ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ އާ ސުޕަހީރޯ ފިލްމުގެ ޝޫޓިން އޮކްޓޫބަރު 2026 ގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި “ދަ ފެމިލީ މޭން”ގެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ޑައިރެކްޓުކުރާ މި ފިލްމު ޕްރޮޑިއުސް ކުރަނީ އަތުލް އަގްނިހޯތުރީއެވެ. ބޮޑު ބަޖެޓެއްގައި ހައި ކޮންސެޕްޓް އެކްޝަން ފިލްމެއްގެ ގޮތުގައި ސިފަކޮށްފައިވާ މި ފިލްމުގައި ސްޓޫޑިއޯ ޕާޓްނަރެއްގެ ގޮތުގައި މިތުރީ މޫވީ މޭކާސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ފިލްމުގެ ނަމެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.
މި ޕްރޮޖެކްޓާ ގާތް ފަރާތަކުން ބުނީ “މިއީ ބައިނަލްއަގުވާމީ ބެލުންތެރިންނަށް އަމާޒުކޮށްގެން ހަދާ ބޮޑު ބަޖެޓުގެ ސުޕަހީރޯ ފިލްމެއް. ޕްރީ ވިޝުއަލައިޒޭޝަން އާއި ތައްޔާރީ މަސައްކަތް ނިމުނުހާ އަވަހަކަށް، އޮކްޓޫބަރު 2026 ގައި ޝޫޓިން ފެށުމަށް ޓީމުން އަމާޒު ހިފާފައިވާ” ކަމަށެވެ. މީގެ އިތުރުން، ސަމާންތާ ރުތު ޕްރަބޫ މި ފިލްމުގައި ބައިވެރިވާ ކަމަށް ދެކެވުނު ވާހަކަތައް ދޮގުކޮށް، “ސަމާންތާ ކާސްޓު ކުރި ކަމުގެ ރިޕޯޓުތަކަކީ މުޅިން ދޮގު ވާހަކަތަކެއް. ފީމެއިލް ލީޑް ކުރިއަށް އޮތް ދެ މަސް ތެރޭ ފައިނަލް ކުރާނެ” ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
ސަލްމާން ޚާންގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު، ވޯ އެކްޝަން ފިލްމެއް ކަމަށްވާ “މާތުރުބޫމީ: މެއި ވޯ ރެސްޓް އިން ޕީސް” އޮގަސްޓް 14، 2026 ގައި ރިލީޒް ކުރާ އިރު، ވަމްޝީ ޕައިޑިޕައްލީ ޑައިރެކްޓުކުރާ އެކްޝަން ފިލްމެއް 2027 ވަނަ އަހަރުގެ އީދުގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
