ދިވެހިންގެ މަޤްބޫލުކަން ހޯދާފައިވާ ކުރީގެ ލަވަކިޔުންތެރިޔާ އަދި މިހާރު ދީނީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒު، ގާތްގަނޑަކަށް 13 އަހަރުގެ މެދުކެނޑުމަކަށްފަހު އާންމުންނަށް ވަރަށް ހިތްގައިމު އީދު މަދަހައެއް ދޫކޮށްލައިފިއެވެ.
މި މަދަހައަކީ މިއަހަރުގެ އީދާ ދިމާކޮށް އަލީ ރަމީޒު އާންމުންނަށް ދޫކޮށްލި ހާއްސަ ހަދިޔާއެކެވެ. “އީދު މުބާރަކު” ގެ ނަމުގައި ނެރުނު މި މަދަހައަކީ އީދުގެ އުފާވެރިކަމާއި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އުޚުއްވަތްތެރިކަން ރަމްޒުކޮށްދޭ ވަރަށް މާނަ ފުން މެސެޖުތަކެއް އެކުލެވޭ މަދަހައެކެވެ. މި މަދަހަ އާންމުކުރުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދާފައެވެ. ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި، އަލީ ރަމީޒުގެ ރީތި އަޑުން މިފަދަ އުފާވެރި މަދަހައެއް އަޑުއަހާލަން ލިބުމަކީ މި ފަހަރުގެ އީދަށް ލިބުނު އިތުރު ފުރިހަމަކަމެކެވެ.
މި މަދަހަ ތައްޔާރުކޮށްފައިވަނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ކަމުދާނެ ފަދަ ހިތްގައިމު ރާގަކަށެވެ.
13 އަހަރުގެ މެދުކެނޑުމަކަށްފަހު އަލީ ރަމީޒުގެ މި އުފެއްދުން ބެލުންތެރިންނާ ހަމައަށް އައިސްފައިވާއިރު، މިއީ ދީނީ ދަޢުވަތުގެ މަސައްކަތުގައި އޭނާ ކުރިއަށްދާ އާ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މި މަދަހަ މިހާރު ޔޫޓިއުބް އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އަޑުއަހާލެވޭނެއެވެ.
ހުނަރުވެރި ޅެންވެރިޔާ އާދަމް ޙަލީމް އަދުނާން ތައްޔާރު ކޮށްފައިވާ ޅެމަކަށް ކިޔާފައިވާ މި ޢީދު މަދަހައިގެ މައިގަނޑު ވޯކަަލިސްޓަކީ އަލީ ރަމީޒެވެ. މަދަހަ ކިޔުމުގައި އިތުރު ކުދީންތަކެއް ވެސް ބައިވެރިވެ އެވެ.
“މަންފާ” އިން މަދަހަ ރިލީޒްކޮށްފައި ވަނީ ވަަރަށް ހިތްގައިމު ވީޑިއޯއަކާ އެކު އެވެ.
