ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ލާމުން ލޯބި – ކޮމެޑީ ކުރު ވާހަކަ

ލާމު އަތޮޅުގެ ބޮޑު މަގުން ދުއްވާފައި ދާއިރު، ދެފަރާތުން ފެންނަން އޮތް ފެހިކަން ގަދަ ގަސްތަކާއި، އިރުގެ ދޯދިތައް ފުރޭނިގެން ބިމަށް އެޅިފައިވާ މަންޒަރަކީ ހިތްގައިމު މަންޒަރެކެވެ. ގަމުގެ މުކުރިމަގު އަވަށުގެ އެންމެ އެތެރޭގައި ހުރި، ދުވަސްވީ، ނަމަވެސް ނަލަ ގެއެއްގެ ބޭރު ޖޯލިފަތީގައި އޮތް އަހުމަދުފުޅު ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ އަތުގައި އޮތީ އޭނާގެ ހަތަރު ދަރިންގެ ފޮޓޯއެކެވެ.

“މަރިޔަނބޫ! ކޮބައިތަ މަގޭ ހޫނު ސައިތަށި؟” އަހުމަދުފުޅު ގޮވައިލިއެވެ.

ބަދިގެތެރެއިން މަރިޔަނބު ނުކުމެގެން އައީ ދުންއަރަރާ ހުރި ހޫނު ސައިތަށްޓަކާއި، ހެދިކާ ތަށިތަކެއް ހިފައިގެންނެވެ. މަރިޔަނބުގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އެއީ މިއަދަކު އިއްޔެއަކު ފެށުނު ކަމެއް ނޫނެވެ. މާލޭގައި ތިބި އެމީހުންގެ ހަތަރު ދަރިން ގެއަށް ނައިސް ގިނަ ދުވަސްތަކެއް ވުމުން، އެ ހުސްކަން އެ މުސްކުޅި ދެމަފިރިންގެ ހިތަށް ވަނީ ބަރުވެފައެވެ.

“އަހުމަދުފުޅާ، މިހާރު ތިން އަހަރުވީ ދޮށީ ދަރިފުޅު ސައީދުވެސް މިކޮޅަށް ނާންނަތާ. ދެން ތިބި ކުދިންވެސް ފޯނުން ގުޅާލުން ފިޔަވައި އިތުރު ކަމެއް ނުކުރޭ،” މަރިޔަނބު ޖޯލީގައި އިށީންނަމުން ބުންޏެވެ.

އަހުމަދުފުޅަކީ އަތޮޅުގެ އިސްމަގާމުތަކެއް ކުރިން ފުރުއްވާފައިވާ، ގޮތްދޫނުކުރާ މިޒާޖެއްގެ މީހެކެވެ. އޭނާ ބޭނުންވަނީ އޭނާގެ އާއިލާއަކީ ރަށުގެ އެންމެ ނަމޫނާ އާއިލާއަށް ހަދާށެވެ. ނަމަވެސް ކަންތައްވީ އޭނާ އުންމީދު ކުރި ގޮތަކަށް ނޫނެވެ.

ދޮށީ ދަރިފުޅު ސައީދަކީ މާލޭގެ ބޮޑު ކުންފުންޏެއްގެ އިސްވެރިއެކެވެ. އޭނާ ހުންނަނީ ބަައްޕަގެ ހަރުކަށި އުސޫލުތަކާ ހެދި ރަށަށް ދާން ބިރުންނެވެ. ދެވަނަ ދަރިފުޅު ޒަޔާން ބޭނުންވަނީ މިއުޒިކީ ދާއިރާއިން ކުރިއަށް ދާށެވެ. ނަމަވެސް އަހުމަދުފުޅު ދެކޭގޮތުގައި އެއީ “ބޭކާރު” ކަމެކެވެ. ތިންވަނަ ދަރިފުޅު ރަޔާން އުޅެނީ މާލޭ ކުއްޖަކާ ރައްޓެހިވެގެންނެވެ. އަދި އެންމެ ހަގު އަންހެން ދަރިފުޅު ފާތުން ހުންނަނީ މާލޭގައި ކިޔަވާށެވެ.

“މިފަހަރު ރަށުގައި ބާއްވާ ބާރަމާލޫދޫ ބޮޑުކޭމަށް އެކުދިން ގެންނަން ޖެހޭނެ. އަހަރެންގެ އަބުރާއި އިއްޒަތް އޮތީ އެކުދިން މިކޮޅަށް އައިސްގެން،” އަހުމަދުފުޅު ހަރުކަށި ރާގަކަށް ބުންޏެވެ.

މަރިޔަނބު ފުން ނޭވާއެއްލިއެވެ. “ދެން ކިހިނެއް އެކުދިން ގެންނާނީ؟ ބުނާ ކޮންމެ ފަހަރަކު ބުނަނީ އޮފީސް ބުރައީއޭ، ޗުއްޓީއެއް ނުލިބެއޭ.”

އަހުމަދުފުޅުގެ ސިކުނޑީގައި ރޭވުމެއް އެނބުރެން ފެށިއެވެ. “އެކުދިން އަންނާނެ އެމީހުންގެ މައިންބަފައިންގެ ދެމެދުގައި ބޮޑު މައްސަލައެއް ޖެހިއްޖެނަމަ. މަރިޔަނބޫ… އަހަރެމެން ޖެހޭނީ ވަރިވާން އުޅޭކަމަށް ހަދާން!”

މަރިޔަނބު ސިއްސައިގެން ދިޔައެވެ. “ސުބުހާނަﷲ! އަހުމަދުފުޅާ ތިއީ ކޮންކަހަލަ ވާހަކައެއް؟ މުސްކުޅިވީ ދުވަހު ތިކަހަލަ ދޮގެއް ހަދާކަށް ނުވާނެ.”

“މިއީ ދޮގެއް ނޫން، މިއީ އެކުދިން ގެންނަން އޮތް ހަމައެކަނި ގޮތް. އެހެން ނޫނީ މި ހިތްގައިމު ގަމުގެ ފަސްގަނޑުގަ އަހަރެމެން މަރުވެގެންދާއިރުވެސް އެކުދިންގެ މޫނެއް ނުފެންނާނެ،” އަހުމަދުފުޅުގެ އަޑުގައި ހުރީ މާޔޫސްކަމެވެ.

މާލޭގެ އުސް އިމާރާތްތަކުގެ ތެރޭގައި ސައީދު ހުރީ އޭނާގެ އޮފީހުގައެވެ. ފޯނު ރިންގުވާން ފެށުމުން ބަލައިލިއިރު އެއީ ރަށުން މަންމަ ގުޅާ ނަންބަރެވެ.

“ކީކޭ މަންމާ؟” ސައީދު އަވަސްއަވަހަށް އެހިއެވެ.

މަރިޔަނބުގެ އަޑު އިވެނީ ރޮމުންނެވެ. (އެއީ އަހުމަދުފުޅު ދަސްކޮށްދީފައިވާ ގޮތެވެ.)

“ދަރިފުޅާ… ސައީދު… ބައްޕަ އެއުޅެނީ މަންމަ ވަރިކުރަން. މިހާރު ގޭގަ ވަރަށް ބޮޑު ހަނގުރާމައެއް ހިނގައިފި. ތި ހަތަރު ކުދިން މިހާރުން މިހާރަށް ރަށަށް ނައިސްފިއްޔާ މި އާއިލާ ރޫޅޭނެ.”

ސައީދުގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. އޭނާ ވަގުތުން ކޮއްކޮމެންނަށް ގުޅައިފިއެވެ. ޒަޔާން އާއި ރަޔާން އަދި ފާތުންނަށް މި ޚަބަރު ލިބުމާއެކު، އެންމެންގެ ހިތަށް ބޮޑު ބިރުވެރިކަމެއް ވަނެވެ.

“ބައްޕައާއި މަންމަ ވަރިވަނީ؟ އެއީ ވާނެ ކަމެއް ނޫން!” ޒަޔާން ހަޅޭއްލަވައިގަތެވެ.

އެންމެން ނިންމީ ހަމަ އެރޭ ލޯންޗެއްގައި ނުވަތަ މަތިންދާބޯޓުން ލާމަށް ދިއުމަށެވެ. ކައްދުއަށް ދާ ފްލައިޓުން ޖާގަ ހޯދައިގެން، ހަތަރު ބެއިން އެކުގައި ފުރިއެވެ.

ކައްދޫ އެއާޕޯޓަށް ބޯޓު ޖެއްސުމާއެކު، ލާމުގެ ތާޒާ ވައިރޯޅިތަކުން އެކުދިންގެ މޫނަށް ދިރުން ލިބުނެވެ. ނަމަވެސް ހިތުގައި އޮތީ ބިރުވެރިކަމެވެ. އެއާޕޯޓުން ނުކުމެ، ގަމާއި ފޮނަދޫ ގުޅުވައިދޭ ލިންކް ރޯޑުން ކާރުގައި ދަތުރުކުރަމުން ދިޔައިރު، މަގުގެ ދެފަރާތުގައި ހުރި ބޮޑެތި ރުއްތަކާއި ގަސްތައް ފެނި ފާތުންގެ ލޮލުން ކަރުނަ ހިލުނެވެ.

“މި ރަށުގެ ރީތިކަން ބަލާލަބަލަ. އަހަރެމެން މާލޭގެ ކޮންކްރީޓް ގަނޑުތެރޭގައި ތިބޭއިރު މިކަހަލަ ހަމަޖެހުމެއް ނުލިބޭ،” ފާތުން މަޑުމަޑުން ބުންޏެވެ.

ގެއާ ހަމައަށް ދެވުމާއެކު، ފެނުނު މަންޒަރަކީ ހިތްދަތި މަންޒަރެކެވެ. އަހުމަދުފުޅު އިނީ ޖޯލީގައި ފުރަގަސްދީގެންނެވެ. މަރިޔަނބު އިނީ ގޭގެ ދޮރުމަތީގައި ކަރުނަ ފޮހޭށެވެ.

“ބައްޕާ! މަންމާ!” ހަތަރު ކުދިން އެކުގައި ގޮވާލިއެވެ.

އަހުމަދުފުޅު އެތެރެއިން ހީނލި ނަމަވެސް، ބޭރުފުށުން ދެއްކީ ރުޅިވެރިކަމެވެ. “ތި އައީ ކީއްކުރަން؟ މިހާރު މިގޭގައި އޮތީ ކޮން އުފަލެއް؟”

މަރިޔަނބު ދުވެފައި ގޮސް ކުދިންގެ ގައިގައި ބައްދާލިއެވެ. “ދަރިފުޅުމެން އައީތީ މަންމަ ވަރަށް އުފާވެއްޖެ. އެކަމަކު ބައްޕަ މިހާރު ބޭނުންވަނީ މަންމަ މިގެއިން ބޭރުކުރަން.”

މި ހިސާބުން ފެށިގެން، ލާމު ގަމުގެ އެ ބޮޑު ގޭގައި އާއިލީ ބޮޑު ޑްރާމާއެއް ފެށުނެވެ. ކުދިން މަސައްކަތް ކުރަމުން ދިޔައީ މައިންބަފައިން ސުލްހަ ކުރުވާށެވެ. ނަމަވެސް އެމީހުންނަށް ނޭނގޭ ކަމަކީ، މިއީ އެންމެން އެކުގައި ވަގުތު ހޭދަކުރުމަށް ބައްޕަ ރޭވި “މަކަރުވެރި” ރޭވުމެއް ކަމެވެ.

ޖެހިގެން އައި ދުވަހު، އަހުމަދުފުޅު އެންގީ ހުރިހާ ކުދިންވެސް އޭނާއާއެކު ދަނޑަށް ދާންޖެހޭނެ ކަމަށެވެ. ގަމަކީ ދަނޑުވެރިކަމަށް މަޝްހޫރު ރަށަކަށް ވުމާއެކު، އަހުމަދުފުޅުގެ ބޮޑު ކައްޓަލަ ދަނޑާއި ކަރާ ދަނޑު ބަލަހައްޓަން އެހީވުމަށް އޭނާ އެދުނެވެ.

“ސައީދު، ތި އޮފީސް ހެދުން ބާލާފަ މި މުންޑު އަންދޭ. މިއަދު ޖެހޭނީ ކަރާ ވަޅުކޮންނަން،” އަހުމަދުފުޅު އަމުރުކުރިއެވެ.

ސައީދު އާޝޯޚުވިއެވެ. “ބައްޕާ، އަހަރެން މިއީ ކުންފުންޏެއްގެ މެނޭޖަރެއް. އަހަރެން ކިހިނެއް ކަރާ ވަޅުކޮންނާނީ؟”

“މި ރަށުގައި ތިއީ އަހަރެންގެ ދަރިއެއް. މެނޭޖަރެއް ނޫން،” ބައްޕަގެ ޖަވާބު ކުރެވެ.

ޒަޔާން އާއި ރަޔާންވެސް މަސައްކަތަށް ނުކުތެވެ. އަވިގަނޑުގައި މަސައްކަތް ކުރަމުން ދިޔައިރު، އެކުދިންނަށް އިހުސާސް ކުރެވެން ފެށީ ބައްޕަގެ ބުރަ މަސައްކަތެވެ. އަދި އެކުދިންނަށް ކިޔަވައިދީ، މިއަދު ތިބި މަގާމަށް ގެންގޮސްދިނުމަށް ބައްޕަ އުފުލި ތަކުލީފެވެ.

މެންދުރުގެ ކެއުން އޮތީ ދަނޑުމަތީގައި ހުރި އޮޅު އަށިމަތީގައެވެ. މަރިޔަނބު ގެނައި މަސްފެނާއި، ބަތާއި، ގަމުގެ މަޝްހޫރު އޮޅުއަލައިން ހަދާފައިވާ ފޮނިކާތަކެތި ކަމުން ދިޔައިރު، އާއިލާގެ ތެރޭގައި ކުރީގެ ހިނިތުންވުންތައް ފެންނަން ފެށިއެވެ.

ނަމަވެސް، މައްސަލަ އުފެދުނީ ރަޔާން އޭނާގެ މާލޭގެ ލޯބިވެރިޔާގެ ވާހަކަ ދެއްކުމުންނެވެ.

“ބައްޕާ، އަހަރެން ބޭނުންވަނީ ޝިފާ އާ ކައިވެނީގެ ކަންތައް ނިންމަން،” ރަޔާން މަޑުމަޑުން ބުންޏެވެ.

އަހުމަދުފުޅުގެ މޫނު ކަޅުވިއެވެ. “ކޮން ޝިފާއެއް؟ އަހަރެން ބުނީމެއްނު މި ރަށު ކުއްޖަކާ ނޫނީ ކައިވެނި ނުކުރެވޭނެއޭ. އަހަރެމެންގެ އާދަކާދަ ނޭނގޭ މީހަކު މިގެއަކަށް ނާދެވޭނެ.”

މި ހިސާބުން އަނެއްކާވެސް ބަހުގެ ހަމަލާތައް ފެށުނެވެ. ޒަޔާން އޭނާގެ މިއުޒިކް ކެރިއަރުގެ ވާހަކަ ދެއްކުމުން، އަހުމަދުފުޅު އެކަމަށް ފުރައްސާރަ ކުރިއެވެ. އާއިލާގެ ތެރޭގައި އޮތް ބޮޑު ގުޅުން ކެނޑިފައިވާ މިންވަރު މި ބަހުސްތަކުން ހާމަވިއެވެ.

ގަމުގެ ބޮޑު މަގުން ދުއްވާފައި ގޮސް، ފޮނަދޫއާ ގުޅިފައިވާ ކޯޒްވޭގެ މައްޗަށް އެރިއިރު، އިރު އޮއްސެމުންދިޔަ މަންޒަރު ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. އަހުމަދުފުޅު ނިންމީ ހުރިހާ ކުދިން ގޮވައިގެން ފޮނަދޫއަށް ބުރުޖަހާލަން ދާށެވެ. މިއީ އޭނާގެ “މަކަރުވެރި” ރޭވުމުގެ ބައެކެވެ. އޭނާ ބޭނުންވަނީ އާއިލާގެ އެއްބައިވަންތަކަން އާލާކުރުމެވެ.

“ބަލާބަލަ، މި ކޯޒްވޭއިން ދާއިރު ފެންނަ ނޫކުލައިގެ ކަނޑާއި، ދެފަރާތުގެ ގުދުރަތީ ރީތިކަން. މާލޭގައި މިކަހަލަ ހަމަޖެހުމެއް ލިބޭނެތަ؟” އަހުމަދުފުޅު ކާރު ދުއްވަން އިނދެ އުފަލުން ބުންޏެވެ.

ނަމަވެސް ކާރުގެ ފަހަތު ސީޓުގައި ތިބި ސައީދާއި ޒަޔާން ތިބީ ފޯނަށް ގެއްލިފައެވެ. ސައީދު އުޅެނީ އޮފީހުގެ މެއިލްތަކަށް ޖަވާބު ދިނުމުގައެވެ. ޒަޔާން އިނީ އޭނާގެ އާ ލަވައިގެ ރާގުތަކެއް ހެޑްފޯނުން އަޑުއަހާށެވެ. ރަޔާން އިނީ ޝިފާއަށް މެސެޖު ކުރުމުގައެވެ. ފާތުން އިނީ ބޭރު ބަލާށެވެ.

“ކަލޭމެން ތި ފޯނުތަކާ ދުރަށް ޖެހިބަލަ!” އަހުމަދުފުޅު ކުއްލިއަކަށް ހަޅޭއްލަވައިގަތެވެ. “މަ ބޭނުމީ ކަލޭމެންނާ ވާހަކަދައްކަން. މަށާއި މަންމަ ވަރިވާން މިއުޅެނީ ކަލޭމެންގެ ސަބަބުންނޭ ބުނެފީމެއްނު.”

މަރިޔަނބު ކައިރީގައި އިނދެފައި ދޮގު ހަދަން ޖެހުމުން އިސްދަށަށް ޖަހާލިއެވެ. “އާނ ދަރިފުޅުމެންނޭ… ބައްޕަ އެބުނީ ތެދެއް. ބައްޕަ ބޭނުންވަނީ ތިކުދިން މިކޮޅުގައި ވަޒީފާ އަދާކުރަން. މާލެއަކީ އުޅެން ހެޔޮވާވަރުގެ ތަނެއް ނޫން.”

ސައީދު ފޯނު ބޭއްވިއެވެ. “މަންމާ، ބައްޕާ. އަހަރެމެންނަށް އެނގޭ ތިޔަ ބުނާ އެއްޗެއް. އެކަމަކު އަހަރެމެންގެ ދިރިއުޅުން މިހާރު އޮތީ މާލޭގަ. އަހަރެންގެ ވަޒީފާ، ޒަޔާންގެ މިއުޒިކް، ރަޔާންގެ ލޯބިވެރިޔާ… މި ހުރިހާ ކަމެއް ދޫކޮށްލާފައި ކިހިނެއް މިކޮޅަށް އަންނާނީ؟”

އަހުމަދުފުޅުގެ ރުޅިގަދަވިއެވެ. “މިއުޒިކޭ؟ ކޮން މިއުޒިކެއް؟ ލަވަކިޔައިގެންތަ މީހުން އުޅެނީ؟ ކަލޭ ޖެހޭނީ އަތޮޅު ކައުންސިލަށް ވަންނަން. މަށަށް އެނގޭ އެތަނުން ކަލެއަށް ވަޒީފާ ހޯދައިދޭން.”

ޒަޔާންގެ ކެތްތެރިކަން ކޮޅުންލިއެވެ. “ބައްޕާ! ބައްޕަ އަބަދުވެސް ބޭނުންވަނީ ބައްޕަ ބޭނުންވާ ގޮތަށް ކަންތައް ކުރަން. އަހަރެމެންގެ އަމިއްލަ ހުވަފެންތަކެއް ނޯންނާނެތަ؟ އަހަރެން މިއުޒިކް ކުޅެނީ އެކަމަށް ލޯބިވާތީ.”

ބަހުސް ހޫނުވެގެން ދިޔައީ ފޮނަދޫގެ މަގުތަކުން ދުއްވަމުން ދިޔައިރުއެވެ. އެވަގުތު ކުއްލިއަކަށް އަހުމަދުފުޅުގެ ފޯނަށް ކޯލެއް އައެވެ. އެއީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ، ކައުންސިލްގެ ރައީސް އިބްރާހީމް އެވެ.

“އަހުމަދުފުޅާ! ކޮބައިތަ ކުދިން؟ މިރޭގެ ޖާފަތަށް ތައްޔާރުތަ؟” އިބްރާހީމްގެ އަޑު ކާރުގެ ބްލޫޓޫތު ސްޕީކަރުން މުޅި ކާރަށް އިވުނެވެ.

އަހުމަދުފުޅު އަވަސްއަވަހަށް ފޯނު ކަނޑާލަން އުޅުނެވެ. ނަމަވެސް އިބްރާހީމް ކުރިއަށް ގެންދިޔައެވެ. “އަދި އެކުދިން ކައިރީގައި ބުނިންތަ ވަރިވާން އުޅޭ ވާހަކަ؟ ހެހެ… ކަލޭ ތިއީ ހާދަ މޮޅު އެކްޓަރެކޭ.”

މުޅި ކާރުތެރެއަށް ހިމޭންކަން ވެރިވިއެވެ. ސައީދު، ޒަޔާން، ރަޔާން އަދި ފާތުން އެކަކު އަނެކަކަށް ބަލައިލިއެވެ. މަރިޔަނބު ދެލޯ މަރާލިއެވެ. އަހުމަދުފުޅުގެ މޫނު ރަތްވިއެވެ.

“ބައްޕާ…؟” ސައީދު މަޑުމަޑުން ގޮވާލިއެވެ. “މިހާރު މި އިވުނީ ކޮން ވާހަކައެއް؟”

އަހުމަދުފުޅު އިސްދަށަށް ޖަހާލައިގެން އިނެވެ. އޭނާއަށް ދެން ހަދާނެ ދޮގެއް ނޭނގުނެވެ.

“އަހަރެމެން މާލޭގައި ކުރަން ހުރި ހުރިހާ މަސައްކަތެއް ދޫކޮށްލާފަ، ކަންބޮޑުވެގެން އަވަސްއަރުވާލާފަ މި އައީ ބައްޕައާއި މަންމަ ވަރިވާން އުޅޭތީ،” ރަޔާން ރުޅިއައިސްގެން ބުންޏެވެ. “އެކަމަކު މިއީ ހުސް ‘ޑްރާމާ’ ތަ؟”

ޒަޔާން ކާރުގެ ދޮރު ހުޅުވާލިއެވެ. “މަށަށް އޭރުވެސް އެނގޭ ބައްޕަ މިކަހަލަ ކަމެއް ކޮށްފާނެކަން. ބައްޕަ ބޭނުންވަނީ އަހަރެމެން ކޮންޓްރޯލް ކުރަން.”

އެންމެން ކާރުން ފޭބިއެވެ. އެއީ ފޮނަދޫގެ ހާބަރާ ދިމާލެވެ. ރާޅުޖަހާ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ.

“އާނ! މިއީ ދޮގެއް!” އަހުމަދުފުޅު ބާރަށް ބުންޏެވެ. “އެކަމަކު މަ ބޭނުންވީ ކަލޭމެން އެކުގައި މިގެއަށް ގެންނަން. ކަލޭމެންނަށް އެނގޭތަ މަށާއި މަންމަ ތިބޭ ހާލު؟މި ބޮޑު ގޭގައި ދެ މުސްކުޅިން އެކަނި ތިބޭއިރު، އަހަރެމެންނަށް އިހުސާސްވާ ފަޅުކަން ކަލޭމެންނަށް އިހުސާސްވޭތަ؟”

މަރިޔަނބު ރޮމުން ބުންޏެވެ. “ދަރިފުޅުމެންނޭ، ބައްޕަ އެކުރީ ރަނގަޅު ކަމެއް ނޫންކަން އެނގޭ. އެކަމަކު ބައްޕަގެ ހިތުގައި އޮތީ ތިޔަ ކުދިންދެކެ އޮތް ލޯބި. އަހަރެމެން ބޭނުންވަނީ އާއިލާ އެކުގައި އުޅެން.”

ސައީދު އޭނާގެ ބައްޕައާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “ބައްޕާ، ލޯބިން ކަމެއް ކުރަން ބޭނުންނަމަ ޖެހޭނީ ވާހަކަދައްކަން. މަޖުބޫރުކޮށްގެން، ދޮގު ހަދައިގެން މީހުން ގާތް ކުރެވިދާނެ، އެކަމަކު ހިތެއް ހޯދައެއް ނުގަނެވޭނެ.”

އެރޭ ހަތަރު ބެއިން ނިންމީ ވަގުތުން މާލެ ދިއުމަށެވެ. އެމީހުން ބޭނުންވީ ބައްޕަ ދިން “ލަނޑަށް” ރައްދު ދިނުމަށެވެ. އަހުމަދުފުޅުގެ ރޭވުން މުޅިން ފެއިލްވީއެވެ.

ހަތަރު ބެއިން ލޯންޗެއް ކުއްޔަށް ހިފައިގެން މާލެ ދިއުމަށް ކައްދުއަށް ދިޔައެވެ. ނަމަވެސް އެވަގުތު މޫސުން ގޯސްވާން ފެށިއެވެ. ލާމު އަތޮޅަށް ބޯކޮށް ވާރޭވެހި، ގަދަވަޔާއެކު ކަނޑު ގަދަވިއެވެ.

“މިރޭ ފުރޭކަށް ނެތް. މޫސުން ވަރަށް ގޯސް،” ލޯންޗުގެ ކެޕްޓަން ބުންޏެވެ.

އެމީހުންނަށް މަޖުބޫރުވީ އެނބުރި ގެއަށް ދާށެވެ. ގެއަށް ދިޔައިރު ގޭތެރެ އޮތީ އަނދިރިކޮށެވެ. ބައްޕައާއި މަންމަ ތިބީ ކޮޓަރީގައެވެ.

އެރޭގެ ބާކީ ބައިގައި ހަތަރު ބެއިން ސިޓިންގ ރޫމުގައި ތިބެގެން ވާހަކަދެއްކިއެވެ. އެމީހުންގެ ކުޑައިރުގެ ހަނދާންތައް އާކުރިއެވެ. ގަމުގެ ވަލުތެރެއަށް ކަނަމަދު ހޮވަން ދިޔަ ދުވަސްތަކާއި، ރަށުގެ ގޮނޑުދޮށުގައި ފުޓްބޯޅަ ކުޅުނު ހަނދާންތަކެވެ.

“އަސްލު ބައްޕަގެ ގޮތް ހުންނަ ގޮތުން އަހަރެމެންނަށް ދުރަށް ދެވުނީ،” ފާތުން ބުންޏެވެ. “އެކަމަކު މި ރަށަށް އައީމާ އަހަރެންގެ ހިތަށް ލިބޭ އުފާވެރިކަން މާލެއަކުން ނުލިބޭ.”

ކުއްލިއަކަށް ބަދިގެ ތެރެއިން ބާރު އަޑެއް އިވުނެވެ. އެންމެން ދުވެފައި ދިޔައިރު، މަރިޔަނބު އޮތީ ބިމަށް ވެއްޓިފައެވެ. އަހުމަދުފުޅު އޭނާގެ ކައިރީގައި ރޯން އިނެވެ.

“މަރިޔަނބޫ! މަރިޔަނބޫ! ހޭލަބަލަ!” އަހުމަދުފުޅު ގޮވަމުން ދިޔައެވެ.

އެންމެން ހާސްވިއެވެ. މިއީވެސް ބައްޕަގެ އިތުރު ރޭވުމެއް ބާވައެވެ؟ ނޫނީ މިއީ ހަމަ ހަގީގަތް ބާވައެވެ؟

މަރިޔަނބު ހޮސްޕިޓަލަށް ގެންދެވުނެވެ. ގަމުގެ ރީޖަނަލް ހޮސްޕިޓަލުގައި ޓެސްޓުތައް ހެދުމަށްފަހު ޑޮކްޓަރު ބުނުއްވީ، މަރިޔަނބުގެ ހިތުގެ މައްސަލައެއް ހުރި ކަމަށާއި، އޭނާއަށް މާ ބޮޑަށް ފިކުރު ބޮޑުވުމުގެ ސަބަބުން “ޕެނިކް އެޓޭކެއް” ޖެހުނީ ކަމަށެވެ.

“އަހުމަދުފުޅާ، މަރިޔަނބު ވަރަށް ބޮޑަށް ދެރަވެފައި ހުރީ. އޭނާ ބުނި ކުދިންނަށް ދޮގު ހެދުމުން އޭނާގެ ހިތަށް ވަރަށް ތަދުވިއޭ،” ޑޮކްޓަރު ބުންޏެވެ.

އަހުމަދުފުޅު އިސްދަށަށް ޖަހާލިއެވެ. އޭނާގެ “މޮޅު ރޭވުން” އޭނާގެ އަންހެނުން ބަލި އެނދަށް ވައްޓާލައިފިއެވެ. އޭނާ ކުދިންގެ ގާތަށް ގޮސް މާފަށް އެދުނެވެ.

“ދަރިފުޅުމެންނޭ… ބައްޕައަށް މާފުކުރޭ. ބައްޕަ ބޭނުންވީ ހަމައެކަނި ކަލޭމެން ފެންނަ ހިސާބުގައި ބައިތިއްބަން. އެކަމަކު ބައްޕައަށް ކުރެވުނީ ވަރަށް ގޯސް ކަމެއް.” އަހުމަދުފުޅުގެ ލޮލުން ފުރަތަމަ ފަހަރަށް ކަރުނަ ފޭދުނެވެ.

ސައީދު ބައްޕަގެ އަތުގައި ހިފާލިއެވެ. “ބައްޕާ، އަހަރެމެންނަށް މިހާރު ވިސްނިއްޖެ. ބައްޕަގެ ގޮތްދޫނުކުރުމާއި ހަރުކަށިކަމުގެ ފަހަތުގައި އޮތީ އަހަރެމެންދެކެވާ ލޯބިކަން.”

މި ހާދިސާއަށްފަހު، އާއިލާގެ މެދުގައި އޮތް ފާރު ނެތިގެން ދިޔައެވެ. އެމީހުން ހަގީގީ މާނައިގައި ވާހަކަދައްކަން ފެށިއެވެ.

ހަފުތާއެއް ފަސް…..

މަރިޔަނބު ބަލިކޮށް އުޅެފައި ރަނގަޅުވިއެވެ. ރަށުގައި އޮތް ބާރަ މާލޫދު ބޮޑުކޭން ހަފްލާއަށް މުޅި އާއިލާ ތައްޔާރުވިއެވެ. މިއީ ލާމު އަތޮޅުގެ ސަގާފީ ބޮޑު ކެއުމެކެވެ.

އަހުމަދުފުޅުގެ ގޭގެ ގޯތިތެރޭގައި ބޮޑު މޭޒުތައް ޖެހުނެވެ. ރަށުގެ ގިނަ ބަޔަކު އެއްވިއެވެ. ސައީދު މުންޑު އަނދެގެން މީހުންނަށް ކެއުން ބަހަން އުޅުނެވެ. ޒަޔާން އޭނާގެ ގިޓާ ހިފައިގެން އައިސް، ރަށުގެ ކުދިންނާއެކު ދިވެހިވަންތަ ރާގުތަކެއް ކުޅެން ފެށިއެވެ. އަހުމަދުފުޅު އެކަމަށް ހުރަހެއް ނާޅައެވެ. އޭނާ އިނީ ފަޚުރުވެރިކަމާއެކު ބަލާށެވެ.

ރަޔާން އޭނާގެ ލޯބިވެރިޔާ ޝިފާ ރަށަށް ގެނައެވެ. އަހުމަދުފުޅު ޝިފާއާ ވާހަކަދައްކައި، އޭނާއަކީ ރަނގަޅު އަޚްލާގެއްގެ ކުއްޖެއްކަން އެނގުމުން، އެ ކައިވެންޏަށް އުފަލާއެކު އެއްބަސްވިއެވެ.

ފާތުން ނިންމީ އޭނާގެ ކިޔެވުން ނިމުމުން ގަމުގެ ސްކޫލެއްގައި ވަޒީފާ އަދާކުރާށެވެ.

“މިއަދު އަހަރެންގެ ހިތް ފުރިއްޖެ،” އަހުމަދުފުޅު މަރިޔަނބުގެ އަތުގައި ހިފާލަމުން ބުންޏެވެ. “އަހަރެމެންގެ ކުދިން އަހަރެމެންނާ ދުރަކަށް ނުދާނެ. އެމީހުންގެ ހިތް އޮތީ މި ފަސްގަނޑުގަ.”

ލާމު ގަމުގެ އުޑުމަތިން ފެންނަ ތަރިތައް މިއަދު މާ ބޮޑަށް އުންމީދުން ފުރިފައިވާ ކަހަލައެވެ. އާއިލާއަކީ ހަމައެކަނި އެކުގައި އުޅޭ ބައެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް އިހުތިރާމްކޮށް، އެކަކު އަނެކެއްގެ ހުވަފެންތަކަށް ފުރުސަތުދޭ ބައެކެވެ.

ލާމުގެ އުންމީދަކީ އެނބުރި އައުމެވެ. އެއީ ހަމައެކަނި ރަށަށް އެނބުރި އައުމެއް ނޫނެވެ. އެއީ އެކަކު އަނެކެއްގެ ހިތަށް އެނބުރި އައުމެވެ. ލާމުން ލޯބިި ލިބޭނެކަން އެންމެނަށްވެސް އެނގެއެވެ.

ނިމުނީ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top