ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގަލާޕަގޯސް ރަށްތަކުން މުޅިން އައު ނޫކުލައިގެ ބޯވައެއް ފެނިއްޖެ

ގަލަޕާގޯސް އައިލެންޑްސްއިން އަލަށް ފެނުނު ކުޑަ ނޫކުލައިގެ ބޯވަޔަކީ، ކަނޑުގެ ފުން ސަރަޙައްދުތަކުގައި އަދިވެސް އަޖައިބުކުރުވަނިވި ސިއްރުތަކެއް ފޮރުވިފައިވާކަން ހަނދާންކޮށްދޭ ވަރުގަދަ ހެއްކެކެވެ.

އިކުއެޑޯގެ އައްސޭރިފަށުން ބޭރުގައި އޮންނަ ގަލަޕާގޯސް އައިލެންޑްސްއަކީ އެތަނުގެ ތަފާތު ދިރުންތަކަށް މަޝްހޫރު ތަނެކެވެ. ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ ހާހަކަށްވުރެ ގިނަ ބާވަތްތަކުގެ ގަސްގަހާގެއްސާއި ޖަނަވާރު މި ރަށްތަކުގައި އުޅެއެވެ. އޭގެ ތެރޭގައި ބިޔަ ކަންޒު ކަހަނބާއި ކަނޑުގައި އުޅޭ އިގުއާނާސް ހިމެނެއެވެ. މިހާރު ސައިންސްވެރިން ވަނީ މި ލިސްޓަށް އިތުރު ތަފާތު ދިރުމެއް އިތުރުކޮށްފައެވެ. އެއީ މީގެ ކުރިން ސައިންސްވެރިންނަށް އެނގިފައިނުވާ، ކުޑަ ނޫކުލައިގެ ބޯވައެކެވެ.

އަލަށް ފާހަގަކުރެވުނު މި ބާވަތާ ބެހޭ މަޢުލޫމާތު ވަނީ ‘ޒޫޓެކްސާ’ ސައިންޓިފިކް މަޖައްލާގައި ޝާއިޢުކޮށްފައެވެ.

ކަނޑުގެ ފުން ސަރަޙައްދުގައި ކުރި ދިރާސާއަކުން ފެނުނު ސިއްރުވެރި ބޯވަ
މި ބޯވަ އެންމެ ފުރަތަމަ ފެނުނީ 2015 ވަނަ އަހަރު ‘އީ.ވީ. ނޯޓިލަސް’ އުޅަނދުގައި ކުރި ދިރާސާ ދަތުރެއްގެ ތެރެއިންނެވެ. މި މިޝަނަކީ ޗާލްސް ޑާވިން ފައުންޑޭޝަން (ސީޑީއެފް) އާއި ގަލަޕާގޯސް ނޭޝަނަލް ޕާކް ޑައިރެކްޓަރޭޓް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

ދިރާސާވެރިން ވަނީ ރިމޯޓުން ކޮންޓްރޯލްކުރެވޭ އުޅަނދެއް (އާރްއޯވީ) ބޭނުންކޮށްގެން ގަލަޕާގޯސްގެ އެންމެ އުތުރުގައި އޮންނަ ޑާވިން އައިލެންޑް ކައިރީގެ ކަނޑުގެ އަޑި ބަލާފައެވެ. މި ރަށަށް ނަން ދެވިފައިވަނީ ޗާލްސް ޑާވިންގެ ނަމުންނެވެ. އޭނާ އެ ރަށުގައި ކުރި ދިރާސާތަކަކީ ‘ތިއަރީ އޮފް އިވޮލޫޝަން’ ނުވަތަ ތަރައްޤީވަމުން އައުމުގެ ނަޒަރިއްޔާ އުފަންވުމަށް މަގުފަހިވި މުހިންމު މަސައްކަތްތަކެކެވެ.

ކަނޑުގެ ލޮނުގަނޑުގެ ގާތްގަނޑަކަށް 5,800 ފޫޓު (1,773 މީޓަރު) އަޑީގައިވާ ފަރުބަދައެއް ބަލަމުން ދަނިކޮށް، އާރްއޯވީގެ ކެމެރާއަށް އާދަޔާޚިލާ މަންޒަރެއް ފެނުނެވެ. އެއީ ކަނޑުގެ އަޑީގައި ދަތުރުކުރަމުން ދިޔަ ކުޑަކުޑަ ނޫކުލައިގެ ބޯވަޔެކެވެ.

މި މަންޒަރު ފެނުމުން ސައިންސްވެރިންގެ މެދުގައި އުފެދުނު ފޯރި، އެވަގުތު ރެކޯޑުކުރެވިފައިވާ އަޑުތަކުން ހާމަވެއެވެ:
“މީތި ވަރަށް ކުޑަ!”
“މީތި މިއޮތީ ނޫކުލައިގަ!”

އެ ޓީމުން ވަނީ އާރްއޯވީ ބޭނުންކޮށްގެން އެ ބޯވަ ހިފުމުގައި ކާމިޔާބީ ހޯދާފައެވެ. ހަމަ އެ ދަތުރުގައި، އެ ބާވަތުގެ އިތުރު ދެ ބޯވައެއްގެ މަންޒަރުވެސް ވަނީ ރެކޯޑުކުރެވިފައެވެ.

ތަފާތު އަދި ނާދިރު ދިރުމެއް
ދަތުރު ނިންމުމަށްފަހު، ދިރާސާވެރިން ވަނީ ކަނޑުގެ އަޑިން ހޯދި ގިނަ ބާވަތްތަކެއް ޗާލްސް ޑާވިން ރިސާޗް ސްޓޭޝަނަށް ގެންގޮސްފައެވެ. އޭގެ ތެރެއިން މި ކުޑަ ނޫ ބޯވަ ވަނީ ވަގުތުން އެންމެންގެ ސަމާލުކަން އަތުލާފައެވެ.

ގާތްގަނޑަކަށް ގޯލްފް ބޯޅައެއްގެ ބޮޑުމިން ހުރި މި ބޯވަޔަކީ މީގެ ކުރިން އެނގިފައިވާ އެއްވެސް ބާވަތަކާ ދިމާވާ އެއްޗެއް ނޫނެވެ. އެހެންކަމުން، މިކަމުގެ މާހިރެއް ކަމަށްވާ ޖެނެޓް ވޮއިޓްއާ ގުޅައި، އޭގެ ފޮޓޯއެއް ފޮނުވިއެވެ.

“ފެނުނު އިރަށްވެސް މިއީ ވަރަށް ތަފާތު އެއްޗެއްކަން އެނގުނު،” މި އާ ބާވަތް ދިރާސާކުރި ލިޔުމުގެ މައި މުޞައްނިފު ޖެނެޓް ވޮއިޓް ބުންޏެވެ. “އަހަރެން ދުވަހަކުވެސް މިކަހަލަ އެއްޗެއް ނުދެކެން.”

މި ބޯވަ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްފަހު، ޝިކާގޯގެ ފީލްޑް މިއުޒިއަމަށް ފޮނުވުނެވެ. އެއީ ވޮއިޓްއަށް އޭގެ ތަފްސީލީ ދިރާސާތައް ކުރިއަށް ގެންދިއުމަށެވެ.

ކޮށައި މަސްގަނޑު ހަލާކުކުރުމުގެ ބަދަލުގައި ސީ.ޓީ. ސްކޭން ބޭނުންކުރުން
މި ބޯވައަކީ މީގެ ކުރިން ސައިންސްވެރިންނަށް ފެނިފައިނުވާ އާ ބާވަތެއްކަން ޔަގީންވިއެވެ. ނަމަވެސް، އޭގެ ދިރާސާތައް ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

“އާ ބާވަތެއްގެ ބޯވައްއް ދިރާސާކުރާއިރު، އޭގެ އަނގަޔާއި ދަތްތައް ފަދަ އެތެރޭގެ ގުނަވަންތައް ބަލަންޖެހޭ. އެކަން ކުރުމަށްޓަކައި އާންމުކޮށް ޖެހެނީ އެ އެއްޗެއް ކޮށާލަން. އެކަމަކު އަހަރެމެން އަތުގައި އޮތީ އެންމެ ބޯވަޔަކަށް ވާތީ، އެ ހަލާކުކޮށްލާކަށް ބޭނުމެއް ނުވި،” ވޮއިޓް ކިޔައިދިނެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، މިއުޒިއަމްގެ އެކްސް-ރޭ ސީ.ޓީ ލެބޯޓްރީގެ މެނޭޖަރު ސްޓެފަނީ ސްމިތާ ގުޅިގެން މައިކްރޯ ސީ.ޓީ ސްކޭން ބޭނުންކޮށްގެން ބޯވައިގެ ތަފްސީލީ ޑިޖިޓަލް މޮޑެލްއެއް ތައްޔާރުކުރިއެވެ. މި ޓެކްނޮލޮޖީގެ އެހީގައި އެއްޗެއް ކޮށާނުލައި، އޭގެ އެތެރޭގެ ހުރިހާ ބައިތަކެއް ވަރަށް ސާފުކޮށް ފެނެއެވެ.

މި ސްކޭންތަކުގެ އެހީގައި ބޯވައިގެ އަނގައާއި އެތެރޭގެ ގުނަވަންތަކުގެ މުހިންމު މަޢުލޫމާތުތައް ލިބުނެވެ. މިއީ އެއީ އާ ބާވަތެއްކަން ސައިންޓިފިކް ގޮތުން ސާބިތުކުރުމަށް ލިބުނު އެންމެ ބޮޑު ބާރެވެ.

އާ ނަން: މައިކްރޯއެލެޑޯން ގަލަޕާގެންސިސް
މި އާ ބާވަތަށް ދީފައިވާ ސައިންޓިފިކް ނަމަކީ ‘މައިކްރޯއެލެޑޯން ގަލަޕާގެންސިސް’ އެވެ. މިއީ މި ދާއިރާގައި 40 އަހަރު ހޭދަކޮށްފައިވާ ވޮއިޓްއަށްވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިއީ އޭނާގެ އިސްނެގުމުގެ ދަށުން އާ ބާވަތެއްގެ ބޯވައްއް ސައިންޓިފިކްކޮށް ދުނިޔެއަށް ތަޢާރަފުކުރި ފުރަތަމަ ފަހަރެވެ.

“މިއީ ކަނޑުގެ ވަރަށް އަޑީގައި އުޅޭ ކުދި ބޯވަތަކެއް. ދުނިޔޭގައި އުޅޭ މީހުންގެ ތެރެއިން ވަރަށް މަދު ބަޔަކަށް ނޫނީ މީތި ފެނުމުގެ ނަސީބެއް ނުލިބޭނެ،” ވޮއިޓް ބުންޏެވެ. “ދުނިޔޭގެ ހުރިހާ ބިމެއް އެއްކޮށްލިޔަސް ޕެސިފިކް ކަނޑުގެ ބޮޑުމިނާ ގާތްވެސް ނުކުރާނެ. ކަނޑުތަކަކީ އެހާވެސް ބޮޑު، އަދި އަހަރެމެންނަށް ނޭނގޭ ގިނަ ކަންތައްތަކެއް އެކުލެވޭ ތަނެއް.”

ކަނޑުގެ އަޑި ހޯދުމުގެ މުހިންމުކަން
ދިރާސާވެރިން ބުނާ ގޮތުގައި މިފަދަ ހޯދުންތަކުން އެނގެނީ ކަނޑުގެ ފުން ސަރަޙައްދުތަކާ ބެހޭގޮތުން އަހަރެމެންނަށް އެނގެނީ ވަރަށް ކުޑަ މިންވަރެއް ކަމެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި މިފަދަ ދިރާސާތައް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމެވެ.

ކެލިފޯނިއާ ޔުނިވަރސިޓީގެ މެރިން ސައިންޓިސްޓް ސަލޯމީ ބަގްލާސް ބުނިގޮތުގައި، މިފަދަ ކޮންމެ އާ ހޯދުމަކީ ކަނޑުގެ ސިއްރުވެރި ދިރުންތައް ދެނެގަތުމަށް ލިބޭ ފުރުޞަތެކެވެ. އަދި މިފަދަ ނާދިރު ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަން މި ހޯދުންތަކުން ހަނދާންކޮށްދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top