ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަހިބަދޫން ހުރާ ބަލިކޮށްފި
ފޮޓޯ: އެފްއޭއެމް ރީޖަނަލް ލީގު ފޭސްބުކް ޕޭޖް

އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގައި މަހިބަދޫން ހުރާ ބަލިކޮށްފިއެވެ.

ރީޖަނަލް ލީގަށް ކޮލިފައިވާ ޓީމުތައް ކަނޑައެޅުމަށް ކުޅެވުނު އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހިމެނޭ، ސެންޓްރަލް ރީޖަން ލީގު ކޮލިފައިން ޒޯން އެކެއްގެ ޗެމްޕިއަން ހުރާ ކޮމިއުނިޓީ އާއި ރަނައަޕް މަހިބަދޫ ރެކްރިއޭޝަން ކުލަބު މަހިބަދޫގައި އިއްޔެ ބައްދަލުކުރި މެޗު މަހިބަދޫން ކާމިޔާބުކުރީ ހުރާއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައެވެ.

އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެންޓްރަލް ރީޖަން ލީގު ކޮލިފައިން ޒޯން އެކެއްގެ ގުރޫޕް ސްޓޭޖްގައި މަހިބަދޫން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-1 އިން ހުރާ މޮޅުވިއިރު، ފައިނަލް މެޗް ހުރާއިން ކާމިޔާބުކުރީ 3-1 އިންނެވެ.

ސެންޓްރަލް ރީޖަން ލީގުގެ އިއްޔެގެ މެޗަކީ ތިންވަނަ މެޗެވެ.

މަހިބަދޫ، ޕެލޭ ސްޓޭޑިއަމްގައި އިއްޔެ ކުޅެވުނު މެޗު ވެގެން ދިޔައީ ކުރިން ވެސް ބެލެވުނު ފަދައިން ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗަކަށެވެ. ހުރާއިން މަހިބަދޫ ތިން ބަލި ކުރަން ނުކުތްއިރު، މަހިބަދޫން ނުކުތީ ތިން ބަލި ނުވެ ސަލާމަތްވާށެވެ. ސެންޓްރަލް ރީޖަން ލީގުގެ ފުރަތަމަ މެޗުން މަހިބަދޫ ބަލިވެފައިވާއިރު، ހުރާ ކުޅުނު ފުރަތަމަ މެޗު ވީ އެއްވަރެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ހުރާއިންނެވެ. ލަނޑު ޖަހާނެ ފުރުސަތު ވެސް ފުރަތަމަ ތަނަވަސްކުރީ އެ ޓީމުންނެވެ. ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ހުރާއިންނެވެ. 38 ވަނަ މިނިޓްގައި ހުރައަށް މި ލަނޑު ޖަހައިދިނީ އަފްރާހް ނަސީމްއެވެ. އޭރިޔާ ތެރޭގައި އަފްރާހް ނަސީމް ހުސްކޮށް ހުއްޓައި ލިބުނު ބޯޅަ ގޯލްގެ ތެރެއަށް އޭނާ ފޮނުވާލީ ކީޕަރުގެ ބޯ މަތިން ދުރުކަނަށެވެ.

ހުރާއަށް ދޫ ދިނުމެއް ނެތި ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް، ފުރަތަމަ ހާފުގައި މަހިބަދޫއަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ހުރާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި މަހިބަދޫ ޓީމުގެ ފަރާތުން ފެނުނީ ތަފާތު ހިތްވަރެކެވެ. މަހިބަދޫން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 54 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން މުޙައްމަދު ޝާރިހް އެވެ. މި ޕެނަލްޓީއަކީ ހުރާ ޓީމުގެ އޭރިޔާ ތެރެއިން މަހިބަދޫ ޓީމުގެ ޢަލީ ސާލިމަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ދޫދިނުމެއްނެތި ހިތްވަރާއިއެކު ކުޅެމުންދިޔަ މަހިބަދޫން އެ ޓީމުގެ ކޮޅަށް މެޗު އަނބުރާލީ 58 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ފުރަތަމަ ލަނޑު ޖެހި ޕެނަލްޓީ ހޯދައިދިން ޢަލީ ސާލިމްއެވެ. މަހިބަދޫ ޓީމުގެ ތަޖުރިބާކާރު ކެޕްޓަން މި ލަނޑު ޖަހައިދިނީ އޭރިޔާ ކުރިމައްޗަށް އެ ޓީމު ކުޅުންތެރިއަކު ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މަހިބަދޫ ޓީމުން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 73 ވަނަ މިނިޓްގައެވެ. މަހިބަދޫއަށް ލިބުނު ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ކުޅުންތެރިންތަކުގެ ތެރެއިން ފުންމައިގެން އަރައި ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައި މަހިބަދޫއަށް މި ލަނޑު ޖަހައިދިނީ މި މެޗުގައި އެ ޓީމުގެ ހީރޯއަކަށްވި ޢަލީ ސާލިމްއެވެ.

ހުރާ ޓީމުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަސިއާ ގޯމޭޒް އަލްވަރޭޒް އެވެ. މަހިބަދޫގެ އޭރިޔާ ބޭރުން ހުރައަށް ލިބުނު ފްރީކިކް އަލްވަރޭޒް ފޮނުވާލީ ވޯލްގައި ތިބި ކުޅުންތެރިންގެ ބޯމަތިންނެވެ. ބޯޅަ ގޯލުގެ ތެރެއަށް ވަނީ ގޯލްގެ މަތީދަނޑީގައި ޖެހިފައެވެ.

ލަނޑު ޖަހާނެ ވަރަށް ގިނަ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި މެޗު ނިމުނީ އިތުރު ލަނޑެއް ނުޖެހި 3-2 އިންނެވެ.

މި ރީޖަންގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. ދ. މީދޫ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ދ. މީދޫ އާއި ދ. ކުޑަހުވަދޫއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top