ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލުމަށްފަހު ހަށިގަނޑުގެ ގުނަވަންތައް މަސައްކަތް ކުރަން ފަށާއިރު، ބަނޑުގެ ސިއްހަތަށް އެންމެ ފައިދާހުރި ގޮތަކީ ވަކި ވަގުތެއްގައި ނާސްތާ ކުރުން ކަމަށް ކާނާއާ ބެހޭ ތަޖުރިބާކާރުން (ޑައެޓީޝަނުން) ހާމަކޮށްފިއެވެ.
ބައިނަލްއަގުވާމީ ސިއްހީ މަޖައްލާއެއް ކަމަށްވާ “އީޓިންގ ވެލް” ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ހެނދުނު ހޭލާތާ 1 ގަޑިއިރާއި 2 ގަޑިއިރާ ދެމެދު ނާސްތާ ކުރުމަކީ ބޮޑުކަމުދިއުމުގެ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ހެނދުނު ހޭލާއިރު ހަށިގަނޑުގެ “ސާކޭޑިއަން ރިދަމް” ނުވަތަ ހަށިގަނޑުގެ ގުދުރަތީ ގަޑި ހުންނަ ގޮތުން ގޮހޮރުގެ މަސައްކަތްތައް ހުންނަނީ ވަރަށް ހަލުވިކޮށް ފެށިފައެވެ. އެހެންކަމުން، އެ ވަގުތާ ދިމާކޮށް ހަށިގަނޑަށް ކާނާ ފޯރުކޮށްދިނުމުން ގޮހޮރުގެ ހަރަކާތްތައް އިތުރަށް ހަލުވިވެ، ފަސޭހައިން ބަނޑު ސާފުވުމަށް މަގުފަހިވެއެވެ.
މީގެ އިތުރުން، ހެނދުނު ނާސްތާއާއެކު ހޫނު ބުއިމެއް (މިސާލަކަށް ހޫނު ފެން ނުވަތަ ކޮފީ ފަދަ ބުއިމެއް) ބޭނުންކުރުމަކީ ގޮހޮރުގެ މަސައްކަތްތައް ހަލުވިކުރުމަށް ލިބޭ އިތުރު ބާރެކެވެ. ސަބަބަކީ ހޫނު އެއްޗެހީގެ ސަބަބުން ގޮހޮރުގެ ފާރުތަކަށް ލިބޭ ހިތްވަރާއެކު، ކާނާ ދައުރުވުމަށް ފަސޭހަވެގެންދާތީއެވެ.
ނާސްތާގައި ފައިބަރު ގިނަ ކާނާ ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ތަޖުރިބާކާރުން ވިދާޅުވަނީ، އޯޓްސް، މޭވާ އަދި ތަރުކާރީ ފަދަ ތަކެތި ބޭނުންކުރުމުން ބަނޑުހިކުމުގެ މައްސަލައިން ދުރުކޮށްދޭނެ ކަމަށެވެ. އަދި ހެނދުނު ހޭލުމަށްފަހު މާ ގިނަ އިރުވަންދެން ނުކައި ހުރުމަކީ ގޮހޮރުގެ ހަރަކާތްތައް މަޑުޖައްސާލާ ކަމެއް ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ބަނޑުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށާއި، ބަނޑުހިކުމުގެ އުނދަގުލުން ސަލާމަތްވުމަށްޓަކައި، ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލާތާ ގަޑިއެއްހާއިރު ތެރޭގައި ސިއްހަތަށް ފައިދާހުރި ނާސްތާއެއް ކުރުމަށް ތަޖުރިބާކާރުން އިރުޝާދުދެއެވެ.
