ކްރޫޒްލައިނާއެއްގައި ހެންޓާވައިރަސް ފެތުރުމާ ގުޅިގެން، މި ބަލީގެ ސަބަބުން ފިރިހެނުންގެ ޖިންސީ ގުނަވަނަށް ބަދަލު އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް ސިއްހީ މާހިރުން ހާމަކޮށްފިއެވެ.
މި ޚަބަރު ފެތުރެން ފެށީ ދާދި ފަހުން “ޕްރިންސަސް ކްރޫޒަސް”ގެ އުޅަނދެއްގައި މި ވައިރަސް ފެތުރިފައިވާ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އެކްސް (ކުރީގެ ޓްވިޓާ) ފަދަ ސޯޝަލް މީޑިއާ މަންސަތަކުގައި ބައެއް މީހުން ވަނީ، މި ވައިރަހުގެ ސަބަބުން ފިރިހެން ހަށި ކުޑަވާ ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރާފައެވެ.
ނަމަވެސް، އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ހެންޓާވައިރަހުގެ ސަބަބުން ފިރިހެން ހަށި ކުޑަވާ ކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތެވެ. މި ވައިރަހަކީ މައިގަނޑު ގޮތެއްގައި ނޭވާލާ ނިޒާމަށާއި ގުރުދާ (ކިޑްނީ) އަށް ނުރައްކާތެރި އަސަރުތަކެއް ކުރާ އެއްޗެކެވެ.
ހެންޓާވައިރަހަކީ މައިގަނޑު ގޮތެއްގައި މީދަލުގެ ޒަރީއާއިން އިންސާނުންގެ ގަޔަށް އަރާ ބައްޔެކެވެ. މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުން، މަސްތަކުގައި ރިއްސުން، ވަރުބަލިވުން އަދި ބަލި ބޮޑުވާ ހާލަތްތަކުގައި ނޭވާލާން އުނދަގޫވުން ހިމެނެއެވެ.
ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ، ސޯޝަލް މީޑިއާގައި ފެތުރޭ މިފަދަ ހަގީގަތާ ހިލާފު ވާހަކަތަކަށް ސަމާލުކަން ނުދިނުމަށާއި، ސިއްހީ މައުލޫމާތު ހޯދުމުގައި ރަސްމީ އިދާރާތަކުގެ ބަހަށް އިތުބާރު ކުރުމަށެވެ. މި ވައިރަހަކީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ބައްޔަކަށް ވާތީ، ބަލިން ރައްކާތެރިވުމަށް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.
