ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ފިނިފެންމާ (މިނީ ސީރީޒް) – ހަވަނަ ބައި

ނަޖުދާއަކީ ގަސްދަށުގޭ އައިމިނަގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ނަޖުދާ އާއި އައިމިނަ އަކީ ވަރަށް އެއްގޮތް ދެ މީހުންނެވެ.

“ޔަގީން …. އެތިބީ ޕާޓީ ޑުރަގް ނަގައިގެން. ނޫނީ އެކަހަލަ ކޮންމެ ވެސް އެހެން އެއްޗެއް ބޮއިގެން. ވާހަކަ ދައްކާ ރާގައި އެމީހުން ތިބި ގޮތް ބަލާލުމުން ވެސް އެހެން ހީވެއެއްނު.” ފެނުނު މަންޒަރާއި ގުޅޭގޮތުން ބައެއް މީހުން ވާހަކަ ދެއްކިއެވެ.

“އެކަން އޮޅުވާލަން ރާވައިގެން ކޮންމެވެސް ގޭމެއް ޖައްސަނީ.” ބަލަން ޖެހޭ ކަންކަން ބެލުމުގެ ކުރިން އާންމުންގެ ތެރެއިން ބައެއް މީހުން ގޮތް ނިންމިއެވެ.

“އޭރު ވެސް މަ ބުނީމެއްނު. ޖިންނި ސައިތާނުންގެ ކަމެއް އެބައުޅެޔޭ. އެއީ ކަނޑު ފުރޭތައެއް ނޫނީ ވިގަންޏެކޭ. ކަމެއް ގޯސްވުމުގެ ކުރިން އަވަހަށް ފިޔަވަޅު އަޅާށޭ. މަ ބުނިގޮތް ނުހެދީމާ ވީގޮތް ފެނިއްޖެއެއްނު. މަ ދައްކާ ވާހަކަ އެކަކު ވެސް އަޑެއް ނާހާނެ.” ހޮސްޕިޓަލަށް ވަދެގެން އައި ރޫބީގެ އަޑު ބާރެވެ. އެއީ ކުރިން ވެސް އޭނާ ދެއްކި ވާހަކައެވެ.

ހޭ އެރުމާއިއެކު ޖަބީން ބަލައިލީ އެތަނަށް ވަންނަންހުރި ދޮރާއި ދިމާއަށެވެ. ވަރަށް އުނދަގުލުން ލަސްލަހުން އަތް ހިއްލައި އެ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އެތަނުގައި ތިބި މީހުނަށް ކޮންމެވެސް އެއްޗެއް ދައްކަން މަސައްކަތްކުރި ކަހަލައެވެ.

އެވަގުތަކީ ރޫބީ އައިސް އެތަނަށް ވަން ވަގުތެވެ. ރޫބީއާ ދިމާއަށް ޖަބީން ބަލައިލީ ހިތްހަމަނުޖެހުމާއިއެކުއެވެ. ކޮންމެވެސް އެއްޗެކޭ ބުނަން މަސައްކަތްކުރިއެވެ. އަޑެއް ނުނިކުތެވެ. ކަރުގައި އެއްޗެއް ތާށިވި ކަހަލައެވެ.

އެއް ހާދިސާއެކެވެ. އެއްތަނެކެވެ. އެއް ވަގުތެކެވެ. އެކަކު އަނެކަކާއި އެއްވެސް ގުޅުމެއް ނެތް ތިން މީހުނެވެ. ތިން މީހުންގެ ވާހަކަތައް ދާދި އެއްގޮތެވެ.

ދިމާވި ކަންތަކާއިމެދު ސުވާލު އުފައްދާ މީހުން ގިނަވިއެވެ. ވާހަކަތައް އިތުރުވިއެވެ. ކަމުގެ އަސްލަށް ވާސިލު ނުވެވެނީސް ގޮތް ނިންމި މީހުން ގިނައެވެ. އެފަދަ މީހުންގެ ގަބޫލުކުރުމަކީ އޭނާއަށް ހީވާގޮތް އެއީ އެންމެ ރަނގަޅު ގޮތެވެ.

ދުވަސްވީ ބައެއް މީހުންގެ ޚިޔާލު އަދި މުޅިން ތަފާތެވެ. ހިނގައިގެން އުޅޭ ހާދިސާގައި ކޮންމެވެސް ބޮޑު ސިއްރެއް އެބަ ވެއެވެ. އެކަން ބަލައި ހޯދަން ޖެހެއެވެ. ކަމެއް ވާނީ ބުނެފައެއް ނޫނެވެ. ގޯހުން ގޯހަށް ދިއުމުގެ ކުރިން ރައްކާތެރިވެވޭތޯ މަސައްކަތްކުރަން އެބަ ޖެހެއެވެ.

ކައުންސިލްގެ ރައީސް ކަރީމް އާއި މުދިމް މަޖުދީ ދިމާވީ ފަތިސް ނަމާދުން ފޭބި ވަގުތު މިސްކިތް ކައިރިންނެވެ. ދެމީހުންގެ ވެސް މިސްރާބަކަށް ވީ ހޮސްޕިޓަލެވެ. ކަރީމް ހޮސްޕިޓަލަށް ދިޔައީ މަޖުދީ ގޮވައިގެންނެވެ.

“އެ އަންނަނީ …. އެ އަންނަނީ. ކަލޭމެނަށް އެއްވެސް ކަމެއް ނުވާނެ. އޭނާ މިކަން ރަނގަޅު ކުރާނެ. އެއީ ހަމަ އައިމިނަ. ކަލޭމެނަށް އޮޅުނަސް މަށަކަށް އެއައިމިނަ ނޯޅޭނެ. ބަލަ …. އެއީ މަގޭ އަޚެކޭ. ދުއްވަން ނުލިބުނަސް …. އަންނަނީ ފެންވަރުވަން …. ލޯބީގެ ވާރޭވިލާ. ވަގުތު ޖެހެނީ … ޓަޑަން.” ކުއްލިއަކަށް ޖަބީންގެ ބަސް ހުއްޓުނެވެ. ހަބަރު ހުސްވެގެން ކަހަލަ ގޮތަކަށް އެނދުމައްޗަށް ވެއްޓުނީ އެވަގުތު އެވެ.

ޖަބީނަށް ފަރުވާ ދިނުމުގެ މަސައްކަތް އަވަސް ކުރިއެވެ.

ދިމާވެގެން އުޅޭ ހާދިސާގުޅޭ މަޢުލޫމާތު ހޯދުމުގައި ކަރީމް އާއި މަޖުދީއަށް ހޮސްޕިޓަލް މުއައްޒަފުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބުނެވެ. ބޭނުންވި މަންޒަރު، އެންމެ ފުރިހަމައަށް ނޫނަސް ހަމަލޮލަށް ފެނުނެވެ.

“އަދި ކިރިޔާ ދޯ ތި އާދެވުނީ. ކުރިން އަހަރެން ބުނި ދުވަހު ތިކަން ފެށިނަމަ މިހެނެއް ނުވީހެއްނު.” ރޫބީއަށް ކަރީމާއި މަޖުދީ ފެނުނީ ހޮސްޕިޓަލް ގޭޓް ކައިރިންނެވެ.

“ސިހުރު ހާހޫރަ … އިސްތިރިވަރިތޮޅި. ޖިންނި ސައިތާނުން. ޔަގީން.” މަޖުދީ ބަލައިލީ ކަރީމް އަށެވެ. މަޖުދީގެ ކިބައިން ފާޅުވި ކަންބޮޑުވުން ކަރީމްގެ ހިތަށް ބިރުވެރިކަން ގެނުވިއެވެ.

އަރައިގެން އައި އިރާއިއެކު މުޅިރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓުނެވެ. ކަންބޮޑުވެ ހާސްވެ މީހުންނާއި ނުތަނަވަސްވި މީހުން ގިނައެވެ. ބައެއް މީހުން ތިބީ ބިރުން ތުރުތުރުއަޅާ ހާލުގައެވެ. އިވުނު ވާހަކަތައް ގަބޫލުކުރަން ފަސޭހަނުވި ބަޔަކު ވެސް ތިއްބެވެ. އެމީހުން ބުނާގޮތުން އެއީ ރޭވުމެކެވެ. ނޫނީ މަސްތުވުމުގެ ކޮންމެވެސް އަމަލެކެވެ. ކިތަންމެ ވަރަކަށް ސިއްރު ކުރަން އުޅުނަސް އަދި ހަގީގަތް ހާމަވާނެއެވެ.

މަޝްވަރާކުރަންވީ ފަރާތްތަކާއި މަޝްވަރާ ކުރެވުނެވެ. ވަގުތާއި ހާލަތަކީ އެންމެ މުހިންމު އެއް ކަންތަކެވެ. ކޮންމެކަމެއް އެންމެނަށް އެނގޭކަށް ނުޖެހެއެވެ. ބައެއް ކަންކަން އޮންނާނީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. އެއީ އެކަމުގެ ބާވަތުންނެވެ.

“ދެން ކިހިނެއް ހަދާނީ؟” ކަރީމް ސުވާލުކުރީ މަޖުދީއާއެވެ. ދިމާވި ކަންތަކާއި ފެނުނު މަންޒަރުގެ ސަބަބުން އޭނާ ހާސްވެ ކަންބޮޑުވެފައިވާވަރު އޭނާގެ ކިބައިން ފާޅުވަމުން ދިޔައެވެ.

“އެ މަހާނަ މެދުވެރިކޮށް ކޮށްފައިވާ ކަމެއް އެއީ. އެހެންވެ އޭނާގެ ސޫރަ އެ ފެނުނީ. މިއީ ވަރަށް ނުރައްކާ ކަމެއް. ޖެހޭނީ މިފަދަ ކަންކަން ހައްލު ކުރެވޭވަރުގެ ބަޔަކު ހޯދަން. އޭގެ ކުރިން އެބަ ޖެހޭ މިކަން ކުރި ބަޔަކު ވެސް ހޯދަން. އޭރުން އެންމެ ފަސޭހައިން މިކަން ހައްލު ވާނީ. އެމީހުން އޭތި ބާތިލްކޮށްލައިފިއްޔާ އެއްފަހަރުން މިކަން ހައްލުވާނެ. މިދެން މީހުން ކުރާ ކަހަލަ ކަންކަމެއް ނޫން ދޯ؟” މަޖުދީ ވާހަކަ ދެއްކީ ފެނުނު މަންޒަރާއި އޭނާގެ ތަޖުރިބާއަށް އަލިއަޅުވާލައިއެވެ.

ދުވަސްތަކާއި ރޭތައް މާޒީއާއެކުވަމުން ދިޔައެވެ.

މަޖުދީ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އެހީ ހޯދަންޖެހޭ ފަރާތްތަކުން އެހީތެރިކަން ހޯދަމުންނެވެ. މަޝްވަރާ ހޯދަން ޖެހޭ ފަރާތްތަކުން މަޝްވަރާ ވެސް ހޯދަމުންނެވެ.

ހަނދުމަހެއްގެ ފުރަތަމަ ރެއެވެ. ސުވައިލާ އާއި އަސީލް ތިބީ އެމީހުންގެ ލޯބީގެ މަންޒިލް ކަމުގައިވާ ރުއްގަނޑުތެރޭ ގައެވެ. ބަނދަރު ސަރަހައްދުގައި ހުރި ލައިޓްތަކުން ލައިޓަކުން އެހިސާބަށް ފޯރާފައިވާ ވަރަށް ވެސް ފަނޑު އަލިކަމެއް ފިޔަވާ އެހެން އަލިކަމެއް އެތަނުގައި ނެތެވެ.

“އޭރުވެސް އަހަރެން ބުނިންދޯ ބަލައިގެން ކުރާށޭ. ދެން އަހަރެން ކިހިނެއް ހަދާނީ؟ އޭނާގެ ދަރިއަކަށް އަހަރެން އަދި ބަނޑު ނުވާނެކަން އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށް. ކިތައް ފަހަރު އެވާހަކަ ވެސް ބުނިން. ދަރިއަކު ހޯދުން އަހަރުމެން ލަސްކޮށްލީ ހަމައެކަނި އޭނާ ބޭނުން ވެގެނެއް ނޫނޭ. އަހަރެން ވެސް އެގޮތް ބޭނުން ވާތީއޭ.” ސުވައިލާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

“އެދެން އެވަރުގެ ކަމެއްތަ؟ އޭނާ ކައިރީ ބުނޭ ލިބުނިއްޔޭ … އޭރުން …. ” އަސީލް ދައްކަންފެށި ވާހަކަތައް ފުރިހަމަ ކުރެވޭވަރެއް ނުވިއެވެ.

“ތިޔަ ހީކުރާހާ ފަސޭހައިން ނިމޭނެ ކަންކަމެއް ނޫން މި ހުންނަނީކީ. ކަލޭ ޖެހޭނެ މިކަމުގެ ޒިންމާ ނަގަން. އަހަރެން މިކަމުން ސަލާމަތް ކުރަން. އަހަރެން ބޭނުމެއް ނޫން މިގޮތަށް ލިބޭ ދަރިއެއް.” ސުވައިލާގެ ހިތްހަމަ ނުޖެހުން ވީ އިތުރެވެ.

“އަހަރެން ވަކި ކީއްކުރާނީ. އެހެން ނޫނަސް ތިދެން އެވަރުގެ ކަމެއް ވެސް ނޫނޭ. ކާކަށް ކޯޗެއް އެނގޭނީ. ކަލޭ ބުނާ އެއްޗެއް އޭނަ ޖެހޭނީ ގަބޫލުކުރަން. މާ ކަންތައް ބޮޑުކޮށްލަނީއޭ.” ސުވައިލާގެ ވާހަކަތައް ހުރިގޮތް އަސީލަކަށް ކަމަކު ނުދިޔައެވެ.

“އަހަރެން މިބުނީއެއްނު މިގޮތަށް ލިބޭ ދަރިއެއް އަހަރެން ބޭނުމެއް ނޫނޭ. ކަލޭ ޖެހޭނީ މިކަމުން އަހަރެން ސަލާމަތް ކުރަން. އަހަރެންނަށް ހެޔޮ ކޮންމެ ގޮތަކުން ވިޔަސް. އެކަމު އަހަރެންނަށް އެއްވެސް ގެއްލުމެއް ލިބިގެން ނުވާނެ. އަވަސް ކުރޭ.” އަސީލްގެ ވާހަކަތައް ހުރިގޮތުން ސުވައިލާ ރުޅިގަދަވާން ފެށިއެވެ.

“މަށަކަށް ނުވާނެ ތިކަމެއް. ކަލޭ އެހެން ގޮތެއް ހޯދާ.” ސުވައިލާގެ ވާހަކަތައް ހުރިގޮތް އަސީލަކަށް ވެސް ކަމަކު ނުދިޔައެވެ.

ދެ މީހުންގެ މެދުގައި އުފެދުނު ހިތްހަމަ ނުޖެހުން ހައްތަހާ ވީ އިތުރެވެ. ރޯކޮށްފައިވާ ތަނަކަށް ދަރު އަޅަމުން ދިޔަ ކަހަލައެވެ. ހައްލަކަށްވުރެ ބޮޑަށް ކޮންމެ މީހަކު ވެސް މަސައްކަތްކުރީ އަނެއްކާގެ ބޮލުގައި އެކަން އަޅުވާފައި ތިމާ ސަލާމަތް ވާށެވެ.

“ކަލެއަށް ވާނެ. ކަލޭ އަހަރެން ހޯދިގޮތަށް ވަޖުދީ ކައިރީ ބުނެގެން މިކަމަށް ވެސް ހައްލު ހޯދޭނެ … ކަލޭ ޖެހޭނީ އެކަން ކުރަން. އެހެން ނޫނީ … ” ސުވައިލާ ދައްކަންފެށި ވާހަކަ ނިންމޭގޮތެއް ނުވިއެވެ.

“ކީކޭ ކިޔަން ކަލޭ ތިޔަ އުޅެނީ. މާބޮޑަށް އެނގިގަނެގެން ނޫޅެއްޗޭ. އަހަރެން އެއްވެސް މީހަކު ލައްވާ އެއްވެސް ކަމެއް ނުކުރަން. ކަލެއަށް ކަލޭގެ ފިރިމީހާ ކަމުނުގޮސްގެން އަހަރެން ކައިރިއަށް އައީ. ދެން ކޮން ދޮގެއް ހަދާކަށް. ކަލޭ ބޭނުން ވަރަށް އޭނާއަށް ނުކޮށްދެވެޔޭ ވެސް ބުނީ ކަލޭ ދޯ.” ހައްތަހާ ހުޅުގަނޑުވީ ބޮޑެވެ.

“ކަލޭ ތީ ބޮޑު ދޮގުވެރިއެއް. މަކަރު ވެރިއެއް. ބޭނުން ކަންތައް ވީމަ ބޮލުން ކަޓުވާލަން އުޅޭނެ ކަމެއްނެތް. އަހަރެންނަށް ވެސް ކުރެވޭނެ ކަންކަން ހުންނާނެ.” ސުވައިލާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

“ކަލެއަކަށް ނުކުރެވޭނެ އެއްވެސް ކަމެއް. ދެން ތިހެން ތެޅިތެޅިހުރޭ … މަ މިދަނީ” ކުރިމަތިވި ކަންތަކުގެ ސަބަބުން ހިތްހަމަ ނުޖެހިފައި ހުރި އަސީލް ހިނގައިގަތެވެ.

ކަންތައް ދިމާވީ އަސީލް ހީކުރި ގޮތަކަށް ނޫނެވެ. ސުވައިލާ ދެއްކި ވާހަކަތައް ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ބޯގޮއްވައި ޒުވާބު ކުރަން ހުރުމަށްވުރެ މި ވަގުތަށް ރަނގަޅު ވާނީ މިތަނުން ދިއުމެވެ. އަސީލް ހިނގައިގަތީ ގެއާއި ދިމާއަށެވެ. ފަސްއެނބުރި ބަލައި ވެސް ނުލައެވެ.

ކުރިމަތިން ހުރަސްކޮށްލި ގަދަ ކަޅުކުލައިގެ ބޮޑުބުޅާ ފެނުނީ ކުއްލިއަކަށެވެ. މާނައިން ފުރިގެންވީ ފުން ބަލައިލުމަކުން ބަލައިލުމަށްފަހު، ބުޅާ ދިޔަގޮތަށް ދިޔައީއެވެ. އެއިން ކަމަކަށް ސަމާލުކަން ދެވޭވަރަށްވުރެ އަސީލް ހުރީ ރުޅިއައިސްފައެވެ.

ކުއްލިއަކަށް ސުވައިލާ ހަޅޭލަވައިގަތުމުން އަސީލަށް ބަލައިލެވުނެވެ. ރުޅިއައިސް ރަތްވެފައި ހުރި ސުވައިލާގެ ދެ ލޮލުން ފާޅުވާން ހުރީ އަނގުރުއަލިފާން ފަދަ ރަތްކުލައެވެ. އަނގައިގެ ދެމިޔަކަނުން ދިގު ދެދަތް ވެސް ނުކުމެފައި ހުއްޓެވެ.

އެއީ ސުވައިލާއެއް ނޫނެވެ. ސަލާމަތަށް އެދި ހަޅޭލަމުން އަސީލް ދުއްވައިގަތެވެ.

އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ. ސުވައިލާ ހުރީ އަސީލާއި ދިހަވަރަކަށް ފޫޓް ދުރުގައި ނަމަވެސް އޭނާ ހޫރާލި އަތުން އަސީލްގެ ބޮލުގައި ޖެހުނެވެ. ދަގަނޑުބުރިއަކުން ބޮލުގައި ޖަހާލި ކަހަލައެވެ. މުޅިމީހާ ބިމުން ލުހިގެން ދިޔަ ކަހަލައެވެ. ފަޒާއެކުގައި އެނބުރިގަތެވެ. މަޑުމަޑުން އަސީލާއި ގާތަށް ޖެހެލި ސުވައިލާ ހިފީ އަސީލްގެ ކަރުގައެވެ. ލޯތްބާއި އޯގާތެރިކަމާއެކު އަސީލްގެ މޫނުގައި ފިރުމާލަމުން ކަރުގައި ބޮސްދިނެވެ.

އަސީލަށް ހޭވެރިކަން ވީ އިރުކޮޅެއް ފަހުންނެވެ. އެއީ ސުވައިލާއެއް ނޫނެވެ. އޭނާގެ ގައިން ލޭ މަދުވަނީ އެމަހުލޫގުގެ ސަބަބުން ނެވެ. އޭނާ އަސީލްގެ ގައިން ލޭ ބޮނީއެވެ. ސުވައިލާގެ ސިފައިގާ ހުރި އެމަހުލޫގުގެ ކިބައިން ސަލާމަތްވާން އަސީލް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.
ހޭވެރިކަން ވީއިރު އަސީލް އޮތީ ހޮސްޕިޓަލްގައެވެ.

އިވުނު ވާހަކަތަކުގެ ސަބަބުން ސުވައިލާ އިނީ ހައިރާންވެ ބަސް ހުއްޓިފައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި އެތައް އިރެއް ވާންދެން އިނެވެ. އޭނާއާ ބެހޭގޮތުން ހިޖްރާ ވާހަކަ ދެއްކި ނަމަވެސް އެވަރު ވެދާނެ ކަމަކަށް ސުވައިލާ ހިޔެއް ނުކުރެއެވެ.

“އެހެންވީމަ …. އޭރު އިބްރާހީމްބެ ދެއްކި ވާހަކަތަކުގެ އަސްލަކީ މިއީދޯ؟ އެ ރަތްފިނިފެންމަލާއި ކުޅުނު ފަހުން ދިމާވި ކަންތަކުގެ އަޑީގަ ހުރި މީހަކީ މިއީދޯ؟” ސުވައިލާ ބަލައިލީ ނިހާމް އަށެވެ.

ނުނިމޭ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top