ޔާޝް ރާޖް ފިލްމްސް އިން އުފައްދާ ކުރިއަށް އޮތް ފިލްމު “އަލްފާ” ގައި، މަޝްހޫރު ބަތަލާ އާލިއާ ބަޓް ފެނިގެންދާނީ އާންމުކޮށް ފެންނަ ރޯލުތަކާ ވަރަށް ތަފާތު، ނުރައްކާތެރި ކެރެކްޓަރަކުންނެވެ.
2026 ވަނަ އަހަރުގެ ޖުލައި 10 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި އާލިއާ ކުޅެނީ ނުރައްކާތެރި ގާތިލެއްގެ (އެސޭސިން އެއްގެ) ރޯލެވެ. ބޮލީވުޑް ހަންގާމާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމަކީ ކުޑައިރުން ފެށިގެން މީހުން މަރަން ތަމްރީނުކޮށް، ބޮޑުކުރާ އަންހެން ކުއްޖެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ފިލްމާ ގުޅޭގޮތުން ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރަކު ހާމަކޮށްފައިވާ ގޮތުގައި، “އަލްފާ” އަކީ ޔާޝް ރާޖް ފިލްމްސް ސްޕައި ޔުނިވާސްއަށް އަންނާނެ ވަރަށް ބޮޑު ބަދަލެކެވެ. މީގެ ކުރިން މި ޔުނިވާސްގެ ހުރިހާ ފިލްމެއްގައިވެސް މައިގަނޑު ކެރެކްޓަރަކީ ޖާސޫސުން ކަމަށް ވީ ނަމަވެސް، މި ފިލްމުގައި ފުރަތަމަ ފަހަރަށް ފެނިގެންދާނީ ގާތިލެކެވެ. އަދި މި ކެރެކްޓަރަކީ “އެންޓި-ހީރޯ” އެއްގެ ސިފަތައް އެކުލެވޭ، ކޮންމެވެސް ވަރަކަށް ނުބައިބައި ހުންނާނެ ޝަޚުޞިއްޔަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މިހާތަނަށް 3،269 ކްރޯޑް ރުޕީސްގެ ވިޔަފާރިކޮށްފައިވާ މި ސްޕައި ޔުނިވާސްއަށް މިއީ އުފެއްދުންތެރިކަމުގެ ގޮތުން ގެންނަ ވަރަށް މުހިންމު ބަދަލެކެވެ. އަންހެން އެކްޝަން ކެރެކްޓަރެއް މިފަދަ ގޮތަކަށް ބައްޓަންކުރުމަކީ ހިތްވަރުގަދަ އަދި ބެލުންތެރިންނަށް ކުއްލި ސިހުމެއް ލިބޭނެ ކަމެއް ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.
ޝިވް ރަވައިލް ޑައިރެކްޓްކުރާ މި ފިލްމުގައި އާލިއާގެ އިތުރުން ޝަރުވާރީ ވާގް، ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ބޮބީ ޑިއޯލް މި ފިލްމުގައި ފެންނާނީ ވިލަންއެއްގެ ގޮތުގައެވެ.
