ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އީގަލްސް ބަލިކޮށް ބްލޫ ސްޕޯޓްސް ސެމީ ފައިނަލަށް
ފޮޓޯ: ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެފްއޭކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ބްލޫ ސްޕޯޓްސް ހޯދައިފިއެވެ. މިއަދު ހަވީރު އީގަލްސް އާއި ބްލޫ ސްޕޯޓްސް ވާދަކުރި މެޗުން ބްލޫ ސްޕޯޓްސް މޮޅުވީ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް 3-4 އިން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ބްލޫ ސްޕޯޓްސް ކްލަބުންނެވެ. 11 ވަނަ މިނެޓުގައި ބްލޫ ސްޕޯޓްސްއަށް މި ލަނޑު ޖަހައިދިނީ އަހްމަދު ފާލިހް ލަމްރަތު އެވެ. ބްލޫ ސްޕޯޓްސްގެ އެންޑްރޭވް ނާނާ އީގަލްސްގެ ކުޅުންތެރިން ކައިރިން ނައްތާލުމަށްފަހު ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ ފާލިހަށް ލިބުނުއިރު އޭނާއަށް ހުރަސްއެޅޭ ހިސާބުގައި އީގަލްސްގެ އެއްވެސް ކުޅުންތެރިއަކު ނެތެވެ. އެއްފަހަރުން ފާލިހް ވަނީ އެ ބޯޅަ ގޯލަށް ވައްދާލައިފައެވެ.

ޒުވާން ކުޅުންތެރިންތަކަކާއެކު ބޮޑު މުބާރާތެއްގައި އަލަށް ވާދަކުރާ ބްލޫ ސްޕޯޓްސް އިން ވަނީ އީގަލްސް އަށްވުރެ ރަނގަޅަށް ކުޅެފަ އެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގެ ފެށުން ވެސް ފެނުނީ އީގަލްސް އަށްވުރެ ބްލޫ ސްޕޯޓްސް ރަނގަޅު ކޮށެވެ. ހާފުގެ ކުރީކޮޅު ބްލޫ ސްޕޯޓްސް އަށް ލިބުނު ހިލޭ ޖެހުމަކުން ވެސް ވަނީ އީގަލްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ވޯލްގައި ތިބި ކުޅުންތެރިންގެ ބޯމަތިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.

އީގަލްސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. 59 ވަނަ މިނެޓުގައި އީގަލްސްއަށް ލިބުނު މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ އިސްމާއިލް އީސަ އެވެ.

އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރިތާ މާ ގިނައިރެއް ނުވެ ބްލޫ ސްޕޯޓްސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނާހިލް ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެން ބޭރަށެވެ.

އީގަލްސްގެ ދެވަނަ ލަނޑު ޖެހީ 75 ވަނަ މިނެޓުގައި ޒައިން ޒަފަރުއެވެ. އީގަލްސްއިން އުފެއްދި ހަމަލާ ބްލޫ ސްޕޯޓްސްގެ ކުޅުންތެރިން ދިފާއުކުރި ވަގުތު ޒައިންއަށް ލިބުނުއިރު އޭނާ ހުރީ މުޅިން ހުސްކޮށެވެ. ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ޒައިން އެ ބޯޅަ އަމާޒުކޮށްލީ ގޯލުގެ ދުރު މަތީ ކަނަށެވެ.

އީގަލްސްއިން ލީޑު ނެގި ނަމަވެސް ބްލޫ ސްޕޯޓްސްއިން ވަނީ އެ ޓީމުން ދައްކަމުން އައި ކުޅުން ތަކުރާރު ކޮށްފައެވެ. ލަނޑެއް ޖެހޭތޯ އެ ޓީމުން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ 85 ވަނަ މިނެޓުގައެވެ.

ބަދަލަކަށް ކުޅެން ނުކުތް އަބްދުﷲ އިޔާދު ޖަހައިދިން މި ލަނޑާއިއެކު ނަތީޖާ ހަމަހަމަވެ އަނެއްކާވެސް މެޗްގެ ފޯރި ގަދަވިއެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މި މުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ އެފްއޭކަޕްގެ އެންމެ ކާމިޔާބު ޓީމު ނިއުރޭޑިއަންޓާއި އޮޑި ސްޕޯޓްސް ކްލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top