އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ސައުތު ރީޖަން ލީގުގެ ޗެމްޕިއަންކަން ގދ. ގައްދޫ ހޯދައިފިއެވެ.
މިއަދު ހަވީރު ގައްދޫ ދަނޑުގައި ކުޅެވުނު މި ރީޖަންގެ 11 ވަނަ މެޗުގައި ބައްދަލުކުރީ ސ. ފޭދޫ އާއި ގދ. ގައްދޫއެވެ.
ފަސޭހަކަމާއިއެކު ފޭދޫ ބަލިކޮށް ގައްދޫ ޗެމްޕިއަންކަން ހޯދީ، މި ރީޖަންގެ ފަހު މެޗު ކުރިޔަށް އޮއްވައެވެ.
މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ ގައްދޫ ޓީމުގެ ފަރާތުން މިއަދު ވެސް ފެނުނީ މޮޅު ކުޅުމެކެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ.
ގައްދޫ އެ ޓީމު ކޮޅަށް މެޗު އަނބުރައިލީ ފަހު ހާފުއެވެ. މި މެޗުން މޮޅުވެ ޗެމްޕިއަންކަން ޔަޤީންކުރަން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް ކެތްމަދުވެފައި ތިބި ގައްދޫ ކުޅުންތެރިންގެ ފަރާތުން ފަހު ހާފުގައި ފެނުނީ ތަފާތު ހިތްވަރެކެވެ.
ގާތްގާތުގައި ފުރުސަތުތައް ފަހިކުރި ގައްދޫން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 51 ވަނަ މިނިޓްގައެވެ. ޢަލީ މުޙައްމަދު ޖަހައިދިން މި ލަނޑަކީ އެ ޓީމުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު، ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑަށްފަހު ވެސް ފެނުނީ ގައްދޫން ރަނގަޅަށް ކުޅުނު ތަނެކެވެ. ފުރަތަމަ ލަނޑު ޖެހިތާ ދިހަ މިނިޓް ފަހުން ޢަލީ މުޙައްމަދު ވަނީ ގައްދޫއަށް އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. ފޭދޫ ޓީމުގެ ހާފުގެ މެދަކާއި ހިސާބު އަރިމަތިން ގައްދޫ ކުޅުންތެރިޔާއަށް ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޢަލީ މުޙައްމަދު ގޯލުގެ ތެރެއަށް ފޮނުވާލީ ހުސްކޮށް ހުރެއެވެ.
ދެވަނަ ލަނޑަށް މާގިނައިރެއް ނުވެ ގައްދޫން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހިއެވެ. ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ވެއްޓިގަނެފައި ކަހަލަ ގޮތަކަށް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ 8 ނަންބަރު ކުޅުންތެރިޔާއެވެ.
ގައްދޫން ވަނީ މެޗު ނިމުމުގެ ކުރިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހުކޮޅު އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޙުސައިން ރަޝީދެވެ. ޙުސައިން ރަޝީދު މި ލަނޑު ކާމިޔާބުކޮށްފައިވަނީ ގައްދޫ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި ވަގުތު، ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
4-0 އިން މޮޅުވެ މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ގައްދޫއަށް މި ރީޖަންގެ ޗެމްޕިއަންކަން ލިބުނީ ކުޅުނު ފަސް މެޗުން މޮޅުވެ 15 ޕޮއިންޓް އެ ޓީމުން ހޯދާފައިވާއިރު، އެވަރަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު މި ރީޖަންގެ އެހެން ޓީމަކަށް ނެތުމުންނެވެ. ގައްދޫއާ އެންމެ ގާތުން ވާދަކުރާ ލ. ގަން ކުރިޔަށް އޮތް މޮޅުވިޔަސް އެ ޓީމަށް ހަމަކުރެވޭނީ 13 ޕޮއިންޓެވެ.
މި ރީޖަންގެ ފަހު މެޗުގައި ބައްދަލު ކުރާނީ ގަމާއި ގައްދޫ އެވެ.
