މިހާރު ކުރިޔަށްދާ އެފްއޭއެމް ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ނޯތު ރީޖަން ލީގުގެ ޗެންޕިއަންކަން ހއ. ދިއްދޫ ހޯދަފިއެވެ. މެޗަކަށްފަހު މެޗެއް ކާމިޔާބު ކުރަމުން ފަސްބެލެމެއްނެތި ކުރިޔަށްދިޔަ ދިއްދޫ ކުޅުނު ފަސް މެޗުން މޮޅުވެ ޗެންޕިއަންކަން ހޯދީ އެއް މެޗު ކުރިޔަށް އޮއްވައެވެ.
މިއަދު ހަވީރު ހަނިމާދޫ ދަނޑުގައި ދިއްދޫ އާއި ހަނިމާދޫ ބައްދަލުކުރި މެޗަކީ މި ރީޖަންގެ 9 ވަނަ މެޗެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ހަނިމާދޫން ވަނީ މެޗުގެ ދެވަނަ މިނިޓްގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. މިލަނޑަކީ ހަނިމާދޫ ކުޅުންތެރިއަކު ދިއްދޫ ޓީމުގެ ޑިފެންޑަރުންގެ ބޯ މަތިން ދިއްދޫގެ ހާފްތެރެއަށް ފޮނުވާލި ބޯޅަ ހޯދައިގެން އެޓީމުގެ ޖޯޒީ ނަންބަރު 27 އުފާލް އަބްދުﷲ މުޅިން ހުސްކޮށް އޭރިޔާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ހަނިމާދޫން ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ދިއްދޫން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ހޯދާފައެވެ. އެ ފުރުސަތުގެ ބޭނުން ދިއްދުއަށް ނުހިފުނުއިރު އޭގެ އިރުކޮޅެއްފަހުން އެޓީމަށް ލިބުނު ފުރުސަތުގެ ބޭނުމެއް ވެސް ނުހިފުނެވެ. އައް ވަނަ މިނިޓްގައި ދިއްދޫން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހަނިމާދޫ ޓީމުގެ ކީޕަރު ދިފާއު ވެސް ކުރިއެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދިއްދޫއަށް ލިބި ބޭނުން ނުކުރެވުނު މިހާފުގެ ކުޅުން ނިމުނީ 1-0 އިން ހަނިމާދޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ހަނިމާދުއަށް ވުރެ ރަނގަޅަށް ކުޅުނީ ދިއްދޫން ނެވެ.

ދިއްދޫ ސްޕޯޓްސް
މި މެޗުން މޮޅުވެގެން ރީޖަންގެ ޗެންޕިއަންކަން ޔަގީންކުރަން ނުކުތް ދިއްދޫން މެޗްގެ ނަތީޖާ ހަމަހަމަކުރީ 60 ވަނަ މިނިޓްއެވެ. ހަނިމާދޫގެ އޭރިޔާ ބޭރުން ދިއްދުއަށް ލިބުނު ފްރީކިކް ގޯލް ކުރިމައްޗަށް ހުރަސްކޮށްލުމުން، ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ހަނިމާދޫ ކުޅުންތެރިންނަށް ރަނގަޅަށް ދިފާއު ނުކުރެވި ބޯޅަ ލިބުނީ ދިއްދޫ ޓީމުގެ 28 ނަންބަރު ޑީޖޭ އަށެވެ. ތިރިތިރިން ގޯލާއި ދިމާއަށް އޭނަ ފޮނުވާލި ބޯޅަ ގޯލްގެތެރެއަށް ވަނީ ކުޅުންތެރިންތަކުގެ ތެރެއިންނެވެ.
ފަހަތުން އަރައި ދިއްދޫ މޮޅެވެ މުބާރާތުގެ ޗެންޕިއަންކަން ހޯދި މިމެޗްގައި ދިއްދޫގެ ދެވަނަ ލަނޑު ޖަހައި ދިނީ 72 ވަނަ މިނިޓްގައި އެޓީމުގެ ޖޯޒީ ނަންބަރު 9 ބެނާޑް އެވެ. އޭނާ މިލަނޑު ޖެހީ އޭރިޔާ ބޭރުން އެޓީމުގެ ކުޅުންތެރިއަކު ގޯލް ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ މުޅިން ހުސްކޮށްހުރެ އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
މިމެޗުން މޮޅުވެ ދިއްދޫން 15 ޕޮއިންޓް ހަމަކުރިއިރު، އެވަރަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު މި ރީޖަންގެ އެހެން އެއްވެސް ޓީމަކަށް ނެތެވެ.
މި ރީޖަންގެ މެޗެއް ދެން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މަނަދޫ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗްގައި ބައްދަލުކުރާނީ މަނަދޫ އާއި އޭދަފުށްޓެވެ.
ކިޔުންތެރިންގެ ޚިޔާލު
