މޫނާއި ސިކުނޑިއާ ދެމެދު ހައިރާންކުރުވަނިވި ގުޅުމެއްވާކަން ސައިންސްވެރިންގެ ދިރާސާތަކުން ދަނީ ހާމަވަމުންނެވެ. އެގޮތުން، ސިކުނޑީގައި ހުންނަ ބޭކާރު ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދޭ ލިމްފެޓިކް ނާރުތަކެއް މޫނުން ވަނީ ފެނިފައެވެ. މި ހޯދުމުގެ ސަބަބުން، ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކުރުމަށާއި ނާރުތަކުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ހަށިގަނޑަށް ގެއްލުން ކުޑަ އާ ގޮތްތަކެއް ހޯދުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.
މި ކުރިއެރުމަކީ 2015 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ވަރޖިނިއާގެ ސްކޫލް އޮފް މެޑިސިންގެ އިމިއުނޮލޮޖިސްޓް ޑރ. ޖޮނަތަން ކިޕްނިސް އާއި އޭނާގެ ޓީމުން ސިކުނޑީގައި ލިމްފެޓިކް ނިޒާމެއް އޮންނަކަން ކަށަވަރުކޮށްދިން ހޯދުމުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. މީގެ އިތުރުން، 2022 ވަނަ އަހަރު “ނޭޗަރ” މަޖައްލާގައި ޝާއިޢުކުރި ކޮރެއާ އެޑްވާންސްޑް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ދިރާސާއެއްގައި، މޫނުގައިވާ ލިމްފެޓިކް މަގުތަކަކީ ސިކުނޑީގެ ދިޔާ ތަކެތި ބޭރުކުރުމާ ގުޅިފައިވާ މަގުތަކެއްކަން ޒަމާނީ އިމޭޖިންގްގެ އެހީގައި ވަނީ ދެނެގަނެވިފައެވެ.
ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި މި ނާރުތަކުގެ އެހީގައި ސިކުނޑިއަށް ގެއްލުންދޭ ބޭކާރު ތަކެތި ބޭރުކޮށްދެއެވެ. މީގެ ތެރޭގައި އަލްޒައިމާ ބައްޔާ ގުޅުންހުރި “ބީޓާ-އެމިލޮއިޑް” ޕްރޮޓީންސް ހިމެނެއެވެ. މިއީ ސިކުނޑީގައި ހުންނަ ބޭކާރު ތަކެތި ރަނގަޅަށް ސާފުނުވުމަކީ ނާރުތަކަށް ޖެހޭ ބަލިތަކަށް މެދުވެރިވާ ސަބަބެއް ކަމަށް ބުނާ ތިއަރީއަށް ލިބޭ ބޮޑު ބާރެކެވެ.
މިހާތަނަށް ލިބިފައިވާ ހޯދުންތަކުން ދައްކާގޮތުގައި، މޫނުގެ ލިމްފެޓިކް ނިޒާމަށް މަޑުމަޑުން ހަރަކާތްތެރިކަން ދިނުމުން ނުވަތަ މަސާޖުކުރުމުން، މި ދިޔާ ތަކެތި ބޭރުވުމުގެ ނިޒާމު ހަރުދަނާވެ، ދުޅަވުން ކުޑަކޮށްދީ، ސިކުނޑީގެ މަސައްކަތްތަކަށް އެހީތެރިވެދެއެވެ. ފިންލޭންޑްގެ ޔުނިވަރސިޓީ އޮފް ހެލްސިންކީގައި ޑރ. ލޯރާ އައިރަވާރާ އިސްކޮށް ހުންނަވައިގެން 2023 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި، މިފަދަ ކަންކަމުގެ ސަބަބުން ދިޔާ ތަކެތި ދައުރުވުމަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބެއެވެ. ނަމަވެސް މީގެ ސިއްޙީ ފައިދާތައް އަދިވެސް ދަނީ އިތުރަށް ތަހުގީގު ކުރެވެމުންނެވެ.
ތަޖުރިބާކާރުން އިރުޝާދު ދެއްވާ ގޮތުގައި މި ދިރާސާތައް އަދި އޮތީ ވަރަށް ކުރީކޮޅުގައެވެ. 2024 ވަނަ އަހަރު އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ބޭއްވުނު ނިއުރޯސައިންސް ކޮންފަރެންސެއްގައި ޑރ. ކިޕްނިސް ވިދާޅުވީ، މީގެ ރައްކާތެރިކަމާއި، މީގެން ކުރާ ފައިދާ އަދި ބޭނުންކުރަންވީ ރަނގަޅު އުސޫލުތައް ކަށަވަރުކުރުމަށްޓަކައި އިތުރު ދިރާސާތައް ބޭނުންވާ ކަމަށެވެ.
މިއީ އަދި ސީދާ ބޭސްވެރިކަމުގެ ފަރުވާއަކަށް ނުވި ނަމަވެސް، މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތަކަށް އާ އުންމީދީ މިސްރާބެއް ވަނީ ލިބިފައެވެ. މިއީ އަލްޒައިމާ ފަދަ ނާރުތަކުގެ ބަލިތަކަށް ފަސޭހައިން ދެވިދާނެ އެހީތެރި ފަރުވާތަކަކަށް މަގުފަހިވެގެންދާނެ ކަމެކެވެ.
