ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ތިންވަނަ ބައި

ހަވީރުގެ ވަގުތެވެ. އަޔާން ޒޯޔާ ގޮވައިގެން ބޭރަށް ނުކުމެލީ ޒޯޔާ އުފާކޮށްލަދިނުމުގެ މަޤުސަދުގައެވެ. އެމީހުން ދިޔައީ މީގެ ހަ އަހަރު ކުރިން އެމީހުން އެންމެ ފުރަތަމަ ލޯބީގެ ބައްދަލުވުމެއް ބޭއްވި ތަނަށެވެ. އެއީ ހުޅުމާލޭގެ އަތިރިމަތީގެ ހިތްގައިމު ސަރަހައްދެކެވެ. ޒޯޔާގެ އެންމެ މަޤުބޫލު ތަންވެސް މެއެވެ. ދެމަފިރިން އެކި ވާހަކަތައް ދައްކަމުން ގޮސް ކުއްލިއަކަށް ޒޯޔާގެ ޚަބަރެއް ނުވެގެން ފަހަތަށް ބަލާލި އަޔާންގެ ނިތްކުރިއަށް ރޫތައް އަރައިގެން ދިޔައެވެ.

ޒޯޔާ އިނީ ތަންކޮޅެއް ދުރުގައި ވަރަށް އެކަނި އިން ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރުގެ ކުއްޖެއް ކައިރީގައެވެ. އެކުއްޖާގެ މޫނާއި އަތުގައި ފިރުމަފިރުމާފައި އުޅުނުތަން ފެނުމުން އަޔާންގެ ހިތުގައި ރިހުމެއް އުފެދުނެވެ. އެއީ އޭނާވެސް ނުހަނު ދެކެން ބޭނުންވާ ދުވަހެކެވެ. އޭނާ މަޑުމަޑުން ޒޯޔާ އިން ދިމާއަށް ހިނގައިގަތެވެ.

އެކުއްޖާ ދިޔަ ދިމާއަށް ބަލަން އިން ޒޯޔާގެ މޫނުމަތީގައި ކުރިން އެތަނަށް އައިއިރު ހުރި އުފާވެރިކަމެއް ނެތެވެ. ޒޯޔާ ތެދުވެފައިވެސް އެކުއްޖާ ދިޔަ ދިމާއަށް ބަލަން ހުރެވުނީ ޚިޔާލަކަށް ގެއްލިފައެވެ. އަޔާން އޭނާ ގާތަށް އައިކަމެއް އޭނާއަކަށް ނޭނގެއެވެ. އަޔާން ގޮވި އަޑެއްވެސް ނީވެއެވެ.

“ޒޯޔާ!” ޒޯޔާގެ އަތުގައި ހިފާ އޭނައާ ދިމާއަށް އަނބުރާލަމުން އަޑަށް ތަންކޮޅެއް ބާރުލާފައި އަޔާން ގޮވާލިއެވެ.

ޒޯޔާއަށް ސިހުމެއް ލިބުނެވެ. އަޔާންގެ މޫނުމަތިން ފެންނަން ހުރި ނުރުހުމުގެ އަސަރުތަކުން ޒޯޔާއަށް އިސްޖަހާލެވުނެވެ. ކުށްވެރިކަން އިޙުސާސްކުރެވުމުން އަޔާންއާ ހަތަރުކަޅި ހަމަކުރާކަށް އޭނާއަކަށް ނުކެރުނެވެ.

“އަނެއްކާވެސް ހަމަ އެކަންތައް. ކީއްވެ؟ ކީއްވެ ތިހެން ތި ހަދަނީ ޒޯޔާ؟ ޒޯޔާ! ކޮންމެ ފަހަރަކު ތިހެން ކަންތައް ކުރަންޏާ، ދިރިއުޅުމުގައި ކިހިނެއް ކުރިއަށް ދާނީ؟” ޒޯޔާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ހިތްހަމަނުޖެހުނު ނަމަވެސް ވިސްނައިދޭ ފަދައަކުން އަޔާން ބުންޏެވެ.

“އަހަރެން ކުރިއަށް ދާން ބޭނުން ނުވަންޏާޔޯ؟ އަޔާން. އަހަރެން މިހިރީ ހައިރާންވެފައި. ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ކުރިއަށް ދާން ތިހާ ފަސޭހަވީ ކިހިނެއް؟” ޒޯޔާ ހައިރާންކަމާއެކު އަޔާންގެ މޫނަށް ބަލަން ހުރެ އެހިއެވެ.

“ފަސޭހައެއް ނޫން. އެއްގޮތަކަށްވެސް ފަސޭހައެއް ނޫން. އެކަމަކުވެސް އަހަރެން މި މަސައްކަތް ކުރަނީ. ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ދިރިއުޅުމުގައި ކުރިއަށް ދެވޭތޯ ކޮންމެ ވަގުތަކުވެސް މިދަނީ މަސައްކަތް ކުރަމުން. ޒޯޔާވެސް އެކަމަށް މަސައްކަތްކުރަން ޖެހޭނޭ.” އަޔާން ޒޯޔާއަށް ވިސްނައިދެވޭތޯ ބެލިއެވެ. ނަމަވެސް އަޔާންގެ އަތް ދުރުކޮށްލަމުން ޒޯޔާ ދުރަށް ހިނގައިގަތެވެ.

“ޒޯޔާ! ވާހަކަ ދައްކަބަލަ. މިއަދު އަހަރެމެން މިކަމާ ބެހޭގޮތުން ވާހަކަ ނުދައްކައިފިއްޔާ އަހަރެމެންގެ ދިރިއުޅުން މިހިސާބުގައި ހުއްޓޭނީ. ޒޯޔާ! ވިސްނޭތޯ މަސައްކަތް ކޮށްބަލަ. އެ ހާދިސާގެ އަސަރު ޒޯޔާއަށް ކުރިވަރަށް އަހަންނަށްވެސް ކުރިޔޭ.” އަޔާން ޒޯޔާގެ އަތުގައި ހިފަހައްޓަމުން ބުންޏެވެ.

“އަހަންނަކަށް ނުވިސްނޭނެ އަޔާން. ސަބަބަކީ އަހަރެންގެ ހިތަށް އަރާފައިބާ އެއްޗެއް އަޔާންއަށް ދުވަހަކުވެސް އިޙުސާސް ނުކުރެވޭނެތީ.” އަޔާންގެ އަތް ދުރަށް ޖައްސާލާފައި ދުރަށް މޫނު އަނބުރާލަމުން ޒޯޔާ ބުންޏެވެ.

“ކީކޭ؟ ހަމައެކަނި ޒޯޔާއަށްތަ ކަމެއްވީ؟ އަހަރެން އެ ހާދިސާއާ ހެދި ދުވާލާ ރޭގަނޑު ހަތަރުދަމު ނުރުއި ކަމަށް ވިޔަސް، އޭގެ މާނައަކީ އަހަރެން ދެރަނުވަނީއެކޭ ނޫން. ވެދިޔަ ކަމެއް އަހަރެމެންނަކަށް ބަދަލެއް ނުކުރެވޭނޭ ޒޯޔާ. އަހަރެމެން ދިރިއުޅުމުގައި ކުރިއަށް ދާން އެބަޖެހޭ. އަދި އެކަނިމާއެކަނި އަހަންނަކަށް އެކަމެއް ނުވާނެ. އަހަންނަށް ޒޯޔާގެ އެހީތެރިކަން ބޭނުންވެޔޭ. ޒޯޔާ! އެހެންނޫނީ އަހަރެމެންގެ ދިރިއުޅުން މިތާ ހުއްޓިފައި އޮވެ، މުޅިން ހަލާކުވެ ނެތިގެން ހިނގައިދާނެ.” އަޔާން ޒޯޔާގެ މޫނުގައި ހިފާ އޭނައާ ދިމާއަށް އަނބުރާލަމުން ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ. ޒޯޔާގެ ގޮތްދޫނުކުރުމާއިއެކު ހުރިހާ ކަމެއްގައި އޭނާ ކުށްވެރިކުރާތީ އޭނާގެ ހިތަށް ތަދުވެއެވެ.

“އެނގޭތަ އަޔާން؟ އަހަންނަށް ހީވަނީ އަޔާން ގަސްދުގައި އަބަދުވެސް މި މައުޟޫއަށް ވާހަކަދައްކަނީ އަހަރެންގެ ހިތުގައި ޖައްސަންހެން. އަހަރެން މީގެ ކުރިންވެސް ކިތަންމެ ފަހަރަކު ބުނެފިން. ހަނދާން ނެތިއްޔާ މިއަދު އަނެއްކާވެސް ބުނެފާނަން. އަހަރެން މިކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. އެނގިއްޖެތަ؟” އެހެން ބުނުމަށްފަހު ޒޯޔާ ދާން ހިނގައިގަތެވެ.

“ޒޯޔާ! ޒޯޔާ!” އަޔާން ގޮވި ނަމަވެސް ޒޯޔާ މަޑެއް ނުކުރިއެވެ. އަޔާން ފަހަތުން ގޮސް ޒޯޔާގެ އަތުގައި ހިފެހެއްޓިއެވެ.

“އަޔާން ޕްލީޒް. އަހަރެން ގެއަށް ގެންގޮސްދީ. އަހަރެން މަންމައާ ބައްދަލުކުރަން ބޭނުން.” ޒޯޔާ ބުންޏެވެ.

“އަހަރެމެން ކައިވެނި ކުރިތާ ހަ އަހަރުވީ ޒޯޔާ. މަންމަގެ ގެއަކީ މިހާރު ޒޯޔާގެ ގެ ނޫންކަން ވިސްނޭނީ ކޮން ދުވަހަކުން؟ އަހަރެމެންގެ މެދުގައި ކިރިޔާ ވާހަކައެއް ދެކެވޭއިރު ގޮސް މަންމަ ގާތު އެވާހަކައެއް ދައްކަންވީ. ދެމަފިރިންގެ ވާހަކަތައް އެހެން މީހުންނަށް އަންގާކަށް ނުޖެހޭނެޔޭ. އެއީ މައިންބަފައިން ކަމަށް ވިޔަސް. އަދި އެވެސް އަހަރެމެންގެ މި ގުޅުމާ ނުޤަބޫލުއިރު. ކޮންމެ ފަހަރަކު އަހަރެން ޒޯޔާ ދިރިއުޅުމައިގެން ކުރިއަށް ގެންދަން މަސައްކަތް ކުރާއިރަށް، މަންމަ އައިސް އެބަ ހަތަރު ފިޔަވަޅު ފަހަތަށް ޖައްސުވާ. އެހެން ނަހަދަބަލަ. އާދޭސްކޮށްފައި ބުނަން.” އަޔާންގެ އަޑުގައި ދެރައާއި އާދޭސް އެކުލެވިގެންވީ ނަމަވެސް ޒޯޔާއަށް އެކަން އިޙުސާސްވާހެނެއް ހިއެއް ނުވެއެވެ.

“އަޔާން އަބަދުވެސް ތިހެން ހަދަނީ. ދައްކާނެ ވާހަކައެއް ނެތުނީމަ، އަހަރެންގެ މަންމައާ ދިމާލަށް ބަސްތައް ތި އުކަނީ. ކީއްވެ އަޔާން؟ އަހަރެން ދުވަހަކުވެސް އަޔާންގެ އާއިލާއާ ބެހޭގޮތުން ތިކަހަލަ ވާހަކައެއް ދެއްކިންތަ؟” ޒޯޔާ ހިތްހަމަނުޖެހިފައި އެހިއެވެ.

“އެހެން އެވާ ސަބަބުވެސް ޒޯޔާއަށް ހަމަ ރަނގަޅަށް އެނގޭނެ. އަހަންނެއް ނޫން މަންމަ މި ދޭތެރެއަށް ވެއްދީ. ކޮންމެ ފަހަރަކުވެސް އަހަރެމެން ދެމީހުންގެ ދޭތެރެއަށް މަންމަ އައިސް ވަންނަނީ. ނޫނީ ޒޯޔާ މަންމަ މިދޭތެރެއަށް ވައްދަނީ.” އަޔާން ހާމަކުރީ ހަޤީޤަތެވެ.

“މީ މަންމަގެ ވާހަކައެއް ނޫނޭ އަޔާން. މީ އަހަރެމެން ދެމީހުންގެ ވާހަކަ. އަހަރެމެންގެ މާޒީއާ މިއަދުގެ ވާހަކަ. ކީއްވެތަ އަޔާންއަށް ނުވިސްނެނީ؟” ޒޯޔާ ބޭނުންވީ ހަޤީޤަތާ ކުރިމަތިނުލާށެވެ.

“ދެން އެންމެ ރަނގަޅު. އެހެންވިއްޔާ މިއަދު ގޮތެއް ނިންމާ. މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސާ. އަހަރެމެންނަށް މިގޮތަކަށް ނޫޅެވޭނެ. މިއަދު ޒޯޔާ ނިންމަން ޖެހޭނެ އިސްކަންދޭނީ މާޒީއަށްތޯ ނޫނީ އަހަންނަށްތޯ؟ މިއަދު ޒޯޔާ ޖެހޭނީ ކޮންމެވެސް އެއްގޮތެއް އިޚްތިޔާރުކުރަން. އެއީ އެއްފައި މާޒީގައި އަނެއްފައި މިއަދުގައި އަޅައިގެން، މާޒީގައި އެލިގަނެގެން އަހަންނަކަށް ނޫޅެވޭނެ ޒޯޔާ. ބުނޭ ޒޯޔާ. ކޮބާ ނިންމުމަކީ؟” އަޔާން ބުނަން ބޭނުންވި ވާހަކައާއި ސުވާލު ވަރަށް ސާފެވެ.

އަޔާންގެ ވާހަކަ އަޑުއަހާފައި ޒޯޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަންތައް މިހާ ހިސާބަށް ގޮސްދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އަޔާންއަށް ބަލަން އިރުގަނޑެއް ވަންދެން ހުރެފައި ޒޯޔާ ލޯ ފޮހެލިއެވެ.

“ތިވާހަކަ ބުނުމުގެ ކުރިން އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟ ތިވަރުގެ ބޮޑު ވާހަކައެއް އަހަރެން ގާތު ބުނަން ކެރުނީ ކިހިނެއް؟ އަހަރެންގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައި، ދިރިއުޅުމައިގެން ކުރިއަށް ދާން މި މަސައްކަތް ކުރަނީ ހާދަ އުނދަގުލުންނޭ. އެކަމަކު ހަމަ ކޮންމެ ފަހަރަކުވެސް އަހަރެންގެ ހިތަށް ތަދުވާ ކަހަލަ ވާހަކަތަކެއް ނޫނީ އަޔާންއެއް ނުބުނޭ. ކީއްވެ އަޔާން؟” ޒޯޔާގެ ލޮލުން ފޭދުނު ކަރުނަތައް ފޮހެލިއެވެ. ނަމަވެސް އެ ކަރުނަތަކަށް ހުއްޓުމެއް ނައެވެ.

“އާދައިގެ ދިރިއުޅުމަކަށް ދާން އަހަރެން ހާދަ މަސައްކަތެއް ކުރަމޭ. ދުނިޔެއަށް އަހަރެން މި ދައްކަނީ މަޑުމަޑުން ދިރިއުޅުމުގައި އަހަރެންވެސް ކުރިއަށް ދާކަން. އެކަމަކު ހަޤީޤަތަކީ އަހަންނަށް ދެން ދުވަހަކުވެސް އާދައިގެ މީހަކަށް ނުވެވޭނެކަން. އަހަންނަކަށް ދެން އެނބުރި ކުރީގެ ހާލަތަކަށް ނުދެވޭނެ. އަޔާންއަކަށް ދުވަހަކުވެސް އަހަރެން ދަހެއް ނުވި. އެއްވެސް ވަރަކަށް އަހަރެންގެ އިޙުސާސްތަކެއް ނޭނގުނު. މިއަދި ތި އެދުނީ އަހަރެންގެ މާޒީއާ އަޔާންގެ ތެރެއިން ކޮންމެވެސް އެކަކު އިޚްތިޔާރުކުރަން. އެންމެ ރަނގަޅު. އަޔާން ތި މަޖުބޫރުކުރަނީ އަހަރެން އަޔާންއާ ދުރަށް ދާން. އެންމެ ރަނގަޅު.” ޒޯޔާ މަޑުވެސްކޮށްލުމެއް ނެތި އެއްގަމަށް ދުއްވައިގަތެވެ.

“ޒޯޔާ! ޒޯޔާ!” އަޔާން ޒޯޔާއަށް ގޮވިއެވެ. ނަމަވެސް ޒޯޔާ މަޑެއް ނުކުރިއެވެ.

އަޔާންއަށް ބޮލުގައި އަތް އަޅާލެވުނެވެ. އޭނާގެ ދުލުގެ މައްޗަށް އަމިއްލަ ކޮންޓްރޯލް ގެއްލުނީތީ އަމިއްލަ ނަފުސުދެކެ ރުޅި އާދެވުނެވެ. އެ ހާލަތުން ޒޯޔާ ނެރުމަކީ މުހިންމު ކަމަކަށް ވިޔަސް އޭނާއަށް އެކަން ކުރަން އުޅެވުނު ގޮތް ރަނގަޅު ނޫންކަން އޭނައަށް އިޙުސާސްކުރެވުނެވެ.

ޒޯޔާ ދިޔައީ އޭނާގެ މަންމަގެ ގެއަށެވެ. އޭރު އާފިޔާ އިނީ ވިޔަފާރި ބައިވެރިޔަކާއެކު ބައްދަލުވުމެއްގައެވެ. އޭނާ އަވަސްއަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީނދެވުމާއެކު އޭނާއަށް އަނެއްކާވެސް ރޮވިއްޖެއެވެ. އަޔާންއާ ދެމީހުންގެ ދޭތެރޭ ޖެހުނު މައްސަލަ މިހާ ބޮޑުވެދާނެ ކަމަކަށް އޭނާވެސް ހިއެއް ނުކުރެއެވެ. އޭނާ އެހެން އިންދާ އާފިޔާ އެ ކޮޓަރިއަށް ވަނެވެ.

“ޒޯޔާ! މިއަދުވެސް ޒުވާބުކުރީ ދޯ؟” އާފިޔާ އައިސް ޒޯޔާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.

“ތި ރޮނީ އަޔާންއަށްޓަކާ ކަމަށް ވެއްޖެއްޔާ ހުއްޓާލާ. އެއްގޮތަކަށްވެސް ރޯނެ ކަމެއް ނެތް. މިއަދަކީ ތިދެމީހުން ޒުވާބުކުރި ފުރަތަމަ ދުވަހެއް ނޫނެއްނު. ތި ދެމީހުން އަބަދުވެސް ޒުވާބު ކުރަމެއްނު.” އާފިޔާ ބުންޏެވެ.

“އާނ މަންމާ. އަހަރެމެންގެ ދޭތެރޭ މީގެ ކުރިންވެސް ކިތަންމެ ފަހަރަކު ދެބަސްވުން އުފެދޭ. އެކަމަކު މިފަހަރު ކަންތައްތައް މާ މައްޗަށް ދިޔައީ. މަންމާ. އަހަންނަށް މިހާރު ހީވަނީ އަޔާން އަހަރެންދެކެ ލޯބި ނުވާހެން. އޭނަ އަހަރެންގެ އިޙުސާސްތަކަށް އެއްވެސް ޤަދަރެއް ނުކުރޭ. އަހަރެން ގާތު އޭނައާ ދުރަށް ދާށޭ ބުނެލިއިރު އެންމެ ފަހަރަކުވެސް ވިސްނައެއްނުލާ.” ޒޯޔާ ރޮމުން އާފިޔާގެ މޭގައި ބޮނޑިވެލިއެވެ. އާފިޔާ ޒޯޔާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

“ދެން ކިހިނެއް ހަދަން ތި ވިސްނީ؟ އަބަދުވެސް ހަދާހެން އަނެއްކާވެސް އަޔާންގެ ގާތަށް ދާނީ؟” އާފިޔާ އެހިއެވެ. ހިތްހަމަނުޖެހިފައި ހުރިނަމަވެސް އޭނާގެ އަޑު ބާރެއް ނޫނެވެ.

“ނޫން މަންމާ. ދެން އަހަރެން އަޔާން ގާތަށް އެނބުރިއެއް ނުދާނަން.”

“މިދިޔަ ހަ އަހަރު ދުވަހުގެތެރޭ ތިހެން ކިތައް ފަހަރު ބުނިން. މަންމަ މިހާރު ހަނދާނެއްވެސް ނެތް ކިތައް ފަހަރު ކަމެއް. ދެންވެސް އަޔާން އައިސް ލޯބިން ދެތިން އެއްޗެއް ބުނެލާއިރަށް ދާނެ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި.” އާފިޔާ ބުނެލީ މާޒީގައި ކަން ވެފައި އޮތްގޮތަށް ބަލައެވެ.

“ނޫން މަންމާ. މިފަހަރު އެހެނެއް ނުވާނެ.” ޒޯޔާ ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.

“ޒޯޔާ! ދިރިއުޅުމުގައި ބައެއްފަހަރު އަވަސް އަރުވާލައިގެން ގޯސް ނިންމުންތައް ނިންމޭ. އެކަމަކު އޭގެ މާނައެއް ނޫން އެ ގޯހުގެ އަދަބު މުޅި އުމުރު ދުވަހު ލިބިލިބި ހުންނާށޭ. އެކަމަކު އެ ހެދޭ ގޯސް އިސްލާހުކުރީމަ އެއީ ނުވާ ކަމަކާ އެއްވަރުވޭ.” އާފިޔާގެ ވާހަކަ އަޑުއަހަމުން ދިޔައިރު ޒޯޔާއަށް އާފިޔާ އެ ދައްކާ ވާހަކަ ފަހުމްވާން ފަށައިފިއެވެ. ވުމާއެކު އޭނާ ތެދުވެގެން ދުރަށް ހިނގައިގަތެވެ. އާފިޔާއަށް ފުރަގަސްވާ ގޮތަށް އެނބުރި އޭނާ ހަށަން ބަނދެލިއެވެ.

“ޒޯޔާ! ދަރިފުޅުގެ މުޅި ދިރިއުޅުން، ދަރިފުޅަށް އެއްވެސް ވަރަކަށް އިޙުތިރާމްނުކުރާ މީހަކާ އެކީ އުޅެންތަ ބޭނުންވަނީ؟ ދަރިފުޅަށް އޮތީ ދެގޮތް. އެއްގޮތަކީ އުމުރު ދުވަހު ތިހެން އުޅުން. އަނެއް ގޮތް އިޚްތިޔާރު ކޮށްފިއްޔާ ފުރަތަމަ ވަރަށް އުނދަގޫވާނެ. އެކަމު ފަހުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ.” އާފިޔާގެ ވާހަކަތަކުން ޒޯޔާގެ ދެލޯ ބޮޑުވިއެވެ.

“ވިސްނާލާ!” އާފިޔާ އެހެން ބުނެފައި ނުކުމެގެން ދިޔައެވެ. އަދި ކުޑަ އިރުކޮޅެއް ފަހުން އައިސް ޒޯޔާއަށް ދިއްކޮށްލީ ބޮޑު ސިޓީއުރައެކެވެ.

“މީ ކޯއްޗެއް؟” ޒޯޔާ އެހިއެވެ.

“ހުރިހާ ކަމެއްގެ ހައްލު. އަމިއްލައަށް ބަލާބަލަ.” އާފިޔާގެ މޫނުމަތިން މާބޮޑު އަސަރެއް ފާޅެއް ނުވެއެވެ.

ޒޯޔާ ސިޓީއުރަ ހުޅުވާލާފައި ނެގި ކަރުދާސްގަނޑަށް ބަލާލުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ހުއްޓުން އެރިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top