި އެފްސީ މާފަރުއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ޖިބިއްލީ އާއި ނައިފަރު ޗެލްސީއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top