ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހިނގުމަށް ގެނެވޭ ކުޑަކުޑަ ބަދަލަކުން ކަކުލު ހުޅަށް ލުޔެއް ހޯދިދާނެ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ކަކުލު ހުޅު ހަލާކުވުމުގެ މައްސަލަ ނުވަތަ “ނީ އޮސްޓިއޯއާތުރައިޓިސް” އަކީ ގިނަ ފަހަރަށް ވަރަށް ބޮޑަށް ފާހަގަނުވެ، މަޑުމަޑުން ކުރިމަތިވާ ކަމެކެވެ. ގިނައިރު އިށީނދެ އިނުމަށްފަހު ތެދުވާއިރު ހުޅު ހަރުވެފައި ހުރުމާއި، ހިނގާއިރު ކުރިއަށްވުރެ ބޮޑަށް ވަރުބަލިވުމާއި، ހަރުފަތްތަކުން އަރާ ފޭބުމަށް ޖެހިލުންވުމަކީ މީގެ ކުރީކޮޅުގެ އަލާމާތްތަކެވެ. ދުވަސްވީ ވަރަކަށް މި އުނދަގޫތައް އިތުރުވެ، މީހާގެ ހަރަކާތްތެރިކަން މަދުވެ، ރިހުން ގަދަވާން ފަށައެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މީގެ ހައްލަކީ ހަމައެކަނި ތަދުކަނޑުވާ ބޭހާއި، އިންޖެކްޝަން ނުވަތަ އޮޕަރޭޝަނެވެ. ނަމަވެސް، ދިރާސާވެރިން މިހާރު ބަލަމުންދަނީ މިއަށްވުރެ މާ އާދައިގެ ކަމަކަށެވެ. އެއީ އަޅުގަނޑުމެން ހިނގާ ބިނގާވެ އުޅޭ ގޮތެވެ. “ގެއިޓް ޓްރެއިނިންގް” އަކީ ކަކުލުގެ ހުޅަށް ބާރުބޮޑުވާ ގޮތަށް ހުންނަ ހިނގުމުގެ އާދަތައް ބަދަލުކޮށް، އެއްވެސް އޮޕަރޭޝަނަކާ ނުލައި ރިހުމަށް ލުއި ހޯދައިދޭ އުކުޅެކެވެ.

ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި، ކަކުލުގެ އެތެރޭ ހުޅަށް މައްސަލަ ދިމާވެފައިވާ މީހުން ހިނގާ ގޮތަށް ބަދަލު ގެނައުމުން، ކަކުލުގެ ވަކި ސަރަހައްދުތަކަށް ބާރުބޮޑުވުން ކުޑަވެ، ތަދަށް ބޮޑު ލުޔެއް ލިބި، ދިރިއުޅުމުގެ އާންމު ކަންކަން ކުރުމަށް ފަސޭހަވެގެންދެއެވެ. މި ފާހަގަކުރެވޭ ނަތީޖާ ހާސިލުކުރެވުނީ އެއްވެސް ބޭހަކާ ނުވަތަ އޮޕަރޭޝަނަކާ ނުލައެވެ.

ކަކުލުގެ ބައްޔަށް “ގެއިޓް ޓްރެއިނިންގް” އަކީ ކޮބާ؟

ގެއިޓް ޓްރެއިނިންގް އަކީ އާދަޔާ ޚިލާފު ނުވަތަ ބީރައްޓެހި ގޮތަކަށް ހިނގަން މަޖުބޫރުކުރުމެއް ނޫނެވެ. މީގެ އަސްލު ބޭނުމަކީ ގިނަ ދުވަސްތަކެއް ވަންދެން ހިނގުމުގައި ހުންނަ ނުބައި އާދަތައް ދެނެގަނެ، އެކަންކަން އިސްލާހުކުރުމެވެ. ކަކުލުގެ މައްސަލަ ހުންނަ ގިނަ މީހުންނަށް ނޭނގި ނަމަވެސް ހިނގާއިރު ހަށިގަނޑުގެ ބަރުދަން ކަކުލުގެ އެތެރެއަށް ބަރުވާ ގޮތަށް ހުރެއެވެ. މީގެ ސަބަބުން ކަކުލުގެ އެތެރޭގެ ހުޅަށް ތަކުރާރުކޮށް ބާރުބޮޑުވެ، ހުޅަށް ލިބިފައިވާ ގެއްލުން އިތުރަށް ގޯސްވެއެވެ.

ފިޒިއޮތެރަޕިސްޓުން މި ތަމްރީނުގެ އެހީގައި މި ބާރުތައް ހަށިގަނޑަށް އެއްވަރަކަށް ބަހާލައިދެއެވެ. ފައި ބަހައްޓާ ގޮތަށް، ނުވަތަ ފިޔަވަޅުގެ ފުޅާމިނަށް ގެންނަ ކުދިކުދި ބަދަލުތަކުގެ ސަބަބުން ރިހުން ހުންނަ ދިމާލަށް ބާރުބޮޑުވުން ކުޑަކޮށްދެއެވެ. ފުރަތަމަ މި ބަދަލުތަކަށް އާދަވާން ކުޑަކޮށް އުނދަގޫވި ނަމަވެސް، މިއީ ހަށިގަނޑުގެ ޤުދުރަތީ ނިޒާމާ އެއްގޮތަށް ބައްޓަންކުރެވޭ ބަދަލުތަކެކެވެ.

ހިނގުމުގެ ވައްޓަފާޅިއާއި ރިހުމާ ހުރި ގުޅުން

ކަކުލުގެ ރިހުމަކީ ހަމައެކަނި ކާޓިލެޖް ހަލާކުވުމެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކު އެތައް ހާސް ފަހަރަކު ހުޅުގެ ތެރެއިން ބަރުދަން ނުވަތަ ބާރު ދަތުރުކުރާ ގޮތާ ގުޅިފައިވާ ކަމެކެވެ. އެއްވަރަކަށް ކަކުލު ހުޅު ހަލާކުވެފައިވާ ދެމީހެއްގެ ތެރެއިން އެކަކަށް އަނެކަކަށްވުރެ ބޮޑަށް ތަދުވަނީ، އެމީހުން ހަރަކާތްތެރިވާ ގޮތުގެ ތަފާތުންނެވެ.

ހަށިގަނޑުގެ ބެލެންސް ނުބައިކޮށް ހުރުމުން ކަކުލަށް ލިބޭ ލޮޅުން ބޮޑުވެ، ދުޅަވުން އިތުރުވެއެވެ. ގެއިޓް ޓްރެއިންގްގެ ސަބަބުން އުނަގަނޑާއި ފަލަމަސްގަނޑުގެ މަސްތަކުން ކަކުލުގެ މަސައްކަތުގައި އެހީތެރިވެދެއެވެ. ކަކުލަށް އެކަނި ކުރަންޖެހޭ މަސައްކަތް ލުއިވުމުން، ރިހުން މަޑުވެގެންދެއެވެ.

މި ތަމްރީނު ކުރިއަށްދާނެ ގޮތް

އާންމު ދިރިއުޅުމުގައި މިކަން ފެށެނީ ފިޒިއޮތެރަޕިސްޓަކު މީހާ ހިނގާ ގޮތް ވަރަށް ގާތުން ބަލައި ދިރާސާކުރުމުންނެވެ. ބައެއް ފަހަރު ވީޑިއޯ ބޭނުންކޮށްގެން ނުވަތަ ހަމައެކަނި ކޮޓަރިއެއްގެ ތެރޭގައި ހިނގާ ގޮތަށް ބަލައިގެން، ކަކުލަށް ބާރުބޮޑުވާ ހިނގުމުގެ އާދަތައް ދެނެގަނެއެވެ.

ގެންނަން ޖެހެނީ ވަރަށް ކުދި ބަދަލުތަކެވެ. މިސާލަކަށް ފިޔަވަޅު ތަންކޮޅެއް ފުޅާކުރުން، ފައި ބަހައްޓާ އޭންގަލަށް ބަދަލެއް ގެނައުން ނުވަތަ ހަށިގަނޑު ތެދަށް ބެހެއްޓުން ފަދަ ކަންކަމެވެ. މި ބަދަލުތައް ތަމްރީނުތަކުގައި ތަކުރާރުކުރުމުން، ދުވަސްކޮޅަކުން އެއީ އާދައިގެ ކަމަކަށް ވެގެންދާނެއެވެ.

ދިރާސާތަކުން ދައްކާ ނަތީޖާ

ދިރާސާތަކުން އެނގޭ ގޮތުގައި، ކަކުލުގެ ހުޅަށް ބާރުބޮޑުވާ މިންވަރު ކުޑަކުރުމުން ތަދު ކުޑަވެ، ހިނގާބިނގާވެ އުޅުމުގެ އިތުބާރު ބޮޑުވެއެވެ. އަދި ހަރަކާތްތެރިވެ އުޅުމަށް ހުންނަ ބިރުވެރިކަން ކުޑަވާކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ތަދަށް އޮންނަ ބިރެއްގެ ސަބަބުން ހަރަކާތްތެރިކަން މަދުވެ، މަސްތައް ބަލިކަށިވެ، ހުޅުތައް އިތުރަށް ހަރުވާ ގޮތް ދިމާވެއެވެ. ގެއިޓް ތަމްރީނުތަކުގެ ސަބަބުން، ހިނގާބިނގާވެ އުޅުމަކީ ރައްކާތެރި ކަމެއްކަން އިޙުސާސްކޮށްދީ، މި ނުބައި ދައުރު މެދުކަނޑާލައެވެ. މީގެ އިތުރުން، ހަށިގަނޑުގެ ބެލެންސް ރަނގަޅުވެ، ވެއްޓޭ މިންވަރު މަދުވެ، ބިރަކާ ނުލައި ހަރަކާތްތެރިވުމުގެ ޤާބިލުކަން ނާރުތަކުގެ ނިޒާމަށް އަލުން ދަސްކޮށްދެއެވެ.

މި ތަމްރީނުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ކާކަށް؟

ގެއިޓް ޓްރެއިނިންގްގެ ފައިދާ އެންމެ ބޮޑަށް ފެންނަނީ ކަކުލުގެ ބަލި ފެށޭ މަރުހަލާގައި ނުވަތަ މެދު މިންވަރަކަށް ހުންނަ މީހުންނަށެވެ. ޚާއްސަކޮށް ހަމައެކަނި ހިނގާއިރު ނުވަތަ ކޮޅަށް ހުންނައިރު ރިހުން އިޙުސާސްވާ މީހުންނަށް މީގެ ނަތީޖާ ރަނގަޅެވެ. އަދި ކަކުލުގެ އުނދަގުލާ ހުރެ ހަރަކާތްތެރިވެ އުޅުމަށް ދަތިވާ މީހުންނަށްވެސް މީގެ އެހީތެރިކަން ލިބެއެވެ.

ކަމާބެހޭ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، މި ތަމްރީނަކީ ކޮންމެ މީހަކަށް ވަކިން، އެމީހެއްގެ ހާލަތަށް ބަލައިގެން ތައްޔާރުކުރެވޭ ތަމްރީނަކަށް ވާންޖެހެއެވެ. މާހިރެއްގެ އިރުޝާދާ ނުލައި ހިނގުމުގެ ވައްޓަފާޅި ބަދަލުކުރުމަކީ، ކަކުލުގެ ބަދަލުގައި ހަށިގަނޑުގެ އެހެން ދިމާލަކަށް ބާރުބޮޑުވެ، އާ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

ކަކުލުގެ ރިހުން ކުޑަކުރުމަށް އާދައިގެ ނަމަވެސް ފައިދާހުރި މަގެއް

ގެއިޓް ޓްރެއިނިންގްއަކީ ބަލި މުޅިން ފަސޭހަކޮށްދޭނެ ކަމުގެ ވަޢުދެއް ނޫނެވެ. އަދި މިއީ ހަލާކުވެފައިވާ ހުޅެއް އޭގެ ކުރީގެ ހާލަތަށް ރުޖޫއަކޮށްދޭނެ ކަމެއްވެސް ނޫނެވެ. ނަމަވެސް، މިއީ ކޮންމެ ދުވަހަކު ކަކުލަށް ކުރާ ބާރު ކުޑަކޮށް، ތަދު ކުޑަ މާހައުލެއްގައި އުޅުމަށް މަގުފަހިކޮށްދޭ، ހަޤީޤީ ނަތީޖާ ފެންނަ ކަމެކެވެ.

ބައެއް ފަހަރު ބައްޔަށް އޮންނަ ހައްލަކީ އިތުރު ފަރުވާތަކެއް ހޯދުމުގެ ބަދަލުގައި، ކޮންމެ ދުވަހަކު ކުރާ އާދައިގެ ކަންކަން ކުރާ ގޮތަށް ބަދަލެއް ގެނައުމެވެ.

ނޯޓް
މި ލިޔުމަކީ ހަމައެކަނި މަޢުލޫމާތު ފެތުރުމުގެ މަޤުސަދުގައި ލިޔެފައިވާ ލިޔުމެކެވެ. މިއީ ސިއްޙީ މާހިރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. އެއްވެސް އާ ފަރުވާއެއް ނުވަތަ ކަސްރަތެއް ފެށުމުގެ ކުރިން ސިއްޙީ އެހީތެރިއެއްގެ މަޝްވަރާ ހޯއްދަވާށެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top