ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު “ކިންގް” ގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ލީކުވުން ހުއްޓުމަކަށް ނައިސް، މިފަހަރު ފިލްމުގެ އެންމެ ފޯރިގަދަ “ކްލައިމެކްސް” މަންޒަރުތަކެއް އާންމުވެއްޖެއެވެ.
ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ފޮޓޯތަކުން ފެންނަނީ، މޫނުމަތީގައި ޒަޚަމްތަކެއް ހުރި ވަރަށް ސީރިއަސް ސިފައެއްގައި ހުރި ޝާހްރުކް ޚާން އެވެ. މި ފޮޓޯތަކަކީ ފާއިތުވި މަހެއްހާ ދުވަހު ނަގަމުންދިޔަ ކާރު ފަހާ ދުވާ (ޗޭސް) ސީންއެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިން މި ފިލްމުގެ ވިލަންގެ ރޯލުން ފެންނަ އަބީޝެކް ބައްޗަން ބަޑިއެއް ހިފައިގެން ހަރަކާތްތެރިވާ މަންޒަރުތަކެއް ވެސް ވަނީ ލީކުވެފައެވެ. މި ފޮޓޯތަކާއެކު، ފިލްމުގެ އެންމެ ފަހު މަންޒަރުގައި ޝާހްރުކް އާއި އަބީޝެކްގެ ވަރުގަދަ ކުރިމަތިލުމެއް ފެންނާނެ ކަމަށް ބެލެވެއެވެ.

ލީކުވެފައިވާ “ކިންގް” ގެ މަންޒަރެއްގައި ޝާހް ރުކް ޚާން / ފޮޓޯ: އެކްސް
ދެކުނު އެފްރިކާގައި ފިލްމުގެ މަންޒަރުތައް ނަގަމުންދާއިރު، ކަޅުކުލައިގެ މަސްޓޭންގް ކާރެއްގައި ޝާހްރުކް ހަރަކާތްތެރިވާ މަންޒަރުތައް ވެސް ފޭނުންނަށް ވަނީ ފެނިފައެވެ. މިފަދަ ލީކުތައް އިތުރުވަމުންދާތީ، ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދު ވަނީ ސޯޝަލް މީޑިއާގައި ފޭނުންގެ ކިބައިން ޚާއްސަ އާދޭހެއް ކޮށްފައެވެ. ފިލްމުގެ އެއްވެސް މަންޒަރެއް ނުވަތަ މަޢުލޫމާތެއް އާންމު ނުކުރުމަށް އޭނާ ވަނީ އެދިފައެވެ. ސިދާތު ބުނި ގޮތުގައި، މުޅި ޓީމުން ރެޔާއި ދުވާލު މަސައްކަތް ކުރަނީ ބެލުންތެރިންނަށް އެންމެ ފުރިހަމަ ސިނަމެޓިކް ތަޖުރިބާއެއް ފޯރުކޮށްދިނުމަށެވެ.
ޝާހްރުކް ޚާން އާއި ސިދާތު އާނަންދު، “ޕަޓާން” އަށް ފަހު އަލުން ގުޅިގެން މަސައްކަތްކުރާ “ކިންގް” އަކީ މިހާރު ބޮލީވުޑްގައި އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމެވެ. ދީޕިކާ ޕަޑުކޯން އާއި އަބީޝެކް ބައްޗަން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
