އަމުރުތަކާއި ހަނދާންތައް
ރީޝާ އެ އިމާރާތުން ބޭރަށް ނުކުމެ، އޭނާގެ ފަހަތުން ބިއްލޫރި ދޮރުތައް މަޑުމަޑުން ލެއްޕުނު ވަގުތަކީ، ރުޝްދާންގެ ކެތްތެރިކަން ކޮޅުންލީ ވަގުތެވެ. އޭނާ ފޯނު ޑައިލް ކޮށްލިއިރު، މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމާއި ހަރުކަށިކަމެވެ.
“އާނ..” ރުޝްދާން ޖަވާބުދިނެވެ. އަޑުގައިވަނީ ކޮންޓްރޯލް ކުރެވިފައިވާ ނަމަވެސް، ސާފުކޮށް އެނގޭ ފަދަ ނުރުހުމުގެ އަސަރެކެވެ. “އޭނާ ދެންމެ މިތަނުން ގޮސްފި.”
ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ރުޝްދާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އަހަރެން ހީކުރި ވަރަށްވުރެ މާ ތަޖުރިބާ މަދު.. އަދި އެހާމެ އާދައިގެ ކުއްޖެއް. އެއްވެސް ހުނަރެއް ނެތް.” ރުޝްދާންގެ ދަތްކުނޑިވިކައިގަތެވެ.
“ކާފާ! ތުއްތު ކުއްޖަކު ބަލަހައްޓާކަށް އަހަރެންގެ ވަގުތެއް ނެތް.”
ފޯނުގެ އަނެއްކޮޅުން އިވުނު ޖަވާބު އައީ ވަރަށް ވަރުގަދަކޮށެވެ. އެއްވެސް ބަހުސަކަށް ފުރުސަތެއް ނެތް ފަދަ ގޮތަކަށެވެ.
“ނޫން. ތިކަން ކުރަން ޖެހޭނެ.” ރުޝްދާންގެ ދެލޯ ކުޑަކޮށްލިއެވެ.
“އަހަރެން ވަކި ގޮތެއް ނިންމަންދެން.”
އެއަށްފަހު އައި ކުރު ހިމޭންކަމުގައި ވަނީ ބާރުވެރިކަމުގެ އަސަރެވެ.
“މިކަން ހަމަޖައްސާނެ ކަމަށް އަހަރެން އިތުބާރު ކުރަން.”
އެއަށްފަހު ކާފަގެެ ފޯނު މެދުކެނޑުނެވެ. އިރުކޮޅަކަށް މުޅި މާހައުލަށް ހިމޭންކަން ވެރިވިއެވެ.
ރުޝްދާންގެ ހިތުގައި އުފެދުނު ނުރުހުމާއި ރުޅިވެރިކަމާއެކު، އޭނާގެ އަތުގައި އޮތް ފޯނު މޭޒުމައްޗަށް ޖެހި ބާރު އަޑު މުޅި ކެބިން ތެރޭގައި ގުގުމާލިއެވެ. އޭނާ މިކަމާ އިންތިހާއަށް ނުރުހެއެވެ.
މީހަކު އޭނާއަށް އަމުރުކުރުމާއި، އޭނާ ކޮންޓްރޯލް ކުރުމަކީ އޭނާ ފޫހިވާ ކަމެކެވެ. ވަކިން ޚާއްސަކޮށް މިތަނުގައެވެ. މިއީ އޭނާގެ ސަރަހައްދެވެ. އޭނާގެ އުސޫލުތަކާއި މިންގަނޑުތައް ހިނގާ ތަނެވެ. އެއްވެސް ތަޖުރިބާއެއް ނެތް، ފެންވަރު ދަށް މީހަކަށް ދުވަހަކުވެސް އޭނާގެ ކުންފުނިން ޖާގައެއް ނުދެއެވެ.
އަދި މިހާރު މިވީ ގޮތަކީ.. އޭނާގެ ގަޔަށް ކޮފީ އަޅައި، އޭނާގެ ކުރިމަތީގައި ހުރިއިރު، މި ދުނިޔެއަށް ނިސްބަތްނުވާ މީހަކު ފަދައިން ހުރި އާދައިގެ އަންހެން ކުއްޖެކެވެ.
“ދީނާ.” ޖަވާބެއް ނައެވެ.
“ދީނާ!”
“ލައްބަ.. ލައްބަ، ބޮސް.”
ދީނާ ވަރަށް އަވަހަށް، އެހާމެ ފަރުވާތެރިކަމާއެކު އެތެރެއަށް ވަނެވެ. އަދި ހޫނު ކޮފީ ތަށްޓެއް މޭޒުމަތީގައި ބެހެއްޓިއެވެ. އެ ކޮފީގެ މީރު ވަހުން ރުޝްދާންގެ ހާސްވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އައްމަޑޭއަށް ގުޅާ.” ރުޝްދާން ބުންޏެވެ. އަޑުގައިވަނީ ނުރައްކާތެރި މަޑުމައިތިރިކަމެކެވެ. “އެ ކުއްޖާއާއި އޭނާގެ އާއިލާގެ ހުރިހާ މަޢުލޫމާތެއް އަހަރެން ބޭނުން.”
މަޑުޖެހުމަކަށްފަހު އޭނާ އިތުރުކޮށްލިއެވެ.
“ކާފަ އަހަރެންގެ ކިބައިން ފޮރުވަން އުޅެނީ ކޮން ކަމެއްތޯ ބަލަން އަހަރެން ބޭނުން.”
“ލައްބަ ބޮސް. އަޅުގަނޑު އެކަން ހަމަޖައްސާނަން.” ދީނާ މަޑުމަޑުން އެތަނުން ނުކުތެވެ.
ރުޝްދާން ގޮނޑީގައި ލެނގިލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މޭޒުމަތީގައި ހުރި ކޮފީގެ ކުޑަ ލައްގަނޑަށެވެ. އޭނާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
“ފުރަތަމަ ދުވަސް..” އޭނާ މަޑުމަޑުން ބުންޏެވެ. “އަހަރެންގެ ގަމީސް ހަލާކުކޮށްލައިފި.. އަދި އަހަރެން ފިއްސާލަންވެސް އުޅެފި..” ކާފަ ބޭނުންވަނީ ކުޅިވަރެއް ކުޅެން ކަމަށްވާނަމަ، އެ ކުޅިވަރު މާ މޮޅަށް ކުޅެން އޭނާ ދަނެއެވެ.
“އަހަރެން މިކަން އޭނާއަށް ވަރަށް އުނދަގޫ ކުރާނަން.” އޭނާ މަޑުމަޑުން ބުންޏެވެ. “ބަލަމާ އޭނާއަށް ކެތްވަނީ ކިހާ ދުވަހަކުތޯ.”
ނަމަވެސް، އެވަގުތު އޭނާގެ ސިކުނޑިއަށް ސިފަވީ އެ ކުއްޖާގެ މޫނެވެ. އެ މައުސޫމް ދެލޮލެވެ. އެ ދެލޮލުގައި އެއްވެސް މަކަރުވެރިކަމެއް ނެތެވެ. ހުރީ ހަމައެކަނި ތެދުވެރިކަމެވެ. އޭނާ އެކަމަކާ ނުރުހެއެވެ. އެ ސިފަ އޭނާގެ ހިތުގައި ބިންވަޅު ނެގިފައި ހުރި ގޮތާ މެދު އޭނާ ހިތްހަމައެއް ނުޖެހެއެވެ.
ކާފަގެ މިޒާޖު ބަދަލުވާން ފެށިތާ މަސްތަކެއް ވެއްޖެއެވެ. އެކަހެރިވެ، މީހުންނާ ދުރުވެ، ކާފަގެ އަމިއްލަ ވިލާގައި ވަގުތުތައް ހޭދަކުރަން ފެށީ އެއްވެސް ސަބަބެއް ބުނެދިނުމެއް ނެތިއެވެ. އަދި މިހާރު.. މި އަންހެން ކުއްޖާ. މިއީ ގަސްތުގައި އޭނާގެ ކުރިމައްޗަށް ގެނެވުނު ކަމެއް ފަދައެވެ. މިއީ އޭނާ ހޯދައި ދެނެގަންނަން ޖެހޭ ސިއްރެއް ފަދައެވެ.
އެ އުސް އިމާރާތާ އެތައް މޭލެއް ދުރުގައި ހުރި ކުޑަ، ހިމޭން ގޭގެ އެނދުމަތީގައި ރީޝާ އޮތީ ބޮނޑިވެލައިގެންނެވެ. މުޅި ދުވަހުގެ ވަރުބަލިކަމާއި ހާސްކަން އޭނާ ވަނީ ވަށާލާފައެވެ. އޭނާގެ ސިކުނޑި ވަނީ ތަފާތު ޚިޔާލުތަކުން ފުރިފައެވެ.
“އަހަންނަށް މި ފުރުސަތު ގެއްލިއްޖެކަން ޔަޤީން.” މި ޖުމްލަ އޭނާގެ ހިތުގައި ތަކުރާރުވަމުން ދިޔައެވެ.
“އޭނާ އަހަރެންދެކެ ފޫހިވޭ. އޭނާ އަހަންނަށް ބަލާލީ ހަމްދަރުދީއަށް އެދިގެން އުޅޭ މީހަކަށް ބަލާލާ ފަދަ ގޮތަކަށް.” އޭނާގެ އަނގައިން މަޑު އާހެއް ނުކުތެވެ.
“އަހަރެން ވަރަށް ދެރަވެއްޖެ..” އޭނާގެ އަތްތިލަ ބާރުކޮށްލިއެވެ.
“އަހަރެންގެ އަތުގައި އެފަދަ ތަނެއްގައި އުޅޭނެ ފެންވަރެއް ނެތް.. ރީތި ހެދުމެއް ނެތް.. ނުވަތަ ތަޖުރިބާއެއްވެސް ނެތް.”
އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.
“އަހަރެން މިހާ މޮޔައީ ކީއްވެބާ؟ އެހާ ބޮޑު ހުވަފެނެއް ދެކެން ކެރުނީތީ އަމިއްލަ ނަފުސަށް ލަދުގަނޭ.” އޭނާ އިތުރަށް ބޮނޑިވެލިއެވެ.
“އަހަރެން ހާދަ ބޭނުމޭ..” އޭނާ މަޑުމަޑުން ބުންޏެވެ. “މަންމަ އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ގައިގައި ބައްދާލާފައި، ހުރިހާ ކަމެއް ރަނގަޅުވާނޭ ބުނެލި ނަމަ.” އޭނާގެ ދެލޯ ކަރުނުން ފުރުނެވެ.
“ބައްޕަ މިތާ ހުރިނަމަ ހާދަ ރަނގަޅޭ.. ބައްޕަ މަތިން ވަރަށް ހަނދާންވޭ..”
ހިތުގެ ރިހުން އިތުރުވިއެވެ. ރީޝާގެ ދިރިއުޅުން ފުރިހަމަވެފައި އޮތް ޒަމާނެއް ދިޔައެވެ. އެއީ މުއްސަނދިކަމެއް އޮވެގެންނެއް ނޫނެވެ. ނަމަވެސް އެއަށްވުރެ މާ އަގުބޮޑު އެއްޗެއް އެމީހުންގެ އަތުގައި އޮތީތީއެވެ. އެއީ ލޯތްބެވެ.
އޭނާގެ ބައްޕަ ގެއިން ނުކުންނަނީ ގޭތެރޭގައި ލޯބިވެތި އަޑަކުން ގޮވާލާފައެވެ.
“ބައްޕަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ، ރީޝާ!”
“އަދި ބައްޕަގެ ހަނދަށް.. ބައްޕަގެ ލޯބިވާ ފާތުންދެކެވެސް!”
އެއީ ރީޝާގެ މަންމައެވެ. ރީޝާއަށް އަދިވެސް އެ އަޑު އިވޭ ކަހަލައެވެ. އެ ލޯބި އިޙުސާސް ކުރެވޭ ކަހަލައެވެ. އެއީ ހުވަފެނީ ދުނިޔެއެއް ފަދަ އުފާވެރި ދިރިއުޅުމެކެވެ. އެމީހުން ދުވަހަކުވެސް ޒުވާބެއް ނުކުރެއެވެ. އެ ގޭގައި ވަނީ ހަމައެކަނި ހިނިތުންވުމާއި އުފާވެރިކަމެވެ.
އެމީހުންނަކީ މުއްސަނދިންނެއް ނޫނެވެ. ނަމަވެސް ބައްޕަ އަބަދުވެސް ބުނާ ފަދައިން “އަހަރެމެންނަކީ ލޯބިން މުއްސަނދި ބައެއް.”
އެހެންވީއިރު..
އޭނާގެ މޭގައި ރިއްސާލިއެވެ. އެހާ ފުރިހަމަ ދިރިއުޅުމެއް ﷲ އެހާ ކުއްލި ގޮތަކަށް، އަދި އެހާ އަނިޔާވެރި ގޮތަކަށް ގެންދެވީ ކީއްވެ ހެއްޔެވެ؟
އޭނާގެ ބައްޕަ ވަކިވެދިޔައީ ހަމައެކަނި މަރުވެގެންނެއް ނޫނެވެ. ބައްޕަ ވަނީ މަރާލާފައެވެ.
އެ ހަނދާންތަކަކީ އަދިވެސް ހަޤީޤަތެއް ކަމަށް ޤަބޫލުކުރަން އޭނާގެ ހިތް ދެކޮޅު ހަދާ ކަމެކެވެ. އެ ދުވަހުގެ ހާދިސާ އޭނާގެ ސިކުނޑީގައި ކުދިކުދި އެތިކޮޅުތަކެއްގެ ގޮތުގައި އެނބުރެމުން ދެއެވެ.
އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ބައްޕަ ވަޒީފާއަށް ދިޔައީ ހިނިތުންވަމުންނެވެ. ހީނލާފައެވެ. އާދައިގެ މަތިން ލޯބިވާކަމަށް ބުނަމުންނެވެ.
“ދަރިފުޅުދެކެ ލޯބިވޭ!”
އެއީ ބައްޕަގެ އެންމެ ފަހުގެ ބަސްތަކެވެ. އެ ދިޔަ ގޮތަށް ބައްޕަ ދިޔައީއެވެ.
ރީޝާގެ ދެލޮލުން ފޭބި ކަރުނަތައް ބާލީހަށް ބަންޑުންވަމުން ދިޔައިރު، އޭނާ އަމިއްލަ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ. ހިތުގެ ފުންމިނުގައިވާ އެ ރިހުން ދުވަހަކުވެސް ފިލައިގެންނެއް ނުދެއެވެ. އެ ރިހުން ހަމައެކަނި ދަސްކޮށްފައިވަނީ ހިމޭނުން ހުންނާށެވެ. އަދި މިހާރު.. ހުރިހާ ކަމެއް ބިނާވެފައިވަނީ އޭނާގެ މައްޗަށެވެ. އޭނާގެ ކެތްތެރިކަމާއި ހިތްވަރުގެ މައްޗަށެވެ.
(ނުނިމޭ)
