އިންޑިއާގެ ނަސްލަށް ނިސްބަތްވާ އަމަން ސަންގަރް، އުފެއްދި އޭއައި ކާސަރ، ސްޕޭސްއެކްސް އިން 60 ބިލިއަން ޑޮލަރަށް ގަތުމާއެކު، އުމުރުން އެންމެ 25 އަހަރުގައި ބިލިއަނަރަކަށް ވެއްޖެއެވެ.
އަމަން ސަންގަރް އަކީ އެމް.އައި.ޓީގައި އިންޖިނިއަރިންގް ކިޔަވަމުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭ ތަޖުރިބާތައް ކުރަމުންދިޔަ ދަރިވަރެކެވެ. ނަމަވެސް، އޭނާގެ ކުންފުނި ‘އެނީސްފިއަރ’ 60 ބިލިއަން ޑޮލަރަށް ގަތުމަށް އިލޮން މަސްކްގެ ސްޕޭސްއެކްސް އިން އެއްބަސްވުމާއެކު، އޭނާ މިހާރު ވެފައިވަނީ ޓެކްނޮލޮޖީގެ ދާއިރާގައި ހިމެނޭ އެންމެ ހަގު ބިލިއަނަރުންގެ ތެރެއިން އެކަކަށެވެ.
އުމުރުން 25 އަހަރުގެ ސަންގަރް އަކީ އޭއައި ކޯޑިންގް ޕްލެޓްފޯމެއް ކަމަށްވާ ‘ކާސަރ’ އުފެއްދި އެނީސްފިއަރ ކުންފުނީގެ ހަތަރު ބާނީންގެ ތެރެއިން އެކަކެވެ. އޭނާއަށް އަނެއް ތިން ބާނީން ކަމަށްވާ މައިކަލް ޓްރުއެލް، ސުއާލިހް އާސިފް އަދި އާވިޑް ލުނެމާކް އާ ދިމާވީ މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އިންނެވެ. އެތަނުން އެމީހުން ވަނީ ސޮފްޓްވެއަރ ޑިވެލޮޕްމަންޓަށް އަމާޒު ހިފުމުގެ ކުރިން އޭއައި ބޭނުންކުރެވިދާނެ ތަފާތު ދާއިރާތަކާ ގުޅޭގޮތުން ދިރާސާކޮށްފައެވެ.

2022 ވަނަ އަހަރު އުފެއްދި އެނީސްފިއަރ އިން ކާސަރ ތަރައްޤީކުރީ ވަރަށް ސާދާ ވިސްނުމެއްގެ މައްޗަށެވެ. އެއީ ޕްރޮގްރާމަރުން އެމީހުން ކޯޑް ކުރާ ސޮފްޓްވެއަރ އާއި އޭއައި ޗެޓްބޮޓާ ދެމެދު ދުުރުވުމުގެ ބަދަލުގައި، ސީދާ ކޯޑް ކުރާ މާޙައުލުގެ ތެރެއަށް އޭއައި ތަޢާރަފްކުރުމެވެ. ކާސަރ މެދުވެރިކޮށް އާދައިގެ ބަހުންދޭ އިރުޝާދުތަކަށް ބިނާކޮށް ކޯޑް އުފެއްދުމާއި، ބަދަލުކުރުމާއި، ކޯޑްގައި ހުންނަ މައްސަލަތައް (ބަގަސް) ދެނެގަތުމުގެ އިތުރުން އުނދަގޫ ޕްރޮގްރާމިންގް މަސައްކަތްތައް ފަސޭހަކަމާއެކު ކުރެވެއެވެ.
މި ޕްލެޓްފޯމަކީ “ވައިބް ކޯޑިންގް” މަގުބޫލުވުމުގެ މައިގަނޑު އެއް ސަބަބެވެ. މިއީ ބޭނުންކުރާ މީހާ އާދައިގެ ބަހުން ބޭނުންވާ ގޮތް ކިޔައިދިނުމުން، ކޯޑް ކުރުމުގެ ބޮޑުބައި އޭއައި އިން ނިންމާލުމެވެ.
އެނީސްފިއަރގެ ޗީފް އޮޕަރޭޓިންގް އޮފިސަރުގެ މަގާމުގައި ހުރި ސަންގަރް މީގެ ކުރިން ބްރިޖްވޯޓަރ އެސޯސިއޭޓްސް އަދި ގޫގުލްގައި މަސައްކަތް ކުރުމުގެ އިތުރުން އޭއައި ކޮންސަލްޓަންސީއެއްވެސް ހިންގާފައިވެއެވެ. އޭނާއަކީ އިންޑިއާގެ ނަސްލަށް ނިސްބަތްވާ އާއިލާއަކަށް އުފަންވި މީހެކެވެ. އޭނާގެ ބައްޕަ އަރްވިންދު ސަންގަރް އަކީ އައި.އައި.ޓީ ބޮމްބޭގެ ދަސްވެންޏެއްގެ އިތުރުން ހެޖް ފަންޑް ދާއިރާގައި މަސައްކަތްކުރި މީހެކެވެ. އަދި މަންމަ ޝިލްޕާ ސަންގަރް އަކީ އޯތޯޑޮންޓިސްޓަކަށްވުމުގެ އިތުރުން ވިޔަފާރިވެރިއެކެވެ.
ސްޕޭސްއެކްސް އިން މި ކުންފުނި ގަތުމުގެ ކުރިންވެސް ކާސަރ ބޭނުންކުރަމުން ގޮސްފައިވެއެވެ. 2026 ވަނަ އަހަރުގެ އެޕްރީލް މަހު ދެ ކުންފުނިން އިޢުލާންކުރި ބޮޑު އެއްބަސްވުމެއްގެ ދަށުން، ކާސަރ 60 ބިލިއަން ޑޮލަރަށް ގަތުމުގެ ނުވަތަ 10 ބިލިއަން ޑޮލަރު ދީގެން ޕާޓްނަޝިޕެއް ހެދުމުގެ އިޚްތިޔާރު ސްޕޭސްއެކްސްއަށް ލިބުނެވެ. ނަތީޖާއެއްގެ ގޮތުން ސްޕޭސްއެކްސް އިން ނިންމީ މުޅި ކުންފުނި ގަތުމަށެވެ.
މި އެއްބަސްވުމުގެ ދަށުން އެނީސްފިއަރ ވެގެންދާނީ ސްޕޭސްއެކްސްގެ ދަށުން ހިންގާ ސަބްސިޑިއަރީ ކުންފުންޏަކަށެވެ. އަދި ކާސަރގެ ހިއްސާދާރުންނަށް 60 ބިލިއަން ޑޮލަރުގެ އަގަށް ބަލައި ސްޕޭސްއެކްސްގެ ކްލާސް އޭ ހިއްސާ ލިބޭނެއެވެ.
މި ކުންފުނި ގަތުމަކީ އިލޮން މަސްކް އޭއައި ދާއިރާއިން ގެންގުޅުއްވާ ފުޅާ ތަސައްވަރުގެ ބައެކެވެ. ސްޕޭސްއެކްސް އާއި ކާސަރ ގުޅިގެން އާ އޭއައި މޮޑެލްއެއް ތަރައްޤީކުރަމުންދާއިރު، މިއީ ކާސަރގެ އިތުރުން މަސްކްގެ އެކްސް.އޭއައި އިން އުފައްދާފައިވާ ‘ގްރޮކް’ ޗެޓްބޮޓްގައިވެސް ބޭނުންކުރާނެ މޮޑެލްއެކެވެ.
މި ވިޔަފާރީގެ ސަބަބުން އެނީސްފިއަރގެ ބާނީންގެ މާލީ ހާލަތަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. ފޯބްސް އިން އަންދާޒާކުރާ ގޮތުގައި ސަންގަރް، އާސިފް، ޓްރުއެލް އަދި ލުނެމާކްގެ ތެރެއިން ކޮންމެ މީހެއްގެ އަތުގައި ކުންފުނީގެ %4.5 ހިއްސާ އޮތެވެ. އެހެންކަމުން، ކުންފުނި ވިއްކާލުމަށްފަހު ކޮންމެ ބާނީއެއްގެ ހިއްސާގެ އަގު ގާތްގަނޑަކަށް 2.7 ބިލިއަން ޑޮލަރަށް އަރާނެއެވެ.
މީގެ ކުރިން އެނީސްފިއަރ އިން ވަނީ 29.3 ބިލިއަން ޑޮލަރުގެ އަގުކުރުމެއްގައި 2.3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދާފައެވެ. ކާސަރ އަކީ މިހާރު އެތައް ހާސް ޓީމުތަކުން ބޭނުންކުރާ ވަސީލަތެކެވެ. މީގެ ތެރޭގައި އެންވީޑިއާ، އެޑޯބީ، އޫބާ، ޝޮޕިފައި އަދި ޕޭޕަލް ފަދަ ދުނިޔޭގެ ނުފޫޒުގަދަ ކުންފުނިތަކުގެ އިންޖިނިއަރިންގް ޓީމުތައް ހިމެނެއެވެ. އަދި ފޯޗޫން 500 ކުންފުނިތަކުގެ %64 ގައި މި ޕްލެޓްފޯމް ބޭނުންކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.
