ނ. ވެލިދޫގައި މިހާރު ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ޓޯނަމެންޓް”ގެ އަންހެން ޑިވިޜަން ދެވަނަ މެޗުގައި މާޅެންދޫ ވީ.ޓީ އާއި ބައްދަލުކޮށް، ތިން ސެޓުން މަގޫދޫ ވީ.ޓީ މޮޅުވެއްޖެއެވެ.
މި މެޗު މަގޫދޫން ކާމިޔާބުކުރީ ކުޅަދާނަ ކުޅުމެއް ދައްކައި 3-0 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި މަގޫދޫގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ބޮޑު ކޮންޓްރޯލެކެވެ. އެ ޓީމުން މި ސެޓު ކާމިޔާބުކުރީ 25-11 ގެ ބޮޑު ލީޑަކާއެކުގައެވެ.
ދެވަނަ ސެޓު ފެށިގެން މާޅެންދޫ ވީ.ޓީ އިން ވަނީ އެމީހުންގެ ކުޅުން ރަނގަޅުކޮށް، މަގޫދޫއަށް ވާދަވެރިކަމެއް ކުރިމަތިކުރުވާފައެވެ. ނަމަވެސް، 8 ޕޮއިންޓުގެ ތަފާތަކާއެކު 25-17 އިން މި ސެޓުވެސް ކާމިޔާބުކުރީ މަގޫދޫންނެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ޓޯނަމެންޓް
މެޗުގެ ތިންވަނަ ސެޓުގައި މާޅެންދޫގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މަގޫދޫގެ ކޯޓަށް އަމާޒުކޮށް މާޅެންދޫގެ ކުޅުންތެރިން ފޮނުވާލި ޝޮޓްތަކުގެ ސަބަބުން، މަގޫދުށް މާޅެންދޫ އާއެކު ކުޅެން އުނދަގޫ ހާލަތްތަކެއް ކުރިމަތިވިއެވެ. އެހެންނަމަވެސް، ހުޝިޔާރުކަމާއެކު ކުޅެ މަގޫދޫން ވަނީ 25-16 އިން މި ސެޓުވެސް ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފައެވެ. މަގޫދޫން ވަނީ 3 ސެޓް ކާމިޔާބުކޮށް މާޅެންދޫ ކައިރިން ފަސޭހަ ކަމާއެކު މޮޅު ވެފައެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ މަގޫދޫ ވީ.ޓީއަށް ކުޅެމުން އަންނަ ޝަހީރާ މުހައްމަދު އެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ޓޯނަމެންޓް
މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު، މަގޫދޫ ވީ.ޓީ ދެން ބައްދަލުކުރަން ޖެހޭނީ ފޮއްދޫ އެސް.ސީ އާއެވެ. މާޅެންދޫ ވީ.ޓީ ދެން ނިކުންނާނީ ވެލިދޫ އެސް.ސީ އާ ދެކޮޅަށެވެ.
