ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން، ހޮސްޕިޓަލްތަކަށް އޭނާ ޒިޔާރަތްކުރާ ވަގުތުތަކުގައި ފޮޓޯ އާއި ވީޑިއޯ ނެގުމަށް މަސައްކަތްކުރާ ޕަޕަރާޒީންނަށް ހަރުކަށި އިންޒާރެއް ދީފިއެވެ.
ސަލްމާން މި އިންޒާރު ދީފައިވަނީ ދާދިފަހުން އިންޑިއާގެ މުމްބާއީގައި ބޭއްވި އިވެންޓެއްގެ ތެރެއިން މީޑިއާތަކާ ވާހަކަދައްކަމުންނެވެ. އޭނާ ބުނި ގޮތުގައި ހޮސްޕިޓަލަކީ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކުން ވަރަށް ހާސްކަމާއި ދަތި އުނދަގޫ ހާލަތްތަކުގައި ތިބޭ ތަނެކެވެ. އެހެންކަމުން އެފަދަ ތަންތަނުގައި ކެމެރާތައް ހިފައިގެން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ.
ސަލްމާން ބުނީ،
“މީގެ ފަހުން އެއްވެސް ހޮސްޕިޓަލެއްގެ ކައިރިން ޕްރެސްގެ އެއްވެސް މީހަކު އަހަރެންގެ ފޮޓޯ ނަގަން އުޅެނިކޮށް ފެނިއްޖެ ނަމަ، އެއީ ވަރަށް ގޯސް ކަމަކަށް ވާނެ”‘
ކަމަށެވެ. އަދި ހޮސްޕިޓަލަށް ދަނީ މުނިފޫހިފިލުވުމަށް ނޫން ކަމަށާއި، އެތަނުގެ އަދަބުތަކަށް އެންމެންވެސް އިޙުތިރާމް ކުރަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން ސަލްމާން އިތުރަށް ބުނީ، އާންމު ތަންތަނުގައި ފޮޓޯ ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ބަލިމީހުންގެ އާއިލާތަކުގެ އިޙުސާސްތަކަށް ބަލައި ހޮސްޕިޓަލްތަކުގެ މާހައުލު ހަލަބޮލި ނުކުރުމަށް އޭނާ ވަނީ އެދިފައެވެ.
ސަލްމާން ޚާންގެ މި ނިންމުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތަޢުރީފު ކުރަމުންނެވެ. ވަރަށް ގިނަ ފަހަރަށް މަޝްހޫރު ތަރިން ބަލިވެގެން ނުވަތަ އާއިލާގެ މީހަކު ބަލިވެގެން ހޮސްޕިޓަލަށް ދާއިރު، ޕަޕަރާޒީން އެމީހުން ފަހަތުން ގޮސް ހޮސްޕިޓަލް ތެރޭގައި ހަމަނުޖެހުން އުފެދޭ ގޮތަށް އަމަލުކުރާކަމުގެ ޝަކުވާ މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.
