ވަޖުދީ މަޑުކުރީ މީގެ ދެމަހެއްހާ ދުވަސްކުރިން ނިޔާވި އައިމިނަގެ މަހާނަ ކައިރިއަށެވެ. އައިމިނަ އަކީ ސުވައިލާގެ މަންމަ އެވެ.
ކަންކުރަންވީ ގޮތް ވަޖުދީ ކުރިން ވެސް ކިޔައިދީފައިވާތީ ވާންވީ ކީއްކަން އަސީލަށް އެނގެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ސުވައިލާ ހާސިލުކުރަން ބޭނުންވެފައި ހުރި އަސީލް އެކަމަށް އަވަސްވެގަތެވެ. ގެންފައިވާ ބިރާއި ކުރިމަތިވެފައިވާ ނުތަނަވަސްކަން، ސުވައިލާ ހިތް މައްޗަށް ގެނެސް އެއްފަރާތް ކޮށްލިއެވެ.
މަހާނަމަތި ކޮނުމުގައި ވަޖުދީ ވެސް ކޮންމެވެސް ވަރަކަށް ބައިވެރިވިއެވެ. މުޅި ހިސާބަށް ވެރިވެގެން ދިޔައީ ހުދުކާފޫރު ވަހެވެ. ވަޖުދީގެ ކިބައިން ހިތްހަމަޖެހުން ފާޅުވިއިރު އަސީލް އިނީ ހުއްޓުން އަރާފައެވެ. ދެން ވާނީ ކިހިނެއްބާއޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. މީހަކަށް ފެނިދާނެކަމުގެ ކަންބޮޑުވުން ވެސް އޭނާގެ އޮތެވެ.
މޫސުން ގޯސްވީ ކުއްލިއަކަށެވެ. ވިދާ ގުގުރައި ގަދަވަޔާއިއެކު ވާރޭ ވެހިގަތީ ހަމަ އެވަގުތުއެވެ. ބާރު ގޮވުމެއްގެ އަޑާއިއެކު މަގުބައްތިތަކުން ކަރަންޓް ދިޔައެވެ. މުޅިތަނަށް ވެރިވެގެން ދިޔައީ ތަނެއްދޮރެއް ނޭނގޭފަދަ ކަނު އަނދިރިކަމެވެ.
އައިމިނަގެ މަހާނަ މައްޗަށް ހޮނުއެޅިއެވެ. ސަންދޯކުގެ ފިލާތަކާއިއެކު ވެލިތައް ބުރައިގެން ދިޔައެވެ. ވިދާލި ވިދުވަރުގެ އަލިން ވަޖުދީ ފެނުނު ނަމަވެސް ދެން ވީގޮތެއް ނޭނގުނެވެ. ކިރިޔާ ވެސް އަލިކަމެއް ލިބެނީ ވިދާލާ ވިދުވަރުގެ އަލިންނެވެ. ގަބުރުސްތާނަށް ތޫފާނެއް ލައިގެންފައިވާ ކަހަލައެވެ. މުޅިތަނަށް ފެތުރިފައިވާ ހުދުކާފޫރު ވަހާއިއެކު ކަފުން ކަފަޔާއި ހުދު ފޮތިކޮޅުކޮޅު ވައިގެ ތެރޭގައި ވިހުރެމުން ދިޔައެވެ. ގަސްތަކުގެ ގޮފިތަކާއި ފަތްތައް ބުރަބުރައިގެން ދިޔައެވެ.
އަސީލް ވިއްސައިގެން ގޮސް ޖެހުނީ ފާރު ބުޑަށެވެ. ހެލިނުލެވިފައި އިރުކޮޅަކު އޮންނަން ޖެހުނެވެ. މަޑުމަޑުން ތެދުވެ ވަށައިގެން ހޯދާލި ނަމަވެސް ތަނެއް ދޮރެއް އެނގޭވަރެއް ނުވިއެވެ. އެތައް އިރެއް ވީއިރު ވެސް ވަޖުދީގެ ހަބަރެއް ނުވިއެވެ.
އެތަނުގައި އެކަނިމާއެކަނި މާގިނައިރު ހުރުމަކީ އަސީލަށް ވާނެ ކަމެއް ނޫނެވެ. މަޑުމަޑުން ކޮޅަށް ތެދުވެ ފާރުގައި އަތް ކާއްތަމުން ގަސްތަކާއި ވިނަތަކުން ސަލާމަތްވަމުން ދޮރާއި ހަމައަށް އަސީލަށް ދެވުނެވެ. މާދުރުން އަލިކަމެއް ފެންނަން ހުއްޓެވެ.
މިވަގުތަށް އެންމެ ރަނގަޅުވާނީ އަވަހަށް ސަލާމަތް ހޯދުންކަން ވިސްނުމާއިއެކު އަސީލް ދުއްވައިގަތެވެ. ފަހުން ވެދާނެ ގޮތަކާއިމެދު އޭނާ ނުވިސްނައެވެ.
ގެއާއި ހަމައަށް ދެވުނުއިރު މީހާ ހުރީ ވަރުބަލިވެގެން ވާނެ އެއްޗެއް ވެފައެވެ. ވަރަށް ވިސްނައިގެން މަޑުމަޑުން ގެއަށް ވަތްއިރު، ކޮޓަރިއާ ހަމައަށް ވެސް ދާން ޖެހުނީ އެހާމެ ސިއްރުންނެވެ.
ފެންވަރައި ތާހިރު ވެލައިގެން އައިސް ނިދަން އޮށޯތް ނަމަވެސް، އަސީލްގެ ލޮލަކަށް ނިންޖެއް ނައެވެ. ވަޖުދީއަށް ވީގޮތެއް ނޭނގޭތީ އޭނާގެ ހިތުގައި އޮތް ކަންބޮޑުވުން އިންތިހާއަށް ބޮޑެވެ.
އަރައިގެން އައި އިރާއިއެކު ރަށުތެރެއަށް ފެތުރުނު އަޑަކީ، ރޭގައި ލައްވާލި ތޫފާނުގެ ސަބަބުން ގަބުރުސްތާނަށް ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވާ ވާހަކައެވެ. އެތަނުގައި ހުރި ގަސްތަކަށް ލިބުނު ގެއްލުމުގެ އިތުރުން އައިމިނަގެ މަހާނަމަތި ކޮނެފައިވާ ކަމަށް ބެލެވޭ ވާހަކަ ވެސް ފެތުރުނެވެ.
ކަމާއި ގުޅުންހުރި ފަރާތްތަކާއި ރައްޔިތުން ގުޅިގެން އެކަމުގެ ހައްލު ހޯދުމުގެ މަސައްކަތް ފެށިއެވެ.
އަސީލަށް ހޭލެވުނީ ހެނދުނު ދިހައެއް ޖަހާކަން ހާއިރުއެވެ.
ވަޖުދީ އާއި އަސީލް ބައްދަލުކުރީ ރަށުގެ ފުއްޓަރު ފަރާތުންނެވެ. އެ ދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް އޮތްކަން އެހެން މީހަކަށް އެނގޭކަށް އެކަކު ވެސް ބޭނުމެއް ނުވެއެވެ.
“ދެން ކިހިނެއް ވާނީ؟ އަހަރުން ބަސްޓެއް ނުވާނެތަ؟” އަސީލްގެ ކިބައިން ފެނުނީ ކަންބޮޑުވުމާއި ނުތަނަވަސްކަމެވެ. އެމީހުން ކުރި ކަންތައް އެއްވެސް މީހަކަށް އެނގޭކަށް އަސީލް ބޭނުމެއް ނުވެއެވެ.
“އެކަން ބަރާބަރަށް ކުރިޔަށް ދާނެ. އަސީލް ކަހަލަ ފިނޑިއެއް ނޫނޭ މިއީ. އުމުރުން ދުވަސް ވިޔަސް ގަޓު ހުންނާނެ. ބިރެއް ނުގަންނާނެ. ފިލާކަށް ނުދާނެ. އަސީލްގެ ހިތްވަރެއް ހުރިއްޔާ މިފަހަރު މިކަންވާނެ. އަހަރެން ހުއްޓާލާނީ އެކަން އަސީލަށް ކާމިޔާބު ކޮށްދީފަ.” ވަޖުދީ ދިނީ ޔަޤީންކަމެވެ.
“ސެޓް ވާނެ ދޯ؟” އަސީލް ބޭނުންވީ ޔަޤީން ކުރާށެވެ.
“އެކަން އެއޮތީ ނިމިފަ. އަހަރެން ގުޅާނަން މާދަމާ. ރެޑީވެގެން ހުންނާތި.” ވަޖުދީ ދިނީ ޔަޤީންކަމެވެ.
އަސީލްގެ ހިތް އުފަލުން ފުރުނެވެ. ވަޖުދީގެ މޮޅުކަމަށް ތައުރީފުކޮށް، ވަމުންދާ އެހީތެރިކަމަށް އެތައް ފަހަރަކު ޝުކުރު އަދާކުރިއެވެ.
ދަނީކަމަށް ބުނެ އަސީލް ހިނގައިގަތުމުން ވަޖުދީ ވެސް އެހެން މަގަކުން ރަށުތެރެއަށް ދިއުމަށް ހިނގައިގަތެވެ.
އެންމެންގެ ލޯތަކަށް ސިއްރުން ވަޖުދީ އާއި އަސީލް ފެށި މަސައްކަތް މަޑުމަޑުން ކުރިޔަށް ދިޔައެވެ. ބޭނުންވި ދިމާތަކަށް ވާސިލްވުމުގައި މާބޮޑު ތަކުލީފެއް އުފުލަން ނުޖެހުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
މެންދަމުގެ ވަގުތެވެ. މަގެއްމަތިން މީހަކު ނުފެނެއެވެ. ގެއެއްގެ ތެރެއަށް ގަދައައްޔެއް ނުފެނެއެވެ. ބާރު އަޑެއް ނީވެއެވެ. ރަށުތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އެއްވެސް މީހަކު ހޭލާ ނޫޅޭ ކަހަލައެވެ. ދުވަސްވަރަކީ ހަނދުމަހުގެ ފުރަތަމަ ހަފުތާއަށް ވާތީ ހަނދުވަރުގެ އަލިކަން ކޮންމެވެސް ވަރަކަށް ރަށުތެރެއަށް ފެތުރިފައިވެއެވެ.
އެކަނިމާއެކަނި ކޮޓަރީގައި އޮތް އަސީލްގެ ލޮލަކަށް ނިންޖެއް ނައެވެ. ސިކުނޑީގައި އެނބުރެމުންދިޔަ ޚިލާތުތަކާއި ދުރަކަށް އޭނާއަކަށް ނުދެވުނެވެ. އެ ޚިޔާލުތައް އޭނާގެ ނިންޖަށް ހުރަސްއަޅާފައިވާ ކަހަލައެވެ.
މަޑުމަޑުން އެނދުމަތިން ތެދުވަމުން އަސީލް ބަލައިލީ ޑްރެސިންގޓޭބަލާއި ދިމާއަށެވެ. އެއާއެކު އޭނާގެ ކަޅި ހުއްޓުނީ އެތަނުގައި ހުރި ފެންފުޅިއަށް ޖަހާފައިވާ ރަތް ފިނިފެންމަލަށެވެ. މަޑުމަޑުން އެއާއި ކައިރިވެލަމުން ފުން ނަޒަރަކުން އެއަށް ބަލައިލަމުން ހިނިތުންވެލިއެވެ. މަޑުމަޑުން މޭގައި އަތް ފިރުމާލިއެވެ.
މޭޒުމަތީ އޮތް ފޯނު ނަގައިގެން އެއާއި ކުޅެމުން ކުޅެމުން އަސީލް ނުކުތީ ބޭރަށެވެ. ބެލްކަންޏަށް ނުކުތުމާއިއެކު އަސީލްގެ ލޮލުގައި އަޅައިގަތީ ބަނދަރު ސަރަހައްދުގައި ހުރި ނިކަގަހެވެ. ދުވަސްވީ އެ ބޮޑު ނިކަގަހު މަތީގައި ވާތައް އެނބުރެމުން ދިޔައިރު، މާ ދުރާއިއެކު މުޅި ސަރަހައްދު ވަރަށް ރީތިކޮށް ސާފުކޮށް ފެންނަން އޮތެވެ. އެއްވެސް މީހެއްގެ ހިލަމެއް ވެސް ނެތް އެ ސަރަހައްދުން ފެންނަމުން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ.
ނިދަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އިރު އަރަންދެން އުޅެން ޖެހުނީ އެފަދަ ހާލެއްގައެވެ. އެ ނުތަނަވަސްކަމާއި ހިތްހަމަނުޖެހުމުން ސަލާމަތެއް ނުވެވުނެވެ.
އަރައިގެން އައި އިރާއިއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވިއެވެ. އާންމު އުސޫލުން ކޮންމެ މީހަކު ވެސް އެމީހެއްގެ ވާޖިބާއިގެން އަވަސްވެގަތެވެ. އެހެން ދުވަސްތަކާއި މާބޮޑު ތަފާތެއް ނެތެވެ. އާކަމެއް ނުހިނގައެވެ.
ހެނދުނު އޮފީހަށް ދިޔަ އަސީލަށް، ގެއަށް އާދެވުނުއިރު ހަވީރު ހަތަރެއް ޖަހަން ވެއްޖެއެވެ.
ސައިބޮއިގެން އަސީލް އަވަސްވެގަތީ ވަޖުދީއާ ބައްދަލުކުރަން ދާށެވެ. އޭނާ ބުނެފައިވާ ގަޑިއަށް ބުނެފައިވާ ތަނަށް ދިއުން ކިތަންމެހާ ވެސް މުހިންމެވެ.
އިރުއޮއްސެން ކައިރިވުމާއިއެކު އާންމު މައިދާންތަކުން މީހުން މަދުވާން ފެށިއެވެ.
ހުޅަނގުކޮޅު ތުނޑީގައި ތިބި ވަޖުދީ އާއި އަސީލްގެ ހަރަކާތް އަވަހެވެ. ވަގުތު ޖެހުމުގެ ކުރިން ތައްޔާރީތައް ނިންމާލަން ދެމީހުން ވެސް އިސްކަން ދިނެވެ. މުޅި ހިސާބުގައި ވެސް އެ ދެމީހުން ފިޔަވައި އެހެން މީހަކު ނެތެވެ. އެކަމުގައި އެމީހުނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީއެވެ.
އުދަރެހުން ރަތްވިލާ ފާއްދާލިއެވެ. އޮއްސެންދިޔަ އިރު ފެނުގެ ތެރެއަށް ގެއްލެންދެން އެދިމާއަށް ބަލަހައްޓައިގެން ހުރި ގޮތަށް ވަޖުދީ ހުއްޓެވެ. އެއްވެސް ހަރަކާތެއް ނެތި އެހުރިގޮތަށް އެތައްއިރެއް ވާންދެން ހުރިއިރު އޭނާއެކޭ، މީހެއްގެ ސިފައަށް ހަދާފައިވާ ބުދެކޭ އެއްފަދައެވެ.
“މިއީ ޔަޤީން ރޭ.. އަހަރެން ދެއްކި ވާހަކަތައް ހަނދާން ބަހައްޓާތި.” އަސީލްއާ ދިމާއަށް އަންނަމުން ވަޖުދީ ވާހަކަ ދެއްކިއެވެ.
ވަގުތުގެ ދައުރުވުން ހުރީ މެންދަމާއި ދިމާއަށެވެ. މަޑުމަޑުން މަގުތަކުން މީހުން މަދުވަމުން ގެތަކުތެރޭން އަޑުތައް މަޑުވަމުން އަލިތައް ފަނޑުވަމުން ދިޔައެވެ. ރޭގަނޑުގެ އަރާމު ނިންޖަށް އިންތިޒާރު ކުރަމުންދިޔަ މީހުން އެ އުފާ ލިބިގަތުމަށް ކެތްމަދުވެފައި ތިބިއިރު އަސީލް އިންތިޒާރު ކުރަމުން ދިޔައީ މުޅިން އެހެން ކަމަކަށެވެ.
ގަބުރުސްތާނުން ފެނުނު ކަންތައް މާބޮޑު ކަމަކަށްނުވެ ހިނދިއްޖެއެވެ. ގިނަބަޔަކަށް ޤަބޫލު ކުރެވުނު ގޮތުގައި އެއީ ހޮނުއެޅުން ކަހަލަ ކަމެއްގެ ސަބަބުން ދިމާވި ކަމެކެވެ. އެއްވެސް މީހަކު ނުވަތަ ބަޔަކު އެވަރުގެ ނުރައްކާ ކަމެއް ނުކުރާނެ އެވެ. ދެދުވަހެއް ވީއިރު އެވާހަކަތައް މުޅިންހެން ހުއްޓިއްޖެއެވެ.
މަސައްކަތް ނިންމާލުމަށްފަހު އަސީލް ގެއަށް އައިއިރު އިރުއޮއްސެން ކައިރިވެއްޖެއެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ އަނދިރިކަމާއި ހަމަހިމޭންކަން އަސީލްގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. މަގުތަކާއި އާންމު މައިދާންތަކުން މީހުން މަދުވުމަކީ އޭނާ ބޭނުންވާ ފުރުސަތެއް ލިބޭނެ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.
ރައްޓެހިންނާއިއެކު ބޭރަށް ދިޔަ ނަމަވެސް އެގާރަ ޖެހުމުގެ ކުރިން އަސީލް ގެއަށް އައެވެ.
އެކަނިމާއެކަނި ކޮޓަރީގައި އޮތް އަސީލްގެ ލޯ އަމާޒުވެފައިހުރީ ފޯނުގެ ސްކްރީނަށެވެ. ފޯނުން ފެންނަން އިން ސުވައިލާގެ ފޮޓޯއަށް ބަލަހައްޓައިގެން ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އޮތް އަސީލަކަށް ވަގުތުތައް ފާއިތުވަމުންދިޔަ ގޮތެއް ނޭނގެއެވެ. ލިބެމުންދިޔަ ކުރިއެރުމާއިއެކު ކުރިމަގަށް ކުރެވެމުންދިޔަ އުންމީދުތައް އެއަށްވުރެ މާ ފޮންޏެވެ.
ވަޖުދީ ފޮނުވައިލީ މެސެޖެކެވެ. ގަޑި ބަލައިލިއިރު އެގާރަގަޑި ސާޅީސް ވެއްޖެއެވެ.
ގޭ މީހުންނަށް ސިއްރުސިއްރުން ދޮރާށި ކައިރިއަށް އަސީލް ނުކުތެވެ. އެއީ ވަޖުދީ އައިސް އެހިސާބާއި ހަމަވި ވަގުތެވެ. މަގުގެ ދެކޮޅާއި ބަނދަރު ސަރަހައްދަށް ކަޅި ހިންގާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަގު އަމާންވެފައި ރައްކާތެރިވުމަކީ އަސީލްގެ ހިތަށް ލިބުނު ހަމަޖެހުމެކެވެ.
“ހިނގާ އަވަހަށް ދާން. ބާރަ ޖަހަންވާއިރަށް ތައްޔާރު ވާންވާނެ.” ގެއާއި ދުރަށް ހިނގައިގަންނަމުން މަޑުމަޑުން ވަޖުދީ ބުންޏެވެ.
“މިރޭ ވެސް ގަބުރުސްތާނަށްތަ ދަނީ؟” އަސީލްގެ ކިބައިން ފާޅުވީ ކަންބޮޑުވުމެވެ.
“ތިހާ ފިނޑިވެގެން މިކަހަލަ ކަންކަމެއް ނުވާނެ.” އަސީލްގެ އެ ސުވާލު ވަޖުދީއަކަށް ކަމަކު ނުދިޔައެވެ.
“އެއީ އެހެން ބުނި އެއްޗެއް ނޫން. މިކަމުގައި އަހަރެން ފިނޑިއެއް ނުވާނެ. ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އަހަރެން މިހުރީ ތައްޔާރަށް.” ޖޯޝާއިއެކު، އެހެނަސް މަޑުމަޑުން އަސީލް ވާހަކަ ދެއްކިއެވެ.
އަސީލާއި ވަޖުދީ މަޑުކޮށްލީ ގަބުރުސްތާނާއި ދިމާ އަތިރިމަތީ ހުރީ ބޮޑު ނިކަގަސް ކައިރީއެވެ. ތާރީޚީ ލިޔުންތަކުން ދައްކާ ގޮތުން އެ ގަހަށް ފަސްސަތޭކައެއްހާ އަހަރު ވެދާނެއެވެ. އަޑުއަޑު ލައްވަމުން ގަސްމަތީގައާއި ގަހުތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ވާތަކަށް ޢީދެއް ލައްވާލައިގެން އުޅޭ ކަހަލައެވެ.
ރަށުތެރޭން އިވިފައިހުރި ވާހަކަތަކަށް ބަލައިލާނަމަ އެތަނަކީ ވަރަށް ނާމާން ތަނެކެވެ. އެހިސާބަށް އައިސް އުޅުނު ބައެއް މީހުނަށް އެކިކަހަލަ މަޚުލޫޤުން ފެނި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ބައެއް މީހުން މޮޔަވިއިރު، އެކަމުން ސަލާމަތް ނުވެވި އެކަކު މަރު ވެސް ވިއެވެ.
މަގަށް އަލިކުރުމަށް ޖަހާފައިވާ މަގުބައްތިން ފޯރާފައިވާ ފަނޑުފަނޑު އަލިކަމެއް ފިޔަވައި އެހެން އަލިކަމެއް އެހިސާބުގައި ނުވެއެވެ. އެފަދަ ވަގުތެއްގައި އެފަދަ ތަނެއްގައި އެކަނިމާއެކަނި ހުންނަން ޖެހުމުން އަސީލް ކޮންމެ ވެސް ވަރަކަށް ކަންބޮޑު ވެސް ވިއެވެ.
“އެތާ ގޮނޑުދޮށް ކައިރީ.. ކަޅުފަހާއި ދޮންފަސް ގުޅޭ ހިސާބުގައި މަޑުކޮށްލާ. އިރުކޮޅަކުން އޭނާ އަންނާނެ. އޭނާ ވާހަކަ ނުދައްކަނީސް ވާހަކަ ނުދައްކާތި. ގައިގާ އަތް ނުލަނީސް އަތް ނުލާތި.. އަންހެން ކުދިންނަކީ ވަރަށް ފާޑެއްގެ ބައެއް. ބުނެވޭ ބަހަކުން ނުވަތަ ކޮށްލެވޭ އަމަލަކުން ވެސް ރުޅިއައިސްދާނެ. ގޯހެއް ނުހަދާތި. މާދަމާ މެންދުރު ކުރިން އަހަރެންނާއި ބައްދަލު ކުރާތި. ވިސްނައިގެން ކުރިޔަށް ދާނީ. އަހަރެން ދެން ދަނީ. ކާމިޔާބު ރެއަކަށް އެދެން.” ވަޖުދީ އިޝާރާތްކުރި ދިމާއަށް އަސީލް ބަލައިލިއެވެ.
އަސީލްގެ ކިބައިން ފެނުނު ހާސްކަމާއި ކަންބޮޑުވުން ވަޖުދީ ދެނެގަތެވެ.
“އެ މަންޖެ ބޭނުންތަ؟” ވަޖުދީ ބަލައިލީ އަސީލްގެ މޫނަށެވެ. އެ މޫނުމަތިން ކޮންމެވެސް މުހިންމު ކަމެއް ދެނެގަންނަން މަސައްކަތްކުރި ކަހަލައެވެ.
(ނުނިމޭ)
