ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މީގެ 100 މިލިއަން އަހަރު ކުރިން ކަނޑުތައް ބާރުގަދަ ބިޔަ ބޯވަތަކެއްގެ ބާރުގެ ދަށުގައި

މީގެ 100 މިލިއަން އަހަރާއި 72 މިލިއަން އަހަރާ ދެމެދު ކަނޑުތަކުގެ ކާނާގެ ސިލްސިލާގެ އެންމެ މަތީގައި ގާތްގަނޑަކަށް 20 މީޓަރު ދިގު ބިޔަ ބޯވާތައް ރަސްކަން ކުރި ކަމަށް ޖަޕާނުގެ ހޮކައިޑޯ ޔުނިވާސިޓީން އިސްވެ ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

މި ދިރާސާ ސައެންސް ޖާނަލްގައި 23 އެޕްރީލް 2026 ގައި ޝާއިޢުކޮށްފައިވެއެވެ. ބޯވާގައި ކަށިތަކާއި ހަރު ތޮށިގަނޑު ފަދަ ހަރު ބައިތައް ނެތުމުން ފޮސިލް ހެކި ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ދިރާސާވެރިން ވަނީ ފޮސިލްއަށް ވެފައިވާ ބޯވާގެ ދަތްދޮޅި ބައިތައް ނުވަތަ ޖޯ ތައް ބޭނުންކޮށްގެން މި ހޯދުންތައް ހޯދާފައެވެ. ހައި ރިޒޮލޫޝަން ގްރައިންޑިން ޓޮމޮގްރަފީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް ބޭނުންކޮށްގެން ޖަޕާނާއި ކެނެޑާގެ ވެންކޫވާ އައިލެންޑުން ހޯދި ހިލައިގެ ސާމްޕަލްތަކުން މި ފޮސިލް ދަތްދޮޅިތައް ދެނެގަނެފައިވެއެވެ.

މި ފޮސިލްތައް ނިސްބަތްވަނީ ސިރާޓާ ނަމަކަށް ކިޔާ، މިހާރު ނެތިގެން ގޮސްފައިވާ އުރައެއް ލީ ބޯވަގެ ބާވަތަކަށެވެ. ދަތްދޮޅީގެ ސައިޒާއި ބައްޓަމާއި ހަލާކުވެފައިހުރި މިންވަރަށް ބެލުމުން، މި ޖަނަވާރުތައް ހަރު ތޮށިގަނޑު ހުންނަ ޝިކާރަތަކުގައި ދަތްއަޅައި ފުނޑުކޮށްގެން ކެއީ ބާރުގަދަ ޝިކާރަވެރިން ކަން އެނގެއެވެ. ބޮޑެތި ސާމްޕަލްތަކުގައި ދަތްދޮޅީގެ ކޮޅުން 10 ޕަސެންޓާ ހަމައަށް ގިރިފައި ހުރި ކަމަށް ފާހަގަކުރެވުނެވެ. މިއީ މިހާރުގެ ހަރު ތޮށި ކައި އުޅޭ ސެފަލޮޕޮޑް ތަކަށް ވުރެ ވެސް މާ ބޮޑު މިންވަރެކެވެ.

“އެންމެ ފުރަތަމަ ބޯވާތަކަކީ ކްރީޓޭޝަސް ދައުރުގެ ކަނޑުގެ ކާނާގެ ސިލްސިލާގެ އެންމެ މައްޗަށް ވެރިވެގެންފައިވާ ބިޔަ ޝިކާރަވެރިން. ފޮސިލް ދަތްދޮޅިތަކުން ދައްކައިދެނީ މި ޖަނަވާރުތައް ގާތްގަނޑަކަށް 20 މީޓަރު ދިގުވި ކަމަށް. މިއީ ހަމަ އެ ޒަމާނުގެ ބޮޑެތި ކަނޑުގެ ބޮޑެތި ސޫފިތަކަށް ވުރެ ވެސް ބޮޑު ސައިޒެއް ކަމަށް ވެދާނެ” ކަމަށް ހޮކައިޑޯ ޔުނިވާސިޓީގެ ޕްރޮފެސަރު ޔަސުހީރޯ އީބާ ވިދާޅުވިއެވެ.

މީގެ އިތުރުން ދިރާސާވެރިންނަށް ފާހަގަކުރެވުނީ ދަތްދޮޅީގެ އެއް ފަރާތް އަނެއް ފަރާތަށް ވުރެ ބޮޑަށް ގިރިފައި ހުރި ކަމެވެ. މިއީ ކާ އިރު އެއް ފަރާތަށް ބޮޑަށް ބޭނުންކުރި ކަމުގެ ހެއްކެކެވެ. ލެޓެރަލައިޒޭޝަން ނަމަކަށް ކިޔާ މި ސިފައަކީ މިހާރުގެ ޖަނަވާރުތަކުގައި ކުރިއަރާފައިވާ ސިކުނޑީގެ މަސައްކަތްތަކާ ގުޅިފައިވާ ސިފައެކެވެ. މިކަމުން ދޭހަވަނީ ޒަމާނީ އޮކްޓޮޕަސްތަކުގައި ހުންނަ ތޫނުފިލިކަން އެތައް ސަތޭކަ މިލިއަން އަހަރު ކުރިން ވެސް ހުރެދާނެ ކަމެވެ. މި ހޯދުންތަކުން ފިންޑް އޮކްޓޮޕަސްގެ އެންމެ ކުރީގެ ރެކޯޑް 15 މިލިއަން އަހަރު ފަހަތަށް ޖައްސައި، އޮކްޓޮޕަސްގެ ޖުމްލަ ތާރީޚު ގާތްގަނޑަކަށް 5 މިލިއަން އަހަރު ފަހަތަށް ގެންގޮސް 100 މިލިއަން އަހަރު ކުރިއާ ހަމައަށް ގެންދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top