ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނައިފަރު ޗެލްސީ މިއަހަރު ވެސް ފައިނަލަށް!
ފޮޓޯ: ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ފޭސްބުކް ޕޭޖް

ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ “ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިފް 2026” ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ނައިފަރު ޗެލްސީން ހޯދައިފިއެވެ. ވޭތުވެދިޔަ ދެ އަހަރު ވެސް ފައިނަލުން ބަލިވި ނައިފަރު ޗެލްސީ މިއަހަރު ފައިނަލަށް މި ދިޔައީ، ފައިނަލަށް ދިއުމުގެ ރިކޯޑަކާއިއެކުއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރީ މަހިބަދޫ ޖިބިއްލީ ސްޕޯރޓްސް ކުލަބާއި ނައިފަރު ޗެލްސީއެވެ. ސީނިއާރ ޤައުމީ ޓީމުގެ ޕްރެކްޓިސްއަށް މުހިންމު ކުޅުންތެރިންތަކެއް ދިއުމާއި ގުޅިގެން، ޖިބިއްލީން މިރޭ މެޗަށް ނުކުތީ ބޮޑު ބަދަލަކާއިއެކު އެވެ.

ބިދޭސީ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ނައިފަރު ޗެލްސީން މިރޭ ވެސް ދެއްކީ މޮޅު ކުޅުމެކެވެ. ގުރޫޕް ސްޓޭޖް ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރި ނައިފަރު ޗެލްސީގެ ފަރާތުން މިރޭ ވެސް ފެނުނީ އެފަދަ މޮޅު ގޭމެކެވެ.

ފުރުސަތަކަށްފަހު ފުރުސަތެއް ފަހިކުރަމުން ދިޔަ ނައިފަރު ޗެލްސީން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 30 ވަނަ މިނިޓްގައި މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. އިބްރާހީމް ލެބެއި ބޯޅަ ހިފައިގެން ކުރިއަށް އަރައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން، އަލްހާޖީ ގެރޯ ބޯޅަ ޖައްސާލީ އޭރިޔާ ތެރެއަށް ވަދެގެން އައި މުޙައްމަދު ފާސިރުއެވެ. މުޙައްމަދު ފާސިރު ވަނީ އެއްފަހަރުން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ނައިފަރު ޗެލްސީގެ ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅެމުން ދިޔައީ އެ ޓީމުންނެވެ. ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ޖިބިއްލީއަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް ބޭނުން ހިފޭވަރެއް ނުވިއެވެ.

ނައިފަރު ޗެލްސީން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މުޙައްމަދު ނާއިމް އެވެ. ނާއިމް އާއި އަބްދުއްލައި ބިލިޓީ ޕާސް ޖަހާލައިގެން އޭރިޔާ ތެރެއަށް ވަދެ، ނާއިމް ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކީޕަރާއި ދަނޑިއާ ދޭތެރެއިންނެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-0 އިން ނައިފަރު ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ނާއިމް / ފޮޓޯ: ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ފޭސްބުކް ޕޭޖް

ބޮޑު ބަދަލަކާއިއެކު މެޗަށް ނުކުތް ޖިބިއްލީއަށް ނައިފަރު ޗެލްސީ ހިފަހައްޓާލުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ދެވަނަ ހާފު ވެސް ނައިފަރު ޗެލްސީގެ ފަރާތުން ފެނުނީ ތަފާތު ބޮޑު، މޮޅު ކުޅުމެކެވެ.

ނައިފަރު ޗެލްސީގެ ތިންވަނަ ލަނޑު ޖެހީ އަޙްމަދު އަޝްރަފެވެ. ނާއިމް ބޯޅަ ހިފައިގެން އޭރިޔޭ ތެރެއަށް ވަދެ ގޯލާއި ދިމާއަށް ފޮނުވާލުމުން، ޖިބިއްލީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ނުކުތް ވަގުތު އަނެއްކާ ވެސް ނާއިމް ބޯޅަ ގޯލާއި ދިމާއަށް ފޮނުވާލިއެވެ. އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ އަޝްރަފަށް ލިބުނުއިރު އޭނާ ހުރީ ހުސްކޮށެވެ. އެއްފަހަރުން އޭނާ ވަނީ ގޯލު ތެރެއަށް ބޯޅަ ވައްދާލައި 3-0 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ.

3-0 އިން މޮޅުވެ ނައިފަރު ޗެލްސީ ފައިނަލަށް ދަތުރުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިފަރު ޗެލްސީގެ މުޙައްމަދު ނާއިމް އެވެ.

ނައިފަރު ޗެލްސީ އާއި މާޒިޔާ ޖޫނިއާރ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top