ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދަގަނޑޭ ޤައުމީ ޓީމަށް 100 ވަނަ މެޗު ކުޅެފި
ފޮޓޯ: ސިޑިބަރި ފޭސްބުކް ޕޭޖް

މިހާތަނަށް ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަގަނޑޭ) ޤައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗު ރޭގައި ކުޅެފި އެވެ.

ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑު ޖުބިލީ މުބާރާތުގައި، ރޭ ދަގަނޑޭ ކުޅުނު މި މެޗާއިއެކު ދަގަނޑޭ ވަނީ ސާފް ސަރަހައްދުން ފީފާ ސެންޗަރީ ކުލަބްގައި ހިމެނުނު ހަތަރުވަނަ އަދި ދިވެހިރާއްޖޭން މި ފުރުސަތު ލިބުނު ދެވަނަ ކުޅުންތެރިޔާއަށެވެ. ދެން މި ލިސްޓްގައި ހިމެނެނީ ދިވެހިރާއްޖެ ދުށް އެންމެ މޮޅު ގޯލް ކީޕަރު އިމްރާން މުހައްމަދެވެ.

އިމްރާން މުޙައްމަދާއިއެކު 100 މެޗު ހަމަކުރުމުގެ ފުރުސަތު ދަގަނޑޭއަށް އޭރު އޮތް ނަމަވެސް، ޤައުމީ ޓީމުގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިނުވިކަމަށް ބުނެ ޤައުމީ ޓީމުން ބޭރުކޮށްލުމުން ދަގަނޑޭއަށް ވަނީ އެ ފުރުސަތު ގެއްލިފައެވެ.

ރަނގަޅު ފޯމެއްގައި ހުރި ދަގަނޑޭއާމެދު ނިންމި ނިންމުން ބަލައިނުގަނެވި އެ ނިންމުން ބަދަލުކުރަން އެތައް ދިވެހިންނެއް ގޮވައިލިއެވެ. ދިވެހިރާއްޖޭގެ އެތައް ސަޕޯޓަރުންނެއްގެ ހިތަށް ނުތަނަވަސްކަން ގެނުވި އެ ނިންމުން ބަދަލުކުރާކަށް އެފްއޭއެމްގެ އޭރުގެ ވެރިން ބޭނުމެއް ނުވިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިވެހިރާއްޖެއިން ހޯދި ފުރަތަމަ އަހަރު ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ދަގަނޑޭ އަކީ ސާފްގެ މުބާރާތްތަކުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ.

ފުޓްބޯޅަ ކުޅުންތެރިއަކަށް ދިވެހިރާއްޖެއިން ލިބޭނެ ހުރިހާ ކާމިޔާބެއް ހޯދާފައިވާ ދަގަނޑޭއަކީ ސާފް ސަރަހައްދުގައި ވެސް އެންމެ ބޮޑަށް ވިދާލި ދިވެހި ކުޅުންތެރިޔާ އެވެ.

ސާފް ސަރަހައްދުން ބޭރުގައި ކުޅުނު މަދު ދިވެހި ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ދަގަނޑޭ ވަނީ މެލޭޝިޔާގެ ކުލަބަކަށް ކުޅެ، އެ ޤައުމުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ.

ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އަލުން ޤައުމީ ޓީމުން ޖާގަ ހޯދި ދަގަނޑޭ ވަނީ ކުލަބް ލެވެލްގައި ވެސް މިއަހަރު ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. މި ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުނު ދަގަނޑޭ އަކީ ނިއުރޭޑިއަންޓުން މި ސީޒަންގައި ހޯދި ކާމިޔާބީގައި މުހިންމު ހިއްސާދާރެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top