ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން ލީޑް ރޯލުން ފެންނަ ކްރައިމް ފިލްމު “ކަރްތަވްޔާ” އަންނަ މެއި މަހުގެ 15 ވަނަ ދުވަހު ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ނަމަވެސް، މި ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް ފިލްމު އުފައްދާ ފަރާތުން ރަސްމީކޮށް އަދި އިޢުލާނެއް ނުކުރެއެވެ.
މި ފިލްމަކީ ނެޓްފްލިކްސް އިންޑިއާގެ 2026 ވަނަ އަހަރުގެ ކޮންޓެންޓް ލައިނަޕްގައި ހިމެނޭ އެންމެ އުންމީދީ އެއް މަޝްރޫއެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަދި ސްކްރީން ރައިޓަރަކީ ޕުލްކިތު އެވެ. އަދި މިއީ ޝާހްރުކް ޚާންގެ ފިލްމު ކުންފުނި “ރެޑް ޗިލީޒް އެންޓަޓައިންމަންޓް” އިން ގޯރީ ޚާން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
“ކަރްތަވްޔާ” ގެ މުހިންމު ރޯލުތަކުން ސައިފްގެ އިތުރުން ރަސިކާ ދުގަލް، ސަންޖޭ މިޝްރާ، ޒާކިރު ހުސައިން އަދި މަނީޝް ޗައުދަރީ ފެނިގެންދާނެއެވެ. މީގެ އިތުރުން، އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ސޯރަބް ދިވޭދީ އެކްޓަރެއްގެ ގޮތުގައި މި ފިލްމުން އަލަށް ފެނިގެންދާނެތީ ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ފިލްމަށް ހުއްޓިފައެވެ.
މިއީ “ސެކްރެޑް ގޭމްސް” ގައި އިންސްޕެކްޓަރު ސަރްތާޖް ސިންގްގެ ރޯލުން ފެނުނު ފަހުން، ސައިފް އަލީ ޚާން ނެޓްފްލިކްސްގެ ކްރައިމް ފިލްމަކުން ފެންނަ ދެވަނަ ފަހަރެވެ. މި ފިލްމުގެ އިތުރުން، އިންޑިއާގެ ފުރަތަމަ އާންމު އިންތިޚާބަށް ބިނާކޮށް ރާހުލް ދޮލާކިއާ ޑައިރެކްޓްކުރާ “ހަމް ހިންދުސްތާނީ” ކިޔާ އިތުރު ފިލްމެއްގެ މަސައްކަތް ވެސް ސައިފް އަންނަނީ ނެޓްފްލިކްސްއާ ގުޅިގެން ކުރަމުންނެވެ.
ފިލްމު ރިލީޒްކުރާނެ ދުވަހެއްގެ ރަސްމީ އިޢުލާނަކަށް ސައިފްގެ ފޭނުން މިހާރު ތިބީ ކެތްމަދުވެފައެވެ.
