ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހަތަރުވަނަ މެޗުން ވެސް މޮޅުވެ ދިއްދޫ ޗެމްޕިއަންކަން ހޯދުމާއި ގާތަށް
ފޮޓޯ: ދިއްދޫ ސްޕޯޓްސް ފޭސްބުކް ޕޭޖް

އެފްއޭއެމުން އިންތިޒާމްކޮށްގެން ބާއްވާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ނޯތު ރީޖަނަލް ލީގުގައި ކުޅުނު ހަތަރުވަނަ މެޗުން ވެސް ދިއްދޫ މޮޅުވެއްޖެއެވެ.

ދިއްދޫ ދަނޑުގައި މިއަދު ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ހއ. ދިއްދޫ އާއި ނ. މަނަދޫއެވެ.

މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުން މިމަހުގެ 10 ވަނަ ދުވަހު އޮތީ މަނަދޫ ދަނޑުގައެވެ. އެ މެޗު 2-0 އިން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނައިގައި ދިއްދޫ ހަމަޖެހިލިއެވެ.

މިއީ ރީޖަންގެ އައްވަނަ މެޗެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ވެސް ދިއްދޫ ޓީމުގެ ފަރާތުން ފެނުނީ މޮޅުވުމުގެ ރޫޙެވެ. ބޮޑު އިތުބާރަކާއިއެކު މެޗަށް ނުކުތް ދިއްދޫ ޓީމުގެ ފަރާތުން މި މެޗުގައި ވެސް ފެނުނީ ޓީމުވަންތަ ޕާސިންގ ގޭމެކެވެ. މެޗު ފަށައިގެން މާގިނައިރެއް ނުވެ ދިއްދޫން ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ދިއްދޫން ޖެހީ 20 ވަނަ މިނިޓްގައެވެ. ދިއްދޫ ޓީމުގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ޖައްސާލި ބޯޅަ ދިއްދޫ ޓީމުގެ ތައުމީން ނޫހް ގޯލުގެ ތެރެއަށް ފޮނުވާލީ ބޯޅަ ދިފާއުކުރަން މަސައްކަތް ޑިފެންޑަރު ކައިރިން ބޯޅަ ހޯދުމަށްފަހުއެވެ. ތިރިތިރިން ގޯލު ކުރިމަތިން ދިޔަ ބޯޅަ ގޯލުގެ ތެރެއަށް ވަނީ ދަނޑި ކައިރިންނެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް މަނަދޫން ވެސް ހޯދި މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދިއްދޫން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ. 38 ވަނަ މިނިޓްގައި ދިއްދޫއަށް މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ތައުމީން ނޫހްއެވެ. ތައުމީން މި ލަނޑު ޖެހީ އެ ޓީމުގެ ކުޅުންތެރިއަކު ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.

މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައިވާ މަނަދޫއަށްވުރެ ރަނގަޅަށް ދެވަނަ ހާފުގައި ވެސް ކުޅުނީ ދިއްދޫއެވެ.

ދިއްދޫ ޓީމުން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ފަހުކޮޅުއެވެ. ދިއްދޫ ކުޅުންތެރިއަކު އޭރިޔާ ތެރެއިން ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ލިބުނީ ބެނާއަށެވެ. އޭރިޔާ ތެރެއަށް ދުވެފައި ވަން ބެނާ ވަނީ އެއްފަހަރުން ގޯލްގެ ދުރު ކަނަށް އެ ބޯޅަ ވައްދާލައިފައެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ދިއްދޫން 12 ޕޮއިންޓް ހަމަކުރިއިރު، ދެވަނައިގައި އޮތް ހަނިމާދޫ އާއި އޭދަފުށްޓަށް ވެސް ލިބިފައިވަނީ 6 ޕޮއިންޓެވެ. ކޮންމެ ޓީމަކަށް އަދި ދެ މެޗު އޮތްއިރު ޗެމްޕިއަންކަން ޔަޤީންކުރަން ދިއްދޫއަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

މި ރީޖަންގެ މެޗެއް ދެން އޮންނާނީ 16 ވަނަ ދުވަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ދިއްދޫއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top