ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަންގެ ސިއްހީ ހާލަތާ ބެހޭގޮތުން އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކަކާއި ކަންބޮޑުވުންތަކެއް އުފެދިފައި ވަނިކޮށް، އޭނާގެ ބްލޮގްގައި ޝާއިއުކުރި ސިއްރުވެރި ލިޔުމަކުން އެ ކަންބޮޑުވުންތައް އިތުރަށް ގޯސްވެއްޖެއެވެ.
އުމުރުން 82 އަހަރުގެ ބައްޗަން އޭނާގެ ރަސްމީ ބްލޮގްގައި ލިޔެފައިވާ ލިޔުމުގައި، އޭނާގެ ހަށިގަނޑަށް ކުރިމަތިވަމުންދާ “ޖިސްމާނީ ބައެއް އުނދަގޫތަކާއި ގޮންޖެހުންތަކުގެ” ވާހަކަ ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، އޭނާއަށް ދިމާވެގެން އުޅެނީ ސީދާ ކޮން ބައްޔެއްކަން ނުވަތަ ކޮން ކަމެއްކަން ސާފުކޮށް ހާމަކޮށްފައެއް ނުވެއެވެ. މި ލިޔުމުގެ ސަބަބުން އޭނާގެ ފޭނުންނާއި ހެޔޮއެދޭ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަމީތާބް ބައްޗަންގެ ސިއްހީ ހާލަތާ މެދު ޝައްކުތައް އުފެދެން ފެށީ، ފާއިތުވި ހަފްތާތަކުގެ ތެރޭގައި އޭނާ ބައެއް އާންމު ހަރަކާތްތަކުން ނުފެނުމާއި، އޭނާގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާކަން ފާހަގަވުމާ ގުޅިގެންނެވެ. މީގެ އިތުރުން، އޭނާގެ ބްލޮގްގައި ބޭނުންކޮށްފައިވާ ބަސްމަގުން، އޭނާ މިހާރު ހުރީ ސިއްހީ ގޮތުން ނާޒުކު ފައްތަރެއްގައި ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ބައްޗަންއަކީ އޭނާގެ ސިއްހީ ކަންކަމާއި ދިރިއުޅުމުގެ އެކި މައުލޫމާތުތައް އޭނާގެ ބްލޮގް މެދުވެރިކޮށް އަބަދުވެސް ފޭނުންނާ ހިއްސާކުރާ ފަރާތެކެވެ. ނަމަވެސް، މި ފަހަރުގެ ލިޔުން ހުރީ ވަރަށް “މިސްޓީރިއަސް” ނުވަތަ ސިއްރުވެރި ގޮތަކަށް ކަމަށްވުމުން، އޭނާގެ ހާލު ދެރައީތޯ ސުވާލު އުފެދެނީއެވެ.
މިކަމާ ގުޅޭގޮތުން ބައްޗަންގެ އާއިލާއިން ނުވަތަ އޭނާގެ ފަރާތުން ރަސްމީ އެއްވެސް ބަހެއް އަދި ލިބިފައެއް ނުވެއެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ބަޔަކު މިހާރު ތިބީ އޭނާގެ ސިއްހީ ހާލަތާ ބެހޭ ސާފު މައުލޫމާތެއް ލިބޭނެ އިރަކަށް އިންތިޒާރުކޮށްގެންނެވެ.
