ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީޤީ، ފަހަކަށް އައިސް އިންޑިއާގެ ފިލްމީ ސިނާއަތުގައި އާންމުވަމުންދާ “ޕެއިޑް ނެގެޓިވް ޕީއާރު” ނުވަތަ ފައިސާ ދީގެން އެކަކު އަނެކަކުގެ އަގުވައްޓާލުމަށް ހިންގާ ހަރަކާތްތަކާ ބެހޭގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކައިފިއެވެ.
ޒޫމްއަށް ދިން އިންޓަވިއުއެއްގައި ނަވާޒުއްދީން ބުނީ، އެކްޓަރެއްގެ އަތްމަތީގައި އޮންނަ ހަމައެކަނި ކަމަކީ އެމީހެއްގެ ހުނަރު ނުވަތަ ޕާފޯމަންސް ކަމަށެވެ. ނަމަވެސް އެ މަސައްކަތެއް އާންމުންނާ ހަމައަށް ފޯރާ މިންވަރަކީ އެކްޓަރުންގެ ބާރުގެ ދަށުގައި އޮންނަ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ. އާންމު ދިރިއުޅުމުގައި މަޑުމައިތިރިކޮށް އުޅެން ބޭނުންވާ ނަވާޒުއްދީން ބުނި ގޮތުގައި، ފިލްމުތަކުގެ ޕްރޮމޯޝަން ހަރަކާތްތައް ނުހިންގާނަމަ އާންމުންނަށް އޭނާއަކީ ކާކުކަންވެސް ނޭނގިދާނެއެވެ.
ފިލްމީ ދާއިރާގައި މިހާރު އޮތް ނެގެޓިވް ސަގާފަތާ ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، މިއީ ވަރަށް “އިހާނެތި” މަރުހަލާއެއް ކަމަށާއި، އަދިވެސް މިފަދަ ގިނަ ކަންތައްތަކެއް ފެންނާނެ ކަމަށެވެ. “މިއީ ވަރަށް އާދަޔާ ޚިލާފު ދުނިޔެއެއް. އަހަރެން ޤަބޫލުކުރަނީ މިއީ ވަގުތީ ކަމެއް ކަމަށް. ކޮންމެ ކަމެއްގައިވެސް ގޯސް ވަގުތެއް އަންނާނެ. އުފެއްދުންތެރިކަމަށް ވެސް މިއީ ގޯސް ދުވަސްވަރެއް. އެކަމަކު ބައެއް އަހަރުތަކަށްފަހު ރަނގަޅު ދުވަސްތަކެއް އަންނާނެ. އެއްވެސް މާނައެއް ނެތް ނަފުރަތެއް ނެތި މީހުންނަށް ހަޤީޤަތް އެނގެން ފަށާނެ.” ނަވާޒުއްދީން ބުންޏެވެ.
ނަވާޒުއްދީން އިތުރަށް ފާހަގަކުރި ގޮތުގައި، ފައިސާ ދީގެން މީހުން ލައްވާ ވަކި އެކްޓަރަކީ މޮޅު އެކްޓަރެކޭ ބުނުވުމަކީ އޭނާ ހައިރާންވާ ކަމެކެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މީހުންގެ އަމިއްލަ ވިސްނުމާއި ތަޢުލީމަށް ވީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދިއެވެ. އޭނާ ބުނީ އޭނާ ފަދަ އަމިއްލަ މަސައްކަތަށް އިތުބާރު އޮންނަ އެކްޓަރުން މިފަދަ “ދަށު ދަރަޖައިގެ” އުކުޅުތައް ބޭނުންކުރަން ނުޖެހޭނެ ކަމަށެވެ.
ޕެއިޑް ނެގެޓިވް ޕީއާރުގެ ޝިކާރައަކަށް ބޮލީވުޑްގެ ބައެއް އެހެން އެކްޓަރުން ވެސް ވަނީ ވެފައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު “ބޯޑަރ 2” ގެ މަސައްކަތް ފެށުނު ދުވަސްވަރު، އެކްޓަރު ވަރުން ދަވަންއަށް އަމާޒުވި ފާޑުކިޔުންތަކަކީ ފައިސާ ދީގެން ބަޔަކު ލައްވާ ކުރުވި ކަމެއް ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ނިދީ ދައްތާ ވެސް ވަނީ ތުހުމަތުކޮށްފައެވެ.
ނަވާޒުއްދީންގެ މަސައްކަތްތަކަށް ބަލާއިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ “މޭ އެކްޓަރ ނެހީ ހޫން” އެވެ. އަދިތުޔާ ކްރިޕަލާނީ ޑައިރެކްޓްކުރާ މި ފިލްމުގައި ނަވާޒުއްދީން އާއެކު ލީޑް ރޯލުން ފެންނާނީ ޗިތުރަންގަޅާ ސިންގް އެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މުމްބާއީގައި އުޅޭ އުންމީދީ އެކްޓަރަކާއި ފްރެންކްފާޓްގައި އުޅޭ ރިޓަޔަރޑް ބޭންކަރަކާ ދެމެދު އޮންލައިންކޮށް އުފެދޭ ގުޅުމެއްގެ މައްޗަށެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މެއި މަހުގެ 8 ވަނަ ދުވަހުއެވެ.
