ނުތަނަވަސް ގާތްކަމެއް
އަމީރާގެ ލޯ ހުޅުވުނުއިރު، ވަރަށް ގިނަ ދުވަސްތަކަކަށްފަހު ފުރަތަމަ ފަހަރަށް އޭނާއަށް އިހުސާސްކުރެވުނީ އަރާމުކަމެވެ. ހުދުކުލައިގެ ސާފު ބެޑްޝީޓެއް އޭނާގެ ގައިގާ އޮތީ އޮޅާލެވިފައެވެ. ސާފުތާހިރު، މަޑު، އަދި މީރުވަސް ދުވައެވެ. ކުޑަދޮރުގެ ފަރުދާގެ ތެރެއިން އިރުގެ އަލިކަން ކޮޓަރިތެރެއަށް ހިތްގައިމު ގޮތަކަށް ފެތުރެމުންދެއެވެ. ވަގުތުކޮޅަކަށް އަމީރާއަށް އޮވެވުނީ ގުޑާނުލެވިފައެވެ. މާ ފުންކޮށް ނޭވާއެއްވެސް ނުލައެވެ. ސަބަބަކީ މި މަންޒަރަކީ.. ހަޤީޤަތެއް ކަމެއް އޭނާގެ ހިތަށް ޤަބޫލުނުކުރެވޭތީއެވެ. ވައިރޯޅިތަކުގައި ހުރީ ތާޒާ ވަހެކެވެ. ސާފު ވަހެކެވެ.
އޭނާ ހަނދާން ހުރި އެ ބިރުވެރި، ނޭވާ ހާސްވާފަދަ ތަނާ މިއީ މުޅިން ތަފާތު ތަނެކެވެ. ހަށިގަނޑަށްވެސް ކުރެވެނީ ތަފާތު އިހުސާސެކެވެ. ލުއިކަމެވެ. ކޮންމެވެސް މީހަކު ވަނީ ވަރަށް ފަރުވާތެރިކަމާއެކު އަމީރާ ފެންވަރުވައި ސާފުތާހިރު ކޮށްދީފައެވެ. ލައްވާފައި އޮތީ ގަޔަށް އަރާމު އާ ހެދުމެކެވެ. އަމީރާ އޭނާގެ އިނގިލިތަކުން ބެޑްޝީޓުގައި ބާރަށް ހިފަހައްޓާލިއެވެ. މިކަން ކުރީ ކާކު ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟
އޭނާގެ ވިސްނުން މެދުކެނޑުނީ ދޮރުގެ ތަޅު އަނބުރާލި އަޑަށެވެ. ވަގުތުން އޭނާގެ މުޅި ހަށިގަނޑު ބިރުން ގަނޑުވިއެވެ. އަނެއްކާވެސް ނުތަނަވަސްކަމާއި ބިރުވެރިކަން ވަށާލިއެވެ. ބޮލުގައި ހުރި ރިހުމާއެކުވެސް، ބެޑްޝީޓު އޭނާގެ ހަށިގަނޑާ ކައިރިކޮށްލަމުން ކުޑަކޮށް ތެދުވެ އިށީނެވެ. އޭނާގެ ނަޒަރު ހުރީ ދޮރަށް ހުއްޓިފައެވެ. ދޮރު ހުޅުވިގެން ދިޔައެވެ.
“މަންމާ!”، “މަންމާ މަންމަ ހޭލައިފި!” މާވިން އާއި މީޝާ ދުވެފައި އެތެރެއަށް ވަނެވެ.
އެ ކުދިންގެ ކުޑަކުޑަ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެކުދިންގެ ހިނިތުންވުމުގެ އަޑު މުޅި ކޮޓަރިތެރެއަށް ފެތުރިގެން ދިޔައީ، އަމީރާގެ ހިތުގައި އޮތް ހުރިހާ ބިރުވެރިކަމެއް ފިލުވައިދެމުންނެވެ.
“މަންމަގެ ލޯބި މީޝާ އެންޑް މާވިން.” އެއްވެސް ޖެހިލުމެއް ނެތި އެ ދެކުދިން އަމީރާގެ ގައިގައި ބައްދާލިއެވެ.
“މަންމަ އާ ޔޫ އޯކޭ؟” މީޝާ އަހާލީ އުފަލާއި ކަންބޮޑުވުން އެކުލެވިފައިވާ އަޑަކުންނެވެ.
“މަންމައަށް ތަދުވޭތަ؟” މާވިން ސުވާލުކުރިއިރު، އެ ކުޑަ ދެލޮލުން ކަރުނަ އަންނަނީއެވެ. އަދި އެއަށްފަހު ރޮމުންރޮމުން އަމީރާގެ ގައިގައި ބާރަށް ބައްދާލިއެވެ. އަމީރާ އެ ދެކުދިން އޭނާގެ އަތުގެ ތެރެއަށް ލައި ބާރަށް ބައްދާލިއެވެ. ހީވަނީ ދޫކޮށްލައިފިނަމަ އަނެއްކާވެސް އެކުދިން ގެއްލިދާނެހެންނެވެ.
“މަންމަ މިހިރީއޭ. އައި އެމް އޯކޭ.” އަމީރާ މަޑުމަޑުން ބުންޏެވެ. އެވަގުތު އެހެން އެއްވެސް ކަމެއް މުހިންމެއް ނޫނެވެ. އޮތީ ލޯތްބާއި އޯގާތެރިކަމެވެ. އަދި އެއަށްފަހު އަމީރާ އިސްއުފުލާ ބަލާލިއެވެ. ދޮރުމަތީގައި ގާއްޑޭ ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ހުރީ އެއްވެސް ހަރަކާތެއް ނެތި ބަލާށެވެ. އޭނާގެ އިސްކޮޅާއި ހަށިގަނޑުގެ ބިޔަކަމުން މުޅި ދޮރުމަތި ވަނީ ފުރިފައެވެ. އެ ތޫނު ދެލޮލުން އެ މަންޒަރަށް ބަލަމުންދިޔައީ ކޮންމެވެސް ކަމެއް ރާވަމުންދާ ފަދަ ގޮތަކަށެވެ. ކޮޓަރިތެރޭގައި އޮތް ހަމަޖެހުން ގެއްލުނެވެ. އަނެއްކާވެސް ނުތަނަވަސްކަން ވެރިވިއެވެ.
“އާނ ދެން ހެޔޮ. ތިޔޮއް މަންމަ ފެނުނީ.” އޭނާގެ އަޑު މުޅި މާހައުލުގައި ގުގުމާލިއެވެ. ފިނި، ހަރުކަށި އަޑެކެވެ. އަމީރާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. ގާއްޑެ އޭނާގެ ފަހަތުގައި ހުރި ވަރަށް ޖެހިލުންވެފައި ހުރި ނަރުހަކަށް އިޝާރާތް ކުރިއެވެ.
“މިކުދިން ގެންދޭ.” ނަރުސް މީހާ ފަސްޖެހިފައި ހުރެ، މަޑުމަޑުން ކުރިއަށް ޖެހިލިއެވެ.
“ދޭ މިހާރު. ކަލޭގެ މަންމައާ ވާހަކަ ދައްކަން ޖެހޭ.” ގާއްޑެ ބުންޏެވެ. ކުދިން ހުއްޓުން އެރިއެވެ. އެކުދިންގެ އުފާވެރިކަން ގެއްލި، މޫނުމަތިން ބިރުވެރިކަން ފާޅުވާން ފެށިއެވެ. މީޝާ އަމީރާގެ ގައިގައި ކުރިއަށްވުރެ ބާރަށް ބައްދާލިއެވެ. މާވިން އަވަސްއަވަހަށް ކަރުނަ ފޮހެލި ނަމަވެސް، އެތަނުން ގުޑައެއް ނުލިއެވެ.
“މަގޭ ދަރިންނާ ތިޔަގޮތަށް ވާހަކަ ނުދައްކާ!” އަމީރާ ބަލިބަލިކޮށް ހުރެމެ، ހަރުކަށިކަމާއެކު ބުންޏެވެ. “ކަލެއަކީ ކާކު؟” މުޅި ކޮޓަރި ހިމޭންވިއެވެ.
ނަރުސް މީހާ ވަރަށް އޯގާތެރިކަމާއެކު އެކުދިންގެ އަތުގައި ހިފައިގެން، މަޑުމަޑުން ވާހަކަ ދައްކަމުން އެތަނުން ގެންދިޔައެވެ.
“މަންމާ..” މީޝާ ރޮމުން ބުންޏެވެ.
“މަންމަ ދާނަން.” އަމީރާ އަވަސްއަވަހަށް އެކުދިންނަށް ޔަޤީންކަން ދިނެވެ. “މަންމަ މިހިރީއޭ.”
ދޮރު ލެއްޕުނެވެ. މުޅިތަނަށް ހިމޭންކަން ވެރިވިއެވެ. ދެން ހުރިހާ ކަމެއް ބަދަލުވިއެވެ. ގާއްޑެ ހަލުވި ފިޔަވަޅުތަކެއްގައި އައިސް އަމީރާއާ އަރާ ހަމަކުރިއެވެ. އަމީރާއަށް އެއްވެސް ކަމެއް ކުރަން ފުރުސަތު ލިބުމުގެ ކުރިން ގާއްޑެ އޭނާ އެނދުމައްޗަށް ކޮށްޕާލާ، އޭނާގެ ހަށިގަނޑުގެ ބަރުދަނުން އަމީރާ ފިއްތާލިއެވެ. “އާހް!” އަމީރާގެ މުޅި ހަށިގަނޑަށް އެރި ތަދާއެކު އޭނާއަށް ހަޅޭލަވައިގަނެވުނެވެ. ގާއްޑެގެ ހަށިގަނޑުގެ ބިޔަކަމުން އޭނާއަށް ނޭވާލާންވެސް އުނދަގޫވިއެވެ. ގާތްކަމެވެ. ހައްދު ފަހަނައެޅި ގާތްކަމެވެ. އޭނާގެ ގައިން ދުވާ ވަސް އަމީރާގެ ނޭފަތުގައި ޖެހެމުންދިޔައެވެ. އޭނާގެ ނޭވާގެ ހޫނުކަން އަމީރާގެ ހަންގަނޑަށް އިހުސާސްވަމުންދިޔައިރު، އޭނާގެ އަތްތިލަ ވަނީ ބާރަށް އަމީރާ ހިފަހައްޓާފައެވެ.
“މަޑުން ހުރޭ!” ގާއްޑެ ބުންޏެވެ. “އަދި އަޑުއަހާ!” އަމީރާ ގަނޑުވިއެވެ. އޭނާގެ ހިތް ބާރަށް ތެޅެމުންދިޔައީ ހަމައެކަނި ނުރައްކަލުގެ ސަބަބުންނެއް ނޫނެވެ.
އޭނާގެ ގައިގައި މިގޮތަށް އަތްލާން މި މީހާއަށް ކެރުނީ ކިހިނެއް ހެއްޔެވެ؟
އޭނާގެ ފިރިމީހާ ފިޔަވައި އެހެން އެއްވެސް ފިރިހެނަކު އޭނާއާ މިހާ ގާތްވެފައެއް ނުވެއެވެ. އެ ޚިޔާލުން އޭނާގެ ހިތަށް ފުން އަސަރެއް ކުރިއެވެ. އޮޅުންބޮޅުންވިއެވެ. ހާސްވިއެވެ. ގާއްޑެ އަމީރާއަށް ބަލާލިއިރު، އޭނާގެ މޫނުމަތީގެ ކުލަވަރު ކުޑަކޮށް ބަދަލުވިއެވެ. އޭނާގެ އަތް މިހާރު ކުރިއަށްވުރެ މަޑުމައިތިރިކޮށް އަމީރާގެ މޫނުމަތީގައި ހުރި އިސްތަށިތައް އެއްފަރާތް ކޮށްލިއެވެ. ހަރުކަށިކަން ފިލައި ދިޔައެވެ. އޭގެ ބަދަލުގައި ފެނުނީ މަޑުމައިތިރިކަމެވެ. ފަރުވާތެރިކަމެވެ. އޭނާ ވަރަށް އޯގާތެރިކަމާއެކު އަމީރާގެ ބޯ އެއްފަރާތަކަށް އަނބުރާލާ، ބޯ ފަހަތުގައި ހުރި ޒަޚަމް ބަލާލިއެވެ. މި ކުއްލި ބަދަލުން އަމީރާ ހައިރާންވިއެވެ. ކުރަންވީ ކީއްކަމެއް ނޭނގުނެވެ. އެ ދެމީހުންގެ ދެމެދުގައި އާދަޔާ ޚިލާފު ނުތަނަވަސްކަމެއް އުފެދުނެވެ. އޭނާގެ ހަށިގަނޑުގެ ހޫނުކަން އަމީރާއަށް އިހުސާސްވަމުން ދިޔައެވެ. އޭނާގެ ހައިބަތެވެ. އަދި ގާއްޑެއަށްވެސް އެކަން އިހުސާސްވިއެވެ. އެ ނުތަނަވަސްކަމެވެ.
އެކަމުގެ ސަބަބުން ކުއްލިއަކަށް އޭނާގެ ހަރަކާތްތައް ހުއްޓުނެވެ. އޭނާގެ ބޯ ކުޑަކޮށް ތިރިކޮށްލިއެވެ. ގާތަށެވެ. އަމީރާގެ ކަރުދޮށާ ދިމާލަށެވެ. އަދި އެއަށްފަހު އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަމީރާގެ ހަންގަނޑުގައި އެ ހޫނު ނޭވާ ޖެހުމުން، މުޅި ހަށިގަނޑު ހުއްޓުން އެރިއެވެ. ގާއްޑެ ކުޑަކޮށް ފަހަތަށް ޖެހިލާ އަމީރާގެ ލޮލަށް ބަލާލިއެވެ. އެ ދެލޯ މިހާރު ކުރިއަށްވުރެ ކަޅުވެފައި، ބާރުގަދަހެން ހީވެއެވެ. އަދި ފުރަތަމަ ފަހަރަށް އަމީރާއަށް ކަމެއް ފާހަގަވިއެވެ. އެކަމެއްގެ ސަބަބުން އޭނާ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ބިރުގަތެވެ. މި މީހާ މި އުޅެނީ ކޮން ބޭނުމަކު ބާއެވެ.
އެ ދެމެދުގައި އޮތް މާހައުލު ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ.
އިރުކޮޅަކަށް ނަމަވެސް އެ އުފެދުނު ނުތަނަވަސްކަން މުޅިން ފިލައި ގޮސްފިއެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ފިނި، ހަރުކަށި އަދި ރުޅިވެރި މޫނެކެވެ. ގާއްޑެ ކުޑަ ތަންކޮޅެއް ދުރަށް ޖެހިލި ނަމަވެސް، އޭނާ ހުރީ އަމީރާއާ ވަރަށް ކައިރީގައެވެ. އޭނާގެ ވަރުގަދަ ހައިބަތުން މުޅި މާހައުލު ވަނީ ކޮންޓްރޯލްކޮށްފައެވެ. އޭނާގެ ކަޅި ހުއްޓިފައި ހުރީ ސީދާ އަމީރާގެ ލޮލަށެވެ. އޭނާ ވާހަކަދައްކަން ފެށިއިރު، އެ އަޑުގައި އެއްވެސް މަޑުމޮޅިކަމެއް ނެތެވެ. އަޑު ހުރީ ގަދަކޮށް އަދި ހަރުކަށިކޮށެވެ.
“ކަލޭގެ ފިރިމީހާ އަހަންނާއެކު ޑީލްތަކެއް ކުރި.”
އެ ޖުމްލަ އަމީރާއަށް އިހުސާސްވީ ބާރުގަދަ ހަމަލާއެއް ފަދައިންނެވެ. އޭނާގެ ނޭވާ ތާށިވި ކަހަލައެވެ.
“ހަމައެކަނި މުއާމަލާތްތަކެއް ނޫން.” ގާއްޑެ ކުރިއަށް ގެންދިޔައެވެ. “އޭނާގެ ފަރުވާކުޑަކަމުގެ ސަބަބުން.. އަހަރެން މިވަނީ އަހަރެން ބޭނުންނުވާ ފަދަ ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ދަމައިގަނެފައި.” އޭނާގެ ލޮލުގެ ކުލަވަރު އިތުރަށް ގަދަވެގެން ދިޔައެވެ. “މިއީ މާ ބޮޑު، މާ ބަލާބޮޑު ކަމެއް!”
އަމީރާ ބިރުން ހުރެ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސްވެފައެވެ “އަހަރެން ޤަބޫލުކުރާ ގޮތުގައި،” ގާއްޑެ ވަރަށް ބަލައިގެން ލަސްލަހުން ބުނެލިއެވެ. “ކަލެއަށް މި ހުރިހާ ކަމެއް އެނގޭނެ.” އަމީރާ ވަގުތުން ބޯ ހޫރުވާލިއެވެ. “ނޫން.” އެ ލަފުޒު ސާފުކޮށް ބޭރުނުވި ނަމަވެސް، އޭނާގެ ލޮލުން ހުރިހާ އެއްޗެއް ބުނެދެމުން ދިޔައެވެ. އެއީ ހައިރާންކަމާއި، އިންކާރުކުރުމެވެ. އޭނާ އަނެއްކާވެސް ބޮޑަށް ބޯ ހޫރުވާލިއެވެ.
“އަހަންނަކަށް ނޭނގޭ.” އޭނާއަށް ބުނެވުނީ އުނދަގުލުންނެވެ. ނަމަވެސް އެ އަޑުގައި ތެދުވެރިކަން ހުއްޓެވެ. “އަހަންނަށް އެއްވެސް ކަމެއް ނޭނގޭ.”
ގާއްޑެ ވަގުތުން ޖަވާބެއް ނުދެއެވެ. އޭނާ ހަމައެކަނި ބަލަހައްޓައިގެން ހުރީއެވެ. އަމީރާގެ ކޮންމެ ނޭވާއެއް، ކޮންމެ އެސްފިޔަ ޖެހުމެއް، އަދި ކޮންމެ އަސަރެއް އޭނާ ދިޔައީ ވަރަށް ފަރުވާތެރިކަމާއެކު ދިރާސާކުރަމުންނެވެ. އޭނާ ހޯދަމުންދިޔައީ ދޮގެއްތޯއެވެ. ނަމަވެސް އެތަނުން ފެންނަން އޮތީ ހަމައެކަނި ތެދުވެރިކަމާއި ވޭނެވެ. ގާއްޑެގެ މޫނުމަތިން ކުޑަ ބަދަލެއް ފެނިލިއެވެ. އެއީ ހަމްދަރުދީއެއް ނޫނެވެ. އެކަމަކު ކަންތައްތަކެއް ދެނެގަނެވުނު ކަމުގެ ނިޝާނެކެވެ. ނަމަވެސް އެ އަސަރު ވަގުތުން ފިލައިގޮސް، އަނެއްކާވެސް އޭނާގެ ހަރުކަށިކަން އިއާދަވިއެވެ.
“ކަލޭ..” އޭނާގެ އަޑު ގަދަވެފައި، އަމުރުވެރި ގޮތަކަށް ބުންޏެވެ. “އަހަރެން ބުނާ ގޮތަށް ކަންތައް ކުރަން ޖެހޭނެ!”
އަމީރާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. އޭނާގެ އިނގިލިތަކުން ބާރަށް އެނދުގައި ހިފަހައްޓާލިއެވެ. “އަހަންނަށް ކިޔަމަންވާންޖެހޭނެ!”
އެ ބަސްތައް ބޭރުވީ ވަރަށް ބާރަށެވެ. އެއީ ފަސްޖެހުމެއް ނެތް އަމުރެކެވެ. “ވިސްނިއްޖެތަ؟” އެ ދެމެދުގައި އޮތީ ބަރުދަން ހުރި ހިމޭންކަމެކެވެ. އަމީރާގެ ހިތް ތެޅެނީ ހަމައެކަނި ބިރުގަތުމަކުން ނޫނެވެ. އޭގެ ފަހަތުގައި ފުން ރުޅިވެރިކަމާއި، ނުކިޔަމަންތެރިކަމާއި އޭނާގެ އެތެރެހަށި އެކަމަށް ދެކޮޅުވެރިވިއެވެ.
އެހެނަސް، ކުއްލިއަކަށް އަމީރާގެ ލޯމައްޗަށް ސިފަވީ އޭނާގެ ދަރިންގެ މޫނެވެ. މާވިން އާއި މީޝާއެވެ. އެކުދިންގެ ކަރުނައާއި ބިރުވެރިކަމެވެ. އޭނާގެ ނޭވާ ހަމައަކަށް އެޅުނެވެ. އޭނާގެ ހިތުގައި އޮތް ހަނގުރާމަ ފިލައިގެން ނުދިޔަ ނަމަވެސް، އެ ހަނގުރާމައިގެ ސިފަ ބަދަލުވެއްޖެއެވެ.
“އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއް؟”
ގާއްޑެ ވަރަށް ގިނައިރު އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު، އޭނާ އެންމެ ފަހުން ފަހަތަށް ޖެހިލިއެވެ. އަމީރާއަށް ކުޑަ ޖާގައެއް ދިނެވެ. ނަމަވެސް އެއީ މިނިވަންކަމެއް ނޫނެވެ. “ކަލޭގެ ފިރިމީހާ ދޫކޮށްލާފައި ދިޔަ މި ކުނިގަނޑު ސާފުކުރުމުގައި ކަލޭ އަހަންނަށް އެހީވާން ޖެހޭނެ.” އޭނާ ބުންޏެވެ.
“އަހަންނަކަށް އެއްވެސް ކަމެއް ނޭނގޭ.”
“އެނގޭނެ.” ގާއްޑެ ވަރަށް ހަރުކަށިކޮށް ބުނެ، އޭނާގެ ވާހަކަ މެދުކަނޑާލިއެވެ.
އަނެއްކާވެސް ވަރުގަދަ، ސަލާމަތް ނުވެވޭނެ ފަދަ ހިމޭންކަމެއް ފެތުރިގެން ދިޔައެވެ. “އަދި މިކަން ނިމެންދެން..” އޭނާގެ އަޑު ނުރައްކާތެރި މިންވަރަކަށް މަޑުކޮށްލަމުން އިތުރުކުރިއެވެ. “ކަލެއާއި ކަލޭގެ ދަރިން ތިބޭނީ އަހަރެންގެ ލޯމަތީގައި.” އަމީރާގެ އުންމީދުތައް ފުނޑުފުނޑުވިއެވެ. ރައްކާތެރިކަމެއް ނެތެވެ. މިނިވަންކަމެއްވެސް ނެތެވެ. ހަމައެކަނި.. ބަންދުވެފައި ހުރުމެވެ. ހިމާޔަތް ކުރެވެނީ ހެއްޔެވެ؟ ނުވަތަ ކޮންޓްރޯލް ކުރެވެނީ ހެއްޔެވެ؟ އޭނާއަށް އެ ސުވާލުގެ ޖަވާބެއް ނޭނގުނެވެ.
ގާއްޑެ ދޮރާ ދިމާލަށް އެނބުރުނެވެ. ދޮރު ހުޅުވުމުގެ ކުރިން ސިކުންތަކަށް މަޑުކޮށްލިއެވެ. ފަހަތަށް ބަލާލުމެއް ނެތި އޭނާ ބުންޏެވެ. “ކަލޭ އަނެއްކާވެސް ފިލަން މަސައްކަތް ކޮށްފިނަމަ..”
ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަކަށްފަހު، އޭނާ ބުންޏެވެ. “އަހަރެން މިއީ މި ދުނިޔެމަތީ އެންމެ ނުބައި އަދި ކަލޭ އެންމެ ބިރުގަންނަން ޖެހޭ މީހާ ކަމުގައި ވާނެ.”
ދޮރު ހުޅުވުނެވެ. އަލިގަނޑު އެތެރެއަށް ފެތުރިގެން ދިޔައެވެ. އެއާއެކު އޭނާ ހިނގައްޖެއެވެ. އަމީރާ ހަރަކާތް ހުއްޓިފައި އެތަނުގައި އިށީނދެގެން އިނެވެ. ގާއްޑެގެ ބަސްތައް އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ.
އޭނާގެ ދުނިޔެ އަނެއްކާވެސް ބަދަލުވެއްޖެއެވެ. ސަބަބަކީ، މިހާރު މިއީ ހަމައެކަނި ފިލަން މަސައްކަތްކުރުމުގެ ވާހަކައެއް ނޫނެވެ. މިއީ ސަލާމަތުން ދިރިހުރުމުގެ ވާހަކައެވެ. އަދި ކުރިއަށް އޮތް މަގަކީ، އޭނާއަށް އެކަނި އިޚުތިޔާރު ކުރެވޭނެ މަގެއް ނޫންކަމެވެ.
(ނުނިމޭ)
