ކުއްޅަވައްފަލު ރަނިން
ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި، ސާރާ ސޯފީއަށް ގޮވަމުން ދިޔަ ނަމަވެސް އެއްވެސް އިޝާރާތެއް ޖަވާބެއް ނުލިބެއެވެ. ނަމަވެސް މިފަހަރު ކަންތައް ވީ ވަރަށް ތަފާތު ގޮތަކަށެވެ. އިޖާބައެއް ލިބިއްޖެއެވެ. ސާރާގެ އަތުގައި ސޯފީ ބާރަށް ހިފާލިއެވެ. އެއީ ހަމަ ގައިމުވެސް ސާރައަށް ހީވި ހީވުމެއް އަދި ފެނުނު ހުވަފެނެއްވެސް ނޫނެވެ. މިއީ ހަޤީޤަތެކެވެ. ސާރާގެ ހިތުގެ ތެޅުން ބާރުވެ، އޭނާގެ ދެލޯ ހުއްޓިފައިވަނީ ދައްތަގެ މޫނަށެވެ. ކޮންމެވެސް އިތުރު ނިޝާނެއް ފެނޭތޯއެވެ. ކިތަންމެ ކުޑަ ހަރަކާތެއް ނަމަވެސް ފެނޭތޯއެވެ.
“ދައްތާ، ކޮއްކޮ ދައްކާ ވާހަކަ އިވޭނަމަ.. އާދޭސްކޮށްފައި ބުނަން، އަދި އެއްފަހަރު ތިހެން ހިފާލަބަލަ.” ރޮވިފައިވާ އަޑަކުން ސާރާ ބުންޏެވެ.
އެމީހުންގެ ފަހަތުގައި ހުރި މެޝިންތަކުން ހުއްޓުމެއް ނެތި އަޑު އިވެމުންދިޔައެވެ. ފިނި، އެއްވެސް އިޙުސާސެއް ނެތް އަޑުތަކެކެވެ. ސިކުންތުތައް ފާއިތުވެ، މިނެޓުތަކަކަށް ބަދަލުވެގެން ދިޔައެވެ. އެއްވެސް ކަމެއް ނުވިއެވެ. ސާރާ، އިޚުތިޔާރަކާ ނުލައި ސޯފީގެ އަތަށް ބާރުކޮށްލިއެވެ. އޭނާގެ ހިތުގައި އުފެދުނު އުންމީދުގެ ހުޅުކޮޅު، ބިރުވެރިކަމުގެ ތެރޭގައި ނިިވިނިވި އޮތެވެ. ނަމަވެސް، އުންމީދު ކަނޑާލަން އުޅުނު ވަގުތު، ކުޑަ ހަރަކާތެއް ފެނުނެވެ. ވަރަށް ފަނޑު، ވަރަށް ނިކަމެތި ހަރަކާތެކެވެ. އެކަމަކު އެއީ އިންކާރު ކުރެވެން ނެތް ހަޤީޤަތެކެވެ. ސޯފީގެ އިނގިލިތައް އަނެއްކާވެސް ގުޑިލައިފިއެވެ.
ސާރާއަށް ރޮވުނެވެ. އޭނާ ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ. “އަހަރެން އެބަ ގޮވަން މީހަކަށް.”
ނަމަވެސް ސާރާ މަޑުޖެހުނެވެ. އޭނާގެ ހިތުގެ ކަނަކުން ބުނާ ކަހަލައެވެ. މަޑުކުރާށެވެ. އަދިއެއް ނޫނެވެ. ސާރާ ވަރަށް ފަރުވާތެރިކަމާއެކު އަލުން އިށީނެވެ. އޭނާގެ ނަޒަރު ސޯފީގެ މޫނަން ހުއްޓާލިއެވެ “މިއީ ހުވަފެންތަކާ ގުޅުންހުރި ކަމެއްބާވައޭ؟” އޭނާގެ އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ.
އޭނާގެ ސިކުނޑީގައި ޚިޔާލުތައް އެނބުރެން ފެށިއެވެ. ކަނޑާއި، ބާރުގަދަ ތޫފާނެވެ. އެ ދެމީހުން އެކުގައި ތިބި ވަގުތާއި ފިލައިގެން ދިއުމުގެ ބަދަލުގައި، ކަންކަމާ ކުރިމަތިލީ ވަގުތާއި ސޯފީ ވާހަކަދެއްކި ގޮތެވެ. އެއީ ކުރިއަށްވުރެ ބާރުގަދަ އަޑެކެވެ. “މިއީ ހަމައެކަނި ވާހަކަތަކެއް ނޫން.” ސާރާއަށް ވިސްނެން ފެށިއެވެ. އޭނާ ކިޔަމުންދިޔަ ފޮތްތަކާއި، ކުރަމުންދިޔަ ދިރާސާތަކާ ހުވަފެންތަކާއި އޭގެ މާނަތަކެވެ. އަދި އެކަންކަމުގެ މެދުގައިވާ ގުޅުމެވެ.
ދޮރުގައި ޓަކިޖަހާލި އަޑަށް ސާރާގެ ޚިޔާލީ ދުނިޔެއިން ބޭރުވިއެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ އޭނާގެ މަންމައެވެ. މަންމަ ހުރީ ވަރަށް ހަމަޖެހިފައި، ވަރަށް ފަރުވާތެރިކަމާއެކު ހެދުން އަޅައިގެން ރީތިކޮށެވެ. މަންމަގެ ލޮލުން ފެންނަނީ ތޫނުފިލިކަމާއި ފަރުވާތެރިކަމެވެ.
“މިތަނުގައި ކިހިނެއްވީ؟” ވަރަށް މަޑުމައިތިރިކަމާއެކު މަންމަ އެހިއެވެ.
ސާރާ ވަގުތުން ތެދުވެ، ކަރުނަ ފޮހެލިއެވެ. “މަންމާ.. ސޯފީ ގުޑިލައިފި.”
ކުޑަ ހިނދުކޮޅަކަށް ހިމޭންކަން ވެރިވިއެވެ. އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ދެން މަންމަ ބުންޏެވެ. “ތަފުސީލުކޮށް ކިޔާދީ.”
“ސޯފީ އަހަރެންގެ އަތުގައި ހިފެހެއްޓި،” ސާރާ އަވަސްއަވަހަށް ބުންޏެވެ. “އަދި ދެންމެވެސް އޭނާގެ އިނގިލިތައް ތަޅުވާލައިފި. އަހަރެން އެ މަންޒަރު ދުށިން. އަހަންނަށް އެކަން އިޙުސާސްވި.”
މިހާރު މަންމަގެ ފަހަތުގައި ބައްޕަވެސް ހުއްޓިގެން ހުއްޓެވެ. ބައްޕަ ހުރީ އެއްވެސް އެއްޗެކޭ ނުބުނެ ބަލާށެވެ. އެތަނުގެ މާހައުލު ބަދަލުވެގެން ދިޔައެވެ. އެއީ ހައިރާންކަމެއް ނޫނެވެ. މަންމަ އެނދާ ގާތަށް ޖެހިލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު ސޯފީއަށް ބަލައިލިއެވެ. އެއަށްފަހު ސާރާއާ ދިމާއަށް އެނބުރުނެވެ.
“ދެން ތިވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނެގެން ނުވާނެ.”
ސާރާ ހައިރާންވެފައި ބަލަން ހުއްޓެވެ. “ކީކޭ؟ ކީއްވެ؟”
“މިތަނުގެ މުވައްޒަފުންނަށް، ޑޮކްޓަރުންނަށް، އަދި މި ކޮޓަރިން ބޭރު އެއްވެސް މީހަކަށް އެނގިގެން ނުވާނެ.” މަންމަ ވަރަށް ސާބިތުކަމާއެކު ބުންޏެވެ.
“އެކަމަކު މިއީ އުފާވެރި ޚަބަރެއްނު!” ސާރާގެ އަޑު ބާރުވިއެވެ. “އަހަރެމެން ޖެހޭނެ ޑޮކްޓަރުންނަށް ގޮވަން، ޓެސްޓުތައް ހަދަން.”
“ނޫން..!”
އެއީ ފަހުގެ ނިންމުމެވެ. ސާރާ އޭނާގެ މަންމައަށް ބަލަން ހުއްޓެވެ. “އެއީ ކީއްވެ؟” އޭނާ މަޑުމަޑުން އެހިއެވެ.
އެންމެ ފަހުން ބައްޕަ ވާހަކަދެއްކިއެވެ. “ސަބަބަކީ، މީގެ ކުރިންވެސް އަހަރެމެން މިކަން ދެކެފިން.”
ސާރާގެ ނޭވާ ހުއްޓުނު ކަހަލައެވެ. “ކުރިންނޭ؟ ބައްޕަ ތިބުނީ ކީކޭ؟”
ދެން ފެނުނީ ހިމޭންކަމެވެ. މަންމައާއި ބައްޕަ އެކަކު އަނެކަކަށް ބަލައިލިއެވެ. އެ ބަލައިލުމުގައި އެތައް އަހަރެއްގެ ސިއްރުތަކެއް ވާ ފަދައެވެ.
“ސާރާއަށް އަދި ނޭނގޭ އެތައް ކަމެއް އެބަހުރި.” މަންމަ އަނެއްކާވެސް ބުންޏެވެ.
“އެހެންވީމާ އަހަންނަށް ކިޔައިދީ.” ސާރާ މިފަހަރު ބުންޏެވެ. “އަހަރެން ޤަބޫލުކުރަނީ މިއީ ހަމައެކަނި އޭނާ ހޭލުން ނޫން ކަމަށް.”
ބައްޕަގެ ނަޒަރު ތޫނުވިއެވެ. “ސާރާއަށް ހީވަނީ ކިހިނެއްވެގެންހެން؟” ބައްޕަ އެހިއެވެ.
ސާރާ ކުޑަކޮށް ޖެހިލުންވިއެވެ. އެކަމަކުވެސް ބުންޏެވެ. “އަހަރެން ޤަބޫލުކުރަނީ.. ދައްތަ ހުވަފެންތަކުގެ ޒަރީއާއިން އަހަންނާ ވާހަކަ ދައްކަން މަސައްކަތް ކުރަނީހެން.”
މުޅި ކޮޓަރިތެރެއަށް ބުނެދޭން ނޭނގޭ ފަދަ ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަމުން ސާރާއަށް އެނގުނީ އެއް ކަމެކެވެ. މަންމައާއި ބައްޕައަށް އެކަން ކުރިންވެސް އެނގެއެވެ.
މަންމަ ސާރާއާ ގާތަށް ޖެހިލިއެވެ. އަދި ވަރަށް މަޑުމަޑުން ބުންޏެވެ.
“އެހެންވިއްޔާ، ދެން ފެންނަ ހުވަފެންތަކާމެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ.”
ސަބަބަކީ، އެ ހުވަފެންތަކުގައި ހޭލައްވާލަން ބޭނުންނުވާ ކަންތައްތަކެއްވެސް ފޮރުވިފައި ހުރެދާނެތީއެވެ.
އެރޭ ސާރާއަކަށް ފަސޭހައިން ނިދޭގޮތެއް ނުވިއެވެ. ސޯފީއަށް ހަރަކާތެއް އަތުވެއްޖެއެވެ. މައިންބަފައިންނަށް އެކަން އެނގެއެވެ. އަދި އެންމެ ބޮޑު ހައިރާންކަމަކީ، އެމީހުން އެކަމާ ކުޑަކޮށްވެސް ހައިރާން ނުވުމެވެ.
ސާރާ އެނދުމަތީގައި އިށީނދެގެން އިނީ އޭނާ ހޯދަން ބޭނުންވާ ޖަވާބުތަކުގެ އެކި ފޮތްތައް ވަށައިގެން އަތުރާލައިގެންނެވެ. ޤަދީމީ ލިޔުންތަކެވެ. ޒަމާނީ މާނަކުރުންތަކެވެ. އަދި ޕްރިންޓްކޮށްފައިވާ ނޯޓުތަކާއި އަމިއްލަ އަތުން ލިޔެފައިވާ ޚިޔާލުތަކެވެ.
އޭނާގެ އިނގިލިތައް އެއް ފޮތެއްގެ ސަފުހާއެއްގައި ހާކާލިއެވެ. “ހުވަފެންތައް ތިން ބަޔަކަށް ބެހިގެންވެއެވެ.” ސާރާ މަޑުމަޑުން ކިޔާލިއެވެ. އޭނާ ދަސްކޮށްފައިވާ ކަންތައްތައް ހަނދާން އާކުރަމުންނެވެ. ތެދުވެރި ހުވަފެން – ރޫޔާ ޞާލިޙާ – ﷲ ގެ ހަޟްރަތުން އަންނަ ހުވަފެން. ބިރުވެރި ހުވަފެން – ޝައިޠާނާގެ ފަރާތުން އަންނަ ހުވަފެން. އަދި އަމިއްލަ ނަފުސުގެ ހުވަފެން – އަމިއްލަ ސިކުނޑިއާއި “ޤަލްބު” ގައި ހުންނަ ކަންތައްތަކުގެ ރިފްލެކްޝަން ނުވަތަ ހިޔަނި.
“އެކަމަކު އަހަރެމެންގެ ހުވަފެންތައް..” އޭނާ މަޑުމަޑުން ބުންޏެވެ. އޭނާގެ ނަޒަރު ސޯފީގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ. “އަހަރެމެންގެ ހުވަފެންތަކަކީ މިއިން ކަމަކާ ގުޅޭ އެއްޗެއް ނޫން.”
ސާރާ ފޮތުގެ އަނެއް ސަފުހާ އުކާލިއެވެ. “ތެދުވެރި ހުވަފެނެއްގައި ނިޝާންތަކެއް، ރަމްޒުތަކެއް ނުވަތަ އިންޒާރުތަކެއް ވެދާނެއެވެ. އެއީ އަބަދު ފެންނަ ގޮތަށް އޮންނަ އެއްޗަކަށް ނުވެދާނެއެވެ.” ސާރާގެ ހިތް ބާރަށް ތެޅިލިއެވެ. ކަނޑެވެ. ތޫފާނެވެ. އެ މަޚްލޫޤެވެ. އެއީ ހަމައެކަނި ވާހަކައެއް ނޫނެވެ. އެއީ މެސެޖެކެވެ. “އެކަމަކު ކޮން މެސެޖެއް؟” އޭނާއަށް މަޑުމަޑުން ބުނެވުނެވެ.
އެރޭ ސާރާ ސޯފީއަށް ކިޔައިދޭން ފޮތެއް ނެގީ އިއްތިފާޤަކުން ނޫނެވެ. އޭނާ ވަކި އެއްޗެއް ހޯދީއެވެ. އަދި އެ ފޮތް ފެނުމުން އޭނާގެ ނޭވާ މަޑުޖެހިލިއެވެ. އެއީ ދިވެހި ފޯކްލޯރް ނުވަތަ ކާބަފައިންގެ ވާހަކަތައް އެކުލެވޭ، ދުވަސްވެފައިވާ ބާ ފޮތެކެވެ. އޭގެ ސަފުޙާތައް ވަނީ ރީނދޫވެފައެވެ. ޒަމާންވުމުގެ ސަބަބުން ގަނޑުތަކުގެ ކައިރިފަށްތައް ވަނީ މަޑުވެފައެވެ. އޭނާގެ އިނގިލިތައް ހުއްޓުނީ ކުރިންވެސް ކިޔާފައިވާ، ނަމަވެސް ދުވަހަކުވެސް އޭގެ އަސްލު މާނަ ދެނެގަނެވިފައިނުވާ ނަމަކަށެވެ.
“ކުއްޅަވައްފަލު ރަނިން” ސާރާ މަޑުމަޑުން ކިޔާލިއެވެ. ސާރާ މަޑުމަޑުން ތެދުވެގެން ގޮސް ސޯފީގެ ކޮޓަރިއަށް ވަނެވެ. މިރޭ އިޙުސާސްވަނީ މުހިންމު ރޭގަނޑެއްގެ ގޮތުގައެވެ. ތަފާތު ގޮތަކަށެވެ. “ސޯފީ..” އޭނާ މަޑުމަޑުން ބުންޏެވެ. އަދި އޭނާގެ ކައިރީގައި އިށީނެވެ. “އަހަރެން ހީކުރަން މިފަހަރުގެ މި ވާހަކައިގައި މާނައެއް އޮންނާނެކަމަށް.” ސާރާ ފުން ނޭވާއެއްލިއެވެ. އަދި ވާހަކަ ކިޔަން ފެށިއެވެ. ކޮޓަރީގެ އަލިކަން ކުޑަކޮށް ފަނޑުވާން ފެށިއެވެ. ޓީވީ ސްކްރީން ނިވި ދިއްލޭހެނެވެ. ދެން މުޅި ދުނިޔެ ބަދަލުވެގެން ދިޔައެވެ.
މިފަހަރު ތޫފާނެއް ހާސްކަމެއް ނެތެވެ. ބިރުވެރިކަމެއް ނެތެވެ. އޮތީ ހަމައެކަނި ހިމޭންކަމެވެ.
ސާރާ ހުރީ ކުޑަކޮށް ޗަކަ، ތިލަ ފެންގަނޑެއްގެ ތެރޭގައި ހުސްފަޔާއެވެ. އޭނާގެ ވަށައިގެންވަނީ ނިމުމެއް ނެތް ގަސްތަކެވެ. ރަންކުލައިގެ އުޑެއްގެ ދަށުގައި މަޑު އަލިކަމެއް ފެންނަން އޮތެވެ. “ސާރާ..؟” ސޯފީ މަޑުމަޑުން ގޮވާލިއެވެ. “އަހަރެން މިހުރީ.” ސާރާ އެނބުރި ބަލާލިއެވެ. “މިތަން..” ސޯފީ މަޑުމަޑުން ބުންޏެވެ. “މިއީ މާ ތަފާތު ތަނެއް.” “އާނ، މީ ކުޅިއެއް.” ސާރާ ޖަވާބު ދިނެވެ. އޭނާގެ އަޑު މިހާރު މާ މަޑެވެ. އެކަމަކު މާ ފުންވެފައި މާނަ ގިނައެވެ. “ތި ފެންނަނީ ހުސް ކުއްޅަވައް ގަސް.”
ސޯފީ ކުޑަކޮށް މޫނު ކުނިކޮށްލިއެވެ. “އެހެންވީމާ ދޯ މާ ފާޑެއްގެ ކުނި ތަތްމުޑު ވަހެއް މި ދުވަނީ؟” ސާރާއަށް ޖަވާބު ނުދެވި އުޅެނިކޮށް އެމީހުންގެ ވަށައިގެންވާ ފެންގަނޑު ވިދަން ފެށިއެވެ. ފެނުގެ އަޑިން ރަންކުލައިގެ އަލިގަނޑެއް އުފެދިގެން އައެވެ. އެ އަލިގަނޑު ދަތުރުކުރަމުން ދިޔައެވެ. އަދި އޭނާ ފެނުނެވެ. ކަނޑުގެ އަޑިން ވަރަށް ފުރިހަމަ ގޮތަކަށް ސިފައެއް މައްޗަށް އެރިއެވެ. ދިގު އިސްތަށިގަނޑެކެވެ. ފެނުގެ ތެރޭގައި ރަން ދޯދިތަކެއް ފަދައިން އޮތެވެ. އާދަޔާ ޚިލާފު ރީތި އަންހެނެކެވެ. ލޯ ފުންވެފައި، ކަންތައްތައް ދަންނަ ފަދަ ގޮތެއް ހުއްޓެވެ.
“ކުއްޅަވައްފަލު ރަނިން.” ސާރާ މަޑުމަޑުން ސޯފީގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
އެ ސިފަ ވާހަކައެއް ނުދައްކައެވެ. އޭގެ ބަދަލުގައި އޭނާގެ އަތް އުފުލާލިއެވެ. އަދި އެމީހުންގެ ވަށައިގެންވާ ފެންގަނޑު ބަދަލުވެގެން ދިޔައެވެ. ފެނުގެ އަޑިން ތަސްވީރުތަކެއް އުފެދެން ފެށިއެވެ. އެއީ ހުވަފެންތަކެއް ވާހަކަތަކެއްވެސް ނޫނެވެ. އެއީ ހަނދާންތަކެވެ.
ސާރާ މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އޭނާގެ ނޭވާ ހުއްޓުނެވެ. އޭނާއަށް ފެނުނީ އެމީހުން އުޅޭ ބޮޑު ގަނޑުވަރު ފަދަ ގެއެވެ. އެކަމަކު މާ ކުރީގެ މުސްކުޅި ގޮތަކަށެވެ. އެމީހުންގެ މައިންބަފައިންނެވެ. އޭރު އެމީހުން މާ ޒުވާނެވެ. އޭނާއަށް ދުވަހަކުވެސް ނުފެންނަ ކޮޓަރިއެއްގެ ތެރޭގައި އެމީހުން ތިއްބެވެ. އެތާ ހުރީ އެކި ކަހަލަ ރަމްޒީ ނިޝާންތަކެވެ. ފޮތްތަކެވެ. ގޮތްނޭނގޭ ކުރެހުންތަކެވެ.
“މިއީ ކޮން އެއްޗެއް؟” ސާރާ މަޑުމަޑުން ބުންޏެވެ. ސޯފީ ޖަވާބެއް ނުދިނެވެ. ސަބަބަކީ އޭނާވެސް އިނީ ބަލާށެވެ. އެހެން ތަސްވީރަކަށެވެ. ޒުވާން ސޯފީއެކެވެ. އޭނާ ރޮނީއެވެ. އަދި ސާރާ ނިދާފައެވެ. އެކަމަކު ކޮންމެވެސް ކަމެއް ގޯސްވެއްޖެއެވެ. ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ. “އެމީހުން..” ސާރާގެ އަޑު ތުރުތުރުލާން ފެށިއެވެ، “އެމީހުން ކޮންމެވެސް ކަމެއް ކޮށްފި.” އެ ރަން ސިފަ އޭނާގެ އަތް ތިރިކޮށްލިއެވެ. ތަސްވީރުތައް ފަނޑުވެގެން ދިޔައެވެ. އެކަމަކު އެއް ކަމެއް ފެންނަން ހުއްޓެވެ. ދޮރެކެވެ. ތަޅުލާފައެވެ. އެ ގޭގެ ކޮންމެވެސް ތަނެއްގައި ފޮރުވިފައެވެ.
ސާރާގެ ހިތް ފިތިގެން ދިޔައެވެ. “އެއީ ކޮން އެއްޗެއް؟” މިފަހަރު އެ ރަން ސިފަ ވާހަކަ ދެއްކިއެވެ. އޭނާގެ އަޑު ފެނުގެ ރާޅުބާނިތަކެއް ފަދައިން މަޑެވެ. ނަމަވެސް އެ އަޑު ހިތުގެ ފުނަށް ފޯރައެވެ. “ހަޤީޤަތަކީ.. ހަދިޔާއަކަށް ދެވޭ އެއްޗެއް ނޫން.” ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ބުންޏެވެ. “އެއީ ހޯދަންޖެހޭ އެއްޗެއް.” އަދި “ކުރީގައި އުޅުނު ހާލާއި ފެންވަރު ހަނދާން ނެތުނީމަ އަދި އަދަށްވެސް އަހަރެންގެ ނަން މީހުން މަލާމާތުގެ ގޮތުގައި ބޭނުން ކުރަނީ. މަންމަ އާއި ބައްޕަ ގާތު އަހާ. އަހަރެން ދަނީ.”
އޭނާގެ ވަށައިގެންވާ އަލިކަން ފަނޑުވާން ފެށިއެވެ. “ނޫން މަޑުކުރޭ! އަދި ކިޔައިދީ.” ސާރާ އާދޭސް ކުރަމުން ކުރިއަށް ޖެހިލިއެވެ. “މީގެ މާނައަކީ ކޮބާ؟ އެމީހުން ކީއްކުރީ؟” އެކަމަކު ކަނޑުގެ ތަސްވީރު އޭރު ދިޔައީ ފޭދެމުންނެވެ. ދުނިޔެ އޭނާގެ އަތްމަތިން ބީވަމުން ދިޔައެވެ. ކުއްލިއަކަށް ސޯފީ އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ކުރިއަށްވުރެވެސް ބާރަށެވެ. “ސާރާ އަހަރެން ދައްކާ ވާހަކަ އަޑުއަހާ.” ސާރާ އޭނާއަށް ބަލާލިއެވެ. ހާސްކަން އިތުރުވަމުން ދިޔައެވެ. “އަދިވެސް ނޭނގޭ ގިނަ ކަންތައްތައް އެބަހުރި.” ސޯފީ އަވަސްއަވަހަށް ބުންޏެވެ. “ކީކޭ ތިޔަ ބުނީ؟” ނަމަވެސް ސޯފީގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. މިހާރު އޭނާ ހުރީ ވަރަށް ސީރިއަސްވެފައެވެ. “ދައްތާ. އެ ދޮރު ހޯދަން އެބަޖެހޭ.” “ކޮން ދޮރެއް!؟” “އެމީހުން ދުވަހަކުވެސް ދައްތައަށް ދައްކަން ބޭނުން ނުވި ދޮރު.” ސަރާ ބުންޏެވެ.
ހުވަފެން ރޫޅިގެން ދިޔައެވެ. ހަޤީޤަތަށް އެނބުރި އައެވެ. ސާރާއަށް ކުއްލިއަކަށް ހޭލެވުނެވެ.
(ނުނިމޭ)
