ޕާކިސްތާނުގެ މަޝްހޫރު ޓީވީ ޗެނަލް، އޭއާރްވައި ޑިޖިޓަލްއިން ގެނެސްދޭ އާ ޑްރާމާ ސިލްސިލާ “ހޭ ފޭމް” ދައްކަން ފަށައިފިއެވެ. މި ޑްރާމާގެ ފުރަތަމަ އެޕިސޯޑް ދައްކާފައިވަނީ މިރޭ (16 ސެޕްޓެމްބަރުގަ) އެވެ.
މި ޑްރާމާގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ ސީރަތުގެ ރޯލުން ދުޢާ ޒަހްރާ، ފައިޒާން މުސްތަޤީމްގެ ރޯލުން ޒަވިޔާރު އިޢުޖާޒް އަދި އައްޔާންގެ ރޯލުން ޒައްރާރު ޚާން އެވެ. މީގެ އިތުރުން ޕާކިސްތާނު ޑްރާމާ އިންޑަސްޓްރީގެ ތަޖުރިބާކާރު އަދި މަޤުބޫލު ތަރިން ކަމަށްވާ ފައިސަލް ޤުރައިޝީ، ނައުމާން މަސްޢޫދު، ނާދިއާ އަފްގާން، މަޝާލް ޚާން އަދި ހަލީމާ އަލީ ވެސް މި ޑްރާމާގެ މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.
“ހޭ ފޭމް” ގެ ވާހަކަ ބިނާވެފައިވަނީ މިހާރުގެ ޒުވާން ޖީލު ނުވަތަ “ޖެން-ޒީ”ގެ ސަގާފަތާއި، ސޯޝަލް މީޑިއާ އަދި އާންމުންގެ މަޝްހޫރުކަމުގެ ތެރޭގައި ދިރިއުޅުން ވޭތުކުރުމުން ދިމާވާ ތަފާތު ކަންކަމުގެ މައްޗަށެވެ. ވާހަކަ ފެށިގެންދަނީ އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ އަންހެން ކުއްޖެއް ކަމަށްވާ ސީރަތު (ދުޢާ ޒަހްރާ)، ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއަކާ ގުޅިގެން ކުއްލިއަކަށް މަޝްހޫރުވެ، އޭނާގެ ދިރިއުޅުމަށް އަންނަ ބަދަލުތަކުންނެވެ. މި މަޤުބޫލުކަމާއެކު ލިބޭ ފުރުސަތުތަކުގެ ތެރޭގައި ވެސް އޭނާގެ އަސްލު ސިފަތައް ހިފެހެއްޓުމަށް މަސައްކަތްކުރެއެވެ.
ޑްރާމާގެ ތެރެއިން ސީރަތުގެ ބައްދަލުވުންތައް ހިނގަނީ ބާރުގަދަ ބޭސް އުފައްދާ ކުންފުންޏެއްގެ ކަންކަން ތަހުޤީޤުކުރަމުންދާ އަޚްލާޤީ ހަމަތައް ހިފަހައްޓާ ނޫސްވެރިއެއް ކަމަށްވާ ފައިޒާން (ޒަވިޔާރު އިޢުޖާޒް) އާއި، ޑިޖިޓަލް ދުނިޔެއަށް ސީރަތަށް މަރުޙަބާ ކިޔާ ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ އައްޔާން (ޒައްރާރު ޚާން) އާއެވެ.
އައިޑްރީމް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށް، އަވައިސް އަޙްމަދުގެ ވާހަކައަކަށް ޒީޝާން އަންސާރީ ޑައިރެކްޓްކޮށްފައިވާ މި ޑްރާމާ ސިލްސިލާ ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00 ގައި އޭއާރްވައި ޑިޖިޓަލް ޗެނަލުންނެވެ. މީގެ އިތުރުން އޭއާރްވައި ޑިޖިޓަލްގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
