ދިވެހި ޕްރިމިއާރ ލީގު ފުޓްބޯޅަ މުބާރާތުގައި މިއަދު މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންއާ ބައްދަލުކުރި މެޗު އެއްވަރުވި ނަމަވެސް، ވިކްޓަރީ ސްޕޯރޓްސް ކުލަބް ލީގުގެ އެއްވަނައަށް އަލުން ޖެހިލައިފި އެވެ. މީގެ ކުރިން ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައިވާ ވިކްޓަރީން މާޒިޔާއާ ދެކޮޅަށް މިއަދު ނުކުތްއިރު، މާޒިޔާ ކުޅުނު ދެ މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި އެއް މެޗުން ނެވެ. އަނެއް މެޗުން ވީ ބައްޔެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗު ފެށުމާއިއެކު ލީޑު ނެގުމަށް ދެ ޓީމުން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ.
ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވިކްޓަރީން ނެވެ. މެޗުގެ 28 ވަނަ މިނިޓްގައި ވިކްޓަރީއަށް ލިބުނު ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ދިފާއުކުރަން މަސައްކަތްކުރި މާޒިޔާގެ ކުޅުންތެރިންތަކުގެ ތެރެއިން ފަހަތަށް އައި ވަގުތު، ގޯލްގެ ތެރެއަށް ފޮނުވާލައި ވިކްޓަރީއަށް ލީޑު ނަގައިދިނީ ފުރްކަޓްޖޯން ޙަސަންބޮއޭވް އެވެ.
ނަތީޖާ ހަމަހަމަކުރުމަށް، މާޒިޔާއިން ކުރަމުން ދިޔަ މަސައްކަތް ހުއްޓުވުމުގައި ވިކްޓަރީގެ ޑިފެންޑަރުން ވަނީ ފުރަތަމަ ހާފު ނިމުމާއި ހަމައަށް ކާމިޔާބު ހޯދާފަ އެވެ.
ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. 56 ވަނަ މިނިޓްގައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ އަބްދުﷲ ލޫތު އިބްރާހީމް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އިބްރާހިމް މަހުދީ ހަސަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މާޒިޔާގެ ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ އެ ޓީމުން ނެވެ.
ގިނަ ރީނދޫ ކާޑުތަކެއް ފެނުނު މި މެޗުގެ 82 ވަނަ މިނިޓްގައި މާޒިޔާއިން ވަނީ ފަހަތުން އަރައި ލީޑު ނަގާފަ އެވެ. ފުރަތަމަ ލަނޑު މާޒިޔާއަށް ޖަހައިދިން އަބްދުﷲ ލޫތު އިބްރާހީމް ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޒިޔާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ، މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި އަޙްމަދު އައިހަމް އެވެ.
މާޒިޔާއިން ލީޑު ނަގައި މާގިނައިރެއް ނުވެ ވިކްޓަރީން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. 86 ވަނަ މިނިޓްގައި އަލީ ނަސޫހް ރަސީދު ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިކްޓަރީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލްހާޖީ ގެރޯ އެވެ.
2-2 އިން އެއްވަރުވެގެން ނިމުނު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް އެވެ.
މި މެޗުން ލިބުނު ޕޮއިންޓާއިއެކު ވިކްޓަރީ އަލުން އެއްވަނައަށް ޖެހިލީ ހަތް ޕޮއިންޓާއި ފައިދާ ފަސްގޯލް ހަމަކޮށްގެން ނެވެ.
ލީގުގެ މެޗެއް މިރޭ ވެސް އޮންނާނެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ކުލަބް އީގަލްސް އާއި ޓީސީ ސްޕޯރޓްސް ކުލަބެވެ.
