ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ލޯބި – ޗެޕްޓަރ 4
ފޮޓޯ: މުނިއަވަސް ގްރެފިކްސް

އިންތިޒާރު

އެއަށްފަހު ފާއިތުވި ދުވަސްތައް ދިގުލައިގެން ގޮސް، ރޭތަކުގެ ހަމަހިމޭންކަމުގައި ރީޝާއަށް ހަޤީޤީ އަރާމެއް ނުލިބުނެވެ. އޭނާ ހުރީ އުންމީދާއި، ނުތަނަވަސްކަމާއި، ވަރުބަލިކުރުވަނި އިންތިޒާރެއްގެ ތެރޭގައި ތާށިވެފައެވެ. ހިތުގައި އުފެދޭ އެއް ސުވާލުތަކެއް ތަކުރާރުވަމުން ގޮސް، މުޅި މީހާ ވަނީ ނަފުސާނީ ގޮތުން ބަލިކަށިވެފައެވެ.

ކޮންމެ ދުވަހަކު ހެނދުނު ހޭލެވެނީ ވަރަށް ބޮޑު އުންމީދަކާ އެކުގައެވެ. ކޮޓަރީގެ ކަނެއްގައި ހުރި ބާވެފައިވާ ކޮމްޕިއުޓަރާ ދިމާލަށް އޭނާގެ އިނގިލިތައް ދަނީ އިޚްތިޔާރަކާ ނުލައެވެ. އީމެއިލް ހުޅުވާލަނީ ނޭވާ ހިފަހައްޓާލައިގެން ހުރެއެވެ. ނަމަވެސް، ކޮންމެ ދުވަހަކުވެސް ފެންނަނީ ހުސްކަމާއި ހަމަހިމޭންކަމެވެ. އެ ހަމަހިމޭންކަން ދުވަހެއް ދުވަހަކަށް ދިޔައީ އޭނާގެ ހިތަށް ބަރުވަމުންނެވެ.

އެހެނަސް، އޭނާ ތަކުރާރުކޮށް ޗެކްކުރެއެވެ. އެންމެ ކްލިކަކުން ހުރިހާ ކަމެއް ބަދަލުވެދާނެ ކަމުގެ އުންމީދުގައެވެ.

ދުވާލުގެ ވަގުތުތަކުގައިވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގުން ވަނީ އާދައަކަށް ވެފައެވެ. ހުއްޓިއްޖެ ނަމަ، އޭނާ އެންމެ ބިރުގަންނަ ކަންތައް، މާނައަކީ އޭނާއަށް ލިބުނު ފުރުސަތު ގެއްލިއްޖެކަން ޤަބޫލުކުރަން ޖެހިދާނެތީއެވެ. ނޭނގި ހުރެ ނިޔަފަތި ހެފުމަކީ އޭނާގެ ހާސްކަން ހާމަކޮށްދޭ ހަމައެކަނި ނިޝާނެވެ.

“ރީޝާ..”

މެންދުރުފަހުގެ ވަގުތެއްގައި އޭނާގެ ބޮޑުދައިތަގެ މަޑުމައިތިރި އަޑުން ރީޝާގެ ޚިޔާލީ ދުނިޔެއަށް ހޭލުންތެރިކަން ގެނުވިއެވެ. ބޮޑުދައިތަ ހުރީ ކަންބޮޑުވުމުން ފުރިގެންވާ ނަޒަރަކުން ރީޝާއަށް ބަލާށެވެ.

“ދަރިފުޅާ.. ތިހާ ބޮޑަށް ތި ހާސްވަނީ ކީއްވެ؟”

ރީޝާ މަޑުޖެހިލިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ.

“ދަރިފުޅު ރަނގަޅަކަށް ނުއެއް ކައި، ނުބޮއި، ނިންޖެއްވެސް ނުލިބޭ.” ބޮޑުދައިތަ އޯގާތެރިކަމާއެކު ބުންޏެވެ. “މާލޭގައި ކަމެއް ވީތަ؟”

ރީޝާ ވަރަށް އަވަހަށް ބޯ ހޫރާލިއެވެ. “ނޫން.. ބޮޑުދައިތާ، އެއްވެސް ކަމެއް ނުވޭ.”

ނަމަވެސް އެ ޖަވާބުގެ ފަހަތުގައި ސިއްރުތަކެއް ވިއެވެ. “އަޅުގަނޑު ބޭނުންވަނީ.. އަޅުގަނޑު ހަމަ އެ ވަޒީފާ ވަރަށް ބޭނުން.” ރީޝާގެ އަޑު މަޑުވެލިއެވެ.

“އެ ވަޒީފާ ލިބިއްޖެނަމަ ހުރިހާ ކަމެއް ބަދަލުވާނެ. ބޮޑުދައިތައަށާއި މަންމައަށް އެހީތެރިވެވޭނެ. އަޅުގަނޑުމެންގެ ދިރިއުޅުން އުޖާލާވާނެ.”
ކުޑަ ވަގުތުކޮޅަކަށް ހަމަހިމޭންކަން ވެރިވިއެވެ. ބޮޑުދައިތަ ރީޝާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

“ދަރިފުޅާ.. ތި ހުރިހާ ހިތާމައެއް އެކަނި ނުއުފުލާ. ހަނދާންކުރާތި، ﷲ އަބަދުވެސް އަހަރުމެންނާ އެކުގައި ވޭ.” ބޮޑުދައިތަގެ އަޑުގައި ވަނީ އިތުބާރެވެ. “އަހަރުމެން ޖެހޭނީ ޝުކުރުވެރިވާން، އަދި ކެތްތެރިވާން. މާތް ﷲ ގެ ރޭއްވެވުމާ މެދު ސުވާލު އުފައްދައި، ކަންބޮޑުވުމުގެ ތެރެއަށް ގެނބިގެން ނުވާނެ. އަހަރުމެންނަށް އޮތީ މަސައްކަތްކުރުން. އަދި އަހަރުމެންނަށް މިންވަރުކުރައްވާފައިވާ އެއްޗެއް ހަމަ ގައިމުވެސް ލިބޭނެކަމުގެ ފުރިހަމަ އިތުބާރު ބޭއްވުން.”

ބޮޑުދައިތަގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް އައެވެ. “އިންޝާ ﷲ.. ކަންތައްތައް ރަނގަޅުވާނެ.”

އެ ބަސްތަކުން ރީޝާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ ހަމަޖެހުމެއް ލިބުނެވެ. އޭނާ ބޮޑުދައިތަގެ ގައިގައި ބައްދާލީ ޝުކުރުވެރިކަމާ އެކުގައެވެ.

އެވަގުތު ކޮމްޕިއުޓަރުން އިވުނު “ބީޕް” އަޑާއެކު ރީޝާ ސިހިގެން ދިޔައެވެ. އެއީ ކުޑަ އަޑެއް ނަމަވެސް، އެ އަޑުގައި އާދަޔާ ޚިލާފު ބާރެއް ހުއްޓެވެ. އޭނާ އަވަސްއަވަހަށް ކޮމްޕިއުޓަރު ކައިރިއަށް ގޮސް، ތުރުތުރުލާ އިނގިލިތަކުން މައުސް ހަރަކާތްކޮށްލިއެވެ.

އެއް އީމެއިލް. ނުކިޔާ އޮތް އީމެއިލެއް.

ފޮނުވި ފަރާތަކީ “ރުޝްދާން އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް” އެވެ.

“ޔާ ﷲ..” ރީޝާއަށް މަޑުމަޑުން ބުނެވުނެވެ. އޭނާ އީމެއިލް ހުޅުވާލިއެވެ.

“ތިޔަ ފަރާތުގެ ހުނަރާއި މަސައްކަތުގެ ފެންވަރަށް ބަލައި، ޕްރޮބޭޝަން މުއްދަތަކާއެކު އިންޓަރންޝިޕްގެ ފުރުސަތު ދިނުމަށް އަޅުގަނޑުމެން ވަނީ ނިންމާފައެވެ.”

ރީޝާގެ ހިތް އުފަލުން ފުރުނެވެ. އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް އައެވެ. ނަމަވެސް އޭނާ އިތުރަށް ކިޔަމުން ދިޔައެވެ.

“އެހެންނަމަވެސް، މި ވަޒީފާއާ ގުޅޭ ޚާއްސަ ޝަރުތުތަކެއް ވެއެވެ. އެކަންކަމާ ބެހޭގޮތުން ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.”

ރީޝާގެ ބުމަ ކުޑަކޮށް ގާތްވެލިއެވެ. ހިތުގައި ކުޑަ ސުވާލެއް އުފެދުނެވެ. ނަމަވެސް އޭނާ ކިޔުން ކުރިއަށް ގެންދިޔައެވެ.

“މާދަމާ ހެނދުނު 9:00 އަށް ބައްދަލުވުމަށް ވަޑައިގަތުމަށް ދަންނަވަމެވެ. ހެދުން އެޅުމުގައި ރަސްމީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.”

ކުޑަ ވަގުތުކޮޅަކަށް ރީޝާ ސްކްރީނަށް ބަލަން ހުއްޓެވެ. ދެން ކުއްލިއަކަށް އުފަލުން ހަޅޭލަވައިގަނެވުނެވެ. “ޔޭ..!”

“އަޅުގަނޑަށް ފުރުސަތު ލިބިއްޖެ! ބޮޑުދައިތާ!” ރީޝާ ދުވެފައި ގޮސް ބޮޑުދައިތަގެ ގައިގައި ބައްދާލިއެވެ. އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވާން ހުއްޓެވެ.

“އަލްޙަމްދުލިﷲ..” ބޮޑުދައިތަ އުފަލުން ބުންޏެވެ.

ދެން ރީޝާ ދިޔައީ އޭނާގެ މަންމަ ކައިރިއަށެވެ. “މަންމާ.. އަޅުގަނޑަށް ފުރުސަތެއް ލިބިއްޖެ.”

އޭނާ މަންމަގެ އަތުގައި ބޮސްދީ، ނިތްކުރީގައި ބޮސްދިނެވެ. “މާދަމާ އަޅުގަނޑު ދާނަން. މަންމަ ފަޚުރުވެރިވާ ފަދަ ކުއްޖަކަށް އަޅުގަނޑު ވާނަން. އަޅުގަނޑު ވަރަށް އުފާވެއްޖެ.”

ނަމަވެސް މަންމަގެ ފަރާތުން އެއްވެސް އިޖާބައެއް ނުލިބުނެވެ. މަންމަ އޮތީ ހަމަހިމޭންކަމާއެކު ފުރާޅާ ދިމާލަށް ބަލާށެވެ. އެއްވެސް ހަރަކާތެއް، އެއްވެސް ބަދަލެއް ނެތެވެ. ރީޝާގެ ހިތުގައި އުފެދުނު އުފާވެރިކަމުގެ މައްޗަށް މާޔޫސްކަން ސަވާރުވާން ފެށިއެވެ.

“މަންމާ.. އަޅުގަނޑަށް އެނގޭ މަންމަ ބައްޕަ މަތިން ހަނދާންވާކަން.” ރީޝާގެ އަޑު ކުރެހުނެވެ. “އަޅުގަނޑުވެސް ބައްޕަ މަތިން ހަނދާންވޭ. އެކަމަކު އަޅުގަނޑު މަންމަ މަތިންވެސް ހަނދާންވޭ. މަންމަ އަޅުގަނޑު މަތިން ހަނދާނެއް ނުވޭތަ؟”

ރީޝާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. “އަޅުގަނޑު މަންމަ ބޭނުން.. އާދޭސްކުރަން، އަޅުގަނޑުގެ ގާތަށް އެނބުރި އާދޭ.”

އެ ކުޑަކުޑަ ގޭގައި، އުންމީދާއި ހިތާމަ ވަނީ މަސްހުނިވެފައެވެ. ނަމަވެސް ރީޝާ ހުރީ އޭނާގެ މަންމައާއި، އޭނާއަށް ލިބުނު ފުރުސަތާއި، އަދި ކުރިމަގުގެ އުންމީދުގައި ވަރުގަދައަށް ހިފަހައްޓައިގެންނެވެ.

ގިނައިރުތަކެއް ވަންދެން މަންމަގެ ގާތުގައި އިނުމަށްފަހު، ރީޝާ ތެދުވިއެވެ. މާދަމާއަކީ މުހިންމު ދުވަހެއްކަން އޭނާއަށް ވިސްނުނެވެ. އޭނާ ގޮސް އޭނާގެ ހެދުންތައް ބަލަން ފެށިއެވެ. އޭނާގެ އަތުގައި މާ ގިނަ ހެދުންތަކެއް ނެތެވެ. ގިނައީ މީހުން ދީފައި ހުރި ބާ ހެދުންތަކެވެ.

އޭނާ އިޚްތިޔާރުކުރީ ހުދު ކުލައިގެ ގަމީހެކެވެ. “ހުދު ކުލަ.. މިއީ އަބަދުވެސް އަހަރެން އެންމެ ގަޔާވާ ކުލަ. އޮފީސް މާހައުލަކަށް މިއީ އެންމެ އެކަށީގެންވާ ކުލަ.” އޭނާ އަމިއްލަ ނަފުސަށް ބުނެލިއެވެ.

ރީޝާ އެ ހުދު ގަމީހާއެކު ލުމަށް ނެގީ އޭނާގެ އަތުގައި އޮތް ހަމައެކަނި ރީތި ކަޅު ފަޓުލޫނާއި، ކަޅު ކުލައިގެ އާދައިގެ ބޫޓެވެ. އެއަށްފަހު، އަތުގައި އަޅާ ގަޑި ނެގިއެވެ. އެއީ މިހާރު ރަނގަޅަށް ހިނގާ ގަޑިއެއް ނޫނެވެ. ނަމަވެސް އާދަވެފައި ހުރި ވަރުން އޭނާ އެ ގަޑި ބޭއްވީ މާދަމާ އެޅުމަށެވެ.

ދެން އޭނާ ވިސްނާލީ މޭކަޕާ މެދުގައެވެ. “އަޅުގަނޑަކީ މޭކަޕް ކުރާ މީހެއް ނޫން.” އޭނާ އަމިއްލަ ނަފުސަށް ބުނެލީ ލުއި ހިނިތުންވުމަކާ އެކުގައެވެ. ނަމަވެސް މާދަމާއަކީ އާދައިގެ ދުވަހެއް ނޫންކަމުން، އޭނާ ބޭނުންވީ ތަފާތު ދައްކާށެވެ. ފުރިހަމަކަމަށްވުރެ ބޮޑަށް، އޭނާ ބޭނުންވީ އޭނާއަކީ މަސައްކަތްތެރި، ސާފުތާހިރު ކުއްޖެއްކަން ދައްކާށެވެ.

އޭނާގެ އަތުގައި ހުރީ މަދު ސާމާނުކޮޅެކެވެ. އެއީ ބޮޑުދައިތަގެ ކުދިން އޭނާއަށް ދީފައި ހުރި ތަކެއްޗެވެ. ލިޕްބާމްއަކާއި، މަޑު ފިޔާތޮށި ކުލައެއްގެ ތުންފަތުގައި އުނގުޅާ އެއްޗަކާއި، މަސްކަރާއާއި، ބުމަ ކުރަހާ ގަލަމަކާއި، މޫނުގައި އުނގުޅާ ފުށާއި، އަދި އަނދުނެވެ.

“މިވަރުން ފުދޭނެ.” އޭނާ މަޑުމަޑުން ބުންޏެވެ. އޭނާ ބޭނުންވަނީ އެހެން މީހަކަށް ވާކަށް ނޫނެވެ. އޭނާގެ އަސްލު ސިފަ ރީތިކޮށްލާށެވެ.
އެ ހުރިހާ އެއްޗެއް ތަރުތީބުކޮށްލުމަށްފަހު، އޭނާގެ އަތް ދިޔައީ އަލަމާރީގެ ކަނެއްގައި އިން ފުޅިއަކަށެވެ. އެއީ އޭނާގެ މަންމަގެ ސެންޓު ފުޅިއެވެ. އެ ފުޅީގައި އަތްލުމާއެކު، އޭނާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ އިޙުސާސެއް ކުރެވުނެވެ. މާޒީގެ އުފާވެރި ހަނދާންތައް އޭނާގެ ކުރިމަތީގައި ސިފަވާން ފެށިއެވެ.

ބައްޕަ..

އެ ސެންޓު ފުޅިއަކީ ބައްޕަ ނިޔާވުމުގެ ކުރިން، މަންމައަށް ދިން އެންމެ ފަހުގެ ހަދިޔާއެވެ. ރީޝާ އެ ފުޅި ނޭފަތާ ކައިރިކޮށްލައި، އެ ވަސް ދަމާލިއެވެ. “ބައްޕާ..” އޭނާގެ ހިތަށް ތަދުވިއެވެ. ނަމަވެސް އޭނާ އެ ފުޅި ވަރަށް އޯގާތެރިކަމާއެކު އަލުން ބެހެއްޓިއެވެ.

“މާދަމާ.. މާދަމާ އަޅުގަނޑުގެ އެންމެ ފުރިހަމަ މަސައްކަތް ކުރާނަން.” އޭނާގެ އަޑުގައި ވަނީ ވަރުގަދަ އަޒުމެކެވެ. އޭނާ އަނެއްކާވެސް މަންމައަށް ބަލާލިއެވެ. މަންމަ އަދިވެސް އޮތީ އެއްވެސް ހަރަކާތެއް ނެތި، ހަމަހިމޭންކަމުގައެވެ.

ރީޝާ އޭނާގެ ތުނި ގޮދަޑީގައި އޮށޯވެލިއެވެ. އޭނާގެ ހިތުގައި ވަނީ ބިރުވެރިކަމާއި، އުންމީދާއި، އަދި ކުދިކުދި ހުވަފެންތަކެވެ. ނަމަވެސް، އެ ހުރިހާ ކަމެއްގެ ތެރެއިންވެސް އޭނާގެ ނަފުސުގައި އާ ހިތްވަރެއް އުފެދެން ފެށިއެވެ. އޭނާ ދުޢާކުރަމުން ލޯ މަރާލީ، މާދަމާއަކީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލާނެ ދުވަހަކަށް ވުމަށް އެދެމުންނެވެ.

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top