ބޮލީވުޑްގެ މަޝްހޫރު ސުޕަސްޓާރ ސަލްމާން ޚާން އަކީ އިންޑިއާގެ ފިލްމީ ސިނާއަތުގައި އެންމެ ބޮޑެތި ފިލްމުތައް ކުޅެމުން އަންނަ އެއް ތަރިއެވެ. ނަމަވެސް، އޭނާގެ ފިލްމީ މަސައްކަތްތަކާ ގުޅޭގޮތުން ދާދި ފަހުން ހާމަކުރި ވާހަކައަކުން ގިނަ ބަޔަކު ވަނީ ހައިރާންކޮށްލާފައެވެ.
“ވެރައިޓީ އިންޑިއާ” އަށް ދިން އިންޓަވިއުއެއްގައި ސަލްމާން ހާމަކުރި ގޮތުގައި، އޭނާގެ މުޅި ފިލްމީ ހަޔާތުގައިވެސް މިހާތަނަށް އެއްވެސް ފިލްމެއްގެ ސްކްރިޕްޓް ކިޔާފައެއް ނުވާނެއެވެ. ނަމަވެސް، އޭނާ އަމިއްލައަށް ސްކްރިޕްޓް ލިޔެފައި ހުންނާނެ ކަމަށާއި އެ ކިޔާފައި ނުވާނެ ކަމަށް ސަލްމާން ބުންޏެވެ.
ސަލްމާން ބުނާ ގޮތުގައި އޭނާ އިސްކަންދެނީ ސްކްރިޕްޓް ކިޔުމުގެ ބަދަލުގައި، އެ ފިލްމަކުން ދޭހަވާ އިޙުސާސްތަކާއި އޭގެ ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުމަށެވެ. ފިލްމުގެ ސްކްރިޕްޓް ތަފުސީލުކޮށް ކިޔުމަކީ ކަންކަމާ މާ ބޮޑަށް ވިސްނައި ފިކުރުކުރަން މަޖުބޫރުވާ ކަމަކަށް ވާތީ، އެކަމުން ދުރުވުމަށްޓަކައި އޭނާ ސްކްރިޕްޓް ކިޔުން ދޫކޮށްލަނީއެވެ.
ސަލްމާންގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، އޭނާގެ ހަނގުރާމަ ފިލްމު “މާތުރޫބޫމީ: މޭ ވޯރ ރެސްޓް އިން ޕީސް” ރިލީޒްކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ފިލްމުގައި އޭނާއާއެކު ފެންނާނީ ޗިތުރަންގަޅާ ސިންގް އެވެ. ކުރިން “ބެޓްލް އޮފް ގަލްވާން” ގެ ނަމުގައި އުފައްދަން ފެށި މި ފިލްމު މި އަހަރުގެ ކުރީކޮޅު ރިލީޒްކުރަން އުޅުނު ނަމަވެސް، ފަހުން ވަނީ ފަސްކޮށްފައެވެ. ފިލްމު އުފައްދާ ފަރާތުން އަދި އާ ތާރީޚެއް އިއުލާނެއް ނުކުރެއެވެ.
މީގެ އިތުރުން، ދެކުނު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ވަމްޝީ ޕައިޑިޕަލީ އާއެކު ސަލްމާން ވަނީ އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާފައެވެ. މި ފިލްމަށްޓަކައި ސަލްމާން ވަނީ އޭނާގެ ތުނބުޅި މުޅިން ބާލައި، ތަފާތު “ކްލީން ޝޭވަން” ލުކެއްގައި މިދިޔަ ހުކުރު ދުވަހު ފެނިފައެވެ. މި ފިލްމުގެ ބަތަލާއަކީ މަޝްހޫރު ބަތަލާ ނަޔަންތާރާ އެވެ. މިއީ ޝާހްރުކް ޚާންގެ “ޖަވާން” އަށް ފަހު ނަޔަންތާރާ ބޮލީވުޑުން ފެންނާނެ ދެވަނަ ފިލްމެވެ.
