ބޮލީވުޑްގެ މަޝްހޫރު ފިލްމީ ސިލްސިލާ “ގޯލްމާލް” ގެ ފަސްވަނަ ފިލްމުގައި މަސައްކަތް ކުރުމަށްޓަކައި، އެކްޓަރު އަކްޝޭ ކުމާރު 40 ކްރޯޑް ރުޕީސްގެ ފީއެއް ނަގާކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ޑައިރެކްޓަރު ރޯހިތު ޝެޓީގެ ޓީމުން ބުނެފިއެވެ.
މި ފިލްމާ ގުޅޭގޮތުން ދާދި ފަހުން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، “ގޯލްމާލް 5” ގައި އަކްޝޭ ކުމާރު ކުޅޭ ކުރު ރޯލަކަށް އޭނާ ވަނީ 35 އާއި 40 ކްރޯޑް ރުޕީސްއާ ދެމެދުގެ އަދަދެއްގެ ފީއެއް ހުށަހަޅާފައެވެ. އަދި މި އަދަދަކީ ފިލްމުގެ މައި ތަރި އަޖޭ ދޭވްގަންއަށް ލިބޭ ފީއަށްވުރެ ވެސް ބޮޑު އަދަދެއް ކަމަށް އަޑުފެތުރުނެވެ.
ނަމަވެސް މި ވާހަކަތަކާ ގުޅިގެން ރޯހިތު ޝެޓީ ޕިކްޗާސްގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަކްޝޭގެ ފީއާ ގުޅޭގޮތުން ފެތުރެމުންދާ ޚަބަރުތަކަކީ “ބޭސްލެސް” ނުވަތަ އެއްވެސް ހަޤީޤަތެއް ނެތް ޚަބަރުތަކެއް ކަމަށެވެ. އަދި ފިލްމުގެ މާލީ މުޢާމަލާތްތަކަކީ ސިއްރު ހިފެހެއްޓިފައިވާ ކަންކަން ކަމަށާއި، މިހާތަނަށް މީޑިއާގައި ދައުރުވަމުންދާ އެއްވެސް ނަންބަރަކީ ސައްޙަ މަޢުލޫމާތެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.
މި ފިލްމުގައި އަކްޝޭ ބައިވެރިވުމާ ގުޅޭގޮތުން އޭނާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ، “ގޯލްމާލް” ގެ ބައެއްގެ ގޮތުގައި މަސައްކަތް ކުރަން ލިބުމުން އުފާކުރާ ކަމަށާއި، މި ފިލްމުގެ މައި ތަރިއަކީ އަޖޭ ދޭވްގަން ކަމަށެވެ. އަދި އޭނާ ކުޅެނީ މައި ރޯލެއް ނޫން ކަމުގައި ވިޔަސް، ފިލްމުގެ ވާހަކަ ކަމުދާތީ އެ ފިލްމުގައި ބައިވެރިވީ ކަމަށް އަކްޝޭ ހާމަކުރިއެވެ.
“ގޯލްމާލް 5” އިން ފެނިގެންދާނެ ތަރިންގެ ތެރޭގައި އަޖޭ ދޭވްގަންގެ އިތުރުން އަރްޝަދު ވަރްސީ، ތުޝާރު ކަޕޫރު، ޝްރެޔާސް ތަލްޕަޅޭ އަދި ކުނާލް ކޭމޫ ހިމެނެއެވެ. އަދި ގިނަ ދުވަސްތަކަކަށްފަހު ޝަރްމަން ޖޯޝީ ވެސް މި ފިލްމުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ފިލްމަކީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ކޮމެޑީ ފްރެންޗައިޒެއް ކަމުން، އަކްޝޭ ކުމާރު މި ޓީމާ ގުޅުމަކީ ފިލްމަށް ލިބޭނެ އިތުރު ފޯރިއެއް ކަމަށް ބެލެވެއެވެ.
