ދުނިޔޭގެ މަޝްހޫރު މަހުޖަނު އީލޮން މަސްކުގެ ފަޒާގެ ދިރާސާތަކާ ބެހޭ ކުންފުނި، ސްޕޭސް އެކްސް އިން ހިއްސާ ބާޒާރަށް ނިކުތުމަށް (އައިޕިއޯ) ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ. މިއީ އެ ކުންފުނީގެ ތާރީޚުގައި ނިންމާ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ނިންމުމެވެ.
މި ނިންމުމާއެކު، ސްޕޭސް އެކްސްގެ އަމާޒަކީ ކުންފުނީގެ އަގު 1.75 ޓްރިލިއަން އެމެރިކާ ޑޮލަރަށް އުފުލުމެވެ. މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި އެ ކުންފުނި ހިމެނިގެންދާނެ ކަމެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، މި އައި.ޕީ.އޯ މެދުވެރިކޮށް ކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކައިގެން ބޮޑު އިންވެސްޓްމަންޓެއް ހޯދުމަށް މަސްކު ވަނީ ރާވާފައެވެ.
ސްޕޭސް އެކްސް އިން މިފަދަ ފިޔަވަޅެއް އެޅުމަށް ނިންމީ، އެ ކުންފުނީގެ މަޝްހޫރު “ސްޓާލިންކް” ސެޓެލައިޓް އިންޓަނެޓް ޚިދުމަތާއި، މާސް އަށް މީހުން ފޮނުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގުސަދުގައެވެ. މިހާތަނަށް އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި ސްޕޭސް އެކްސް، ހިއްސާ ބާޒާރަށް ނިކުތުމުން އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް މާލީ މާހިރުން ލަފާކުރެއެވެ.
އެމެރިކާގައި ހުންނަ މި ކުންފުންޏަކީ މިހާރުވެސް ދުނިޔޭގެ ފަޒާގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ ކުންފުންޏެވެ. މި އައި.ޕީ.އޯ އަކީ ޓެކްނޮލޮޖީގެ ދާއިރާގައި ފަހުގެ ތާރީޚެއްގައި ފެންނާނެ އެންމެ ތާރީޚީ އެއް ހަރަކާތަށް ވެގެންދާނެއެވެ.
އީލޮން މަސްކުގެ މި ނިންމުމަކީ ފަޒާގެ ދަތުރުފަތުރާއި، ދުނިޔޭގެ މުވާސަލާތީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު ވަރުގަދަ ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މާލީ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވެއެވެ.
