އަދުލީ ބޭނުންވި ފުރުސަތު ދަނީން ދިނެވެ. އަދުލީގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ ސަބަބުން ދަނީންގެ ހިތް ވަނީ އުފަލުން ފުރިފައެވެ. ކޮޓަރީގެ އެނދާއި ހަމައަށް ދަނީން ދިޔައީ އަދުލީގެ އަތްދަނޑިމަތީގައެވެ. ދެމީހުންގެ ކިބައިން ވެސް ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމެވެ.

ލޯބީގެ އިސްގީ މަސްތީ ކަނޑެއްގައި ޣަރަޤުވަމުންދިޔަ ދަނީނާއި އަދުލީ އަކަށް ވަގުތުތައް ފާއިތުވަމުންދިޔަ ގޮތެއް ނޭނގެއެވެ. އެމީހުން ތިބީ އެއަށްވުރެ ބޮޑަށް އެކަމަށް ގާފިލުވެފައެވެ. އެކަމަށް ފެންބޮވައިގެންފައިވާ ފެންބޮވައިގަތުން ހައްތަހާ ދިޔައީ އިތުރުވަމުންނެވެ. ދެ މީހުން ތެރެއިން އެކަކު ވެސް އަނެކަކަށް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އެންމެ ލޯބިވަނީ އޭނާކަން އަންގަން، އެންމެބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބޭނީ އޭނާގެ ފަރާތުންކަން ސާބިތުކޮށްދޭން މަސައްކަތްކުރާ ކަހަލައެވެ.

ކުއްލި އަދުލީ އެނދުން ފޭބުމާއިއެކު ދަނީން ދިޔައީ ސިއްސައިގެންނެވެ. ލިބުނު ހައިރާންކަމާއިއެކު ވަށައިގެން ހޯދާލެވުނެވެ. ހަށިގަނޑު ނިވާކުރަމުން އޭނާ ގޮސް ކޮޓަރިން ނުކުތީ ހީކުރިވަރަށްވުރެ އަވަހަށެވެ. ހިތުގައި އުފެދުނު ހައިރާންކަމާއިއެކު ނުތަވަސްކަން ވެރިވިއެވެ. ސުވާލުތަކުން ސިކުނޑިއަށް ބާރުބޮޑުކޮށްލިއިރު ކަންބޮޑުވާގޮތް ވެސް ވެއްޖެއެވެ.

ދަނީނަށް ނުކުމެވެވުނީ އިރުކޮޅެއް ފަހުންނެވެ. ބޭރަށް ނުކުމެ ގެ ތަޅުލިއިރު އިޝާނަމާދަށް ގޮވަން ފަށައިފިއެވެ. ވަށައިގެން ހޯދާލިއިރު އަދުލީ ފެންނާކަށް ނެތެވެ. ގޯތިތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.

އެތައް ދުވަހަކަށްފަހު އަނެއްކާ ވެސް އަދުލީއާ ބައްދަލު ކުރެވުމުން ދަނީން ހުރީ ހިތްހަމަޖެހިފައެވެ. ލިބުނު އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރު އޭނާގެ ކިބައިން ފެންނަމުން ދިޔައެވެ.

ވަގުތުތައް އޭގެ ހަލުވިމިނުގައި ދައުރުވަމުންދިޔައެވެ.

ރޭގަނޑުގެ ކަނު އަނދިރިކަމުގެ މައްޗަށް ދުވާލުގެ އަލިކަން ވެރިވާން ފެށިއެވެ. ފަތިސްނަމާދަށް ހޭލިގޮތަށް އެކިކަންކަމާއިގެން އުޅެމުންދިޔަ މީހުން މަދެއް ނޫނެވެ. ގޯތިތެރެއާއި މަގުތައް ކުނިކަހައި ސާފުކުރާ މީހުނާއި ހެނދުނުގެ ސައި ތައްޔާރުކުރުމާއިގެން އުޅޭ މީހުންނެވެ. ކަސްރަތަށް ނުކުމެ އުޅޭ މީހުނާއި މަހަށް ފުރުމަށް ތައްޔާރުވާ މީހުނެވެ. ބަނދަރު ސަރަހައްދަށް ނުވަތަ ގޮނޑުދޮށަށް ގޮސް ދޮށި އުކާ މީހުނެވެ.

ދަނީނަށް ހޭލެވުނީ އޭނާގެ މާމަ ގޮވާ އަޑަށެވެ. އެހެން ވެސް ދުވަސްތައް ފަދައިން ފަތިސްނަމާދަށް ނުހޭލައިގެންނެވެ. ކޮންމެ ރެއަކު ފަތިސްނަމާދަށް ދަނީން ނެގުމަކީ މާމައަށް ފަސޭހަ ކަމަކަށް ނުވިޔަސް އެކަން ވޭތޯ އޭނާ މަސައްކަތް ކުރަމުންދިޔައެވެ. ފާއިދު ދުނިޔޭގައި ނެތް ދުވަހު، އޭނާގެ އެންމެ އިސް ވާޖިބަކީ ކޮބައިކަން ރައިހާނާއަށް އެނގެއެވެ. އެކަމާއި އޭނާ ހަވާލުވީ އެކަން އެނގި ހުރެއެވެ.

އަދުލީ އާއި ދަނީންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަމެއް ދަނީނާއި އަދުލީ ފިޔަވައި އެހެން މީހަކަށް ނޭނގެއެވެ. ރާޝިދާއަށް ވެސް ވަނީ ހީއެކެވެ. ދަނީންގެ ފަރާތުން ނުވަތަ އަދުލީގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބެއެވެ. އެފަދަ ކަމެއް ނުފެނެއެވެ.

ކޮންޕިއުޓަރ ކޯސް ހިންގަމުންދިޔަ ފަރާތުން، ޓީޗަރުންނަށް ގެނައި ކުއްލި ބަދަލާއިއެކު އަދުލީ ފުރައިގެން ހިނގައްޖެއެވެ. ދަނީނަށް ވެސް އެކަން އެނގުނީ ކުލާހަށް ދިޔަ ރެއަކުއެވެ. އަދުލީ ފުރައިގެން ދިޔައިރު އެފަދަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ދާ ވާހަކަ ވެސް ނުބުނެއެވެ.

އަދުލީއާ ގުޅޭތޯ ދަނީން އެތައް މަސައްކަތެއް ކުރިއެވެ. މަދު ފަހަރަކު ނޫނީ އަދުލީގެ ނަންބަރަކަށް ނުގުޅެއެވެ. ގުޅޭ ފަހަރަކު ޖަވާބެއް ނުދެއެވެ. މެސެޖް ކުރިޔަސް ހަބަރެއް ނުވެއެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބި އެތައް ދުވަހެއް ފާއިތުވިއެވެ.

ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ދަނީނަށް ލިބެމުންދިޔަ ހިތާމަ އާއި ހިތްދަތިކަން ދުވަހަކަށްވުރެ ދުވަހެއް ދިޔައީ އިތުރު ވަމުންނެވެ. ނުނިދެއެވެ. ނުކެވެއެވެ. ކަންތައްތައް ދިމާވި ގޮތާއިމެދު ވިސްނާ ފިކުރުކުރުން ނޫން އެހެން ކަމެއް ކުރެވޭވަރެއް ނުވެއެވެ. އެކަމުން އަރައިގަނެވޭތޯ ކުރަމުންދިޔަ މަސައްކަތަށް ކާމިޔާބެއް ނުލިބެއެވެ.

ދަނީންގެ ހާލަތާއިމެދު ވިސްނާވިސްނާ ރައިހާނާގެ ސިކުނޑިއަށް ބާރުބޮޑުވިއެވެ. ނަސޭހަތްދީދީ އޭނާ ވަރުބަލި ވެއްޖެއެވެ. ވިސްނައިދޭން އެތައް މަސައްކަތެއް ކުރެވިއްޖެއެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ.

ދަނީންގެ ލޯތްބަށްއެދި އާދޭސް ކުރަމުން އޭނާގެ ފަހަތުން މުގޯލި އަޅަމުންދިޔަ ޒުވާނުންގެ ތެރެއިން އެކަކީ ނާއިދެވެ. ތިން އަހަރެއްހާ ދުވަސްކުރިން އޭނާ ފެށި މަސައްކަތް އަދިވެސް ހުއްޓާނުލައެވެ. އެ އެދުމަކަށް އެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ފުރަތަމަ ދުވަހެކޭ މިއަދެކޭ އެއްވެސް ތަފާތެއް ނެތެވެ. އޭނާގެ ލޯބި ގަބޫލުކުރާށެވެ. އޭނާއާ އިންނަން އެއްބަސްވާށެވެ. ދަނީނަށް ލޯތްބާއި އަޅާލުންދީ އޯގާތެރިވުމުގައި ނަމޫނާ ދައްކާނެއެވެ. އެވަރުގެ ދެވަނަ މީހަކު ދަނީނަކަށް ނުލިބޭނެއެވެ. ނަމޫނާ ފިރިއަކަށް އޭނާ ވާނެއެވެ.

ހިންގުމުގެ ދާއިރާއިން މަތީތަޢުލީމު ހާސިލުކޮށްގެން އައިސް ހުރި ނާއިދަކީ ރަށުކައުންސިލް އިދާރާގެ އިސްވެރިއެކެވެ. ރަށުގެ ގިނަބައެއްގެ އިހުތިރާމާއި ލޯބި ލިބިލިބިހުރި ގަދަރުވެރި ޒުވާނެކެވެ. އަހުލާގު ރަނގަޅު އުޅުންހުރި މަސައްކަތްތެރިއެކެވެ.

ނާއިދުގެ އިސާރާތަކަށް ބަލާލަބަލާލަ ތިބި އެތައް އަންހެން ކުދިންނެއް އެބަތިއްބެވެ. ބައެއް އަންހެންކުދިން އިސްވެ އޭނާއަށް ދަޢުވަތު ދީފިއެވެ. ބައެއް ޢާއިލާތަކުން ވެސް ރަނގަޅު ހުށަހެޅުންތައް ލިބެމުން ދިޔައެވެ.

ކާމިޔާބީގެ ކޮޅުމަތި ފެންނަންފެށީ ހީކުރިވަރަށްވުރެ ލަހުން ނަމަވެސް، ނާއިދު އުންމީދު ދޫކޮށެއް ނުލައެވެ. ކާމިޔާބަކީ އެކަމަށް އެދިގެން ކުރަންޖެހޭ މަސައްކަތްކުރާ އަޅާގެ ހައްގެކެވެ. ކޮންމެވެސް ދުވަހަކުން ކާމިޔާބަށް ވާސިލު ވެވޭނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ.

” މާމައަށް ވެސް ފެންނަނީ ދަރިފުޅު އެކަމާ އެއްބަސްވާން. ދަރިފުޅަށާއި ދަރިފުޅުގެ ކުރިމަގަށް އެންމެ ރަނގަޅުވާނީ އެގޮތް. ފިހާރައިގެ ކަންތަކާއި ގޯތީގެ ކަންތައްތައް އަންހެންކުއްޖަކު އެކަނި ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫން. ” ރައިހާނާ އާއި ދަނީން ތިބީ ފެންޑާ ތެރޭގައި ވާހަކަ ދައްކާށެވެ.

ދަނީނަށް އެންމެ ރަނގަޅުގޮތް ހޯދައި ދިނުމަކީ ރައިހާނާ އެންމެބޮޑު އިސްކަމެއް ދޭ ކަންތަކެވެ. ދަނީން އުފަލުގައި ހުރެއްޖެނަމަ އޭނާ ހުންނާނީ އުފަލުންނެވެ. އެއަށްވުރެ ބޮޑު އުފަލެއް، އެއަށްވުރެ ހިތްހަމަ ޖެހުމެއް މިއަދު އޭނާއަކަށް ނުވެއެވެ.

” ދެން … މާމަ …. ” ރައިހާނާގެ އެވާހަކަތައް ދަނީނަށް ކަމުދިޔަހެނެއް ހިޔެއް ނުވެއެވެ.

” ގޮތް ނިންމާނީ ދަރިފުޅު … މިއީ މާމަގެ ޚިޔާލު. މާމައަށް ވިސްނޭ ގޮތާއި ގަބޫލުކުރެވޭގޮތް. ދަރިފުޅުގެ ކޮންމެ ނިންމުމެއް މާމަ ގަބޫލު ކުރާނަން. މާމަ ދުނިޔޭގައި ހުރިހާ ދުވަހަކު ހުންނާނީ ދަރިފުޅާއިއެކު. ” ލޯތްބާއި އޯގާތެރިކަމާއިއެކު ދަނީންގެ ބޮލުގައި ރައިހާނާ ފިރުމާލިއެވެ. ރައިހާނާގެ ކިބައިން ފެނުނީ މައިވަންތަކުގެ ލޯތްބާއި ކުލުނެވެ. އަޅާލުމާއި އޯގާތެރިކަމެވެ.

ދަނީންގެ ހިތް އުފަލުން ފުރުނެވެ. ރައިހާނާގެ ގައިގާ ބައްދާލަމުން ޝުކުރު އަދާކުރިއެވެ.

ދަނީންގެ ލޯ ކުރިމަތިން ގެއްލުނު ގޮތަށް ދަނީންގެ ހަޔާތުން ވެސް އަދުލީ ގެއްލުނީއެވެ.

އެތައް ދުވަހަކު އެތައް ގޮތަކަށް ވިސްނުމަށްފަހު ނާއިދުގެ ހުށަހެޅުން ދަނީން ގަބޫލުކުރިއެވެ. ދަނީންގެ ނިންމުން ރައިހާނާއަށް ވަރަށް ކަމުދިޔައެވެ. ދެގޮތެއް ނުވެ ތެދުވެރިކަމާއި ވަފާތެރިކަމުގަ ސާބިތުވެ ހުރުމަށް ނަސޭހަތްތެރި ވިއެވެ. ކިތަންމެ ލޯބިވިޔަސް އިމެއް އޮންނަން ވާނެކަން ހަނދާންކޮށްދިނެވެ. އިން ފަހަނައަޅައި ގޮސްފިނަމަ ފަހުން ލިބިދާނެ ދެރައަކަށް ވިސްނުމަށް އެތައް ފަހަރަކު އެދުނެވެ.

ނާއިދުގެ ހުށަހެޅުން ދަނީން ގަބޫލުކުރުމުން އޭނާ ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. އެތައް ފަހަރަކު ދަނީނަށް ޝުކުރު އަދާކުރިއެވެ. ލޯބީގައި ނަމޫނާ ދައްކާނެކަމުގެ ޔަގީންކަން ދިނެވެ. ދެގޮތެއްނުވެ އުމުރު ދުވަހު އެކުގައި ހުންނާނެކަމަށް ބުންޏެވެ. އެގޮތުގައި ދަނީން ހުރެއްޖެނަމަ އެ ލޯބީގެ ނިމުން އުފާވެރިވާނެކަމަށް އެތައް ފަހަރަކު ބުންޏެވެ.

ދަނީން ކައިވެންޏެއްކޮށް އުފަލުގައި އުޅޭތަން ދެކެމަކީ ރައިހާނާ މިހާރު އެންމެ ބޭނުންވާ ކަންތަކެވެ. އެފަދަ ދުވަހެއް ދައްކަވައިފިނަމަ އޭނާގެ ހުވަފެން ޙަޤީޤަތަކަށް ވާނެއެވެ. އުފަލުން ހިތް ނަށާނެއެވެ.

ނާއިދު ބޭނުން ކޮންމެ ވަގުތަކު އެގެއަށް ގޮސް ދަނީނާއި ބައްދަލު ކުރުމުގެ ފުރުސަތު އޭނާއަށް އޮތެވެ. ދަނީނެކޭ އެއްފަދައިން ރައިހާނާ ވެސް ހުރީ އޭނާއަށް މަރުހަބާ ކިޔައިގެންނެވެ. ނާއިދު ބޭނުން ފުރުސަތު އޭނާއަށް ލިބުނެވެ.

ދަނީނާއި ނާއިދުގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމަކީ އެ ދެ ޒުވާނުން ފަދައިން ދެޢާއިލާއިން ވެސް އެދިއެދިތިބި ގުޅުމަކަށް ވިއެވެ. އެންމެންގެ ރުހުމާއި ލޯބި އެގުޅުމަށް ލިބުނެވެ. މަރުހަބާ ނުކިޔާ އެކަކު ވެސް ނެތެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް