ބީރައްޓެހި މާހައުލު
އެ ގެޔަށް ކުރި ދަތުރު ހީކުރި ވަރަށް ވުރެ ދިގުވެގެން ދިޔައެވެ. ރީޝާ އިނީ ފަހަތު ސީޓުގައި މަޑުމަޑުންނެވެ. އޭނާގެ ދެއަތް އޮތީ އުނގުމަތީގައި ބާރަށް ޖޯޑުކޮށްލެވިފައެވެ. ސިޓީގެ މާހައުލު މަޑުމަޑުން ބަދަލުވަމުން ދިޔަ ވަރަކަށް، އޭނާގެ އިނގިލިތަކުން ނޭނގި ނަމަވެސް އެކި ގޮތްގޮތަށް ކުޅެވެމުން ދިޔައެވެ. ކުރިން ފެންނަ ކާރޫބާރޫ ބޮޑު މަގުތަކާއި، ކުދިކުދި ފިހާރަތަކާއި، އަބަދު އިވޭ އަޑުގަދަ މާހައުލު މަޑުމަޑުން ފަހަތަށް ގޮސް، އޭގެ ބަދަލުގައި ފެންނަން ފެށީ ފުޅާ ހިމޭން މަގުތަކާއި، އުސް ފާރުތަކެވެ. އެތަނުގައި ހުރި ގެތައް ފެންނަނީ ހަމައެކަނި ދިރިއުޅޭ ތަންތަނުގެ ގޮތުގައެއް ނޫނެވެ. އެއީ ރައްކާތެރިކޮށް ބަލަހައްޓާފައިވާ ސިއްރުތަކެއް ފަދަ ތަންތަނެވެ.
ސިޓީގެ މި ހިސާބަކަށް އޭނާ މީގެ ކުރިން ދުވަހަކުވެސް ނާދެއެވެ. މިތަނުގެ ކޮންމެ އެއްޗަކުން އިޙުސާސްވަނީ ބީރައްޓެހިކަމެވެ. އެތަނުގެ ވައިގެ ތެރޭގައިވެސް ވަނީ ހަމަ އެ ބީރައްޓެހިކަމެވެ.
ދަގަނޑުން ހަދާފައިވާ ބޮޑު ގޭޓެއްގެ ކުރިމައްޗަށް ކާރު މަޑުކޮށްލިއެވެ. އެ ގޭޓުގެ ފަރުމާއަކީ ބަލާލަން ރީތި، ނަމަވެސް ބިރުވެރިކަމެއް އެކުލެވޭ ފަރުމާއެކެވެ. އެއީ ހަމައެކަނި އެތެރޭގައި ތިބޭ މީހުންގެ ރައްކާތެރިކަމަށް ހަދާފައިވާ އެއްޗެއް ނޫން ކަހަލައެވެ. އެއީ ބޭރުގައި ތިބޭ މީހުން އެތަނާ ދުރަށް ދިއުމަށް ދޭ އިންޒާރެއް ފަދަ އެއްޗެކެވެ. ގޭޓު ވަރަށް އޮމާންކަމާއެކު، އެއްވެސް އަޑެއް ނީވޭހެން ހުޅުވުނެވެ. އަދި ރީޝާއަށް ކުރިން ދުވަހަކުވެސް ފެނިފައިނުވާ ކަހަލަ މާހައުލަކަށް ކާރު ވަދެގެން ދިޔައެވެ.
ކުރިމަތީގައި އެ ހުރީ ވަރަށް އުސް ގެއެކެވެ. ނޫނެކެވެ. އެއީ ގެއެއް ނޫނެވެ. އެއީ ގަނޑުވަރެކެވެ.
އިރުއޮއްސެމުން ދިޔަ ވަގުތުގެ މަޑު އަލީގައި، ހުދުކުލައިގެ ފާރުތައް ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. ބޮޑެތި ބިއްލޫރި ކުޑަދޮރުތަކުން އުޑުމަތީގެ މަންޒަރު ފެންނަނީ ލޯގަނޑަކުން ފެންނަހެންނެވެ. ގޭގެ ދޮރުމައްޗަށް ދާން އޮތް މަގުގެ ދެފަރާތުގައި ވަނީ ވަރަށް ފުރިހަމައަށް ބަލަހައްޓާފައިވާ ބަގީޗާތަކެވެ. އެތަނުގައި ވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. އެއީ އެހެން އެއްވެސް ކަމަކުން އެ ހިމޭންކަން ނަގާލަން ބޭނުންނުވާ ފަދަ ހިމޭންކަމެކެވެ.
ރީޝާ ބިރުން ހުރެ ކޮޅުކޮޅުމައްޗަށް ބަލާލިއެވެ. އޭނާ މަސައްކަތް ކުރަން ޖެހޭނީ މިތަނުގައި ހެއްޔެވެ؟
ކާރު މަޑުކުރުމާއެކު، އޭނާއަށް ހަމައަކަށް އެޅެން ފުރުސަތެއް ނުލިބެނީސް، ޑްރައިވަރު ފައިބައިގެން އައިސް އޭނާއަށް ދޮރު ހުޅުވައިދީފިއެވެ. ކާރުން ފައިބަން އޭނާ ކުޑަކޮށް ފަސްޖެހުނެވެ. ނަމަވެސް، މަޑުމަޑުން ފައިބައި، އޮމާން ގާތަކުގެ މަތީގައި ފައި ބީއްސާލުމާއެކު، އޭނާގެ ދެލޮލުން މުޅި މާހައުލަށް ނަޒަރު ހިންގާލިއެވެ. އެއީ ވަރަށް ރީތި ތަނެކެވެ. ނަމަވެސް، އެތަނުން އެއްވެސް ކަހަލަ ގާތްކަމެއް ނުވަތަ ހިތްހަމަޖެހުމެއް އިޙުސާސެއް ނުވެއެވެ.
“އާދޭ ރީޝާ.” ފަހަތުން ދީނާގެ އޯގާތެރި އަޑު އިވުނެވެ. ރީޝާ އަވަސްއަވަހަށް ފަސްއެނބުރި ބަލާލިއެވެ. އެނގޭ މޫނެއް ފެނުމުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ދީނާގެ ފަހަތުން ގޭގެ ދޮރުމައްޗަށް ދިޔައެވެ. އެމީހުން އެތަނަށް ދިއުމުގެ ކުރިން، ލަކުޑިން ހަދާފައިވާ ބޮޑު ދޮރު ހުޅުވުނެވެ. ގޭގެ އެތެރެވެސް ބޭރު ފަދައިން ވަރަށް ފުރިހަމައެވެ.
މާބްލް ޖަހާފައިވާ ތަޅުންގަނޑާއި، އުސް ފުރާޅެވެ. މަޑު އަލިކަމުގެ ސަބަބުން ފާރުތަކަށް ހިޔަނި އެޅިފައި ހުއްޓެވެ. ހުރިހާ އެއްޗެއްވެސް ހުރީ ނުހަނު ފުރިހަމަކޮށެވެ. އާދަޔާ ޚިލާފަށް ފުރިހަމައެވެ.
“މިއީ ދުވާލު ގަޑީގައި ދަރިފުޅު މަސައްކަތް ކުރާނެ ތަން.” އެ ބޮޑު ހޯލުގެ ތެރޭގައި ހިނގަމުން ދިޔައިރު ދީނާ ކިޔައިދިނެވެ. “ކުޑަ ސާހިބުގެ ތާވަލުތައް ބެލެހެއްޓުމާއި، ލިޔެކިޔުންތަކާއި، އަމިއްލަ ބައެއް ކަންކަން ހަމަޖެއްސުމުގައި އެހީތެރިވާން ޖެހޭނީ.”
ރީޝާ އަވަސްއަވަހަށް ބޯޖަހާލިއެވެ. ނަމަވެސް އޭނާގެ ދެލޯ ދިޔައީ ގޭގެ ކޮންމެ ދިމާއަކަށް ބަލަމުންނެވެ. އޭނާއަށް ނޭނގޭ އެތައް ކަމަކާއި، އެތަނުގެ ހިމޭންކަން އޭނާގެ ހިތުގައި ސުވާލު އުފައްދަމުން ދިޔައެވެ.
“އަދި.. އަޅުގަނޑު ހުންނާނީ ކޮންތާކު؟” ވަރަށް މަޑުމަޑުން އޭނާ އަހާލިއެވެ.
ދީނާ ހިނިތުންވެލިއެވެ. “އާދޭ، އަހަރެން ދައްކާލާނަން.”
ދިގު ފެންޑާއަކުން އެމީހުން ހިނގަމުން ދިޔައިރު، އިވެމުން ދިޔައީ ހަމައެކަނި އެމީހުންގެ ފިޔަވަޅުތަކުގެ އަޑެވެ. ފާރުތަކުގައި ބޮޑެތި ފްރޭމްތައް ހުއްޓެވެ. އާއިލީ ފޮޓޯތަކާއި، ރަސްމީ އެކި ހަފުލާތަކުގެ ފޮޓޯތަކެވެ. ނަމަވެސް، އެ ފޮޓޯތަކުންވެސް އިޙުސާސްވަނީ ބީރައްޓެހިކަމެވެ. އެއީ ދައްކާލަން ބަހައްޓާފައިވާ ހަނދާންތަކެއް ފަދައެވެ.
ދޮރެއްގެ ކުރިމައްޗަށް އެމީހުން މަޑުކޮށްލިއެވެ. ދީނާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. “މި ކޮޓަރި.”
ރީޝާ އެތެރެއަށް ވަނެވެ. އެވަގުތު އޭނާއަށް ހީވީ ނޭވާ ހުއްޓުނުހެންނެވެ. އެ ކޮޓަރި އޭނާގެ މުޅި ގެއަށްވުރެވެސް ބޮޑެވެ. އެއްފަރާތުގައި ރީތިކޮށް ތައްޔާރުކޮށްފައިވާ އެނދެއް ހުއްޓެވެ. ބޮޑު، ކުޑަދޮރުގެ ދެފަރާތުގައި މަޑު ފޮތީގެ ދޮރުފޮތިތައް ހުއްޓެވެ. ކަނެއްގައި ހުރި މޭޒުމަތީގައި ތަކެތި ހުރީ އޭނާގެ އިންތިޒާރުގައި ކަހަލައެވެ. އަންނައުނު އަޅާނެ ހުސް އަލަމާރިއެއްވެސް ހުއްޓެވެ.
އެއީ އޭނާ ދުވަހަކުވެސް ހުވަފެނުންވެސް ނުދެކޭ ފަދަ ފުރިހަމަ ތަނެކެވެ. އެކަމަކުވެސް.. ކޮންމެވެސް އެއްޗެއް މަދުވާހެން އޭނާއަށް ހީވިއެވެ.
“މިއީ މާ ބޮޑުވަރު..” އޭނާގެ އަމިއްލަ ނަފުސަށް އިވޭވަރަށް މަޑުމަޑުން ބުނެލިއެވެ.
ދީނާ އޭނާއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަން ހުއްޓެވެ. “ދަރިފުޅަށް ހިތްހަމަޖެހުން ޙައްޤުވޭ.” އޯގާތެރިކަމާއެކު ދީނާ ބުންޏެވެ. “އެކަމާ ބިރުނުގަނޭ.”
ރީޝާ ކުޑަކޮށް އެނބުރިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. “އަޅުގަނޑު ހިތްހަމަޖެހުމާ ބިރުގަންނަނީއެއް ނޫން.. އެކަމަކު.. އަޅުގަނޑަށް ހީވަނީ އަޅުގަނޑަކީ މިތަނަށް ޙައްޤު މީހެއް ނޫންހެން.”
އެ ބަސްތައް އެތަނުގެ ތެރޭގައި ގުގުމާލިއެވެ. ދީނާގެ ލޮލުން އޯގާތެރިކަން ފެނުނެވެ. “ކަމަކަށް ޙައްޤުވާކަމުގެ އިޙުސާސަކީ..” މަޑުމަޑުން އޭނާ ބުންޏެވެ. “އަބަދު ވަގުތުން ކުރެވޭ އިޙުސާސެއް ނޫން. ބައެއް ފަހަރު އެއީ ވަގުތާއެކު އުފެދޭ އިޙުސާސެއް.”
ރީޝާ އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާ ހަމައެކަނި ބޯޖަހާލީއެވެ. އިތުރަށް ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ދީނާ ހިނިތުންވެލަމުން ދޮރާ ދިމާއަށް ހިނގައިގަތެވެ.
“މިރޭ އަރާމުކޮށްލާ. މާދަމާއަކީ ފުރަތަމަ ދުވަސް. އަދި.. މާ ބޮޑަށް ނުވިސްނާ.”
ދީނާ ނުކުތުމާއެކު ރީޝާ އެކަނިވިއެވެ. އަނެއްކާވެސް އެ ހިމޭންކަން އެނބުރި އަތުވެއްޖެއެވެ. ނަމަވެސް މިފަހަރު އެ ހިމޭންކަން ކުރިއަށްވުރެ ބާރުހެން ހީވެއެވެ. ރީޝާ މަޑުމަޑުން ކުޑަދޮރާ ދިމާއަށް ހިނގާފައި ގޮސް، ބޭރު ބަލާލިއެވެ. ބަގީޗާ ފެންނަނީ އެހެން ދުނިޔެއެއްގެ ތަނެއް ފަދައިންނެވެ. ބިއްލޫރިގަނޑުން އޭނާގެ އަމިއްލަ ސޫރަ ފެނުނެވެ. ވަރަށް ކުޑަ، ނުތަނަވަސް، އަދި ބީރައްޓެހި ސޫރައެކެވެ.
ރީޝާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، އެނދުގެ އަރިމަތީގައި އިށީނދެލިއެވެ.
“މިއީ ހަމައެކަނި ވަޒީފާއެއް..” އަމިއްލަ ނަފުސަށް އިވޭވަރަށް އޭނާ ބުނެލިއެވެ. “މިއީ ރަނގަޅު ފުރުސަތެއް.”
އޭނާއަށް މި ވަޒީފާ ބޭނުންވެއެވެ. އޭނާގެ ބޮޑުދައިތައަށްޓަކައި މިކަން މުހިންމެވެ. އޭނާގެ މުސްތަޤުބަލު ބިނާވެފައިވަނީ މިކަމުގެ މައްޗަށެވެ. އެކަމަކުވެސް.. އޭނާގެ ހިތުގެ ފުންމިނުގައި އުފެދެމުންދިޔަ ނުތަނަވަސްކަން ކުޑައެއް ނުވިއެވެ.
ހަމަ އެވަގުތު، ގޭގެ އެހެން ދިމާއެއްގައި..
ރުޝްދާން އޭނާގެ އޮފީސް ކޮޓަރީގެ ކުޑަދޮރު ކައިރީގައި ބޭރު ބަލަން ހުއްޓެވެ. ފަނޑު އަލިކަމުގެ ތެރޭގައި އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.
“އޭނާ އަތުވެއްޖެ.” އަމިއްލަ ނަފުސަށް ބުނެލިއެވެ. އެއީ ސުވާލެއް ނޫނެވެ. އެއީ ކަށަވަރުކަމެކެވެ.
އޭނާގެ އިނގިލިތައް ބިއްލޫރިގަނޑުގައި ބާރަށް ޖައްސާލިއެވެ. “މައުސޫމު..” އޭނާގެ އަޑުގައި ޝައްކުގެ އަސަރު ހުއްޓެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު، އޭނާގެ ތުންފަތްމައްޗަށް މަކަރުވެރި ހިނިތުންވުމެއް އަތުވެއްޖެއެވެ. “ބަލަމާ ހިނގާ އެކަން ދެމިއޮންނަނީ ކިހާ ދުވަހަކުތޯ.”
ރުޝްދާންއަށް އިޙުސާސްކުރަން އުނދަގޫވި އެ ބޮޑު ގަނޑުވަރުގައި، ރީޝާގެ އާ ދިރިއުޅުން ފެށިގެން ދިޔައީއެވެ. އެއީ ހުވަފެނެއް ފަދަ ފެށުމެއް ނޫނެވެ. އެއީ އޭނާ ހީކުރި ވަރަށްވުރެ އޮޅުންބޮޅުން ބޮޑު ކަންތައްތަކެއްގެ ފެށުމެވެ.
ދީނާ ކޮޓަރިން ނުކުމެ ދޮރު ލެއްޕުމާއެކު، ރީޝާއަށް އިޙުސާސްވީ އޭނާގެ ވަށައިގެންވީ ހިމޭންކަން އިތުރަށް ބޮޑުވިހެންނެވެ. އޭނާ އެތައް އިރަކު ގުޑިލަންވެސް ނޭނގި ހުއްޓެވެ. އެ ކޮޓަރީގެ ފާރުތަކަށާއި، ތަރުތީބުކޮށްފައިވާ އެނދަށާއި، މިހާރު އޭނާގެ މިލްކަކަށް ވެފައިވާ އެ ބޮޑު ޖާގައަށް އޭނާ ބަލަން ހުއްޓެވެ.
އޭނާ މަޑުމަޑުން އެނދާ ދިމާއަށް ހިނގާފައި ގޮސް، މަޑު ފޮތިގަނޑުގައި އަތް ބީއްސާލިއެވެ. މިއީ ހަޤީޤަތެއްކަން އަމިއްލަ ނަފުސަށް ސާބިތުކޮށްދޭން އޭނާ ބޭނުންވާ ކަހަލައެވެ.
“މިއީ ހަމައެކަނި ވަޒީފާއެއް..” އޭނާ އަނެއްކާވެސް ބުނެލިއެވެ. ނަމަވެސް އެ ބަސްތަކުން އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.
އޭނާގެ ހިތަށް އެކި ޚިޔާލުތައް އަންނަން ފެށިއެވެ. ބޮޑުދައިތަގެ ކަންބޮޑުވެފައިވާ އަޑެވެ. “ރީޝާ، އާދޭސްކޮށްފައި ބުނަން.. އަދި ވިސްނާލަން ވަގުތުކޮޅެއް ދީ. މިކަން އަހަރެންގެ ހިތަކަށް ރަނގަޅެއް ނޫން.” ބޮޑުދައިތަ އޭނާގެ ދެއަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ ބުނި ބަސްތައް ހަނދާންވިއެވެ. “މިއީ ދަރިފުޅު ކަހަލަ އަންހެން ކުއްޖަކަށް އެންމެ އެކަށީގެންވާ ކަމެއް ނޫން. އާއިލާއާ ދުރުގައި، ނޭނގޭ ބައެއްގެ ގާތުގައި ހުންނަން ޖެހުމުން އަހަރެން ބިރުގަނޭ.”
އެ ބަސްތަކުން ރީޝާގެ ހިތަށް ވަރަށް ތަދުވިއެވެ. އެއީ އެ ބަސްތަކުގައި ހަޤީޤަތެއް އެކުލެވޭތީއެވެ. “ރީޝާ.. ވިލިމާލެއިން ނުވަތަ ވިލިނގިލިން ނަމަވެސް ވަޒީފާއެއް ހޯދާ. ކޮންމެހެން މާ ދުރަށް ދާނެ ކަމެއް ނެތް. ދަރިފުޅާއި ދަރިފުޅުގެ މަންމައަކީ އަހަރެމެންނަށް ބުރައެއް ކަމަށް ދުވަހަކުވެސް ހީނުކުރާތި.”
ބޮޑުދައިތަގެ ލޮލުން ފޭބި ކަރުނަތަކުން ރީޝާގެ އަޒުމް ގުޑުވާލިއެވެ. “އެއީ އަހަރެންގެ އުފަން ދައްތަ. އަހަރެންގެ ފުރާނައަށްވުރެ ބޮޑަށް ދައްތަދެކެ ލޯބިވޭ. އަދި ދަރިފުޅުދެކެ ވެސް ލޯބިވަނީ އަހަރެންގެ އަމިއްލަ ދަރިންނާ އެއްވަރަށް.”
އެ ހަނދާންތަކުން ރީޝާގެ ލޮލުން ކަރުނަ ފޭބިއެވެ. “އަޅުގަނޑަށް އެނގޭ ބޮޑުދައިތާ.. އެކަމަކު އަބަދު މިހެން ބޮޑުދައިތަގެ އެހީގައި އުޅޭކަށް ބޭނުމެއް ނޫން. މިއީ ވަރަށް ރަނގަޅު ފުރުސަތެއް. މިކަހަލަ ފުރުސަތެއް ދެން ނުލިބިދާނެ.”
އެންމެ ފަހުން ބޮޑުދައިތަ އެއްބަސްވީ ވަރަށް ބޮޑު ހިތްދަތިކަމަކާއެކުގައެވެ. ރީޝާ އޭނާގެ ފޮށި ތައްޔާރުކުރި ވަގުތު، އޭނާގެ މަންމަ އެނދުގައި އެއްވެސް ހަރަކާތެއް ނެތި އޮތް މަންޒަރު ހަނދާންވެ، އޭނާގެ ހިތް ފުރުނެވެ. މަންމަގެ ލޯ ހުޅުވިފައި ހުރި ނަމަވެސް، އެ ލޮލުގައި އެއްވެސް ދިރުމެއް ނެތެވެ.
“އަޅުގަނޑު ވަރަށް އަވަހަށް އަންނާނަން..” މަންމަގެ އަތުގައި ބީހިލަމުން އޭނާ އެދުވަހު ބުންޏެވެ. ނަމަވެސް މަންމަގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.
މިހާރުގެ ހާލަތަށް ވިސްނާލަމުން، ރީޝާ އޭނާގެ ކަރުނަތައް ފޮހެލިއެވެ. “ނޫން.. މިހާރު ރޮއެގެން ނުވާނެ.” އޭނާ ހިތްވަރުލާފައި ތެދުވިއެވެ. މިއީ އޭނާ އަމިއްލައަށް ނިންމި ނިންމުމެކެވެ. މިއީ އޭނާގެ ޒިންމާއެކެވެ. އޭނާ ޖެހޭނީ ވަރުގަދަވާށެވެ.
ނަމަވެސް، އެ ބީރައްޓެހި ފާރުތަކާއި، ގޭގެ ހިމޭންކަމުގެ ތެރޭގައި އޭނާގެ ހިތް ބުނަމުން ދިޔައީ އެހެން ވާހަކައެކެވެ. ފަހަރެއްގައި މި ފެށުމަކީ އޭނާ އުންމީދުކުރިހާ ފަސޭހަ ފެށުމަކަށް ނުވެދާނެއެވެ.
(ނުނިމޭ)
