ޕާކިސްތާނުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ފަރުހާން ސައީދު އާއި ސަނާ ޖާވިދު އެކުގައި ފެނިގެންދާ އާ ޑްރާމާ ސިލްސިލާ “ބަސް ތެރާ ސާތު ހޯ” ދައްކަން ފަށައިފިއެވެ.
“ބަސް ތެރާ ސާތު ހޯ” ގެ ވާހަކަ ބިނާވެފައިވަނީ އަނަސް ނަމަކަށް ކިޔާ ޒުވާނެއްގެ ދިރިއުޅުމުގެ މައްޗަށެވެ. އަނަސްއަކީ އަމިއްލަ އުފާތަކަށްވުރެ އާއިލާގެ މަސްއޫލިއްޔަތުތަކަށް އިސްކަންދޭ، ނަމަވެސް އޭނާގެ އިޙުސާސްތަކަށް އެއްވެސް މީހަކު އަޅާނުލާ މީހެކެވެ. މި ސަބަބަށްޓަކައި އޭނާ ސިފަކުރެވެނީ “މޭލް ސިންޑްރެއްލާ” އެއްގެ ގޮތުގައެވެ.
އަދި ސަނާ ފެނިގެންދާނީ އަންސާ ނަމަކަށް ކިޔާ ބަސްމަގު ގޯސް، ބޮޑާ މިޒާޖެއްގެ މީހެއްގެ ރޯލުންނެވެ. އަންސާ އާއި އޭނާގެ ބޭބެ ބޭނުންކުރާ ދެރަ ބަސްތަކުގެ ސަބަބުން އަނަސްގެ އިއްޒަތަށް އަސަރުކޮށް، އޭނާ ނަފުސާނީ ގޮތުން ކުރާ ތަޖުރިބާތައް މި ޑްރާމާގައި ވަރަށް އަސަރުގަދަކޮށް ދައްކުވައިދޭނެއެވެ.
ފަރުހާން އާއި ސަނާގެ އިތުރުން ޒޯޔާ ނާސިރު، ސަބާ ހަމީދު، ސަލްމާން ޝާހިދު، ފަރާން ތާހިރު، ޝަގުފްތާ އީޖާޒް، ހާރިސް ވަހީދު، ރިޒްވާން ޢަލީ ޖައުފަރީ، ޓިޕޫ ޝަރީފް، އާލިޔާ ޢަލީ އަދި ސައްޔިދު މުޙައްމަދު އަޙްމަދު ފަދަ މަޝްހޫރު ގިނަ ތަރިންތަކެއް މުހިންމު ރޯލުތަކަކުން މި ޑްރާމާގައި ފެނިގެންދާނެއެވެ.
“ބަސް ތެރާ ސާތު ހޯ” އަކީ ކުރީގެ މަޝްހޫރު ލިޔުންތެރިޔާ ސާއިރާ ރަޒާގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ޑްރާމާއެކެވެ. ސިކްސް ސިގްމާ ޕްލަސް އަދި ނެކްސްޓް ލެވެލް އެންޓަޓެއިންމަންޓްގެ ކުޑައިގެ ދަށުން ހުމަޔުން ސައީދު، ސަމީނާ ހުމަޔުން ސައީދު، ސަނާ ޝާހްނަވާޒް އަދި ނަދީމް ބައިގް ގުޅިގެން ޕްރޮޑިއުސްކުރާ ޑްރާމާއެކެވެ. ޑައިރެކްޓްކުރީ ޤާސިމް ޢަލީ މުރީދެވެ.
ރޭގައި ޕާކިސްތާން ޗެނަލް އޭއާރްވައި ޑިޖިޓަލްއިން “ބަސް ތެރާ ސާތު ހޯ” ދައްކަން ފެށިއިރު، އެޕިސޯޑްތައް ދައްކަން ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ އަދި އަންގާރަ ދުވަހުގެ ރޭ ގަޑިން 8:00 ގައެވެ. މީގެ އިތުރުން އޭއާރްވައި ޑިޖިޓަލްގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
