އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ހިތްގައިމު ކުރު ވާހަކަތަކެއް ގެނެސްދީފައިވާއިރު، ކިޔުންތެރިންގެ ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.

ނީރުގެ މި ސީރީޒް ނިންމާލުމަށްޓަކައި އަދި ޢީދު ހަދިޔާއެއްގެ ގޮތުން ހިއްސާކޮށްލާ “ކަޅިސް” ދިގު ވާހަކަ އަކީ ރޭޕް ކޭސްއަކާ ގުޅުން ހުރި، ވަރުގަދަ ޓްވިސްޓެއް ގެނެސްދޭނެ ވާހަކައެކެވެ.
─━━━━━━⊱✿⊰━━━━━━─
ފެށުން
ނިއުސާގެ އަލަތުކައިވެންޏާއިއެކު ދިރިއުޅުން މާލެއަށް ބަދަލުކުރި ނަމަވެސް، އޭނާގެ ރަހުމަތްތެރިންނާއި އޮންނަ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރިއެކޭ އެއްފަދައިން މިހާރު ވެސް އެބައިމީހުންނަކީ ނިއުސާގެ އެންމެ ގާތް ރަހުމަތްތެރިންނެވެ. އޭނާގެ ފިރިމީހާ މާހިދު ފިޔަވާ އެހެންބަޔަކާއިއެކު ނިއުސާ އެންމެގިނައިން ވަގުތު ހޭދަކުރަން ބޭނުންވާ އަދި ހޭދަކުރާ ބަޔަކީ ވެސް އެބައިމީހުންނެވެ. ކޮންމެ ދުވަހެއްގެ އެތައް ވަގުތެއް ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު އެބައިމީހުން އެކުގައި ހޭދަކުރެއެވެ.

ނިއުސާގެ އަލަތުކައިވެންޏާއިއެކު މާލެއަށް ބަދަލުވިތާ މަހެއްހާ ދުވަސް ފަހުން، އޭނާގެ ރަހުމަތްތެރިންގެ ތެރޭގައި ހިމެނޭ ޔާނިހު ވެސް މާލެއަށް ބަދަލުވިއެވެ. ޔާނިހުއަކީ ނިއުސާގެ ރަހުމަތެރިންގެ ތެރެއިން އެމީހަކާއި ނިއުސާ އެންމެގިނައިން ވާހަކަދައްކާއުޅޭ ރަހުމަތްތެރިޔާއެވެ. އެދެމެދުގައިވާ ގާތްގުޅުމުގެ ސަބަބުން ރަށުގެ ބައެއްމީހުން ބުނާގޮތުންނަމަ އެދެމީހުންނަކީ ދެ ލޯބިވެރިންނެވެ. އެހެނަސް އެ ވާހަކަތަކަކަށް އެދެޒުވާނުން އަޅައެއް ނުލައެވެ.

ނިއުސާ އާއި ޔާނިހުއަކީ ދެލޯބިވެރިންކަމަށް ބުނަމުންއައި މީހުންގެ ބުނުންތަކަށް ކޮންމެވެސްވަރެއްގެ ހުއްޓުމެއް ނިއުސާގެ ކައިވެނީގެ ސަބަބުންއައެވެ. ބައެއްމީހުން އަދިވެސް އެވިސްނުން ދޫކޮށްނުލައެވެ. އެވާހަކަތައް ދެއްކުން ހުއްޓައެއް ނުލައެވެ.

މާހިދުގެ ޢާއިލާއަކީ މާލޭގައި ގެދޮރުހުރި އަތްމަތި ތަނަވަސް ޢާއިލާއަކަށް ވާތީ އަތުންފައިން މަސައްކަތެއް ނުކޮށް ދިރިއުޅުން ކުރިޔަށް ގެންދެވެން އޮތްނަމަވެސް، މާހިދުއެކޭ އެއްފަދައިން އޭނާ ވެސް ވަޒީފާއަކަށް ދާން ބޭނުން ކަމުގައި ނިއުސާ ބުނަމުންދިޔަ އެވެ.

ނިއުސާ އެކަނި މާއެކަނި އެގޮތަށް ގޭގައި އިންނަންޖެހެންޏާއި ފޫހިވާނެކަމާއި އެކަނިވެރިކަން އިހުސާސް ކުރެވޭނެކަން މާހިދަށް ވެސް ވިސްނެއެވެ. އެމީހަކަށްޓަކައި އޭނާގެ މުޅިދިރިއުޅުން ގުރުބާން ކުރަން ވެސް ތައްޔާރަށްހުރި ނިއުސާއަށް އެއްވެސް ހިތްދަތިކަމެއް ހިތާމައެއް ލިބުމަކީ އޭނާ ބޭނުންވާގޮތް ކަމަށް ނުވާތީ ނިއުސާއަށް ވަޒީފާއެއް ހޯދުމުގެ މަސައްކަތް ވެސް މާހިދު ކުރަމުން ދިޔައެވެ.

ޔާނިހު މާލެއަށް ބަދަލުވިކަން އެނގުމާއިއެކު ނިއުސާ އޭނާގެ ފިރިމީހާ މާހިދާއިއެކު ގޮސް ޔާނިހުއާ ބައްދަލު ކުރިއެވެ. އެ ދެމީހުން އެކަކު އަނެކަކަށް ތަޢާރަފްކޮށްދީ ދެމަފިރިންގެ ފަރާތުން ޔާނިހުއަށް ކެއުމެއް ވެސް ދިނެވެ. ނިއުސާގެ ގާތްރައްޓެހިންގެ ތެރެއިން އޭނާގެ ކައިވެނީގެ ހަފްލާގައި ބައިވެރިނުވެވުނު ހަމައެކަނި މީހަކީ ޔާނިހުއަށް ވާތީ އޭނާއަށް އެފުރުސަތުދިނުމަށް ނިއުސާ ވަނީ ކުރިން ވެސް ނިންމާފަ އެވެ.

ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައިރު ނިއުސާ އާއި ޔާނިހުގެ މެދުގައިވި ދުވަސްވީ ރަހުމަތްތެރިކަން ކުރިއެކޭ އެއްފަދަ ގުޅުމަކަށް ވެގެން ދިޔައެވެ. މާހިދު އާއި ޔާނިހުގެ މެދުގައި ވެސް ގާތް ރަހުމަތްތެރިކަމެއް އުފެދިގެން ދިޔައެވެ.

ޔާނިހު ވަޒީފާއަދާކުރަމުންދިޔަ އޮފީހުން ނިއުސާއަށް ވަޒީފާ ހަމަޖެހުން ވެގެންދިޔައީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމަކަށެވެ. މާލޭގެ މާހައުލަށް މުޅިންއައު ނޫންނަމަވެސް، އަލަށް ވަޒީފާއަކަށްދާއިރު އޭނާއަށް ކަންކަން ބުނެދީ އެހީތެރިވާނެ މީހަކު ހުރުމަކީ ކިހާމުހިންމުކަމެއްކަން އެނގޭނީ އެފަދަމީހަކަށް ކަމުގައި ނިއުސާއަށް އަބަދު ވެސް ގަބޫލުކުރެވެއެވެ. އޭނާއަށް ދިމާވާ ކޮންމެކަމެއްގައި އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދެމުންދާ ޔާނިހު މިކަމުގައި އޭނާއަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އޭނާއަށް ބޮޑެވެ.

ނިއުސާ ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަސް ވެސް ވެގެންދިޔައީ އޭނާ އުންމީދުކުރިފަދަ ދުވަހަކަށެވެ. ލިބުނު ފުރުސަތާއިމެދު އޭނާ ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

ނިއުސާގެ އިތުރުން މާހިދުއާ ވެސް އުފެދުނު ގާތްކަމުގެ ސަބަބުން މާހިދުމެން ގެއަށް ވެސް ޔާނިހު އަންނާން ފެށިއެވެ. އެހެން އަންނަ އައުމުގައި ނިއުސާ އާއި ޔާނިހު ވާހަކަދައްކަން ތިބެނީ އެގޭ ގޯތިތެރޭގައި ހުންނަ ގޯލިފަތީގަ އާއި އެގޭގެ ފެންޑާތެރޭގައެވެ. މިފަދަ ބައެއް ބައްދަލުވުންތަކުގައި މާހިދު އެދެމީހުންނާއި ބައިވެރިވެއެވެ. ތިންމީހުން އެކުގައި ކޮފީއަށް ގޮސް ވެސް އުޅެއެވެ. މިހާރު އެ ތިންމީހުންނަކީ ވެސް ވަރަށްގާތް ތިންމީހުނެވެ.

ވަޒީފާއެއް އަދާކުރާނަމަ ބަރާބަރަށް ގަޑިއަށް އޮފީހަށް ދިއުމާއި އޮފީހުން އަންގާ އެންގުންތަކަށް ކިޔަމަންވުމާއި އޮފީހުން ހަވާލުކުރާ މަސައްކަތްތައް ބަރާބަރަށް ނިންމުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެކަންކަމެވެ. އޭނާއަށް ލިބެމުންދާ ކާމިޔާބާއި ކުރިއެރުމުގެ އަސްލަކީ އެއީ ކަމަށާއި ވަޒީފާއެއް އަދާކުރާނަމަ އެފަދައިން ކަންތައްކުރަމުން ދިއުމަށް ނިއުސާއަށް މާހިދު ނަސޭހަތްތެރިވެ ހިތްވަރުދެއެވެ.

ވަޒީފާގެ މައިދާނަށް ނުކުތް ފުރަތަމަ ފަހަރު ވެސް ފިރިމީހާގެ ފަރާތުން ލިބެމުންދާ ހިތްވަރާއި ނަސޭހަތުގެ ސަބަބުން ނިއުސާ ހުރީ ވަރަށްއުފާވެ ހިތްހަމަޖެހިފައެވެ. އެންމެ ބަރާބަރަށް ވަޒީފާއަދާކުރަމުންދާ މުއައްޒަފަކަށް ވުމުގެ އުންމީދާއި އަޒުމުގަ ވެސް މެއެވެ.

ކޮންމެދުވަހަކު ވެސް މާހިދު އޮފީހަށް ދަނީ ނިއުސާ ގެންގޮސް އޭނާގެ އޮފީހަށް ލާފައެވެ. އޮފީހުގެ މަސައްކަތްތައް ހުންނަ ގޮތުން ބައެއް ދުވަސް ދުވަހު ނިއުސާ އޮފީސް ނިމޭގަޑީ މާހިދު އޮފީސް މަސައްކަތްތައް ނިމޭގޮތެއް ނުވެއެވެ. އެފަދަ ދުވަސް ދުވަހު ނިއުސާ ގެއަށް ގެންދަން އައުމަކީ މާހިދަށް ވާވަރުގެ ކަމަކަށް ނުވެއެވެ. އެފަދަ ދުވަސް ދުވަހު ޓެކްސީއެއްގައި ގެއަށް ދިއުމަށް ނިއުސާގާތު މާހިދު ބުނެއެވެ. ފިރިމީހާއަށް ހައްގު މަގާމްދިނުމަށް އަބަދުވެސް އިސްކަންދޭ ނިއުސާ އެކަން ބަލައިގަންނަނީ އުފަލާއި އެކުގައެވެ.

ނިއުސާ ގެއަށް ގެންދިއުމަށް މާހިދަށް ނާދެވެނީ ވަރަށްމަދު ދުވަހެއްގައި ކަމަށްވާތީ އާއި ގެއަށް ދިއުމަކީ ޔާނިހު ވެސް ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީ އޭނާ ގެއަށް ދާއިރު ނިއުސާ ގެއަށް ގެންގޮސް ދިނުމަށް ނިއުސާ އާއި ޔާނިހު ވާހަކަދައްކާ އެއްބަސްވިއެވެ. އެފަދައިން ކަންތައް ކޮށްދިނުމަށް ޔާނިހު އެއްބަސްވުމުން މާހިދު ވެސް ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ. ތަކުރާރުކޮށް ޔާނިހަށް ޝުކުރުއަދާކުރި އެވެ. ރަހުމަތްތެރިކަން އިތުރަށް ބަދަހިވެގެންދިޔަ ވެސް މެއެވެ.

މާހިދަށް އޮފީހުގެ ފަރާތުން ލިބުނު ކުރުމުއްދަތުގެ ތަމްރީނު ދަތުރެއްގައި ހަތަރު މަސްދުވަހަށް ރާއްޖޭން ބޭރަށް ދާން ފުރުސަތު ލިބުނީ ކުއްލިއަކަށެވެ. އަލަތު ކައިވެނީގެ ކުރީކޮޅު އަންހެނުންނާއި ވަކިން އެހާ ގިނަދުވަހު ހުންނަން ޖެހުމަކީ މާހިދަށް ކުރިމަތިވި ނުތަނަވަސްކަމަކަށް ވިއެވެ. ވަޒީފާއިން ކަނޑާލައިގެން އަންހެނުން ގޮވައިގެން ދިއުމަށް ވެސް ހިތަށް އެރިއެވެ.

ވަޒީފާއަކަށް ނުކުންނަންފެށިތާ އަދި މަހެއްހާ ދުވަސް ވެފައިވާ ނިއުސާ، އެހާ އަވަހަށް ވަޒީފާއިން ވަކިކޮށްލުމަކީ ރަނގަޅު ކަމެއް ނޫންކަން މާހިދަށް ފަހުން ވިސްނުނެވެ. އެކަމުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކާއި ފަހުން ލިބިދާނެ ގެއްލުމަކާއި މެދުވެސް ވިސްނާ ލެވުނެވެ. ވަޒީފާއަކީ ހޯދަން އުނދަގޫ އަދި ލިބިއްޖެނަމަ ގެއްލެން އެހާ ފަސޭހައެއްޗެއްކަން މިހާރު އެންމެނަށް ވެސް އެނގެއެވެ.

ތަމްރީނުދަތުރުގައި ދިއުމާއިބެހޭގޮތުން މާހިދާއި ނިއުސާ ވާހަކަދައްކާ މަޝްވަރާކުރިއެވެ. މާހިދުގެ ވާހަކަތައް އަޑުއެހެމަށްފަހު ނިއުސާ އެދުނީ މާހިދު އެތަމްރީނުތަކުގައި ބައިވެރިވެ ތަމްރީނު ފުރިހަމަކުރުމަށް ދިއުމަށެވެ. މާހިދަށް ފުރިހަމަކާމިޔާބަށް އަބަދުވެސް އެދޭކަމަށާއި މާހިދަށް ލިބޭ ކޮންމެކާމިޔާބަކީ އޭނާއަށް ލިބޭ ކާމިޔާބެއް ކަމުގައި ނިއުސާ ބުންޏެވެ. އެފަދަ ތަމްރީނެއްގެ މުހިންމުކަމާއި ބޭނުންތެރިކަން ހަނދާން ކޮށްދީ ހިތްވަރާއި ނަސޭހަތްދިނެވެ. ނިއުސާ ދެމުންދިޔަ ހިތްވަރާއި ނަސޭހަތުގެ ސަބަބުން އެތަމްރީނު ފުރިހަމަކުރުމަށް ރާއްޖޭން ބޭރަށް ދާން މާހިދު ނިންމިއެވެ.

ރޭގަނޑު ދިހައެއް ޖަހާކަން ހާއިރެވެ. ހެދިގޮނޑުދޮށް ސަރަހައްދުގައި ދެފަންގިފިލައަށް ވާގޮތަށް ހަދާފައިވާ ރެސްޓޯރެންޓް ތަކުގެ ތެރެއިން ރެސްޓޯރެންޓެއްގެ މަތީފަންގިފިލާގައިވާ ހުސްބައިގައި މާހިދުމެން ތިންމީހުން ތިބީ ކޮފީއެއް ބޯލާށެވެ. ކޮފީއަށް އިންސާފުކުރަމުން ދިޔައިރު ތިންމީހުންގެ މެދުގައި ކޮންމެވެސް މުހިންމު ވާހަކަތަކެއް ވެސް ދެކެވެމުން ދިޔައެވެ. ތިންމީހުން ވެސް ތިބީ އެވާހަކަތަކަށް ސަމާލުކަން ހުސްކޮށްލައިގެންނެވެ.

މާހިދު ފުރައިގެން ދިޔައިރު، ނިއުސާއަށް އަޅާލާ ރަނގަޅަށް ބެލުމަށް ބުނި ނަމަވެސް، އޭނާގެ މަންމަ އުނޭސާގެ ފަރާތުން ނިއުސާއަކަށް މާބޮޑު އަޅާލުމެއް އެހީތެރިކަމެއް ނުލިބެއެވެ. ކުރިއަކާއި މާބޮޑު ތަފާތެއް ވެސް ނުފެނެއެވެ.

އުނޭސާގެ ފަރާތުން އޭނާއަށް މާބޮޑު ސަމާލުކަމެއް އެހީތެރިކަމެއް އެއްބާރުލުމެއް ނުލިބުނު ނަމަވެސް ކުރިއެކޭ އެއްފަދައިން ނިއުސާއަށް ވަގުތު ވާވަރަކުން އުނޭސާއަށް އެހީތެރިވެދީ ގޭތެރޭގައި ކަންކަމުގައި އުޅެމުން ދިޔައެވެ. އުނޭސާއަކީ މަޑުމައިތިރި ބަސްމަދު މީހަކަށްވާތީ އެކަމަކާ ނިއުސާ ނުވިސްނައެވެ.

މާހިދަށް ލިބުނު ތަމްރީނުދަތުރު ފުރިހަމަކުރުމަށްޓަކައި މާހިދު ފުރައިގެން ދިއުމުން ނިއުސާއަށް ވަރަށްބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށިއެވެ. އެކަމާއިދެރަވެ ހިތާމަ ކުރެވެން ވެސް ފެށިއެވެ. މާހިދާއި ކައިވެނި ކޮށްގެން ނިއުސާ މާލެއަށް ދިރިއުޅުން ބަދަލުކުރީ ވެސް އެމީހަކާއި ނުލައި އޭނާއަށް ނޫޅެވޭނެ އެނާގެ އަލަތު ލޯބިވެރިޔާ އަދި އަލަތު ފިރިމީހާ މާހިދު ކައިރީ އަބަދު ހުރުމަށްޓަކައެވެ. އެހެނަސް ކަންތައް މިދިމާވީ އެގޮތަށް ނޫންކަމުގައި ނިއުސާއަށް ގަބޫލުކުރެވެން ފެށިއެވެ. އެކަނިވެރިކަމާއި މާޔޫސްކަން އިހުސާސް ކުރެވޭ ކޮންމެފަހަރަކު ހިތާހިތާހިތުން މާހިދަށް ސަކުވާ ވެސް ކުރެވެން ފެށިއެވެ.

ދުވަސްތައް މާޒީއާއިއެކުވަމުން ދާވަރަކަށް ނިއުސާ ވެސް އޮފީހުގެ އެހެން މުއައްޒަފުންނާއި ގުޅުންބަދަހިވެ އޮފީސް މާހައުލަށް ހޭނެމުން ދިޔައެވެ. އެބައިމީހުންނާއިއެކު ވަގުތު ހޭދަކުރުމާއި އެކުގައި ކޮފީއަށް ގޮސް އުޅުން ކަހަލަ ބައެއް ހަރަކާތްތަކުގައި ވެސް ބައިވެރިވާން ފެށިއެވެ. ނިއުސާގެ ހިތަށް ވެރިވަމުންދިޔަ އެކަނިވެރިކަމަށް، އެކަމުގެ ސަބަބުން ވަރަށްބޮޑު ލުޔެއް ވެސް ލިބިގެން ދިޔައެވެ.

ޔާނިހު އޭނާގެ އާދައިގެމަތިން އޮފީހަށް ދާއިރު ނިއުސާ އޮފީހަށް ގެންދިއުމާއި އޮފީހުން އަންނައިރު ނިއުސާ ގެއަށް ގެނެސް ދިނުމުގެ ދަތުރުތައް ކުރަމުން ދިޔައެވެ. ރަށުގައި އުޅުނު ދުވަސްތައް ފަދައިން ދެމީހުން އެކުގައި ކޮފީއަށާއި ކެއުމަށް ދިއުންފަދަ ބައެއް ކަހަލަ ކަންތައްތައް ކުރަމުން ގެންދިޔައެވެ. ދެމީހުން އެކުގައި ހޭދަކުރާ އެފަދަ ކޮންމެވަގުތަކީ ރަށުގައި އެމީހުން އެކުގައި އުޅުނު ދުވަސްތައްފަދަ ހިތްގައިމު އުފާވެރި ދުވަސްތަކެއް ކަމުގައި ދެމީހުން ވެސް ދެކެއެވެ. ދެ މީހުންގެ ކިބައިން ވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމެވެ.

ޔާނިހު އޭނާގެ އާދައިގެމަތިން މިހާރު ވެސް ނިއުސާ ކައިރިއަށް އެގެއަށް ގޮސް އުޅެއެވެ. ނިއުސާއަށް އަމިއްލައަށް ނުކުރެވޭ ބައެއް ކަންތައްތައް ކޮށްލަދީ އެހީތެރިވެދީ ހަދައެވެ. ބައެއް ފަހަރު ނިއުސާގެ ކޮޓަރިއަށް ވެސް ޔާނިހު ވަދެއުޅެއެވެ.

ނިއުސާއަށްޓަކައި ޔާނިހު ކޮށްދެމުންދިޔަ ދަތުރުތައް، މަންޒަރު ފެންނަމުންދިޔަ ބައެއްމީހުންނަށް ހަޖަމު ކުރަން ދަތި ކަމަކަށް ވެގެންދިޔައެވެ. މީހެއްގެ އަންބަކަށް ވީ ނަމަވެސް ހިލޭ ފިރިހެނަކު އަންހެނަކަށްޓަކައި އެވަރުގެ ކަމެއް ހިލޭ ސާބަހަށް ނުކޮށްދޭނެ ކަމަށް ބުނަން ފެށިއެވެ. ނިއުސާ އާއި ޔާނިހުގެ މެދުގައި ސިއްރުގުޅުންތަކެއް އޮންނަކަމަށް ވާހަކަ ދެކެވެން ވެސް ފެށިއެވެ. ތުހުމަތުގެ އިނގިލި ދިއްކުރެވެމުން ދިޔައީ ހީކުރިވަރަށްވުރެ ވެސް ގާތުންނެވެ.

ދެ މީހުން ދެ ގައުމެއްގައި ތިބި ނަމަވެސް، މާހިދާއި ނިއުސާގެ މެދުގައިވާ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މާހިދަށް ވަގުތުވާވަރަކުން ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެ ދެ މީހުން ދިޔައީ މުޢާމަލާތް ކުރަމުން ދިރިއުޅުން އުޖާލާކުރުމަށް ރޭވުންތައް ރާވަމުން ކުރެހެންތައް ކުރަހަމުންނެވެ. އެފަދަ ކޮންމެވަގުތެއް ހޭދަވެގެންދަނީ ދެމީހުންނަށް ނުހަނު އުފަލާއި ހިތްހަމަޖެހުން ލިއްބައިދެމުންނެވެ.

އިރުގެ ދައުރުވުމާއިއެކު ވަގުތުތައް ފާއިތުވަމުން އައިސް އިރުއޮއްސުނުއިރު ވެސް މާލޭގެ މަގުތަކުން ފެންނަމުން ދިޔަ ހަލަބޮލި ކަމަށް މާބޮޑު ބަދަލެއް ނާދެއެވެ. ދުއްވާތަކެއްޗާއި މީހުން އެމީހުންގެ މަންޒިލްތަކާއިގެން މަގުތަކުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

އޮފީހުގެ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ތައްޔާރުވުން ކުރިޔަށް ދިޔައެވެ. އޮފީހުގައި ކުރަމުންދިޔަ މަސައްކަތްތަކުގައި އޮފީހުގެ އެހެންވެސް މުއައްޒަފުންނެކޭ އެއްފަދައިން ނިއުސާ އާއި ޔާނިހު ވެސް ބައިވެރިވިއެވެ. ހުރިހާ މުއައްޒަފުން ވެސް މަސައްކަތްކުރަމުން ދިޔައީ ނުހަނު ފޯރިއާ ހިތްވަރާއި އެކުގައެވެ.

އެގާރަޖެހުމުން މަސައްކަތްތައް މިރެއަށް ހުއްޓާލާފައި ހުރިހާ މުއައްޒަފުން ދިޔައީ ކޮފީއެއް ބޯލާށެވެ. ކޮފީގެ ވަގުތުގައި ވެސް ފެންނަމުންދިޔައީ އެއްމުއައްޒަފަކު އަނެއް މުއައްޒަފަކާއި އޮންނަ ގާތްކަމާއި ރަހުމަތްތެރިކަމެވެ. އޮފީހުގެ ވެރިންނާއި މުއައްޒަފުންގެ މެދުގައި ތަފާތު ނުބޭއްވުމުން ވެރިންނާއި މުއައްޒަފުން ގުޅޭ މަންޒަރެވެ. އެކަމުގެ ހިތްގައިމު ކަމާއި އުފާވެރިކަމެވެ.

ފަހަރަކަށްވުރެ ފަހަރެއް ވައިގަދަވަމުން އުޑުމަތި ކަޅުކުރަމުން ދިޔައެވެ. ދާދި އަވަހަށް ވާރޭވެހެން ފަށާފާނެ ކަމުގެ ކުލަވަރު ދައްކަން ފެށިއެވެ. މާދަމާ ބައްދަލުކުރުމަށް އުންމީދުކޮށް އެކަކު އަނެކަކަށް ހެޔޮދުޢާ ރައްދުކުރަމުން ގެތަކާއި ދިމާއަށް މީހުންތައް މިސްރާބުޖަހަން ފަށައިފިއެވެ.

ނިއުސާ ގޮވައިގެން އޭނާ އުޅޭ ގެކައިރިއަށް ޔާނިހުއަށް އާދެވުނީ ކިރިޔާއެވެ. ސައިކަލު ބަހައްޓާފައި އައިސް ދޮރޯށީގެ ފުރާޅު ދަށަށް ދެމީހުނަށް ވަދެވުނުއިރު ގަދަވަޔާއިއެކު ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ.

” ހިނގާދާން ގޭތެރެއަށް. ވާރޭ ހުއްޓާލީމަ ގެއަށް ދާނީ. ” ޔާނިހުއަށް ބަލާލަމުން ނިއުސާ ބުންޏެވެ.

” އުނހު. އަހަރެން މަޑުކޮށްލާނަން މިތަނުގަ. ނިއުސާ ގޮސް އަވަހަށް ނިދާ. ހެނދުނު އޮފީހަށް ވެސް ދާން ޖެހޭނެއެއްނު. ވާރޭ ތުނިކޮށްލާއިރަށް އަހަރެން ގެއަށް ދާނަން. ” މިފަދަވަގުތެއްގައި އެގޮތަށް ނިއުސާއާއިއެކު އެގޭތެރެއަށް ވަނުމަކީ ރަނގަޅުކަމެއް ނޫންކަން ވިސްނުމުން އަވަސް އަވަހަށް ޔާނިހު ބުންޏެވެ.

ޔާނިހުއާ ވާހަކަދައްކާލަން އިރުކޮޅަކު މަޑުކުރުމަށްފަހު، ޔާނިހުގެ އެވާހަކަތައް އަޑުއަހައި އެގޮތް ގަބޫލުކޮށްގެން ނިއުސާ ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.

މެންދަމުން އަލިވެ ދެގަޑިބައި ތިނެއްޖަހާކަން ހާއިރެވެ. ނުހަނު އަރާމުގައި ނިދާލާފައިއޮތް ނިއުސާއަށް ސިއްސައިގެން ގޮސް ހޭލެވުނީ އޭނާގެ މޫނުގައި ބީހެމުންދިޔަ އަތްތިލައެއްގެ ހޫނުކަން އިހުސާސް ވުމުންނެވެ. އޭނާގެ މޫނާއި ނުހަނު ގާތުން ކޮންމެވެސް މީހެއްގެ ނޭވާގެ ހޫނު ކަހަލަ ހޫނެއް ވެސް އެވަގުތު އިހުސާސް ވިއެވެ.

ސިއްސައިގެން ގޮސް އަވަސް އަވަހަށް ލޯހުޅުވާލަމުން ބަލާލި ވަގުތު ފެނުނު މަންޒަރުން ނިއުސާއަށް ލިބުނީ ހައިރާންކަމެވެ. ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެވުނެވެ. ފެނުނު މަންޒަރު ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ.

” ސޮރީ . . . . . މާހިދުގެ މަންމަ ބުނެގެން ނިއުސާ ހޭލާއޮތްތޯ ބަލާލީ. އަޅާނުލާ ނިދާލާ. އަހަރެން ބުނާނަން ނިދާފައޭ އޮތީ. ” އަވަސް އަވަހަށް ކޮޅަށްތެދުވަމުން އޭނާ ބުންޏެވެ.

އެހެން ބުނުމަށްފަހު، ނިއުސާ ބުނާ އެއްޗަކަށް ބަލާވެސްނުލައި އޭނަ ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ނިއުސާ ތެދެވެގެން ގޮސް ކޮޓަރި ތަޅުލިއެވެ. ކުރިން ވެސް ކޮޓަރި ހުންނާނީ ތަޅުލާފައިކަން އޭނާއަށް ޔަގީނެވެ.

މިހާ ދަންގަޑިއެއްގައި ނިއުސާ ހޭލާއޮތްތޯ ބެލުމުން އޭނާގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ގިނަވިއެވެ. ކޮންމެވެސް ވަރަކަށް ކަންބޮޑުވެސް ވިއެވެ. އެކަމުގެ ފަހަތުގައި އެހެން ކަމެއް އޮވެދާނެއޭ ވެސް ހީވިއެވެ.

ފާޚާނާ ކޮއްލައިގެން ނުކުންނަމުން ބޯ ރީތިކޮށްލުމަށްޓަކައި ލޯގަނޑު ކައިރިއަށް ހުއްޓުނު ވަގުތު ފެނުނު މަންޒަރުން ނިއުސާގެ ކަންބޮޑުވުން އިތުރުވިއެވެ. އޭނާ ލައިގެންހުރި ޓީޝާޓްގެ ކަރުކައިރިން ގޮއްތައް ނައްޓާފައި ހުރުމުން އުފެދުނު ސުވާލުތައް ގިނަވިއެވެ. އޭނާ އަކީ އެހެން އޮންނަ މީހެއް ނޫނެވެ. ނިއުސާގެ ކޮޓަރިއަށް އޭނާ ވަނުމުގެ ފަހަތުގައި އެހެން ބޭނުމެއް އޮންނާނެކަން ނިއުސާއަށް ޔަގީންވިއެވެ.

ހިތަށް ވެރިވެގެންދިޔަ ނުތަނަވަސްކަމާއިއެކު މަޑުމަޑުން ފާޚާނާއިން ނުކުމެގެން އައި، ނިއުސާ އޮށޯތުމުގެ ކުރިން ކޮޓަރި ހުރީ ރަނގަޅަށް ތަޅުލެވިފައިވޭތޯ ޔަގީންކޮށްލިއެވެ. ޑުރެސިންޓޭބަލް ކައިރީހުރި ގޮނޑި ގެނެސް ދޮރު ހުޅުވައިފިނަމަ ވެއްޓޭނެހެން ދޮރުގައި ލައްގާލި އެވެ. އެވަރުން އޭނާއަށް ހޭލެވޭނެއެވެ.

ނިއުސާ އޮށޯތީ ނިދަން ނަމަވެސް ކުއްލިއަކަށް މި ދިމާވިކަންތަކުގެ ސަބަބުން އޭނާއަކަށް ނިދޭގޮތެއް ނުވިއެވެ. އަބަދުހެން ވިސްނާ ފިކުރުކުރެވެމުން ދިޔައީ ދިމާވިކަންތަކާއި މެދުގައެވެ. އޭނާ އެކޮޓަރިއަށް ވަތްގޮތަކާއި މެދުގައެވެ.

އޮފީހަށް ދާން ތައްޔާރުވެގެން އައިސް ސައިކަލަށް އަރަނިކޮށް ފޯނަށް މެސެޖެއް އައުމުން ބަލާލިއިރު މެސެޖް ފޮނުވާފައިވަނީ ނިއުސާއެވެ. ސިއްހީހާލަތު ހުރިގޮތުން މިއަދު އޮފީހަށް ނުދާ ވާހަކައާއި އޭނާ ބަލައި ނައުމުން މެސެޖްގައި އޮތުމުން ވީކީއްތޯ ބަލާލުމަށް ޔާނިހު ފޯނުކުރިއެވެ. ދެ ފަހަރަށް ގުޅާލުމުން ވެސް ނިއުސާ ފޯނު ނުނަގާތީ ޔާނިހު ދިޔަގޮތަށް ދިޔައީ އޮފީހަށެވެ.

އެކަނިމާއެކަނި ކޮޓަރީގައި އޮތް ނިއުސާއަށް ވިސްނެމުން ދިޔައީ ރޭގައި ދިމާވި ކަންތަކާއި މެދުގައެވެ. އެކަމާގުޅިގެން ދެން ކަންތައްކުރަންވީ ގޮތަކާއި މެދުގައެވެ. އެވާހަކަތައް މާހިދަށް ކިޔައިދޭނެ ގޮތަކާއި މެދުގައެވެ. އެވާހަކަތައް ދައްކައިފިނަމަ ދެން ވެދާނެގޮތަކާއި މެދުގައެވެ. އަދި އެވާހަކަތައް ކިޔައި ދިނުމުން މާހިދު ކަންތައް ކޮށްފާނެ ގޮތަކާއި މެދުގައި ވެސް މެއެވެ.

ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުން ނިއުސާ އޮތެވެ. ދިމާވި ކަންތަކާއިމެދު ވިސްނައި ފިކުރުކުރުން ނޫން އެހެންކަމެއް އޭނާއަކަށް ނުކުރެވުނެވެ. އެވާހަކަތަކުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ކޮށްފާނެ އަސަރަކާއި އެވާހަކަތަކުގެ ސަބަބުން މާހިދަށް އައިސްދާނެ ބަދަލަކާއިމެދު ވެސް ވިސްނެމުން ދިޔައެވެ.

ސިއްހީހާލަތު ހުރިގޮތުން މިއަދު އޮފީހަށް ނާއްނާތީ، އަހަރީދުވަހުގެ ތައްޔާރީތަކުގައި ބައިވެރިވާން ނިއުސާ އަންނާނެ ކަމަކަށް ޔާނިހު ހިޔެއް ނުކުރެއެވެ. ކުއްލިއަކަށް ނިއުސާ ފެނުމުން ޔާނިހަށް ލިބުނީ ހައިރާންކަމެވެ. ޔާނިހުއެކޭ އެއްފަދައިން ނިއުސާ ވެސް މަސައްކަތްތަކާއިގެން އުޅެމުން ދިޔައެވެ.

ނިއުސާގެ ފަރާތުން ތަފާތުތަކެއް ޔާނިހަށް ފާހަގަކުރެވުނެވެ. ދެތިން ފަހަރަކު ބައްދަލު ވެއްޖެއެވެ. ގޮވާލައި ހާލު އަހައި ވެސް ލެވިއްޖެއެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ. އަނގައިން ނުބުނި ތާންގައި ހީވެސް ނުލިއެވެ. ޔާނިހުގެ އެއްވެސް އިސާރާތަކަށް ސަމާލުކަމެއް ވެސް ނުދިނެވެ.

އޮފީހުގެ މަސައްކަތްތަކުގައި އުޅެމުން ދިޔައިރު ޔާނިހު ބަލަމުން ދިޔައީ މަސައްކަތް ނިމޭނެ ވަގުތަކަށެވެ. މަސައްކަތް ނިންމާލާފައި އެންމެން ގެއަށްދާނެ ވަގުތަކަށެވެ.

ވަގުތުތައް ފާއިތުވަމުން އައިސް އެގާރަޖަހަން ކައިރިވުމުން މަސައްކަތްތައް ހުއްޓާލާފައި އެންމެން އެކުގައި ކޮފީއަކަށް ދިޔައެވެ. އެންމެން އެކުގައި މިފަދަ ބޮޑުމަސައްކަތެއް ކުރަމުންދާއިރު ނިންމާލާގަޑީ ކޮފީއެއް ބޯލުންފަދަ ކަރުހިއްކުން ފިލުވާލުމެއް ބާއްވަންޖެހޭނެ ކަމުގައި ހުރިހާ މުއައްޒަފުން ވެސް ދެކެއެވެ.

އެހެންފަހަރުތަކާއި ހިލާފަށް ކޮފީގެ ވަކިހިސާބަކުން ޔާނިހު ގެއަށް ދިއުމުން ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައެވެ. ނިއުސާ އެތަނުގައި އިންދާ އޭނާ ނުގެންގޮސް ޔާނިހު އެކަނި ދިއުމުން ބައެއް މީހުނަށް އެކަން ފާހަގަ ވެސް ކުރެވުނެވެ.

ކޮފީނިންމާލުމަށްފަހު، ނިއުސާ ގެއަށް އައީ ކުލީކާރެއްގައެވެ.

ގޯތިތެރެއަށް ވަދެގެން ގެއާއި ދިމާއަށް ދިޔައިރު، ގޯތިތެރޭ ގަސްތަކުގެތެރޭގައި ކޮންމެވެސް މީހަކު އުޅޭހެން ހީވިއެވެ. ޔަގީން ނުވާތީ ނިއުސާ އެކަމަށް ސަމާލުކަމެއް ނުދިނެވެ. އިތުރަށް ބަލާކަށް ވެސް ނޫޅެއެވެ.

ނިއުސާގެ ޙަބަރެއް ނުވާތީއާއި ރޭގައި ކަންތައްކުރި ގޮތުން، ނިއުސާއަށް ސަމާލުކަމެއް ނުދީ ޔާނިހު ދިޔަގޮތަށް ދިޔައީ އޮފީހަށެވެ. އެހެން ދުވަސްތަކުގެ އާދައިގެމަތިން ނިއުސާ ކޮބައިތޯ ބަލާބެލުން ވެސް މިއަދަކު ނުބަލައެވެ. ނިއުސާއެކޭ އެއްފަދައިން ޔާނިހުއަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ކުއްލިއަކަށް ނިއުސާ އޭނާ ދުރަށް ޖައްސާލުމުން ހައިރާންވެ ސުވާލު އުފެދުނެވެ. އެސުވާލުތަކުގެ ޖަވާބު ހޯދަން މަސައްކަތް ކުރެވިއްޖެއެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ. ޔާނިހު އިހުތިޔާރުކުރީ ނިއުސާ ބޭނުންވި ގޮތެވެ. މިއަދު ޔާނިހު ހުރީ ނިއުސާ ބޭނުންވި ފަދައިން ނިއުސާއާ ދުރުގައެވެ.

އޮފީހުގެ މަސައްކަތްތަކާއިގެން އުޅެނިކޮށް، ކުއްލިއަކަށް ލިބުނު ޚަބަރުގެ ސަބަބުން ނިއުސާއަށް ގުޅާނުލައެއް ޔާނިހަކަށް ނުހުރެވުނެވެ. އޮފީހަށްވަތްތާ އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުއްލިއަކަށް ވަޒީފާ ދޫކޮށްލުމަށް ނިއުސާ ނިންމީ ކީއްވެގެންތޯ ބަލާލަން ޔާނިހު ބޭނުންވިއެވެ.

ދެތިންފަހަރަކު ޔާނިހު ގުޅުމުން ވެސް ނިއުސާ ފޯނެއް ނުނެގިއެވެ. ފޮނުވާލީ މެސެޖެކެވެ.

” އަހަރެންނަށް ނުގުޅާ . . . . ޔާނިހުއާ އެއްވެސް ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއްނޫން. ” ނިއުސާ ފޮނުވި މެސެޖް ޔާނިހު ކިޔާލިއެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން އައިސް ތިންމަހެއްހާ ދުވަސް މާޒީގެ ސަފްހާތަކާއި އެކުވެގެން ދިޔައީއެވެ.

ތަމްރީނުތައް ނިންމާލުމަށްފަހު މާހިދު ރާއްޖެއައި ކަމެއް ނިއުސާއަކަށް ނޭނގެއެވެ. އޭނާ ބޭނުންވީ ނިއުސާ ހައިރާން ކޮށްލާށެވެ. ކުއްލިއަކަށް އުފާކޮށްލާށެވެ. އެއްވެސް މީހަކަށް އަންގާލުމެއްނެތި މާހިދު ގެއަށް ދިޔައީ އެހެންވެއެވެ.

ހައިރާންކަން ލިބުނީ މާހިދަށެވެ.

” ނިއުސާގެ ބަނޑަށް ދެމަސް . . . . އޭނަ އެހުރީ ޔާނިހުގެ ދަރިއަކަށް ބަލިވެ. އެހެންވެ އޭނަ ފޮނުވާލައިފިން. ބައްޕަމެން ހީކުރީ ދަރިފުޅަށް އެކަން އެނގޭނެކަމަށް. ” މާހިދު ސިއްސައިގެން ދިޔައީ އޭނާގެ ދޮންބައްޕަ ސައްތާރުގެ އަޑަށެވެ.

ހައިރާންކަން ލިބުނީ މާހިދަށެވެ.

ހިތްދަތިވެ ހިތްކުދިކުދިވެ ފަޅަފަޅައިގެން ދާވަރުގެ ހިތި ހައިރާންކަމެކެވެ. ބުނާނެއެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި އެހުރި ގޮތަށް ހުރެވުނީ ކިހާއިރެއް ވާންދެން ކަމެއް މާހިދަކަށް ނޭނގެއެވެ.

ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން ހުރި މާހިދު ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ. އަވަސް އަވަހަށް ފޯނުނަގަމުން ބަލާލިއިރު، އޭނާއަށް ގުޅަނީ ސަމްއާންއެވެ. ސަމްއާންއަކީ މާހިދުގެ ރަހުމަތްތެރިންގެ ތެރެއިން އެމީހަކަށް އޭނާ އެންމެ އިތުބާރުކުރާ އަދި އެންމެގާތް އެއް ރަހުމަތްތެރިޔާ އެވެ.

” މާހިދު! އެންމެ މިނިޓެކަށް ނަމަވެސް އަހަރުމެން ގެއަށް އައިސީދީބަލަ. އަހަރެން ވަރަށް އަވަހަށް އެބަ ފުރަންޖެހޭ. ފުރުމުގެ ކުރިން މާހިދުއާ ބައްދަލުކުރަން ވެސް ޖެހޭ. ” ސަމްއާންގެ ފޯނަށް މާހިދު ޖަވާބު ދިނުމާއިއެކު ސަމްއާން ވާހަކަ ދެއްކިއެވެ. މާހިދު ދައްކާ ވާހަކައެއް އަޑުއަހާކަށް އޭނާ މަޑެއް ނުކުރިއެވެ. ބުނަން ބޭނުންވި ވާހަކަ ބުނުމަށްފަހު ފޯނު ކަނޑާލިއެވެ.

ސަމްއާންގެ ވާހަކަތަކުގެ ސަބަބުން ކޮންމެހެން ވެސް ސަމްއާންއާ ބައްދަލުކުރަން މާހިދު ބޭނުންވިއެވެ. ސަމްއާން އެހެން ބުނާނީ ވަރަށް މުހިންމުކަމެއް ދިމާވެގެންކަން މާހިދަށް ޔަގީނެވެ. ސަމްއާންމެން ގެއާއި ދިމާއަށް މިސްރާބު ޖެހިއިރު ވެސް އޭނާގެ ހިތުގައި އުފެދެމުންދިޔަ ސުވާލަކީ ނިއުސާ ކޮބައިތޯއެވެ.

މާހިދު ގޮސް ސަމްއާންމެން ގެއަށް ވަތްއިރު ސަމްއާންމެން ދެމަފިރިން ތިބީ ކޮންމެވެސް ތަނަކަށް ފުރަން ތައްޔާރުވެގެން ނެވެ. ފުރަން ތައްޔާރުކޮށްފައިވާ ދަބަހާއި ފޮށިތައް ގޭގެ ފެންޑާތެރޭގައި ހުއްޓެވެ. ފެންޑާތެރޭ ގޮނޑިސެޓްގައި އިށީންދެލައިގެން އެހެން އަންހެން ކުއްޖަކު އިން ނަމަވެސް، އެއަށްވުރެ ބޮޑަށް މާހިދު ސަމާލުކަންދިނީ ސަމްއާން ދައްކާވާހަކައެއް އަޑުއަހާށެވެ.

” މާހިދު! މީނީ ހާލުގަޖެހި މަގުމަތީގަ އެކަނިވެފައި ހުއްޓާ އަހަރެން ގެނައި ކުއްޖެއް. މިހާރުން މިހާރަށް މީނައާމެދު ގޮތެއް ނިންމާ. އަހަރުމެން ދެމަފިރިން މިއުޅެނީ މިއަދު ހަވީރު މީނަ ގޮވައިގެން އައްޑުއަށް ފުރަން. ” ފެންޑާތެރޭ ގޮނޑިސެޓްގައި ހިލައިގެ ބުދެއް ފަދައިން ހަރަކާތްނެތިފައި އިން ނިއުސާ ދައްކާލަމުން ސަމްއާން ވާހަކަދެއްކިއެވެ.

ނިއުސާ އާއި މާހިދުގެ ނަޒަރު އެކަކު އަނެކަކަށް އަމާޒުވީ އެވަގުތުއެވެ. ނިއުސާގެ ދެލޮލުން ކަރުނަތައް އޮހޮރިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.

ހިތާމަކޮށްކޮށް މިލާމޯޅިވެ ތާޒާކަން ކެނޑިފައިވާ އެމޫނާއި ހިކިއަނަރޫފަ ވެފައިވާ އެނިކަމެތި ހަށިގަނޑު ފެނުމުން މާހިދުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ބޮޑުވަމުންއައި ބަނޑަށްވުރެ ބޮޑަށް ނިއުސާގެ މޫނުމަތިން އެހެންކަމެއް މާހިދަށް ފާހަގަކުރެވުނެވެ. އެކަން ޔަގީންކުރަން މާހިދު ބޭނުން ވެސް ވިއެވެ. ކޮންމެ މީހަކު ކޮންމެގޮތަކަށް ވާހަކަދެއްކި ނަމަވެސް، ނިއުސާއާމެދު އޭނާ ގޮތެއް ނިންމާނީ އެކަން ޔަގީންކުރުމަށްފަހުއެވެ.

މާހިދު އެދެމުންދިޔަ އެދުމާއި އެއްގޮތަށް އޭނާގެ މައިންބަފައިން ކައިރިއަށް އެގެއަށް ދާން ނިއުސާ ދެކޮޅުހެދިއެވެ. އަބަދުގެ އަބަދަށް އޭނާ ދޫކޮށްލާ ރަށަށް ފޮނުވާލުމަށް އެދި ރޮއި އާދޭސް ކުރިއެވެ.

މާހިދަކީ ނިއުސާގެ ފިރިމީހާކަމާއި ވަރިނުކުރާހާ ހިނދަކު ނިއުސާގެ މައްޗަށް ހިނގާނީ މާހިދު އަމުރުކަން ނިއުސާއަށް މާހިދު ހަނދާންކޮށް ދިނެވެ. ބުނާގޮތަށް ކަންތައް ކުރުމަށް އަމުރު ވެސް ކުރިއެވެ.

ހިތާމައަކަށްފަހު ހިތާމައެކެވެ. ވޭނަކަށްފަހު ވޭނެކެވެ. އެންމެބޮޑަށް އެހީއަކަށް ބޭނުންވި ދުވަހު ނިކަމެތިކޮށް މަގު މައްޗަށް އެއްލާލި މީހުން ކައިރިއަށް، ދެވަނަ ފަހަރަށް ނިއުސާ ދިޔައީ އެހެންގޮތެއް ނެތުމުންނެވެ. މާހިދު ބުނިފަދައިން ވަރިނުކުރާހާ ހިނދަކު ފިރިމީހާއަށް ކިޔަމަންވާން ޖެހޭތީއެވެ. މާހިދު އެދުނު އެދުމަކީ ނިއުސާއަށް ފުރުގަސްދެވެން އޮތް އެދުމަކަށް ނުވާތީ ވެސް މެއެވެ.

ދެވަނަ ފަހަރަށް މާހިދުމެން ގެއަށް ނިއުސާ އައި ނަމަވެސް ކޮޓަރިއަކުން ނުނިކުމެއެވެ. އަބަދު ވެސް އޮންނަނީ ކޮޓަރީގައެވެ. މާބޮޑުކެއުމެއް ބުއިމެއް ނޯވެއެވެ. ބަނޑުހައި ނުވެސް ވާކަހަލައެވެ.

އަބަދުހެން މާހިދު އުޅެނީ ގެއިން ބޭރުގައެވެ. އޮފީސް ނިމެއްޖެނަމަ ކޮންމެވެސް މުހިންމުކަމެއްގައި ބޭރަށް ދެއެވެ. ނުވަތަ ރައްޓެއްސަކާއިއެކު ކޮފީއަކަށް ދެއެވެ. މާހިދުގެ ޢަމަލުތައް އެހެން ހުރުމުން ނިއުސާގެ ކަންބޮޑުވުމާއި ހާސްވުން އިތުރުވެފައި ވެއެވެ.

ރާއްޖެއައުމާއިއެކު އިވުނު އަޑުގެ ސަބަބުން ކަމެއް، ނޫނީ އެހެންކަމެއް ދިމާވެގެންކަމެއް ނޭނގެއެވެ. ނިއުސާގެ ސަބަބުން ޔާނިހުއާ މާހިދުގެ މެދުގައި އުފެދުނު ގުޅުން ވެސް ކެނޑިގެން ހިނގައްޖެއެވެ.

ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. އޮފީހުގަ އުޅެފައި މާހިދު ކުއްލިއަކަށް ގެއަށް އައީ ކޮންމެވެސް މުހިންމު ލިޔުމެއް ހޯދަން ޖެހިގެންނެވެ. މާހިދު އައިސް ކޮޓަރިއަށް ވަތްއިރު ނިއުސާ އިނީ އެނދުމަތީގައި އިށީންދެލައިގެން ކޮންމެވެސް ކަމަކާއި ވިސްނަން ކަހަލަ ގޮތަކަށެވެ.

ރީތިވާސާމާނު ބަހައްޓާފައިހުރި މޭޒުމަތީގައި ބާއްވާފައިއޮތް ނިއުސާގެ ފޯނު ރިންގްވާން ފެށީ މާހިދު އައިސް އެމޭޒާއި ގާތްވި ވަގުތު އެވެ. ފޯނުގެ ޑިސްޕްލޭއިން ފެނުނު ނަން ” ކަޅިސް ” މާހިދުގެ ސަމާލުކަމަށްއައީ ކުއްލިއަކަށެވެ. ނިއުސާއާ ދިމާއަށް މާހިދު ބަލާލިއިރު ހިތާމައިގެ ތަސްވީރެއް ފަދައިން މާހިދަށް ބަލަހައްޓައިގެން ނިއުސާ އިނެވެ.

ފޯނަށް ޖަވާބުދިނުމުގެ ގޮތުން ފިތާލުމާއިއެކު ފޯނު ސްޕީކަރަށް ލަމުން މާހިދު އަނެއްކާ ވެސް ބަލާލީ ނިއުސާ އަށެވެ. ކިތަންމެ ސިއްރުކޮށް އޮޅުވާލަން އުޅުނު ނަމަވެސް، އެބޮޑު ސިއްރު މިފަހަރު ފަޅާއަރާނެޔޭ މާހިދު ބުނެލި ކަހަލައެވެ.

” ކަލޭ ހަނދާން ކުރާތި. މިއީ އަހަރެން ކަލެޔަށްދޭ އެންމެފަހުގެ އިންޒާރު. އަހަރެންނޭ ކިޔައިގެން މާހިދު ގާތު އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ … ބުނޭ ޔާނިހު ދިން ލަނޑެކޭ. އަހަރެންނޭ ކިޔައިގެން އެންމެ ޖުމްލައެއް ބުނެލިޔަސް ހުރިހާ ފޮޓޯތައް ލީކު ކޮށްލާނަން. ހަނދާން ކުރާތި. މަށަކާއި ނުބެހެވޭނެ. އޭރުން ދެން އިވޭ އަޑުތައް މާރީއްޗެއް ނުވާނެ. ކަލޭ ހިތުން މާމޮޅުތަކެއް ވާނެކަމަށްދޯ އަނެއްކާ މިގެއަށް ތިއައީ. ” ފިރިހެންވަންތަ ބަރު އަޑެކެވެ. ނިއުސާ ބުނާ އެއްޗަކަށް ނުބަލައެވެ. ބޭނުންވި އިންޒާރު ދިނުމަށްފަހު ފޯނު ކަނޑާލިއެވެ.

އެނދުމަތީގައި އިން ނިއުސާއާ ދިމާއަށް މާހިދު އައިއިރު ވެސް ނިއުސާ އިނީ ރޯލަރޯލައެވެ.

ކަންތައް ދިމާވީ ހީކުރިގޮތަކަށް ނޫނެވެ.

މާހިދު އައިގޮތަށް އައިސް ނިއުސާގެ އަތުގައިހިފައި ކޮޅަށް ނަގަމުން ގާޔާއި ގާތްކޮށްލައި ބައްދާލިއެވެ. އަލަތު ކައިވެނީގެ ފުރަތަމަރޭ ފަދައިން ނިއުސާއާ ލޯބިކޮށްލައި ހިތްހަމަޖައްސައިދިނެވެ.

ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައި ކަހަލަގޮތަކަށް މާދިހަށް ބަލަހައްޓައިގެން ހިލައިގެ ބުދެއް ފަދައިން ހުރުން ފިޔަވާ އެހެންކަމެއް ނިއުސާ ނުކުރެއެވެ. އޭނާގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަ އޮހޮރުމަކަށް ހުއްޓުމެއް ވެސް ނާދެއެވެ.

އެތައް ދުވަހަކަށްފަހު މާހިދުގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމުގެ ސަބަބުން ނިއުސާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބުނެވެ. މާހިދު ދެމުންދިޔަ ހިތްވަރާއި ނަސޭހަތުގެ ސަބަބުން ދިރިއުޅުމުގެ އުންމީދު އާވިއެވެ. ޙަޤީޤަތް އޮޅުވާލައި އޭނާ އާއި ޔާނިހުއޭ ކިޔައިގެން ދައްކަމުންދާ ޙަޤީޤަތެއްނެތް ވާހަކަތައް ހާމަކޮށް، އެ އަނިޔާއާއި ވޭނަށް ކުޑަނަމަވެސް ލުޔެއްލިބޭތޯ މަސައްކަތްކުރުމުގެ ހިތްވަރު ލިބުނެވެ.

ދުވަހަކު ވެސް އޭނާގެ ހަނދާނުން ފިލައިގެން ނުދާނެ އެރޭ ނިއުސާގެ ސިކުނޑީގައި މަޑުމަޑުން ކުރެހެމުން ދާން ފެށިއެވެ. ނިއުސާގެ އަނގައިން މާހިދުގެ ކަންފަތްދޮށުގައި އެއަޑު މަޑުމަޑުން ގުގުމަން ފެށިއެވެ.

އޮފީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު، ކޮފީއެއް ބޯލައިގެން ނިއުސާ ގެއަށް އައިއިރު ބާރަޖަހަން ކައިރި ވެއްޖެއެވެ. ނިއުސާ ގޯތިތެރެއަށް ވަދެގެން ގެއާއި ދިމާއަށް އައިއިރު ގޯތިތެރޭ މާގަސްތައް ކައިރިން މީހެއްގެ ހިލަމެއް ވީހެން ހީވި ނަމަވެސް އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.

ގަދަވަޔާއިއެކު ވިދާގުގުރައި ވާރޭވެހެމުންދިޔަ ވާރޭ ވެހުމަކަށް ހުއްޓުމެއް ނާދެއެވެ. ކަންފަތްބުޑުން ބަޑިއެއް ޖެހިގެން ހީވެގެންދިޔަ ގުގުރީގެ ބާރުއަޑާއިއެކު ނިއުސާ ދިޔައީ ސިއްސައިގެންނެވެ. ކޮޓަރިއާ ދިމާއަށް ދުއްވައިގަނެވުނީ ވެސް އެއްވެސް އިހްތިޔާރަކާއި ނުލައެވެ.

އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ދޮރުލައްޕަން އުޅުނު ވަގުތު ނިއުސާ ދިޔައީ ސިއްސައިގެންނެވެ.

ނިއުސާގެ ފަހަތުން ކޮޓަރިތެރެއަށް ދެމިގަތް މީހާ ވަރަށް ހުސިޔާރެވެ. އޭނާ ހުރީ މާކުރީއްސުރެ އެކަމަށް ތައްޔާރު ވެގެންނެވެ. ނިއުސާގެ އަނގަމަތީގައި އަތްއަޅައި އޭނާގެ ބާރުގެ ދަށަށް ގެންދިޔައީ އެފަދަކަމަކަށް ވިސްނާވެސް ނުލައި ހުއްޓައެވެ. ނިއުސާއަށް އެންމެ ފުރުސަތެއް ވެސް ނުދީ އެމީހާ ކޮޓަރީގެ ދޮރުލައްޕާ ތަޅުލިއެވެ.

ކުއްލިއަކަށް ދިމާވި ކަންތަކާއިއެކު ނިއުސާގެ ލޯކުރިމަތީގައި ސިފަވެގެން ދިޔައީ އެރޭގެ ހާދިސާއެވެ.

ބިރުން ތުރުތުރުއަޅާ ހާލުގައި ރޮވިރޮވި ހުރި ނިއުސާ ގެންގޮސް އެނދުމައްޗަށް ވައްޓާލިއެވެ. ނިއުސާއާ ދިމާއަށް ގުދުވި ވަގުތު އެމީހާގެ މޫނު ނިއުސާއަށް ފެނުނެވެ.

ބަނޑުހައިވެ ހާންތިވެފައިވާ ބުޅަލެއް މަސްގަނޑަކާއި ދިމާއަށް ބަލާލާފަދަ ދަހިވެތި ބެލުމަކުން ނިއުސާއާ ދިމާއަށް ބަލަމުން، ސައްތާރު ކޮށްލިހަރަކާތާއިއެކު ނިއުސާގެ ބުރުގާ ބޮލުންނެއްޓުނެވެ. ހަނގުރާމަވެރިއަކު އަމާޒުކޮށްލި ތީރެއް ފަދައިން ނިއުސާގެ ހެދުމުގެކަރުވަޅާއި ދިމާއަށް ސައްތާރުގެ ނަޒަރު އަމާޒުވިއެވެ. ނިއުސާގެ ކަންބޮޑުވުމާއި ހާސްކަން އިތުރުވިއެވެ. އެހީއަކަށް އެދި ގޮވަމުން ރޮއިގަތެވެ. އޭނާއަށް އެހެން ނުހަދައި ދޫކޮށްލުމަށް އާދޭސް ކުރިއެވެ. ސަލާމަތް ވުމަށް އޭނާއަށް ކުރެވޭންހުރި ހުރިހާކަމެއް ކުރިއެވެ.

ނިއުސާ ރޮމުންދިޔަ ރުއިމަކަށް ކުރަމުންދިޔަ އާދޭހަކަށް، ގަދަހަދަމުންދިޔަ ގަދަހެދުމަކަށް ސައްތާރު ސަމާލުކަމެއް ނުދެއެވެ. އޭނާއަށް ލިބިފައިވާ އާރާއިބާރު ބޭނުންކުރިއެވެ. ސިކުޑިއަށް ވެރިވެފައިވާ ސައިތާނީ ވަޙްޝީ ކަރުހިއްކުން ފިލުވައި ލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

އޭނާއަކީ މިއަދު ސައްތާރުގެ ދަރިއެއްކަމާއި ސައްތާރުގެ އަންހެނުންނާއި އޭނާގެ ދަރިފުޅު ހަވާލުކޮށްފައިވާ އަމާނާތެއްކަން ހަނދާންކޮށް ދިނެވެ. އޭނާއަށް އެހެން ނުހެދުމަށް އެދި ފައިސާގެ އަދަދުތައް ކަނޑައެޅިއެވެ. ރޮމުން އާދޭސް ކުރަމުންދިޔަ ނިއުސާގެ އެރުއިމާއި އާދޭހުގެ ސަބަބުން ސައްތާރުގެ އެ ސައިތާނީ ސިކުނޑިއަށް އެއްވެސް އަސަރެއް ނުކުރިއެވެ. ލިބެންއޮތް ފައިސާއަކަށް ނުބެލުނެވެ.

ވެހެމުންދިޔަ ވާރޭ ފަހަރަކަށްވުރެ ފަހަރެއް ބޯކުރަމުންދިޔައެވެ. ޖަހާލާ ބާރުގުގުރީގެ އަޑާއިއެކު ކަންފަތްތައް ބީރު ވެގެން ހިނގައިދާނެހެން ހީވި އެތައްފަހަރެއް އައެވެ.

ޖާނުންބޮޑު ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ ސައްތާރުގެ ކުރިމަތީގައި ނިއުސާއަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އޭނާގެ ފުރިހަމަ ބާރުގެދަށަށް ނިއުސާ ގެނެސް އޭނާގެ ވަޙުޝީ ކަރުހިއްކުން ފިލުވާލިއެވެ. އެވަރަކުން އޭނާއަކަށް ނުފުދުނެވެ. އަބަދުގެ އަބަދަށް ނިއުސާގެ އަނގަ ބަންދުކޮށްލުމަށްޓަކައި އެއް ފިޔަވަޅު ކުރިޔަށް އެޅިއެވެ.

ކޮޓަރީގެ ހޮޅިބުރި ދިއްލާލަމުން ނިއުސާއާ ދިމާއަށް ފޯނު ދިއްކޮށްލިއެވެ. އޭނާ އެއުޅެނީ ފޮޓޯ ނަގާށެވެ. އެންމެ ކުޑަމިނުން އެކަމުން ނަމަވެސް ސަލާމަތް ވެވޭތޯ ނިއުސާ މަސައްކަތް ކުރިއެވެ. އެކަން ވެސް ކާމިޔާބެއް ނުވިއެވެ. އެމަކަރުވެރި އަނިޔާވެރި އިންސާނާ އެ ފުރުސަތު ވެސް ނިއުސާއަކަށް ނުދިނެވެ. އެކަމުގައި ކާމިޔާބު ހޯދީ އޭނާއެވެ.

މާލެއަށް ކުރިމަތިވެފައިވާ ކޮޅިގަނޑަށްވުރެ ބާރުގަދަކޮޅިގަނޑެއް ކުރިމަތިވެ ނިއުސާގެ އުންމީދުތަކާއި ހުވަފެންތައް ވިއްސި ވިހާލިވީއެވެ. ހިރިލާން ވެސް ނުކެރިފައި ރޯލަރޯލާ އެނދުމަތީގައި އޮތުން ފިޔަވައި އެއްވެސް ކަމެއް ނިއުސާއަކަށް ނުކުރެވުނެވެ.

ނިއުސާ ދައްކަމުންދިޔަ ވާހަކަތަކަށް ސަމާލުކަންދީގެން ނިއުސާއަށް ހިތްވަރުދިނުމުގައި މާހިދު ހުއްޓެވެ.

ކުއްލިއަކަށް ނިއުސާ ދުރަށް ޖައްސާލަމުން މާހިދު ކޮޓަރިން ނުކުތީ ގޭގެ ދޮރުލެއްޕުނު އަޑަށެވެ. މާހިދު ކޮޓަރިން ނުކުތްގޮތުން ހީވީ އޭނާ އިންތިޒާރުކުރަމުން ދިޔައީ އެވަގުތަށް ހެނެވެ.

ގޭތެރެއަށް ވަދެގެން އައި ސައްތާރަށް މާހިދު ފެނުމާއިއެކު ސިއްސައިގެން ދިޔައެވެ. އެއްވެސް އިހްތިޔާރަކާނުލައި ކުއްލިއަކަށް ފަހަތަށް ޖެހެލެވުނު ވެސް މެއެވެ.

” ނުބައިނުލަފާ ސައިތާނު. އަހަރެންގެ މަންމައާ އިނދެގެން އަހަރެންގެ ގޭގައި އުޅެމުން، އަހަރެންގެ މުދަލުން ކައިބޮއި ހަދަމުން، އަހަރެންގެ އަންހެނުންގެ ގަޔަށް އަރައި ފޮޓޯނަގައި ބުލެކްމެއިލްކޮށްގެން ތިޔައުޅެނީ ކަލެއަށް ކޮންއެއްޗެއް މަދުވެގެންތަ؟ ” ރުޅިވެރިކަމާއިއެކު ހަޅޭލަވައިގަންނަމުން މާހިދު އައިސް ހިފީ ސައްތާރުގެ ކަރުގައެވެ. އޭނާއަށް އެއްވެސް ފުރުސަތެއް ނުދީ ފެންޑާތެރެއަށް ވައްޓާލިއެވެ.

އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ. ސައްތާރުގެ ބަނޑުގައި ފައިން ޖެހިއެވެ. އަނެއްކާ ވެސް ގުދުވެ ކަރުގައި ފިއެވެ. ހެދޭނުހެދޭއެއް ނޭނގޭވަރު ވެފައިހުރި މާހިދު މައިތިރިކުރީ އޭނާގެ މަންމަ އުނޭސާއެވެ. މާހިދު ދައްކަމުން ދިޔަ ވާހަކަތައް އުނޭސާއަކަށް ގަބޫލެއް ނުކުރެވުނެވެ. ސައްތާރެކޭ އެއްފަދައިން އުނޭސާ ވެސް ބުނަމުން ދިޔައީ ސައްތާރު ކުށެއްނުކުރާ ކަމަށާއި ނިއުސާ އޮޅުވާލަނީ ކަމަށެވެ. ނިއުސާ އެއުޅެނީ މާހިދުގެ ތަނަވަސްކަމުގެ ބޭނުމުގައި ކަމަށް ވެސް ބުނަމުން ދިޔައެވެ.

އަތްފައި އިސްނުކޮށް ކަންތައްތައް ކުރަންއޮންނަ މަގުން ކަންކުރުމަށް މާހިދަށް އުނޭސާ ނަސޭހަތް ދިނެވެ. އަދި މާހިދުގެ އަތުގައި ހިފާ ސައްތާރާއި ދުރަށް ގެންދިޔައެވެ.

ޕޮލިހުންގެ ބެލުމުގެދަށަށް ސައްތާރު ގެންދަން މަސައްކަތްކުރި ވަގުތު، ހަލާކުކޮށްލަން މަސައްކަތް ކުރަމުން ސައްތާރު އެއްލާލި މެމޮރީކާރޑުން ހުރިހާ ކަމެއް ފަޅާއަރައި ސައްތާރުގެ އަނގަބެދުނެވެ. ގަބޫލުކުރަން ބޭނުންނުވި ނަމަވެސް ސައްތާރުގެ ކިބައިން ފެނުނު ހެއްކާއި ސައްތާރު އަމިއްލައަށް ވީ އިއުތިރާފުން ހުރިހާކަމެއް ސާފުވިއެވެ.

އޭނާގެ ކުށްގަބޫލުކޮށް މާހިދާއި ނިއުސާގެ ކިބައިން އުނޭސާ މައާފަށް އެދުނެވެ. އޭނާއަށް ނިއުސާއާމެދު އެހެން ކަންތައް ކުރެވުނީ ސައްތާރު ދައްކަމުންދިޔަ ވާހަކަތައް ގަބޫލުކުރެވުމުން ކަމަށް ބުންޏެވެ.

ޔާނިހުގެ ބޮލުގައި އަޅުވައި އޭނާ ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔަ އެކުށުން ޔާނިހު ސަލާމަތްކުރަން ނިއުސާ ކުރި މަސައްކަތް ކާމިޔާބުވިއެވެ. ސައްތާރު ރޭވުން ނާކާމިޔާބުވެ އޭނާ ޖެހުނީ ޖަލަށް ދާށެވެ. ކުއްލިއަކަށް ޔާނިހު އާއި ނިއުސާ ގުޅުންކަނޑާލީ ކީއްވެގެންކަން ހާމަވިއެވެ. ޔާނިހު ނުކުރާ ކުށަކަށް އަދަބު ލިބޭކަށް އެ ހުތުރުނަން ޔާނިހުގެ ބޮލުގައި އެޅޭކަށް ނިއުސާ ބޭނުމެއް ނުވިއެވެ.
ނިމުނީ

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް