ހުޅުމާލޭގެ ހަލަބޮލި މަގުތަކުގެ މަތިން އިރުއޮއްސެމުން ދިޔަ ވަގުތެވެ. އުޑުމަތި ޤުދުރަތީ ރަތުރަން ކުލައާއި ތަފާތު ހިތްގައިމު ކުލަތަކުން ފެވެމުން ދިޔައިރު ގޭގެ ޓެރަސްގައި އަޔާން އިނީ ކުރެހުމުގެ ދުނިޔެއަށް ގެއްލިފައެވެ. ކުރިމަތީގައި ހުރި ކެންވަސްގައި ވަރަށް ޝައުޤުވެރިކަމާއެކު ކުރަހަމުން ދިޔައިރު، ވަށައިގެން ހިނގާ އެއްވެސް ކަމެއް އޭނާއަށް އިޙުސާސްވާހެނެއް ހިއެއްނުވެއެވެ. ކުރެހުމަށް ހުންނަ ޝައުޤާއެކު އޭނާ އެވަގުތު ކުރަހަމުން ދިޔަ ކުރެހުމުގެ ޚާއްސަކަމުންވެސް ކަންނޭނގެއެވެ.
“އަޔާން!” އަނބިމީހާ ޒޯޔާގެ އަޑަށް ސިހިފައި އަޔާން ބަލާލިއެވެ. ދެ އުކުޅުގައި އަތް ވިއްދާލައިގެން ހުރި ޒޯޔާ ފެނުމާއެކު އަޔާން ކުއްލިއަކަށް ގަޑި ބަލާލިއެވެ. ގަޑިން ހައެއް ޖަހަނިކޮށް ފެނުމުން އޭނާއަށް ހިންދިރުވާލެވުނެވެ.
“މިއަދުގެ ހަތަރެސްކަން ހަމަވީ މި.” ހިތާހިތުން އަޔާންއަށް ބުނެވުނެވެ.
“ޒޯޔާ! ވަރަށް ބޮޑަށް ސޮރީ! މި ކުރެހުން މީ މިއަދަށް ކޮންމެހެންވެސް ނިންމާލަން ޖެހޭ ކުރެހުމެއް. އެހެންވެ މި ނިންމާލަން އުޅެގެން ގަޑި ދިޔަގޮތްވެސް ނޭނގުނީ.” އަޔާން އަމިއްލަ ކުށް ޤަބޫލުކުރަމުން ބުނެލިއެވެ.
“އަޔާންއަށް ދުވަހަކުވެސް ތިނޫން ވަރެއް ވޭތަ؟ އަބަދުވެސް ތި ކުރެހުންތަކާ ކުލަތަކާ ފިހިތައް. އަހަރެންގެ އެއްވެސް އަގެއް ނެތީތަ؟ ދުވަހަކުވެސް އަހަންނަކަށް ސަމާލުކަމެއް ނުދެވޭ.” ޒޯޔާ ރުޅިވެރިކަމާއެކު އެހެން ބުނެލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ.
އެ ދިޔަ ބާރުމިނުގައި ގޮސް ކޮޓަރިއަށް ވަދެ އަތްދަބަސް ހިފައިގެން ބޭރަށް ދާން ނުކުތެވެ. އަޔާން ގޮވިއެވެ. ޒޯޔާއަށް އަޑުވެސް އިވުނެވެ. ނަމަވެސް އިވޭކަމަށް ނުހެދީއެވެ.
ޒޯޔާ ނުކުމެގެން ދިޔަތަން ބަލަން ހުރި އަޔާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ޒޯޔާ ރުއްސަން އޭނާއަށް ދެވިދާނެއެވެ. ނަމަވެސް އޭނާ ނުދިޔައީ ވަކި މަޤުސަދެއް އޮތީމައެވެ. ޒޯޔާގެ ފަހަތުން ގޮސްފިނަމަ އޭނާ ޒޯޔާގެ ކުރިމަތީގައި ދަށްވީއެވެ. ކޮންމެ ފަހަރަކު އޭނާ ގޮތް ދޫކުރަންޖެހޭ ޖެހުން ބަދަލުކުރަން އެބަ ޖެހެއެވެ.
ޒޯޔާ ނުކުމެގެން ހިނގައިގަތީ އާންމުކޮށްވެސް އޭނާ ހިތްހަމަނުޖެހުމުން ދާ ދިމާލަށެވެ. އޭނާ ހީކުރީ އޭނާގެ ފަހަތުން އަޔާން އަންނާނެކަމަށެވެ. އެހެންޏާވެސް ކަންތައް ކުރާހެން ފަހަތުން އައިސް އޭނާ ރުއްސާލަން ލޯބިން ވާހަކަދައްކާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ކަންތައް ނުވުމުން އޭނާގެ ހިތަށް ތަދުވިއެވެ. އޭނާ ގޮސް އަތިރިމަތިން މީހުން މަދު ދިމާލެއްގައި ވެލިގަނޑުމަތީ އިށީނދެލިއެވެ.
“އަހަންނަށް ކީއް އޭނަ ނައިއްޔާ؟ އަންނަން ބޭނުން ނެތިއްޔާ ނައިސް ހުރެދާނެއެއްނު. އޭނައަށް މުހިންމު ކަންކަން ކުރަން އޭނައަށް ވަގުތުވެސް ވެއެއްނު.” ޒޯޔާ ކުދިކިޔައިގަތެވެ.
އެއްވެސް އިޚުތިޔާރަކާނުލައި އޭނާގެ ލޮލުން ކަރުނަ އޮހިގަތެވެ. ހިތްހަމަނުޖެހުނު ނަމަވެސް އޭނާ އަޔާންދެކެ އިންތިހާއަށް ލޯބިވެއެވެ. މިއަދަކީ ކިހާ ޚާއްސަ ދުވަހެއްކަން އަޔާން ހަނދާން ނައްތާލިޔަސް އޭނާ ހަނދާން އެބަހުއްޓެވެ.
“އަހަންނާ އަޅާނުލާ މީހަކާ ހެދި އަހަރެން ރޯންވީ ކީއްކުރަން؟ ޒޯޔާ! ހަމަ މިހާރު ހުއްޓާލާ!” އަމިއްލަ ނަފުސަށް އަޑުލައިގަތުމަށްފަހު ރުޅިވެރިކަމާއެކު ޒޯޔާ ލޯ ފޮހެލިއެވެ.
އަޔާން ގޭގެ ސިޓިންރޫމް ސޯފާގައި އިށީނދެލައިގެން އިނީ ޒޯޔާ ރުޅިމަޑުވެގެން ގެއަށް އަންނާނެ ކަމަށެވެ. ޒޯޔާ ގޮސް ދެ ގަޑިއެއްހާއިރު ވީއިރުވެސް އޭނާ ގެއަކަށް ނާދެއެވެ. އެންމެފަހުން އޭނާ ގެއިން ބޭރަށް ނުކުތީ ޒޯޔާ ނާންނާނެކަން އެނގޭތީއެވެ. ގޭގެ އެހެން މީހަކަށް އެ ދެމީހުންގެ ދެމެދުގައި އަނެއްކާވެސް ޒުވާބެއް ހިނގިކަން އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
އަޔާން ގެއިން ނުކުމެ ޕާކްކޮށްފައި އޮތް ކާރަށް އެރިއެވެ. އޭނާ މިސްރާބު ޖެހީ އަތިރިމައްޗާއި ދިމާލަށެވެ. ޒޯޔާ އިންނާނެ ތަން އޭނާއަށް އެނގެއެވެ. ހިތްހަމަނުޖެހިއްޖެނަމަ ނުވަތަ ދެރަވިޔަސް ޒޯޔާ ގޮސް އިންނާނީ އަތިރިމަތީގައެވެ. އެއީ ޒޯޔާއަށް މާ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ޚާއްސަ ތަނެކެވެ.
ޕާކުކުރާ ސަރަހައްދުގައި ކާރު ބޭއްވުމަށްފަހު އަޔާން އެދިމާލުން އަތިރިއަށް ފޭބިއެވެ. މާދުރުންވެސް އޭނާއަށް މުސްކާން ފާހަގަކުރެވުނެވެ. އެ ރީތިކަމާއި ފަރިކަމަކީ ކިތަންމެ ދުރުންވެސް އޭނައަށް އެނގޭނެ ކަންކަމެވެ. ވަޔާއެކު ޒޯޔާގެ މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިތައް އެއްފަރާތް ކޮށްލާ ގޮތް އޭނާއަށް އަބަދުވެސް ވަރަށް ހިތްގައިމެވެ.
“ޒޯޔާ!” ޒޮޔާގެ ގާތަށް ހުއްޓެމުން އަޔާން ގޮވާލިއެވެ.
“ކީއްކުރަން ތި އައީ؟ ކުރަހަން އިނީމަ ވީނު.” ޒޯޔާ ބަލާވެސްނުލާ އިނދެ ބުނެލިއެވެ.
“ޒޯޔާ. ތިދެން ކޮންކަމެއް؟ އަހަރެމެން މީ ކުޑަކުދިންނެއް ނޫން. ތިހެން ކުޑަކުދިން ކުރާ ކަހަލަ ޝަކުވާ އަބަދު ނުކޮށްބަލަ.” އަޔާން ބުނެލިއެވެ.
“ޝަކުވާ ކުރީމަ ކުރީޔޭ ތި ބުނަނީ. އަޔާންއަށް ކަންތައް ކުރެވޭ ގޮތެއް ނޭނގޭތަ؟” ޒޯޔާ އަޔާންއަށް ބަލާލިއެވެ. އެ ދެލޮލުގައިވި ކަރުނަތައް ފެނުމުން އަޔާންގެ ހިތަށް ތަދުވިއެވެ.
“އަހަރެން މާފަށް އެދެފީމެއްނު. މިއަދު އަހަރެންގެ މައްސަލައެއްކަން އެނގެޔޭ. އެކަމު އެއީ އަހަންނަށް ވަރަށް މުހިންމު ކުރެހުމެއް. މިއަދަށް ކޮންމެހެން ނިންމަން ޖެހޭ ކުރެހުމެއް. ނުނިންމިއްޖެއްޔާ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ.” އަޔާން ޒޯޔާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
“އެހެންނޭ އަހަރެންވެސް މި ކިޔަނީ. އަޔާންއަށް އަބަދުވެސް މުހިންމު ކުރެހުމޭ. މަސައްކަތޭ. އަހަރެންގެ އެއްވެސް ކަމެއް މުހިންމެއް ނޫނޭ.” ޒޯޔާ އަނެއްކާވެސް ބުންޏެވެ.
“ދެން އެކަން އެ ނިމުނީނު. ހިނގާ ގެއަށް ދާން. މިތާ ދެން ތިހެން އެކަނި އިންނާކަށް ނުވާނެޔޭ.” އަޔާން ޒޯޔާގެ އަތުގައި ހިފަމުން ބުންޏެވެ.
“ނޫޅެން ދާކަށެއް. އަޔާން ދަންޏާ ދޭ.”
“ތިހެން އިންދާ ޖިންނިއަކަށް ފެނިއްޖެއްޔާޔޯ!؟” އަޔާން ޒޯޔާ ބިރުގަންނަވާލަން ބުންޏެވެ.
ޒޯޔާ ފުންމައިގެން ތެދުވެ އަޔާންގެ ގައިގައި ބައްދައިގަތެވެ. އަޔާންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އޭނާ އެކަން ފާޅެއް ނުކުރެއެވެ. އޭނާ މަޑުމަޑުން ޒޯޔާގެ ބުރަކަށީގައި ފިރުމާލަމުން ކަރުދޮށުގައި ބޮސްދިނެވެ. ޒޯޔާ ތެޅިގަނެފައި ދުރަށް ޖެހުނެވެ.
“ތިހެން ޖައްސާލާ މަކަރަކުން ހުރިހާ ކަމެއް ހަނދާނެއް ނުނެތޭނެ އިނގޭ އަޔާން.” ނުރުހުމާއެކު އެހެން ބުނެފައި ޒޯޔާ ގެއަށް ދާން ހިނގައިގަތެވެ. ހީނލަމުން ފަހަތުން އަޔާންވެސް ހިނގައިގަތެވެ.
ކާރުގައި ގެއަށް ދިޔައިރު، ކާރުގެ ތެރެއަށް އޮތީ އާދަޔާ ޚިލާފު ހިމޭންކަމެއް ވެރިވެފައެވެ. އަޔާން ވާހަކަ ދައްކާދައްކާ ވަރުބަލިވީ އިރުވެސް ޒޯޔާ އެއްބާރުލުމެއް ނުދިނެވެ. އޭނާ އިނީ ކާރުގެ ބިއްލޫރިގަނޑުން ބޭރު ބަލާށެވެ.
ގޭގެ ކައިރިއަށް ކާރު މަޑުކޮށްލިއިރަށް ޒޯޔާ މަޑުވެސް ކޮށްނުލާ ކާރުން ފައިބައިފިއެވެ. އަދި ބާރު ހިނގުމެއްގައި ގޮސް ގެއަށް ވަނެވެ. ގޭގެ ދޮރު ހުޅުވާލިއިރު ގޭތެރެ އޮތީ އެއްކޮށް އަނދިރިވެފައެވެ.
“އަދި ލައިޓުގަނޑުވެސް ނުދިއްލާތަ އެ ދިޔައީ؟” ކުޑަކޮށް ނުރުހުންވެފައި ޒޯޔާ މަޑުމަޑުން ބުނެލިއެވެ.
ލައިޓް ޖައްސާލުމާއެކު ގޭތެރެއިން ކުއްލިއަކަށް “ސަޕްރައިޒް” އޭ ކިޔާފައި ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ޒޯޔާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިވި ނަމަވެސް އެއީ ހިތުގެ ފުންމިނުން ވެރިވި ހިނިތުންވުމެއް ނޫނެވެ. އެކަން އަފްޒާއަށް ފާހަގަކުރެވުނެވެ.
“ހެޕީ ބާތުޑޭ ޓޫ ޔޫ.” އެންމެން އެއް އަޑަކުން ލަވަ ކިޔަނިކޮށް އަފްޒާ ކޭކު ގެނެސް މޭޒުމަތީ ބެހެއްޓިއެވެ. އެވަގުތު އަޔާން އައިސް ވަނެވެ. އޭނާގެ މޫނުގެ ކުލަވަރު އިތުރަށް ބަނަވި ނަމަވެސް ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ގެނައެވެ. އަފްޒާ އިޝާރާތްކޮށްލުމުން އޭނާ އައިސް ޒޯޔާ ގާތު މަޑުކޮށްލިއެވެ. ޒޯޔާ ކޭކު ފަޅާލިއެވެ.
“ޒޯޔާ. އެންމެ ފުރަތަމަ ކޭކު ކާންދޭން ވާނީ މިގޭން ޒޯޔާގެ އެންމެ ފޭވަރިޓް މީހާއަށް.” އަފްޒާ އެހެން ބުނެލުމަށްފަހު އަޔާންއަށް ލޮލުން އިޝާރާތްކޮށްލިއެވެ. އަޔާން ޒޯޔާއާ އިތުރަށް ގާތްވެލިއެވެ. ޒޯޔާ ކޭކުކޮޅު ރާއިޒްއަށް ލަވައިދިނެވެ.
“ދެވަނަ ފޮތި އަހަރެންގެ ފޭވަރިޓަށް. އަޔާންއަށް ލަވާދީ.” އަފްޒާ އެހެން ބުނެލުމުން ޒޯޔާގެ އަތް މަޑުޖެހިލިއެވެ.
“ފަހަރީ. ފަހަރިގެ ފޭވަރިޓަށް ފަހަރި ކޭކު ކާންދީ.” ޒޯޔާ ސަމާސާ ރާގެއްގައި ބުނި ނަމަވެސް އޭގެ މާނަ އެވަގުތު އެތާ ތިބި ހަތަރު މީހުންނަށްވެސް އެނގެއެވެ.
“ދަރިފުޅު ދޭބަލަ ކޮޓަރިއަށް.” ރިޔާޒް، އޭނާގެ ހަތް އަހަރުގެ ދަރިފުޅުގެ ކޮނޑުގައި ޖަހާލާފައި ބުނެލިއެވެ. ސުވާލެއްވެސް ކޮށްނުލާ ބައްޕަގެ ބަސް އަހައިގެން ރާއިޒް ކޮޓަރިއަށް ދިޔައެވެ.
ހަމަ އެވަގުތު ގޭގެ ފޯނު ރިންގުވިއެވެ. ފޯނު ނެގީ އަފްޒާއެވެ. ފޯނުކުރީ ޒޯޔާގެ މަންމަ އާފިޔާއެވެ.
“ޒޯޔާ ގެއަކު ނެތް. އަޔާންއާ ދެމީހުން ބޭރަށް ގޮސް ވީ. މިއަދު ޒޯޔާގެ އުފަންދުވަސް ވީމަ އެކަން ފާހަގަކޮށްލަން ގޮސް ވީ.” އަފްޒާ ބުނެލިއެވެ.
“ޒޯޔާގެ ފޯނަށް ގުޅާގުޅާ ފޯނެއް ނުނަގާ. އެހެންވެގެން ގެއަށް މި ގުޅީ.” އާފިޔާ ބުނެލިއެވެ.
“އެހެންތަ؟ ތި ވާނީ ފޯނު ސައިލެންޓް ކޮށްލެވިފަ އޮތީ ކަމަށް. ހީވަނީ ހޭންޑްބޭގްގަ އޮތީހެން. އަހަރެންވެސް ގުޅައިފިން ދެތިން ފަހަރަކު. ނުނަގާ ފޯނެއް. އެމީހުން އައީމަ ބުނެލާނަން އިނގޭ ދައްތަ ގުޅި ވާހަކައާ ޒޯޔާއާ ނުގުޅިގެން އުޅޭ ވާހަކަ. އެކަމު އަހަންނަށް ހީވަނީ ދެން ގުޅަންވީ މާދަން ހެނދުނުހެން.” އަފްޒާ އެހެން ބުނެލާފައި ފޯނު ބޭއްވިއެވެ.
“ތި ދެމީހުން ހީކުރަނީ ދޯ ނުބުނަންޏާ އަހަރެމެންނަށް އެއްވެސް އެއްޗެއް ނޭނގޭނެޔޭ. ޒޯޔާ! އަހަރެން މިހާރު ޒޯޔާގެ މަންމައަށް ދޮގު ހަދާހަދާ ވަރުބަލިވެއްޖެ. ކިހާ ދުވަހަކުތަ މިހެން ދޮގު ހަދަންވީ؟ މިގަޑީގަ ޒޯޔާގެ މަންމައާ ވާހަކަދައްކައިފިއްޔާ ވަގުތުން އެނގޭނެ ތި ދެމީހުންގެ ދޭތެރޭ އަނެއްކާވެސް މައްސަލައެއް ޖެހުނީކަން. އެހެންވެ އަނެއްކާވެސް މި ދޮގު ހަދަން ޖެހުނީ. ތި ދެމީހުން ވެއްޖެއެއްނު ތަންކޮޅެއް މެޗުއަރ ވެގެން ތި ކޫސަނި ޒުވާބުތައް ހުއްޓަން.” އަފްޒާ ބުނެލިއެވެ.
ޒޯޔާ އާއި އަޔާން އެކަކު އަނެކަކަށް ބަލާލާފައި އިސްޖަހާލީ ދެ ކުށްވެރިން ފަދައިންނެވެ.
“މިއަދުވެސް ދެމީހުން ޒުވާބުކުރީ ތި. ކުޑަމިނުން މިކަހަލަ އުފާވެރި ދުވަސްދުވަހު ޒުވާބު ނުކޮށްބަލަ.” ރިޔާޒް އިތުރުކޮށްލިއެވެ.
“އަޔާން. ކޮންމެ ފަހަރަކު ޒޯޔާ ގޯހެއް ނުވާނެ. އަޔާން ވެސް ޖެހޭނެ ކޮންމެވެސް ކަންތައްތަކެއް ކުރަން ކަންކަން ރަނގަޅުކުރަން.” އަފްޒާ ބުންޏެވެ.
“ނޫން ފަހަރި. ގޯސް ހެދުނީ އަހަންނަށް. ހަޤީޤަތުގައި އަހަރެން އަޔާންގެ ކިބައިން އެއްވެސް ކަމަކަށް އުންމީދުކޮށްގެން ނުވާނެ.” ޒޯޔާ އަޔާންއަށް ބަލާލަމުން ބުނެލިއެވެ. އަދި އިތުރަށް މަޑުކޮށްލުމެއް ނެތި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން އަޔާންވެސް ދިޔައެވެ.
“ޒޯޔާ!” ކޮޓަރިއަށް ވަންނަން އުޅުނު ޒޯޔާއަށް އަޔާން ގޮވާލިއެވެ. ޒޯޔާ އެނބުރި ބަލާލިއެވެ. އަދި އަޔާންއާ ކުރިމަތިލިއެވެ.
“އެނގޭތަ އަޔާން. މީގެ ކުރިން ދުވަހަކުވެސް މިހާ ޚަރާބު އުފަންދުވަހެއް އަހަރެންގެ ނާދޭ.” އަޔާން އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދީ ޒޯޔާ ބުނެލިއެވެ.
“ޒޯޔާ! އެއްފަހަރުވެސް އަހަރެން ބުނާ އެއްޗެއް އަޑުއެހީމައެއްނު..”
“އަޑުއަހަން ކޯއްޗެއްތަ ބާކީ އޮތީ؟” ރުޅިވެރިކަމާއެކު އެހެން ބުނެލަމުން ޒޯޔާ ދޮރު ހުޅުވާލިއެވެ.
(ނުނިމޭ)
