ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފޭދޫ ބަލިކޮށް ގައްދޫ ބޮޑު ލީޑަކާއިއެކު އެއްވަނައިގައި ހަމަޖެހިލައިފި!
ފޮޓޯ: އެފްއޭއެމް ރީޖަނަލް ލީގު ފޭސްބުކް ޕޭޖް

އެފްއޭއެމުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ސައުތު ރީޖަން ލީގުގައި ފަސޭހަކަމާއިއެކު ފޭދޫ ބަލިކޮށް ބޮޑު ލީޑަކާއިއެކު ގައްދޫ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

މި މެޗަށް ނުކުތްއިރު ވެސް ގައްދޫ އޮތީ މި ރީޖަންގެ އެއްވަނައިގައެވެ. ކުރިން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ ގައްދޫ ޓީމުގެ ފަރާތުން މިހާތަނަށް ފެނުނީ ރީތި މޮޅު ކުޅުމެކެވެ.

ފޭދޫ ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގައްދޫއިންނެވެ. 51 ވަނަ މިނިޓްގައި ގައްދޫއަށް މި ލަނޑު ޖަހައިދިނީ އާލިމް ޢަބްދުލްއަޒީޒެވެ.

މި މެޗުން މޮޅުވެގެން މި ރީޖަންގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތުމުން ފޭދޫން ވެސް ދިޔައީ މޮޅުވުމަށް ވަރަށް ބޮޑު އިސްކަމެއްދީ އެކަމަށް މަސައްކަތް ކުރަމުންނެވެ.

ލަނޑެއް ޖެހުމަށް ފޭދޫން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް، ގައްދޫން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ. 67 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވާހިބް ތަހްރާ އެވެ.

ރީނދޫ ކާޑް ގިނަ މެޗެއްގެ ގޮތުގައި ފާހަގަކޮށްލެވުނު މި މެޗުގައި ފޭދޫއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ފޭދޫއަށް ނުހިފިގެން އުޅެނިކޮށް ގައްދޫން ވަނީ އިތުރު ލަނޑެއް ޖަހައި ތިން ޕޮއިންޓް ޔަޤީން ކޮށްފައެވެ. 75 ވަނަ މިނިޓްގައި ޖެހި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން ވާހިބް ތަހްރާ އެވެ.

މި މެޗުން ލިބުނު މޮޅާއިއެކު ގައްދޫން 9 ޕޮއިންޓް ހަމަކޮށް އެއްވަނައިގައި ހަމަޖެހިލިއިރު، ދެވަނައިގައި އޮތް ގަމާއި ފޭދޫއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ކުނަހަންދޫއަކަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

މި ރީޖަންގެ މެޗެއް ދެން އޮންނާނީ 13 ވަނަ ދުވަހުއެވެ. މި މެޗުގައި ބައްދަލުކުރާނީ ފޭދޫ އާއި ގަމެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޭދޫ ދަނޑުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top