ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގަމާއި ކުނަހަންދޫގެ ކުރިމަތިލުން ކާމިޔާބުކުރީ ގަން
ފޮޓޯ: ގަން ކައުންސިލް ރިކްރިއޭޝަން ކްލަބް ފޭސްބުކް ޕޭޖް

އެފްއޭއެމުން އިންތިޒާމްކޮށްގެން ބާއްވާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ސައުތު ރީޖަނަލް ލީގުގައި މިއަދު ބައްދަލުކުރީ ލ. ކުނަހަންދޫ އާއި ލ. ގަމެވެ. މިއީ މި ރީޖަންގެ ފަސްވަނަ މެޗެވެ.

ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ކުނަހަންދޫއާ ދެކޮޅަށް ނުކުތް ގަމުން ވަނީ ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗު އެއްވަރުކޮށްފައެވެ. މި މެޗާއި ކުރިމަތިލީއިރު ގުރޫޕްގެ ފުލުން އަރައި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދަން މޮޅުވުން ނޫން ގޮތެއް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ނެތެވެ.

ލ. ގަމު ދަނޑުގައި ކުޅުނު މި މެޗަކީ ބަލާހިތްވާ ކަހަލަ ރީތި ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. ރީތި ޕާސިންގ ގޭމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ގަމުންނެވެ. 26 ވަނަ މިނިޓްގައި ގަމަށް މި ލަނޑު ޖަހައިދިނީ އެ ޓީމުގެ އޮގުނީޔެމި އޮލުވަސެއުންއެވެ. ކުނަހަންދޫ ޓީމުގެ ހާފުގެ މެދުތެރެއިން އަރިމަތިން ގަމަށް ލިބުނު ފްރީކިކް މަތިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އެ ކުޅުންތެރިޔާ ހޯދީ ކުނަހަންދޫ ޓީމުގެ ދެ ކުޅުންތެރިން ދޭތެރެއިންނެވެ.

މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ލިބުނެވެ. އިތުރު ލަނޑެއް ނުޖެހި މި ހާފު ނިމުނީ 1-0 އިން ގަން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ވާދަވެރި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމުން ތަނަވަސް ކުރަމުން ދިޔައިރު، އެ ފުރުސަތުތައް ހުއްޓުވުމުގައި ވެސް ދެ ޓީމުގެ ޑިފެންޑަރުން ދިޔައީ ކާމިޔާބު ހޯދަމުންނެވެ.

ދެވަނަ ހާފުގެ ފަހުކޮޅު ގަދަ ވަޔާއި ވާރޭގައި ކުޅެން ޖެހުމުން، ކުޅެން އުނދަގޫވި ނަމަވެސް، ހޯދަމުންދިޔަ ފުރުސަތުތައް މަދެއް ނޫނެވެ. އެގޮތުން 83 ވަނަ މިނިޓްގައި ވެސް ކުނަހަންދޫއަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ.

ގާތްގާތުގައި ފުރުސަތުތައް ތަނަވަސް ކުރަމުންދިޔަ ކުނަހަންދޫން މެޗްގެ ނަތީޖާ ހަމަހަމަކުރީ 86 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހިމް އަނީސްއެވެ.

ކުނަހަންދޫން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރިތާ މާގިނައިރެއް ނުވެ ގަމުން ވަނީ އަނެއްކާ ވެސް ލީޑު ނަގައިފައެވެ. 87 ވަނަ މިނިޓްގައި ގަމަށް މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އޮގުނީޔެމި އޮލުވަސެއުންއެވެ.

2-1 އިން މި މެޗުން މޮޅުވެ ގަމުން ހޯދި ތިން ޕޮއިންޓާއިއެކު އެ ޓީމު ވަނީ ދެވަނައިގައި އޮތް ފޭދޫ އާއި އެއްވަރަށް ޕޮއިންޓް ހަމަކޮށްފައެވެ.

މި ރީޖަންގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ފޭދޫ އާއި ގައްދޫއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top